ޤާނޫނުގެ ފަލްސަފީ ބަހުސްތަކުގެ ލަނޑުދަނޑިއަކީ ޤާނޫނުގެ ޠަބީޢަތު ދެނެގަނެ، އިންސާނީ މުޖުތަމަޢު ތަންޒީމުކުރުމަށް އެންމެ އެކަށީގެންވާގޮތުގައި ޤާނޫނު ބައްޓަންކޮށް ހިންގުމެވެ. މިފަދަ ގޮތަކަށް، ޤާނޫނުން މުޖުތަމަޢަށް ޚިދުމަތްކުރެވޭނީ އެ މުޖުތަމަޢެއްގައި "ހިއުމެނިޓީޒް" ގެ ޢިލްމުތައް އުފެދި އިންސާނީވަންތަކަމާ މެދު ބަހުސްތައްކުރެވި ފިކުރުކުރެވިގެންނެވެ. މިކަން ދެނެގަތުމަށްޓަކައި ތާރީޚީ ތަރައްޤީއާއީ މުޖުތަމަޢުގެ އެންމެހާ ބަހާތަކަށް ރިޢާޔަތްކުރަންޖެހެއެެވެ. ޖިނާއީ ޢަދުލުގެ ނިޒާމަކީ ފަރުދުންގެ މިނިވަންކަން ނުލާހިކު ބޮޑަށް ހަނިކުރެވިގެންދާ ނިޒާމަކަށް ވާއިރު، މިފަދަ ނިޒާމެއް މަސައްކަތްކުރުމުގެ ބިންގަލަކީ ކޮބައިތޯ ސުވާލުކުރެވެންޖެހެއެވެ. އަދި ޤާނޫނުތައް އެކަށައެޅި، ތަންފީޒުކުރެވި، ފަރުދުންގެ ޙައްޤުތައް ހަނިކުރެވިގެންދާ ގޮތަށް ބަލަންޖެހެއެވެ. މި ސުވާލަށް ޖަވާބު ހޯދުމުގައި ނިޒާމު ބިނާވެފައިވާ މައިގަނޑު ނަޒަރިއްޔާތުތަކަށް ބަލަންޖެހެއެވެ. މިއީ މިފޮތުގެ މައިގަނޑު މަޤުޞަދުކަމުގައި ވީއިރު، މިކަން ހާސިލުކުރުމަށް "ސިވިލްލޯ" އަދި "ކޮމަންލޯ" ޘަޤާފަތުގެ ޖިނާއީ ޢަދުލުގެ ނިޒާމުތައް ތަހުލީލުކުރެވިފައި ވާނެއެވެ. އަދި އެކި ޤައުމުތަކުގެ ތަޠުބީޤާތުތަކުގެ ތެރެއިން، ޖިނާއީ ޢަދުލުގެ ނިޒާމުގެ ފަސްފަހަތް، ޤާނޫނުތަކާއި ޤަޟިއްޔާތަކާއި ޢުރްފުގެ އަލީގައި ދިރާސާކުރެވިފައިވާނެއެވެ.
މިފޮތުގައި ބަޔާންކުރެވިފައިވާނީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ނަޒަރިއްޔާތުތަކާއި އެ ނަޒަރިއްޔާތުތަކުގެ މައްޗަށް ބިނާވެ އެކިއެކި ޤައުމުތަކުގައި، ޚާއްޞަގޮތެއްގައި، އެ ނަޒަރިއްޔާތުތައް ތަރައްޤީވެފައިވާ ޤައުމުތަކުގައި އޮތް ޤާނޫނީ ތަޠުބީޤާތުތަކެވެ. މިކަމުގެ ބޭނުމަކީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ޤާނޫނުތަކުގައި ހުރީ ކޮން ވާހަކަތަކެއްކަން ބުނެދިނުމުގެ ބަދަލުގައި އެ ނިޒާމުގެ ކަންކަން އެފަދައިން ހުރީ ކީއްވެކަން ބަޔާންކުރުމެވެ. އަދި މިކަންކަމުގެ އަލީގައި ނިޒާމުގެ އުޞޫލުތަކާއި މެދު ވިސްނުމުގެ ޖައްވެއް ފޯރުކޮށްދިނުމެވެ. އެހެންކަމުން މި ފޮތުގައި މައިގަނޑު ގޮތެއްގައި ޖިނާއީ ޢަދުލުގެ ނިޒާމު ތަޙުލީލުކުރެވިފައިވާނީ ދުސްތޫރީ ވިސްނުމުގެ ޖައްވެއްގައި، ތަޙުޤީޤީ ނިޒާމާއި ޚުޞޫމީ ނިޒާމުގެ ނަޒަރުންނެވެ.



