
އެމެރިކާގެ ފެޑެރަލް ދުސްތޫރުގެ 27 ވަނަ އިޞްލާޙަކީ އެ މާއްދާއެއް ފާސްކުރުމަށް އެންމެ ގިނަ ދުވަސް ނެގި މާއްދާއެވެ. މި އިޞްލާހުގައިވާގޮތުން، “ކޮންގްރެސްގެ މެމްބަރުންގެ މުސާރާއިގެ ގޮތުގައި ވަކިވަރެއް ކަނޑައެޅުމަށް ކޮންގްރެސް އިން ފާސްވެއްޖެނަމަ، އެކަން ތަންފީޒުވާންފަށާނީ، ދެން އަންނަ ކޮންގްރެސްގެ އިންތިހާބަކުން ހޮވޭ މެމްބަރުން ހޮވުމަށް ފަހުގައެވެ.”
މި އިޞްލާޙުގެ ބޭނުމަކީ ކޮންގްރެސް މެމްބަރުން އަމިއްލައަށް ނަހަމަ ގޮތުގައި އެބައިމީހުންގެ މުސާރާއާއި އިނާޔަތްތައް ކަނޑައެޅުން މަނާކުރުމެވެ. އިޖުރާއީ ގޮތުންބަލާއި، މިއީ ވަރަށް ޕްރެކްޓިކަލް (ތަޠުބީޤީ) ގޮތެއް ކަމުގައި ފެނެއެވެ. ބަރުލަމާނުގެ މެމްބަރުންގެ މުސާރައާއި އިނާޔަތްތަކަކީ އެއްވެސް ހައްދެއް ނެތްގޮތުގައި މެމްބަރުން ބޭނުންހާ ގޮތަކަށް ކަނޑައެޅުމަށް ދޫކޮށްލާފައިވާ ކަމެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި، 27 ވަނަ އިޞްލާޙު ފަދަ އިޖުރާއީ ހުރަހެއް ބޭނުންކުރަންޖެހެއެވެ. އެހެނީ، 27 ވަނަ މާއްދައިގެ ދަށުން ބަލާނަމަ، މުސާރަ މަތިކުރުމަށް އެއިރެއްގެ މެމްބަރުން ކަނޑައެޅިނަމަވެސް، އެކަން ތަންފީޒުވެގެން ދާނީ، ޖެހިގެން އަންނަ އިންތިހާބަކުން އައު ދައުރަކަށް ހޮވުމަށް ފަހުއެވެ.
އިޞްލާހު ހުށަހަޅާފައިވަނީ ފުރަތަމަ ކޮންގްރެސްގެ (1791- 1789)، އެމެރިކާގެ ސްޓޭޓް އޮފް ވަރޖިނިއާގެ މެމްބަރު، ޖޭމްސް މެޑިސަން އެވެ. ތާރީޚީ ގޮތުން މައުޟޫއަށް ބަލާނަމަ، މި މައުޟޫއަށް އެމެރިކާގެ ‘ފިލަޑެލްފިއާ’ (އެމެރިކާގެ ސްޓޭޓެއް) ގެ ބަރުލަމާނުގައި 1787 ވަނަ އަހަރު ވަރަށް ބޮޑަށް ބަހުސްކުރެވުނުވެ. އެގޮތުން، ކޮންގްރެސްގެ މެމްބަރުންނަށް އެއްވެސް ގޮތެއްގައި މުސާރައެއް ދިނުމަށް ބެންޖަމިން ފްރޭންކްލިން ވަރަށް ބޮޑަށް ދެކޮޅުހެއްދެވިއެވެ. ސަބަބަކީ، މުސާރައެއްދޭނަމަ، ރައްޔިތުންގެ މަޞްލަޙަތުތައް ދޫކޮށް، އަމިއްލަ މަޞްލަޙަތުކަމުގައިވާ “ބޮޑު މުސާރަ” ހާސިލުކުރުމަށް މެމްބަރުން މަޝްޣޫލުވުމެވެ. ނަމަވެސް އަޣުލަބިއްޔަތު ދެކުނުގޮތުގައި، މުސާރަނުލިބޭގޮތަށް ކޮންގްރެސްގައި ބަޔަކު މަސައްކަތްކުރަންޖެހޭނަމަ، އެކަމުގެ ނަތީޖާއަކަށް ވާނީ ހަމައެކަނި ތަނަވަސްމީހުންގެ މަޖިލީހަކަށް ކޮންގްރެސްވުމެވެ. ނަތީޖާ އަކީ ހަމައެކަނި ވަކި ގިންތިއެއްގެ މީހުންގެ އަތްމައްޗަށް ގައުމުގެ ސިޔާސަތުތައް ދިޔުމެވެ.
27 ވަނަ އިޞްލާޙަށް ބަލާއިރު، މިފަދަ އިޖުރާއާތުގެ ސަބަބުން ހާސިލުވާ އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ ފައިސާއަށް ކަމޭނުހިތާ މެމްބަރުން ދެނެގަނެ، އެފަދަ މެމްބަރުން މަޖިލިސް ފަދަ ސިޔާސީ ގޮތުން “މުޤައްދަސް” މުއައްސަސާ އަކުން “ބޭރުކުރުމުގެ” ފުރުސަތު ރައްޔިތުންނަށް އޮތުމެވެ؛ އަމިއްލައަށް މުސާރަ ކަނޑައެޅުމަށް ނިންމި މެމްބަރުންނާމެދު ރައްޔިތުން ހިތްހަމަ ނުޖެހޭނަމަ، މުސާރަ ކަނޑައެޅުމަށް ތާއީދުކުރި މެމްބަރުންނަށް އެ ނިންމުމުގެ ފައިދާ ނުލިބޭގޮތަށް އޮތުމެވެ.
ކޮންގްރެސް އަކީ ޤާނޫނު ހެދުމުގެ ބާރުކަމުގައިވާއިރު، ކޮންގްރެސްގެ މެމްބަރުންގެ މުސާރަ ކަނޑައެޅުމަށް ތަންފީޒީ ބާރަށް (އެކްޒިކިއުޓިވް) ހުރިހާ އިޚުތިޔާރުތަކެއް ދޭނަމަ، ކޮންގްރެސްއާ ތަންފީޒީ ބާރާ ދެމެދު އޮންނަ އަރާރުންތަކުގައި، ތަންފީޒީ ބަރުން އެ އިޚުތިޔާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ވާނަމަ، ތިންބާރު ވަކިވުމުގެ މަބްދައުއާ ތަޢާރުޟުވެއެވެ.
އެންމެ ފުރަތަމަ އެމެރިކާގެ ދުސްތޫރަށް އިޞްލާޙު ހުށަހެޅުމުގެ އިޖުރާއާތަށް ބަލާލަމާ ހިނގާށެވެ. ކޮންގްރެސް އިން އިސްނަގައިގެން އިޞްލާޙެއް ހުށަހަޅާނަމަ، ފުރަތަމަ ކޮންގްރެސްގެ މަތިގެ (ސެނެޓް) އަދި ތިރިގޭގެ (ރެޕްރެޒެންޓޭޓިވްސް) ތިން ބައިކުޅަ ދެބައި އަޣުލަބިއްޔަތުން އެ އިޞްލާޙަކަށް ރުހުންލިބެންޖެހެއެވެ. އެއަށް ފަހު، އެ އިޞްލާޙެއް ހުރިހާ ސްޓޭޓްތަކުގެ ބަރުލަމާނަކަށް ހުށަހެޅެއެވެ. ދެން ދުސްތޫރުގެ މާއްދާއެއްގެ ގޮތުގައި ހިމެނިގެންދަނީ އެމެރިކާގެ ސްޓޭޓްތަކުގެ ތެރެއިން ހަތަރު ބައިކުޅަ ތިން ބައިގެ ސްޓޭޓްތަކުގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ. ކޮނގްރެސް އިން 27 ވަނަ އިޞްލާހު ފާސްވުމާއެކު، އޭރުގެ އެމެރިކާގެ ސްޓޭޓްތަކުގެ ރުހުން ހޯދުމަށް ހުށަހެޅުނެވެ. ނަމަވެސް 12 ވަނަ އިޞްލާޙާ އެކު ހުށަހެޅުނުގެ އެހެނިހެން އިޞްލާޙުތައް ފާސްކުރިނަމަވެސް، 27 އިޞްލާޙު އޮތީ ސްޓޭޓްތަކުގެ ފަރާތުން ފާނުކޮށެވެ. 1789 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކޮންގްރެސް އިން ފާސްކޮށް ސްޓޭޓްތަކުގެ ރުހުން ހޯދުމަށް ފޮނުވުނު 12 އިޞްލާހުގެ ތެރެއިން، 27 ވަނަ އެމެންޑްމެންޓް އޮތީ ހަގީގަތުގައި ދެވަނައަށެވެ.
1792 ވަނަ އަހަރު އެހެނިހެން އިޞްލާޙުތައް ފާސްވެ ދުސްތޫރުގެ ބައެއްގެ ގޮތުގައި ހިމެނިގެން ދިޔަނަމަވެސް، 27 ވަނަ އިޞްލާޙަށް ރުހުންދީފައިވަނީ ހަމައެކަނި 6 ސްޓޭޓަކުންނެވެ. 1979 ވަނަ އަހަރުގެ ނިޔަލަށް، ރުހުން ލިބިފައިވަނީ ކޮންމެހެން ބޭނުންވާ އަދަދު ކަމުގައިވާ، 38 ސްޓޭޓްގެ ތެރެއިން 10 ސްޓޭޓްގެ ރުހުމެވެ. 1979 ވަނަ އަހަރާ ޖެހުނު އިރުވެސް، 27 ވަނަ އިޞްލާޙާ މެދު ވަކި ގޮތެއް ނިމިފައިނުވާތީ، މި އިޞްލާޙަށް ލިޔުންތެރީންގެ ޝައުޤުވެރިކަން ލިބިގެންގޮސް، 1982 ވަނަ އަހަރު، ދުސްތޫރަށް ގެނެވޭ އިޞްލާޙުތައް ފާސްކުރާނެ ވަކި ވަގުތެއް ކޮންގްރެސް އިން ކަނޑައަޅަންޖެހޭ ކަމާއި، އަދި 27 ވަނަ އިޞްލާޙު ވަގުތުން ފާސްކުރަންޖެހޭކަމަށް ބުނެ، ގްރެގްރީ ވަޓްސަން އެވެ ކިޔުނު ދަރިވަރެއް މަޒުމޫނެއް ލިޔުނެވެ. ހަގީގަތުގައި އެ އިޞްލާޙު ފާސްކުރުމުގެ އޮއިވަރުގެ ފެށުމަކީ އޭނާ އަށް އެ މަޒުމޫނަށް ލިބުނު ދަށް ނަތީޖާއެވެ. މަޒުމޫނު މުރާޖަޢާކުރުމަށް ހުށަހެޅުމުންވެސް އެކަމުގައި ކާމިޔާބު ނުލިބުމުން، ދެން އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކޮށް މީޑިއާގެ ސަމާލުކަމަށް އެކަން ގެންއެވެ. އަދި އެމެރިކާގެ ކޮންގްރެސްގެ އެކި މެމްބަރުންނަށް އެ އިޞްލާޙު ފާސްކުރުމަށް ސިޓީ ފޮނުވަމުން ދިޔައެވެ.
ކޮންގްރެސް ގެ މެމްބަރުންނަށް އޮތް އިމްތިޔާޒުތަކާމެދު އާންމުންގެ ނުރުހުން ބޮޑުވެ ކެކެމުން ދިޔައީވެސް މިދުވަސްވަރުއެވެ. އެއާ ވިދިގެ 1985 ވަނަ އަހަރު އިތުރު 5 ސްޓޭޓް އަކުން 27 ވަނަ އިޞްލާހަށް ރުހުން ދިނެވެ. އެގޮތުން އެންމެ ގިނަ ސްޓޭޓްތަކެއް ރުހުން ދީފައިވަނި 1980ގެ އަހަރުތަކުގައެވެ. މި ބީދައިން، 1992 ވަނަ އަހަރުގެ މެއި މަހު ‘ސްޓޭޓް އޮފް މެޗިގަން’ ރުހުން ދިނުމާއެކު، ދުސްތޫރުގެ މައްދާއަކަށް ވުމަށް ބޭނުންވާ އަޣުލަބިއްޔަތު ލިބި، 27 ވަނަ އިޞްލާޙު ދުސްތޫރުގެ މާއްދާއެއް ގޮތުގައި ހިމެނިފައިވެއެވެ. 27 ވަނަ އިޞްލާހު ކިޔާފައިވަނީ ރުހުން ލިބުނު ތަރުތީބުން ބަލާއިރު، އެންމެ ފުރަތަމަ ހުށަހެޅި އިރު ދެވަނަ އަށް ހުށަހެޅުނުނަމަވެސް ރުހުން ލިބި، ދުސްތޫރަށް އިތުރުކުރެވުނު 27 ވަނަ އިޞްލާޙަށް ވީމައެވެ. އެއީ، 1789 ވަނަ އަހަރުން ފެށިގެން 1992 ވަނަ އަހަރުގެ ނިޔަލަށް، 202 އަހަރާއި 335 ދުވަހުގެ މުއްދަތެކެވެ.
އާދެ! ދިވެހި މަޖިލިސް މެމްބަރުންނަށް ހިތަށް އެރިވަރަކަށް މުސާރައާ އިނާޔަތްތައް ނެގުން ޤާނޫނީ ގޮތުން ހުއްދައެވެ. ޤާނޫނީ ނިޒާމު ފަރުމާކުރެވިފައިވަނީ އެފަދަ ގޮތަކަށެވެ. ނާޖާއިޒު ފައިދާ ނެގުން މަނާކުރެވޭނެ ޤާނޫނީ ހީލަތެއް ބޭނުންކުރުމެއް ނޯވެއެވެ. ތިމާ އަތުން ނުގެއްލެންޏާ ވަރިހަމަވާ އުސޫލެކެވެ. ރައްޔިތުންވެސް ތިބީ އެގޮތުގައެވެ.
ހިޔާލުތައް
ހިޔާލުތައް ލޯޑު ކުރަނީ…
ހިޔާލެއް ހުށަހަޅުއްވާ