ބަރުލަމާނީ ރިޔާސީ ބަހުސަކީ ދޭތެރެއަކުން ދިވެހީންގެ ތެރޭގައި އުތުރިގަންނަ ބަހުސެކެވެ. މި ނަޒަރުން، ބަހުސްކުރުމުގައި ހުންނަ އުނިކަމަކީ، އެ ބަހުސަށް ހއްސަ، އޮއްޓަރު ހުރި ވާހަކަތައް ވަންހަނާވެފައި އޮތުމެވެ. މި ފޮތުގެ ބޭނުމަކީ، ބަރުލަމާނީ-ރިޔާސީ ބަހުސްގެ ނިޒާމީ ވާހަކަތަކެއް، ދިވެހި ސިޔާސީ މަސްރަހުގެ ސަގާފަތުން އޮޅުންވިލުވައިދިނުމެވެ. ގައުމުގެ ހިންގުމުގެ ނިޒާމެއް ތަރައްގީވަނީ އެ ގައުމެއްގެ ތާރީޚީ އަދި ސަގާފީ ހަޔާތުންނެވެ. މިއާ ޚިލާފަށް ބައެއް ހާލަތްތަކުގައި، އަދި ފަހުގެ ތާރީޚުގައި އިސްތިއުމާރު ނިމުމަށް ފަހު އުފެދުނު ގައުމުތަކުގެ ހިންގުމުގެ ނިޒާމަކީ އެކަށައެޅިފައިވާ ނިޒާމުތަކެވެ. ނިޒާމެއް އެކަށައެޅުމަކީ، ތާރީޚީ ގޮތުން ތަރައްގީވުމެއް ނެތި، ވަކިގޮތަކަށް ނިޒާމެއް ބައްޓަންކޮށް ގާނޫނުތަކުން އެކަން ތަންޒީމުކުރުމެވެ. ނިޒާމެއް އެކަށައެޅެނީ ގައުމުގެ ވަރަށް އަސާސީ ސިޔާސީ ބިނާތައް މުޅިންހެން ބަދަލުކުރެވިގެންނެވެ. މިސާލަކަށް ދިވެހިރާއްޖޭގެ 2008ގެ ގާނޫނުއަސާސީގައި، ގައުމުގެ ހިންގުމުގެ ނިޒާމު އެވަނީ އެކަށައެޅިފައެވެ. މިއީ ކުރިން ދިވެހިރާއްޖޭގައި ހިންގާފައިވާ ދައުލަތުގެ ހިންގުމުގެ ނިޒާމާ މުޅިން ތަފާތު ހިންގުމުގެ ނިޒާމެއް ތަންޒީމުކުރާ ގާނޫނުއަސާސީއެކެވެ. އެ ގާނޫނުއަސާސީއާ އެކު ވަރަށް ގިނަ އައު ސިޔާސީ ބިނާތައް ގާއިމުކުރެވުނެވެ. ރައްޔިތުންގެ ހައްގުތައް ތަންފީޒުކުރުމުގެ ނިޒާމެއް ކަނޑައެޅުމާއި، [ތިން ބާރު ވަކިވުމާއި]، ދައުލަތުގެ ބާރުތަކުގެ މައްޗަށް ފާރަވެރިވުމުގެ މުސްތަގިއްލު މުއައްސަސާތައް އުފަންކުރުން ހިމެނެއެވެ.

ނިޒާމެއްގެ ބޭނުމަކީ ގައުމުގެ ސިޔާސީ ނިންމުންތައް ނިންމުމާއި ބައިވެރިވުމުގެ ކަންކަން ވަކި އިންތިޒާމެއްގައި ހިންގުމެވެ. ނިޒާމު އެކަށައެޅުމުގެ ކުރިން، އެ ނިޒާމެއް ބިނާވެގެންވާ ބަހާތަކެއް އޮންނަންޖެހެއެވެ. ބަހާތަކަކީ، ދީނީ، ސަގާފީ އަދި ފަލްސަފީ ގަބޫލުކުރުންތަކާއި، އަގުތަކާއި، ފިކުރުތަކެވެ. އަހަރުމެންގެ ނިޒާމަކީ، މިސާލަކަށް ޑިމޮކްރަސީގެ ހަމަތަކަށް ތަބާވާންޖެހޭ ނިޒާމެއްކަމަށް އަހަރުމެން ގަބޫލުކުރާނަމަ، ނިޒާމުގެ ޖައުހަރީ ކަންކަން އޮންނަންވާނީ އެ ބަހާގެ މަގުސަދު ހާސިލުވާނެ ގޮތަކަށެވެ. އެގޮތަކީ، ރައްޔިތުން އިންތިޚާބުކުރާ ވެރިކަމެއް، ރައްޔިތުންގެ ބައިވެރިވުމާ އެކު ހިންގުމެވެ. ނިޒާމުގެ ޖައުހަރީ އުސޫލުތަކުގެ އިތުރަށް، އެ އުސޫލުތައް ހިންގުމުގެ އިޖުރާއާތުތަކެއް އެލުކަވާލެވެންޖެހެއެވެ،

އެ އިޖުރާއާތުތަކަކީ ނިޒާމުގެ ޖައުހަރީ އުސޫލުތައް ތަނާއި ޒަމާނަށް މުނާސަބު ގޮތަކަށް ތަންފީޒުކުރުމަށް ކަނޑައަޅާ ގޮތްތަކެވެ. ހިންގުމުގެ އިޖުރާއާތުތަކުގެ ތެރޭގައި ވަޒީރުން މަޖިލީހަށް ޖަވާބުދާރީވުމުގެ އިޖުރާއާތުތަކާއި އިންތިޚާބުތަކުގެ އިޖުރާއާތުތައް ހިމެނެއެވެ. ހިންގުމުގެ އިޖުރާއާތުތައް، ނިޒާމުގެ ބަހާތަކާ ތައާރުޒުވެގެންނުވާނެއެވެ. އަދި އޭގެ މަގުސަދުތައް ހާސިލުވުމަށް ހުރަހަކަށް ވެގެންނުވާނެއެވެ. ގައުމުގެ ނިޒާމު އެކަށައެޅުމުގައި އެހެން ގައުމެއްގެ ނިޒާމަށް ބެލުމަށް ވުރެ ބޮޑަށް، ގައުމުގެ ތާރީހާއި، ސިޔާސީ ހަޔާތް މަސައްކަތްކުރާ ގޮތަށް ބަލަންޖެހެއެވެ. އެހެނީ، ކޮންމެ ގައުމެއްގެ ހިންގުމުގެ ނިޒާމަކީ އެ ގައުމުގެ ސަގާފީ އަދި ތާރީހީ ހަގީގަތްތަކާ ގުޅުން ހުރި ކަމަކަށް ވާއިރު، އެ ހަގީގަތްތަކާއި ތާރުހު ހިއްސާނުކުރާ ބަޔަކަށް އެ ބައެއްގެ ސިޔާސީ ނިޒާމު ހެޔޮވަރެއްނުވާނެއެވެ؛ މުނާސަބެއްނުވާނެއެވެ. ގައުމުގެ ހިންގުމުގެ ވާހަކަ ދެކެވޭ އިރު، އަހަރުމެންގެ ސަމާލުކަމަށް އެންމެ އަވަހަށް އަންނަނީ ރިޔާސީ-ބަރުމަލާނީ ނިޒާމުގެ ވާހަކައެވެ.

އެހެންކަމުން މި ފޮތުގެ މައިގަނޑު ބަހުސްވެސް ބިނާވެފައި އެވަނީ މި ދެ ނިޒާމުގެ މައްޗަށެވެ. ރިޔާސީ-ބަރުމަލާނީ ނިޒާމަކީ ކަނޑައެޅިގެން އަމަލުކުރެވޭ ވަކި ގޮތްތަކެއްގެ މައްޗަށް ކަނޑައެޅިފައިވާ ނިޒާމުތަކެއް ނޫނެވެ. ހާއްސަކޮށް ބަރުލަމާނީ ނިޒާމެވެ. ބަރުލަމާނީ ނިޒާމުތައް އޮންނަ ގައުމުގައި އެ ނިޒާމު ހިންގެނީ އެއް ތައްގަނޑަކަށް ނޫނެވެ. މީގެ އެންމެ ބޮޑު ސަބަބަކީ، ތާރީޚީ ތަރައްގީވުމާ އެންމެ ގާތްކުރާ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ވާއިރު، ކޮންމެ ގައުމެއްގައި ވެސް ނިޒާމު ތަރައްގީވުމުގައި، އެ ގައުމުތަކުގައި ހުރި ހާއްސަ ކަންކަމުގެ މައްޗަށް އެ ނިޒާމު ބައްޓަންވެފައިވުމެވެ. މިއާ ޚިލާފަށް ރިޔާސީ ނިޒާމަކީ އެކަށައެޅިފައިވާ ނިޒާމެވެ. ރިޔާސީ ނިޒާމުގެ މަސްދަރަކީ އެމެރިކާގެ ދުސްތޫރީ ހަޔާތެވެ. ރިޔާސީ ނިޒާމަކީ އޭގެ ޒާތުގައި އެމެރިކާގެ ނިޒާމެކެވެ. މި ފަދަ ނިޒާމެއް އެއްވެސް ގައުމަކުން ތަބައްނީކޮށް އެކަށައެޅުމަކީ އުނދަގޫކަމެވެ. ސަބަބަކީ މި ނިޒާމަކީ އެމެރިކާގެ ވަކި ދުވަސްވަރެއްގެ ތާރީޚީ އަދި ސަގާފީ ކަންކަމުގެ އިތުރުން، ސިޔާސީ އޮއިވަރުތަކުގެ މެދުގައި އުފެދުނު ބެލެންސެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމަކަށް ވުމެވެ..

މި ހާލަތުގައި އުފެދޭ ސުވާލަކީ ތިން ބާރު ވަކިވުމުގެ ވާހަކަ މި މައުލޫގައި ބަހުސްނުކުރެވެނީ ކީއްވެ ހެއްޔެވެ؟ ތިން ބާރު ވަކިވުން މުހިންމު ނުވަނީ ހެއްޔެވެ؟ 2007ވަނަ އަހަރުގެ ނިޒާމީ އިންތިޚާބުގައި ދިވެހީން އިޚުތިޔާރުކުރީ ރިޔާސީ ނިޒާމެކެވެ. އިންތިޚާބުގެ ކެމްޕޭނުގައި ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން (އެމް.ޑީ.ޕީ) ކުރި ކެމްޕޭނުގެ މައިގަނޑު އަސާސަކީ ބާރުތައް އެއްވެފައިވާ ނިޒާމަކުން ގައުމު ހިންގުމެވެ. މިކަން ގުޅިފައިވަނީ 2008ގެ ގާނޫނުއަސާސީ އެކުލަވައިލުމުގައި އެމް.ޑީ.ޕީން ތަބައްނީކޮށްފައިވާ މަގާމެވެ. އެއީ، ވީހާވެސް ފުޅާ ބާރުތަކެއް ރައްޔިތުންގެ މަޖިލީހަށް ލިބޭ ނިޒާމެއް ގާއިމުކުރުމެވެ. އެހެންނަމަވެސް، އާޚިރުގައި ނިޒާމު އެކަށައެޅުނީ ރިޔާސީ ނިޒާމަކަށް މަގުފަހިކޮށެވެ. ނިޒާމީ އިންތިޚާބާ ދިމާކޮށް އެމް.ޑީ.ޕީން ތިންބާރު ވަކިވުމުގެ ވާހަކަދައްކާފައިވަނީ، ކުރީގެ ބަހުންނަމަ، އެކެއްގެ އަތުގައި ހުރިހާ ބާރުތަކެއް ޖަމާކުރުމުގެ މާނައިގައެއް ނޫނެވެ. އެކެއްގެ އަތުގައި ބާރުތަކެއް ޖަމާވެއްޖެނަމަ އެކަމުގެ ނަތީޖާއަކީ ހުދުމުޚުތާރުކަމެވެ.

އެހެންނަމަވެސް، އެމް.ޑީ.ޕީގެ ވާހަކައަކީ މަޖިލީހުގެ ތެރެއިން ގައުމުގެ ކަންކަން ހިންގުމެވެ؛ ޚާއްސަ މަޖިލީހުގެ ބަހުސްތަކުގައި މެންބަރުންގެ ބަހުސްތައްވެސް ހުރީ އެ ފަދަ ގޮތަކަށެވެ. މިކަމުގެ އަސާސަކީ، ފުޅާ ބާރުތަކެއް ލިބިފައިވާ އެންމެ މީހެއްގެ (ރިޔާސީ ނިޒާމުގައި ރައީސް) ވިސްނުމަށް ގައުމުގެ ބޮޑެތި، މުހިންމު ކަންކަން ނިންމުމަށް ވުރެ، އެންމެންގެ މެދުގައި ބަހުސްކުރެވި، އެއްބަސްވެގެން ކަންކަން ނިންމުމުގެ ފައިދާ ބޮޑުވުމެވެ. ޢިލްމީ ގޮތަކުން ބަލާނަމަ، ބާރުތައް ވަކިވުމުގެ ވާހަކައަކީ ރިޔާސީ-ބަރުލަމާނީ ބަހުސަށް މުހިންމު މައުލޫއެއް ނޫނެވެ. ސަބަބަކީ، ބާރުތައް ވަކިވުމަކީ ވަކި ނިޒާމަކަށް ޚާއްސަވާ ކަމަކަށް ނުވުމެވެ. ބަރުލަމާނީ ނިޒާމުގެ ގައުމުތަކުގައި ވެސް ހަގީގަތުގައި ޤަޟާއީ ބާރު އޮންނަނީ ވަކިކުރެވިފައެވެ. އަދި ނިޒާމު މަސައްކަތްކުރަނީ-ވެސް އެ އަސާސްގެ މަތީގައެވެ.

ނިޒާމުތަކަށް ފާޑުކިޔުމުގައި، ބަރުލަމާނީ ނިޒާމާ ބެހޭ ގޮތުން، އެ ނިޒާމުގައި ތަންފީޒީ ބާރާއި ގާނޫނު ހެދުމުގެ ބާރު އެއްވެފައިވާތީ އެކަން ކުށްވެރިއެއް ނުކުރެވޭނެއެވެ. ސަބަބަކީ، ބަރުލަމާނީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ވަނީ އެ ދެ ބާރު ވަކިން ބޮޑަށް ގުޅިފައިވާތީއެވެ. ރިޔާސީ ނިޒާމު-ވެސް ހަމަ މި ފަދައެވެ. ބާރުތައް އެއްވުމުގެ މައުލޫގައި އޮޅުންއަރާ ސަބަބަކީ ބޭނުންކުރެވޭ ބަސްކޮށާރެވެ. ބަހުގެ ގޮތުން ބަލާއިރު، އަދި ތާރީޚި ތަޖުރިބާއަށް ބަލާއިރު، ބާރުތައް އެއްވެފައި ވުމަކީ ހުދުމުޚުތާރުކަމުގައި މާނަކުރެވެއެވެ. ބަރުލަމާނީ ނިޒާމުގައި، ސަރުކާރު އެކުލަވައިލުމާއި ހިންގުން މަޖިލީހުގެ ތެރޭގައި އޮންނާތީ، އެކަން ބަޔާންކުރެވޭ ބަސްކޮށާރަކީ [ބާރުތައް އެއްވުން] އެވެ.

ތާރީޚީ ތަރައްގީއަށް ބަލާއިރު، މިއީ ރައްޔިތުން ތަމްސީލުކުރާ ސަރުކާރެއް ވުޖޫދުވި މަގެވެ. އެއްވެސް ހާލެއްގައި ބާރުތައް އެއްވުމުގެ މާނައިގައި ވެފައިވާ ކަމެއް ނޫނެވެ. މިކަމުގެ ތަފުސީލު ތާރީޚާ ބެހޭ ގޮތުން ކުރެވިފައިވާ ބަހުސްގައި އެވަނީއެވެ. ގައުމުގެ ނިޒާމަކީ ގައުމެއް މުޅިން އިސްލާހުގެ މަގަށް ގެނައުމަށް ފަރުވާއަކަށް ނުވެދާނެއެވެ. ނަމަވެސް، މުނާސަބު ނިޒާމެއްގެ ބޭނުމަކީ ގައުމުގެ ސިޔާސީ އޮއިވަރު ހެޔޮ މަގުގައި ދެމެހެއްޓުމެވެ. ސިޔާސީ އޮއިވަރުގެ ސަބަބުން ގައުމަށާއި ރައްޔިތުންގެ މަސްލަހަތަށް އޮތް ގެއްލުން ކުޑަކުރުމެވެ. ސިޔާސަތަކީ (ޕޮލިޓިކްސް) އޭގެ ޒާތުގައި ހަލަބޮލިކަމެކެވެ. މި ހަލަބޮލިކަމުގެ ތެރޭގައި ހިމެނެނީ، ސިޔާސީ ފަރާތްތަކުގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ސަބަބުން އަންނަ ހަލަބޮލިކަމާއި، ސަރުކާރުތައް ބަދަލުވުމުގެ ސަބަބުން ސިޔާސަތުތައް ހިންގުމަށް އަންނަ ބަދަލުތަކާއި އެ ބަދަލުތަކުގެ ސަބަބުން ނިޒާމަށް އަންނަ ހަލަބޮލިކަމެވެ. އެންމެ ނުރައްކާ ހަލަބޮލިކަމަކީ، ޑިމޮކްރަސީގެ ނިޒާމެއް ހުދުމުޚުތާރުކަމަށް ފުރޮޅިގެންދާ ހިނދު އަންނަ ހަލަބޮލިކަމެވެ. އެހެންކަމުން، ޕޮލިޓިކްސްއަކީ ހަލަބޮލިކަމެއްގެ ތެރޭގައި ހިނގަހިނގައި އޮންނަ މަސައްކަތެކެވެ. ދައުލަތުގެ ހިންގުމުގެ ނިޒާމުން މި ހަލަބޮލިކަން ވަކިގޮތަކަށް ބައްޓަން ކޮށްދެއެވެ. ހަގީގަތުގައި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރެވިފައިވާ ނިޒާމަކާއި ހުދުމުޚުތާރުކަމާ ދެމެދު އޮންނަ ވާދަވެރިކަމަކީވެސް އަބަދަށް ހިނގަހިނގައި އޮންނަ ވާދަވެރިކެމެވެ. ސިޔާސީ ވާދަވެރިކަމަކީ ގައުމަށް އޮތް ހެވެކެވެ. ގައުމުގެ ކަންކަން ހެޔޮ މަގަށް އެޅުވުމުގެ އެއް ވަސީލަތަކީ ސިޔާސީ ވާދަވެރިކަމެވެ. ސަރުކާރުގެ ކަންކަމަށް ފާރަވެރިވުމާއި، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމާއި، ސަރުކާރު ޒިންމާދާރުކުރުވުމާއި ސިޔާސަތުތައް އިސްލާހުކުރުމުގެ މަގަކީ ސިޔާސީ ވާދަވެރިކެމެވެ. ވާދަވެރިކަމަކީ ރިޔާސީ-ބަރުލަމާނީ ނިޒާމުން ކުރެ ވަކި ނިޒާމަކަށް ނިސްބަތްވާ ކަމެއް ނޫނެވެ. ނަމަވެސް، ސިޔާސީ ވާދަވެރިކަމާއި ނިޒާމާ ގުޅޭ ހިސާބަކީ ވާދަވެރިކަމުގެ ތަބީއަތަބީއަތެވެ؛ ވާދަވެރިކަން ތަންޒީމުކުރެވޭ ގޮތެވެ. އަދި އެކަމުގެ ސަބަބުން ނުކުންނަ ނަތީޖާއެވެ.

ނިޒާމާ ގުޅޭ ގޮތުން ބަޔާންކުރަންޖެހޭ މުހިންމު އަނެއް ވާހަކައަކީ، ދުޅަހެޔޮ ސިޔާސީ ވެށްޓެއް ގާއިމުކުރުމަށް ސިޔާސީ ފަރާތްތަކުގެ ސުލޫކުގެ މުހިންމުކަމުގެ ވާހަކައެވެ. މިއީ ކަނޑައެޅިފައިވާ ނިޒާމުގެ އިތުރުން، ސިޔާސީ ފަރާތްތައް އެބައިމީހުންގެ ސުލޫކު ބައްޓަންކުރުމުގައި ގެންގުޅޭންޖެހޭ އުސޫލުތަކެވެ. ފުރަތަމަ ކަމަކީ ލިބިފައިވާ ސިޔާސީ ބާރުވެރިކަން ބޭނުންކުރުމުގައި ޒިންމާދާރުވުމެވެ. މިކަމުގެ މިސާލަކީ، އަދާކުރާ މަސްއޫލިއްޔަތުގެ ސަބަބުން ލިބިގެންދާ ގާނޫނީ ބާރުތައް ބޭނުންކުރުމުގެ އިޚުތިޔާރު އޮތްނަމަވެސް، ސިޔާސީ ވެށީގެ ދުޅަހެޔޮކަމާއި، އާންމު މަސްލަހަމަސްލަހަތަށްޓަކައި އެކަންކަން ނުކޮށް ދޫކޮށްލުމެވެ. މިސާލަކަށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި، މަޖިލީހުގެ ސުޕަ މެޖޯރިޓީން ކުރެވޭ ކަންކަމާއި، ކުށްވެރިންނަށް މާފުދިނުން ފަދަ ކަންކަމެވެ. ދެވަނަ އުސޫލަކީ، ސިޔާސީ ވާދަވެރިން އެކަކުއަނެކަކު ބަލައިގަތުމެވެ. މިކަމުގެ ބޭނުމަކީ، ސިޔާސީ ވާދަވެރިކަން ދެމެހެއްޓުމެވެ. ލިބިފައިވާ ގާނޫނީ ބާރުވެރިކަން ބޭނުންކޮށް ސިޔާސީން އެއްބަޔަކު އަނެއްބަޔަކާ ނުތޮޅުމެވެ. ނިޒާމުގައި އެކުލަވައިލެވޭ އުސޫލުތަކެއްގެ ތެރެއިން މިކަންކަން ތަންޒީމުކުރުމަކީ އުނދަގު ކަމެކެވެ. ނަމަވެސް، މިކަންކަމަކީ ސިޔާސީންގެ ސުލޫކަށް ނަގައިގެންފައިވާ ކަންކަމަށް ވާންޖެހެއެވެ. 2008ގެ ގާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތުގެ ތެރެއަށް ބަލާއިރު، ފާހަގަކުރެވޭ ކަމަކީ، ދުސްތޫރީ ނިޒާމަކީ ހަމައެކަނި ގާނޫނީ ނިޒާމެއް ކަމަށް ބެލެވިގެން ގާނޫނުއަސާސީ އެކުލަވައިލުމެވެ.

ގާނޫނުއަސާސީއަކީ ދުސްތޫރީ ގާނޫނުގެ އެންމެ އަސާސީ މަސްދަރަށް ވީނަމަވެސް، ގާނޫނުއަސާސީއަކީ ހަމައެކަނި މެކޭނިކަލް ގާނޫނެއް ގޮތުގައެއް ނޫނެވެ. ގާނޫނުއަސާސީ އެކުލަވައިލުމުގައި ސިޔާސީ އިޖުތިމާއީ ޢިލްމުގެ (ޕޮލިޓިކަލް ސޯޝިއޯލޮޖީ) ނަޒަރުން ބަލަންޖެހެއެވެ. މެކޭނިކަލް ގާނޫނީ ނަޒަރަކުން ވިސްނާނަމަ، ނިޒާމާ މެދު [ސަބަބު-ނަތީޖާ" ގެ ވިސްނުމަކަށް ބަރޯސާވެވެއެވެ. އެއީ ނިޒާމުގެ ހަމަތައް ކަނޑައެޅުމުގައި [މެކޭނިކަލް] ވިސްނުމަކަށް އިސްކަންދީގެން ހަމަތައް ކަނޑައެޅުމެވެ. މިސާލަކަށް، ތިން ބާރު ވަކިކުރެވިއްޖެނަމަ (ސަބަބު) އެއް ބާރުން އަނެއް ބާރަށް ނުފޫޒު ނުފޯރުވޭނެ ކަމަށް (ނަތީޖާ) ގަބޫލުކުރުމެވެ. މި ވިސްނުމުގެ ސަބަބުން، ނިޒާމު ހަގީގަތުގައި މަސައްކަތްކުރާ އިރު، ސިޔާސީ މަސްރަހުގައި ހިމެނޭ ފަރާތްތަކުގެ ސުލޫކު ބައްޓަންވާނެ ގޮތާ މެދު ވިސްނައެއްނުލެވެއެވެ. ދިވެހިރާއްޖޭގައި ތިން ބާރު ވަކިކުރުމަށް ޤަނޫނުއަސާސީގެ މާއްދާތައް ރުކުރުވައިލެވިފައިވާ ގޮތުން، ރިޔާސީ ނިޒާމުގެ އަސްލުކަމުގައިވާ އެމެރިކާގައި އޮންނަ ރިޔާސީ ނިޒާމަށްވުރެން ވެސް ބޮޑަށް ބާރުތައް ވަކިވެފައިވާކަމަށް ބެލެވެއެވެ. އަދި މިހާރު ނިޒާމު މަސައްކަތްކުރާ ގޮތުން ބާރުތައް އެއްވާނަމަ ވެސް ހަމައެ ފަދައެވެ. މިއީ ނިޒާމުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލުނުވުމެވެ. މިއީ [ސަބަބު-ނަތީޖާ"ގެ ގާނޫނީ ނުވަތަ [މެކޭނިކަލް] ވިސްނުމަކުން ނިޒާމު އެކަށައެޅުމުން ދިމާވެފައިވާ ނިޒާމުގެ ދެކޮޅުނުޖެހޭ ކަމެކެވެ. އިޖުތިމާއީ ޢިލްމުން އަންގައިދެނީ ބައެއްގެ ސުލޫކު ހުންނަ ގޮތެވެ. ސިޔާސަތަކީ ހަލަބޮލިކަމަކަށް ވާއިރު، އެ ހަލަބޮލިކަމުގެ ސަބަބުން މީހުންގެ ސުލޫކު ބައްޓަންވެގެން އަންނަ ގޮތުގެ މައްޗަށް ރިއާޔަތްކުރެވި، ހަމަބޮލިކަމާ އެކުވެސް ނިޒާމު ހިނގުމުގައި މަސްލަހަތު ނެގެހެއްޓޭނެ ގޮތަކަށް ނިޒާމު ބައްޓަންކުރެވޭނީ ސިޔާސީ އިޖުތިމާއީ ޢިލްމުގެ ނަޒަރުން ގާނޫނުއަސާސީގެ މަސައްކަތާ މެދު ވިސްނައިގެންނެވެ.

2008ގެ ގާނޫނުއަސާސީގެ މެކޭނިކަލް ގާނޫނީ ނަޒަރުގެ ސަބަބުން، ނިޒާމުގެ ހަމަޖެހުން މުޅިންހެން ބިނާވެފައިވަނީ ގާނޫނުގެ ނައްސުތަކުން ކަނޑައަޅާ އިޖުރާއާތުތަކުގެ މައްޗަށެވެ. ނިޒާމު ނެގެހެއްޓުމުގެ ސަރުދާރަކީ ގާނޫނެވެ. އެ ވިސްނުމުން، ސިޔާސީ އޮއިވަރުތަކުގެ ސުލޫކުތަކަށް ފާރަވެރިވުން އޮތީ ގާނޫނުތަކަށް ދޫކޮށްލެވިފައެވެ. ގާނޫނަކީ ނިސްބީ ކަމަކަމަށް ވީއިރު، ގާނޫނަށް އެ ފަދަ އިތުބާރެއްކުރެވިދާނެ ހެއްޔެވެ؟ ގާނޫނަކީ ބަދަލުކުރެވޭ އެއްޗެކެވެ. ވަކި ގޮތަކަށް ބައްޓަންކުރެވޭ އެއްޗެކެވެ. އެހެންކަމަށް ވާނަމަ، ނިޒާމުގެ ގަޑުބަޑެއް އުފެއްދުމަށް ސިޔާސީ ގޮތުން ބަޔަކު މަސައްކަތްކުރާނަމަ އެކަން ކުރާނީ ގާނޫނުތައް ބޭނުންވާގޮތަކަށް ބަދަލުކޮށްގެންނެވެ. ސިޔާސީ ބެލެންސް (ޕޮލިޓިކަލް އިކުއިލިބްރިއަމް) ސިޔާސީ ނިޒާމަށް މުހިންމުވާ ހިނދަކީ މިއީއެވެ. ގާނޫނުން ހަރުދަނާ ގޮތެއްގައި ނިޒާމު ބައްޓަންކުރުމަށް ނުކުޅެދޭތީވެ، އިޖުތިމާއީ ސުލޫކު ކަމުގައިވާ ސިޔާސީ ބެލެންސް، ނިޒާމު ހެޔޮ މަގުގައި ދަމަހައްޓައިދެއެވެ. އިޖުތިމާއީ ސުލޫކަކީ، މުޖުތަމައުގެ އެކި ނުފޫޒުތަކާއި ވެށީގެ ސަބަބުން މީހުންގެ ސުލޫކު ބައްޓަންވާ ގޮތެވެ. ސިޔާސީ ވެށީގައި ބެލެންސް އުފެދުމަކީ އިދިކޮޅު ނުފޫޒުތަކެއް ނުވަތަ އޮއިވަރުތަކެއް ހަމަހަމަވެ، ހަމަޖެހުން ލިބިގެން ދިޔުމެވެ. މީގެ ނަތީޖާއަކީ އެ ހާލަތެއްގައި ހަމަޖެހުން ލިބުމެވެ. މި ހަމަޖެހުން ދެމި އޮންނާނީ ހަމަހަމަ ވެފައިވާ ނުފޫޒުތައް ނުވަތަ އޮއިވަރުތައް އެގޮތުގައި އޮންނަންދެނެވެ. އެއް ނުފޫޒު އަނެއް ނުފޫޒަށް ވުރެ ބާރުގަދަވެއްޖެނަމަ، އެ ހާލަަތާ އެއްގޮތަށް ބެލެންސް ވެސް ބަދަލުވެއެވެ. ބަދަލުވެފައިވާ ނުފޫޒުގެ ހާލަތުގައި ނިޒާމުގެ އައު އޮއިވަރެއް އުފަންވެއެވެ.

މީގެ ނަތީޖާއަކީ އަލަށް އުފެދުނު އޮއިވަރުގެ މައްޗަށް ހަމަޖެހުން ލިބިގެންދިޔުމެވެ. ނުފޫޒުތަކަށް އަންނަ ކޮންމެ ބަދަލެއްގެ ސަބަބުން ބަޔާންކުރެވުނު ހަމަޖެހުން ބަދަލުވެ އައު ހަމަޖެހުމެއް އުފެދިގެންދެއެވެ. ސިޔާސީ ބެލެންސަކީ ބަރުލަމާނީ ނިޒާމަށް ޚާއްސަވެގެންވާ މަފްހޫމެކެވެ. މި މަފްހޫމު ބޭނުންކުރެވެނީ، ބަރުލަމާނީ ނިޒާމުގެ ތަބީއަތުގެ ގޮތުން، އެ ނިޒާމު ހިންގުމަށް ޓަކައި، ސަރުކާރު އެކުލަވައިލުމުގައި ސިޔާސީ ޕާޓީތަކުގެ މެދުގައި އޮންނަ ބެލެންސްގެ ތެރެއިން ސަރުކާރެއް އެކުލަވައިލެވޭތީއެވެ (މިކަމުގެ ތަފުސިލު [ތާރީޚު] ގެ ބައިގައި ހިމެނިފައިވާނެއެވެ). މިކަމުން ސާބިތުވަނީ، ދުސްތޫރީ ނިޒާމަކީ ހަމައެކަނި ގާނޫނީ ނިޒާމެއްގެ އިތުރުން ސިޔާސީ އިޖުތިމާއީ ހާލަތުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއްކަމެވެ.

ބަރުލަމާނީ-ރިޔާސީ ބަހުސަކީ ޢިލްމީ ދިރާސާތަކުގެ އަމާޒަކަށް ވެފައިވާ މައުލޫއެކެވެ. އެ ގޮތުން، ލެޓިން އެމެރިކާގެ ބައެއް ގައުމުތަކުގެ ސިޔާސީ މަސްރަހު ހިމަނައި، ހުއާން ލިންޒް ކޮށްފައިވާ ދިރާސާއިން ސާބިތުވާ ގޮތުގައި، ބަރުލަމާނީ ނިޒާމަށް ވުރެ ރިޔާސީ ނިޒާމުގެ ސަބަބުން ހުދުމުޚުތާރުކަމަށް ދިޔުމުގެ އިހުތިމާލު ބޮޑެވެ. އަދި ބަރުލަމާނީ ނިޒާމަކީ ޑިމޮކްރަސީއަށް ނުހަނު މުނާސަބު ހިންގުމުގެ ނިޒާމެކެވެ؛ ޚާއްސަކޮށް ގިނަ ޕާޓީތައް އޮންނަ ސިޔާސީ މަސްރަހެއްގައި ބަރުލަމާނީ ނިޒާމަކީ ރަނގަޅު ނިޒާމެކެވެ. ހޯސޭ އަންޓޯނިއޯ ޝޭބުބް ބަޔާންކުރާ ގޮތުގައި، ރިޔާސީ ނިޒާމުތަކުގައި މައްސަލައަކީ، ނިޒާމީ ގޮތެއްގައި އެ ނިޒާމުގައި ހުރި މައްސަލަތަކެއްނޫނެވެ. ނަމަވެސް، ރިޔާސީ ނިޒާމު އޮންނަ މުޖުތަމައުތަކަކީ ޑިމޮކްރަސީއަށް ރައްކާތެރިނޫން މުޖުތަމައުތަކަށްވުމެވެ. ލިންޒާއި ޝޭބުބްގެ ދިރާސާގެ ތަފާތަކީ، ލިންޒްގެ ދިރާސާގައި ބަހުސްކޮށްފައިވަނީ ރިޔާސީ ނިޒާމުގައި ހުރި ކަންކަމުގެ މައްޗަށެވެ؛ ޝޭބުބްގެ ދިރާސާގެ އަސާސަކީ ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުގެ އިޖުތިމާއީ އަދި ސިޔާސީ ހާލަތެވެ. ޑޮނަލްޑް ހޮރޮވިތްސް ބަޔާންކުރާ ގޮތުގައި، ރިޔާސީ ނިޒާމަކުން މުޖުތަމައު ބައިބައިކުރުމުގެ ބަދަލުގައި މުޖުތަމައު އެއްބައިވަންތަކަމުގައި ހިފަހައްޓައިދެއެވެ. ސަބަބަކީ ހުރިހާ ރައްޔިތުން އިންތިޚާބުކުރާ ރައީސެއްގެ، ގައުމުގެ ސިޔާސަތުތައް ހިންގުމެވެ.

އެހެންކަމުން، ތަފާތު ދީންތަކާއި ސަގާފަތްތައް އޮންނަ ގައުމެއްގައި ރިޔާސީ ނިޒާމުގެ މުހިންމުކަން ބޮޑެވެ. ހޮރޮވިތްސްގެ ދިރާސާއަކީ ލިންޒްގެ ދިރާސާއަށް ދީފައިވާ ރައްދެކެވެ. އެ ދިރާސާގައި ލިންޒްގެ ދިރާސާގެ ނުކުތާތަކަށް ރައްދުދީ، ލެޓިން އެމެރިކާ ނޫން ގައުމުތަކުގައި، މިސާލަކަށް އެފްރިކާގެ ގައުމުގައި، ރިޔާސީ ނިޒާމު ނުހަނު ރަނގަޅަށް މަސައްކަތްކޮށްފައިވާ ކަމުގެ ހުއްޖަތް ޤާއިމުކޮށްފައި ވެއެވެ. އިންޑިއާގައި އޮންނަން ޖެހެނީ ރިޔާސީ ނިޒާމެއް ކަމުގައި ހުއްޖަތް ގާއިމުކޮށް، ބާނޫ ދާމިޖާ ލިޔެފައިވާ ފޮތުގައި ވެސް މައިގަނޑު އެއް ނުކުތާއަކީ، ބަރުލަމާނީ ނިޒާމުގެ ސަބަބުން އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން އިންޑިއާ ބައިބައި ވެފައިވުމެވެ. މިއީ ހޮރޮވިތްސްގެ ހުއްޖަތް ކަމުގައިވާ، ތަފާތު ދީންތަކާއި ސަގާފަތްތަކަށް ނިސްބަތްވާ ގައުމެއްގައި ރިޔާސީ ނިޒާމު ކާމިޔާބުވުމާ އެއްގޮތް ހުއްޖަތެކެވެ. ތަފާތު ދިރާސާތައް ބަލައި، ތަހުލީލުކޮށްގެން ބަރުލަމާނީ-ރިޔާސީ ބަހުސްގައި ވަކި ނިޒާމަކީ އެންމެ ރަނގަޅު ނިޒާމު ކަމުގައި ކަނޑައެޅުމަކީ އުނދަގު ކަމެކެވެ. ކޮންމެ ދިރާސާއެއް ބިނާވެފައި ވަނީ ކޮންމެވެސް މެތޮޑޮލޮޖީ އަކަށެވެ. ކޮންމެވެސް ގައުމެއްގެ ތަޖުރިބާ އަށެވެ؛ ނިޒާމުގެ ކޮންމެވެސް އެއް މައްސަލައަކަށެވެ. ދެ ނިޒާމުން ކުރެ ވަކި ނިޒާމަކީ ކާމިޔާބު ނިޒާމެއް ކަމުގައި ކަނޑައެޅުމަށް ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ، ތާރީޚީ، ސަގާފީ، އަދި ސިޔާސީ ހުރިހާ ކަމެއް ދިރާސާކުރުމަކީ ކުރެވޭނެ ކަމެއްނޫނެވެ. ވަކި ގައުމެއްގައި ވަކި ނިޒާމެއް ކާމިޔާބުކަމާ އެކު މަސައްކަތް ކުރާތީ އެ ނިޒާމަކީ ތިމާމެންނަށް ވެސް މުނާސަބު އަދި ކާމިޔާބު ނިޒާމެއް ކަމުގައި ކަނޑައެޅުމަކީ ވެސް ކުރެވޭނެ ކަމެއް ނޫނެވެ.

ވަކި ނިޒާމަކީ ވަކި ގައުމަކަށް ހެޔޮ ނިޒާމެއް ކަމުގައި ހުއްޖަތް ދެއްކުމަށް، އެ ގައުމެއްގެ ތާރީޚީ އަދި ސިޔާސީ މަސްރަހު ބަލައި ދިރާސާކުރަން ޖެހެއެވެ. މި ފޮތުގައި ބަހުސް ހުދޫދުކުރެވިފައިވަނީ ނިޒާމާ ގުޅުންހުރި މައިގަނޑު ތިން ހަގީގަތެއްގެ މައްޗަށެވެ. ފުރަތަމަ ކަމަކީ، ނިޒާމުގެ ސަބަބުން، ވަކި މީހެއްގެ ބާރުގެ ދަށުގައި ގައުމުގެ ހިންގުން ހައްޔަރުވުން ނުވަތަ ނުވުމެވެ. ދެވަނަ ކަމަކީ، ފުރަތަމަ ހަގީގަތުގެ ނަތީއްޖާ ކަމުގައިވާ، ގައުމުގެ ހިންގުން ސިޔާސީ އެއްބައިވަންތަކަމުގެ މައްޗަށް (އިއްތިފާގު) ނުވަތަ ވަކި މީހެއްގެ އަމިއްލަ އިޚުތިޔާރުގެ މައްޗަށް ބިނާވެފައިވުމެވެ. ތިންވަނަ ކަމަކީ، ގައުމުގެ ސިޔާސަތުތައް ހަރުދަނާވުން / ނުވުމެވެ. ފުރަތަމަ ދެ ކަމަކީ ބަރުލަމާނީ-ރިޔާސީ ނިޒާމުގެ މައިގަނޑު ތަފާތުތަކުގެ މައްޗަށް ބިނާވާ ދެ ހަގީގަތެވެ. ތިންވަނަ ހަގީގަތަކީ ނިޒާމުގެ ނަތީޖާއެކެވެ.

ރިޔާސީ-ބަރުލަމާނީ ނިޒާމުގެ ބަހުސްގައި، މި ދެ ނިޒާމު އަޅައިބެލުމުގައި ތަފާތު މިންތައް ވެއެވެ. ދެ ނިޒާމާ މެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވުންތައް ބޮޑީވެސް، އަޅައިކިޔުމުގައި ތަފާތު މިންތައް ބޭނުންކުރެވޭތީއެވެ؛ ތަފާތު ސިޔާސީ ސަގާފަތްތައް އެ މިންތަކުން ތަހުލީލުކުރެވޭތީއެވެ. އެ ގޮތުން، ބޭނުންކުރެވިދާނެ އެއް މިނަކީ، ސަރުކާރުގެ ހަމަޖެހުމާއި ސަރުކާރުތައް ރޫޅުމެވެ. މި މިނުން ބަލާއިރު، ސަރުކާރުތައް ފަސޭހައިން ރޫޅުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެކެވެ. ބާރުތައް އޮންނަނީ އެކެއްގެ އަތުގައިތޯ ނުވަތަ ގިނަ ބައެއްގެ އަތުގައިތޯއަކީ ވެސް ދެ ނިޒާމު އަޅައިބެލުމުގައި ބޭނުންކުރެވޭ މިނެކެވެ. އެ ގޮތުން ބަލާއިރު، ރިޔާސީ ނިޒާމުގެ އަޞްލަކީ ރައީސުލްޖުމުހޫރިއްޔާގެ އަތުގައި ފުޅާ ބާރުތަކެއް އޮތުމެވެ. ތަންފީޒީ ބާރާއި ގާނޫނު ހެދުމުގެ ބާރު މުއައްސަސީ ގޮތެއްގައި ވަކިން އޮތުމާއި އެއްކޮށް އޮތުމަކީ ވެސް ބޭނުންކުރެވޭ މިނެކެވެ. ބަރުލަމާނީ ނިޒާމު ބެލެވެނީ ބާރުތައް އެއްވެފައިވާ ނިޒާމެއް ގޮތުގައެވެ. މިއީ މި ދެ ނިޒާމު އަޅައިބެލުމުގެ އެންމެ އާންމު މިންވެސްމެއެވެ.

މި ފޮތުގައި، ދިވެހިރާއްޖޭގައި ބަރުލަމާނީ ނިޒާމު އޮންނަންޖެހެނީ ކީއްވެކަމުގެ މައްޗަށް ބަހުސްކޮށްފައިވާނީ، ދެ ނިޒާމަށް އާންމުކޮށް ނަޒަރުކޮށް ހުއްޖަތް ޤާއިމުކުރުމުގެ ބަދަލުގައި، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގެ ތަބީއަތަށާއި ތަޖުރިބާގެ މައްޗަށް ނަޒަރުކޮށް، ދިވެހި ސިޔާސީ މަސްރަހުގައި އޮންނަންޖެހޭ ނިޒާމަކާ ގުޅޭ ގޮތުންނެވެ. ސަބަބަކީ އަހަރުމެންނަށް މުހިންމީ މި ދެ ނިޒާމުން ކުރެ ވަކި ނިޒާމެއް އޭގެ ޒާތުގައި ރަނގަޅުވުމެއް ނޫނެވެ؛ އަހަރުމެންނަށް މުހިންމީ ދިވެހި ސިޔާސީ މަސްރަހަށް އެކަށީގެންވާ ގޮތަކަށް މަސައްކަތްކުރާނެ އުސޫލުތަކެއްގެ މައްޗަށް ބިނާވާ ނިޒާމެއް ކަނޑައެޅުމެވެ. އެހެންކަމުން، ފޮތުގައި ކުރެވޭ ބަހުސްތަކަކީ ރިޔާސީ-ބަރުލަމާނީ ނިޒާމުގެ ބަހުސްގައި ކުރެވޭ އާންމު ހުކުމެއްނޫނެވެ. މި ފޮތުގެ ބަހުސްގެ ބޭނުމަށް، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި ކަންތައްތަކަކީ، އިސްވެ ބަޔާންކުރެވުނު، މި ފޮތުގައި ބަހުސް ހުދޫދުކުރެވިފައިވާ، ނިޒާމާ ގުޅުންހުރި މައިގަނޑު ތިން ހަގީގަތާ ސީދާ ގޮތުން ގުޅުން ހުރި ކަންތައްތަކެވެ. އެ ކަންތައްތަކަކީތަކަކީ، ރައްޔިތުންގެ ބައިވެރިވުން އޮންނަ މިންވަރު، ސިޔާސީ ވާދަވެރިކަން، އަދި ސިޔާސަތު ކަނޑައަޅައި ހިންގުމެވެ. ރައްޔިތުންގެ ބައިވެރިވުން އޮންނަ މިންވަރާ މެދު ބަހުސްކުރެވެނީ އިންތިޚާބުގައި ވޯޓު ދިނުމާއި، ރައްޔިތުން ކެންޑިޑޭޓުން ޚިޔާރުކުރުމާއި، އަޣުލަބިއްޔަތާއި ޑިމޮކްރަސީން ގައުމު ހިންގުމުގައި ހުރި ބަހުސްތަކެވެ.

ސިޔާސީ ވާދަވެރިކަމަކީ ޕާޓީތަކުގެ ވާދަވެރިކަމާއި، ޕާޓީތަކުގެ ދައުރާއި، ވާދަވެރިކަން އިންތިޒާމުކުރެވޭ ގޮތާއި، ވާދަވެރިންނަށް އޮންނަ އިޚުތިޔާރުތަކެވެ. ސިޔާސަތު ކަނޑައަޅައި ހިންގުމުގައި ހިމެނެނީ ސިޔާސަތު ކަނޑައެޅުމުގައި އަޣުލަބިއްތުން އެކަން ކުރުމާއި، އިއްތިފާގުން ކުރުމާއި، ސިޔާސަތުގެ އިސްތިޤުރާރުކަމާއި، ސިޔާސަތުތައް އެއް ގޮތެއްގައި ހިފެހެއްޓުމާއި، ސިޔާސަތު ކަނޑައެޅުމުގައި ބާރުވެރި ފަރާތްތަކަށް އޮންނަ އިޚުތިޔާރުތަކާއި، އެކަންކަމުގެ ނަތީޖާތަކެވެ.