
މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫޢަކީ ‘މުދަލަކީ މާތްﷲ ގެ ޙައްޤެކެވެ’. އަދި ޚުޠުބާގައި މުދަލުގެ ސަބަބުން އަންނަ ފަސާދައާއި، ހެޔޮގޮތުގައި މުދާ ހޯދުމުގެ މައްޗަށް ނަޞޭޙަތްތެރިވެފައިވެއެވެ. މި ޚުޠުބާ ކިޔައިލުމަށްފަހު ހިތަށްއެރިއެވެ؛ އަޅުގަނޑުމެން އިސްލާމްވިތާ އެތައް ޤަރުނެއް ވެގެންދިޔައިރުވެސް އަބަދުވެސް މިފަދަ ވަޢުޡުތައް އަޑުއިވެއެވެ. އެހެންކަމަށްވާނަމަ، ޙަޤީޤަތުގައި މުޖުތަމަޢުން އިޞްލާޙީ ކުލަވަރެއް ނުފެންނަނީ ކީއްވެގެން ބާވައެވެ؟ ދައުލަތް ހިންގުމުގެ ނިޒާމާއި، ޤައުމުގައި އޮތް ފަސާދައާމެދު ރައްޔިތުން މާޔޫސްވެ، އުންމީދު ކެނޑިފައިވަނީ ކީއްވެގެން ބާވައެވެ؟ މި މަޒުމޫނު ލިޔުމުގެ ޚިޔާލު އުފެދުނީ މިއަދުގެ މި ޚުޠުބާއާ މެދު ވިސްނައިލުމުންނެވެ. ……………….
ހުކުރު ޚުޠުބާއަކީ މުސްލިމް މުޖުތަމަޢެއްގެ ހޭލުންތެރިކަމާއި ވިސްނުމަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވޭ އެއް ވަސީލަތެވެ. އެއީ އެންމެ ގިނަ މީހުން، އެކި އުމުރުގެ މީހުން، އެއްތާކަށް އެއްވަގުތެއްގައި އެއްވެ، އެ ގޮވާލުންތަކަކަށް އިންތިޒާރުކުރާ ގޮވާލުމެވެ. ނަމަވެސް، ޒަމާނުއްސުރެ އަހަރުމެންގެ ޚުޠުބާތައް ބައްޓަންކުރެވިފައި ހުންނަނީ ހަމައެކަނި ދީނީ އަސާސީ ޙުކުމްތަކާއި ނައްޞުތައް (ޤުރްއާނުގެ އާޔަތްތަކާއި ޙަދީޘްތައް)، ބަލާޣާތްތެރިގޮތެއްގައި، ރާގުތަކެއްގައި އިއްވައިލާ އިމުގެ ތެރޭގައެވެ. ޢަޛާބާއި ޘަވާބުގެ ވާހަކަތަކެވެ. ކަމެއް ޙަރާމްވުމާއި ޙަލާލުވުން ބަޔާންކުރުމަކީ ދީނީ އިރުޝާދުގެ ބިންގާ ކަމުގައި ވިޔަސް، މައްސަލަތަކަށް ބޭނުންވަނީ ހަމައެކަނި އެ ނައްޞުތައް ކިޔައިދިނުމެއް ނޫނެވެ؛ އެ ނައްޞުތަކުގެ ޙަޤީޤީ މަޤްޞަދުތައް އަމަލީ ދިރިއުޅުމުގައި ތަންފީޒުކުރާނެ ހަރުދަނާ ފިކުރާއި ޙައްލުތައް ހުށަހެޅުމެވެ.
ނައްޞުތަކުން އަމަލީ ޙައްލުތަކަށް
މުޖުތަމަޢެއްގައި އަޚްލާޤީ ނުވަތަ އިޖުތިމާޢީ ނުވަތަ ނިޒާމީ މައްސަލައެއް ފެންމަތިވާއިރު، ހަމައެކަނި އެކަމުގެ ޝަރުޢީ ޙުކުމް ބުނެދިނުމަކުން އެކަށީގެންވާ ބަދަލެއް ނުގެނެވެއެވެ. މިސާލަކަށް ކޮރަޕްޝަނަކީ ޙަރާމް ކަމެއްކަން ހުރިހާ ރައްޔިތުންނަށްވެސް އެނގެއެވެ. މުހިންމު ވަނީ އެ ނުބައި އާދައިން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި މުއައްސަސާތަކާއި ވަކިވަކި ފަރުދުންގެ ޒިންމާތައް އެކަށައަޅައި، އިންސާފު ޤާއިމުކުރާނެ ގޮތުގެ ޢަމަލީ ވިސްނުން ޚުޠުބާއިން ގެނެސްދިނުމެވެ. ހަމަ އެގޮތަށް ހަލާލުނޫން ގޮތުގައި މުދާ ހޯދުންވެސް މިފަދައެވެ. ހަމައެކަނި އެކަންކަމުގެ ޙުކުމް ބަޔާންކުރުމުގެ ބަދަލުގައި، ދައުލަތުގެ ނިޒާމުގެ ތެރެއިން އެފަދަ ކުށްތައް ހުއްޓުވުމަށް ދައުލަތުގެ ނިޒާމުގައި ހިމަނަންޖެހޭ ކަންކަމަށް މަޝްވަރާކުރެވެންޖެހެއެވެ. ނައްޞުގައިވާ ޙިކުމަތްތައް ނިޒާމާ ގުޅުވައިނުލެވޭހައި ހިނދަކު، ޚުޠުބާއަކީ ހަމައެކަނި އަޑުއަހާލައިފައި ނިކުމެގެންދާ ރަސްމިއްޔާތަކަށް ވުން ނޫން ކަމެއް ނުވާނެއެވެ. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދުގެ ބޭނުމަކީ ރައްޔިތުންގެ ފައިސާ ރައްކާތެރި ގޮތުގައި ބޭނުންކުރުމެވެ. ރައްރިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ނުވަތަ ނާޖާއިޒު ފައިދާ ނެގުމުގެ ވާހަކަ އަންނަނަމަ، މާލިއްޔަތުގެ އުޞޫލުތައް ހަރުދަނާކުރުމުގެ ހުށަހެޅުންތައް ހުށަހަޅަންޖެހެއެވެ.
ޚުލަފާއުއްރާޝިދޫންގެ ޢަމަލީ ނަމޫނާ
އިސްލާމީ ތާރީޚަށް ބަލާއިރު، އަބޫބަކުރުގެފާނާއި ޢުމަރުގެފާނު ޚަލީފާކަމާ ޙަވާލުވެވަޑައިގެން ދެއްވި ތާރީޚީ ޚުޠުބާތަކަކީ މީގެ އެންމެ އަލިގަދަ ހެއްކެވެ.
އަބޫބަކުރުގެފާނު ޚަލީފާކަމަށް އިސްވެވަޑައިގެން ދެއްވި ފުރަތަމަ ޚުޠުބާގައި ވިދާޅުވިއެވެ: “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު ވެރިކުރެވިއްޖެއެވެ. އެހެނަސް ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހާއެއް ނޫނެވެ. ތިމަންކަލޭގެފާނު ރަނގަޅަށް ކަންކަން ކުރައްވާނަމަ އެހީތެރިވެދޭށެވެ! އަދި ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ ތިމަންކަލޭގެފާނު ސީދާކޮށް (ރަނގަޅުކޮށް) ދޭށެވެ!” މި ބަސްފުޅުން ސާފުކޮށްދެއްވީ، ވެރިކަމަކީ ކުށުން ބަރީޢަވެގެންވާ ބާރެއް ނޫންކަމާއި، ޙައްޤު މަގުގައި ސާބިތުވުމަށް ރައްޔިތުންގެ ފާރަވެރިކަމާއި އެއްބާރުލުން ބޭނުންވާ މިންވަރެވެ. އެކަލޭގެފާނު ހުށަހެޅުއްވީ މިޒާމާނުގައިވެސް، މަސްއޫލުވެރިންގެ ނިންމުންތަކަށް ފާރަވެރިވުމުގެ ޕުރެކްޓިކަލް ހަމައެކެވެ. ވެރިއެއްގެ ވާޖިބު ބަޔާންކޮށް، ވެރިކަން ހެޔޮގޮތުގައި ނުހިންގައިފިނަމަ ހުރި ޢަޛާބުގެ ވާހަކައިން ފުއްދަވައެއްނުލައްވައެވެ.
ހަމައެފަދައިން، ޢުމަރުގެފާނު ވެރިކަމާ ޙަވާލުވެވަޑައިގެން ދެއްވި ޚުޠުބާގައި، އެކަލޭގެފާނުގެ ހަރުކަށިކަމާމެދު މީސްތަކުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަމާއި ކަންބޮޑުވުންތަކަށް ސީދާ ޖަވާބުދެއްވިއެވެ. އެކަލޭގެފާނު ބަޔާންކުރެއްވީ އެ ހަރުކަށިކަން އޮންނާނީ އަނިޔާވެރިންނާއި ޙައްޤުތަކަށް އަރައިގަންނަ މީހުންނާ ދެކޮޅަށް ކަމަށާއި، ނިކަމެތިންނާއި މަޢުޞޫމު ރައްޔިތުންގެ ކުރިމަތީގައި އެކަލޭގެފާނު ވާނީ އެންމެ އޯގާތެރި، އަޅައިލާ ޚާދިމަށް ކަމަށެވެ. މީގެއިތުރުން، އެއްފަހަރަކު ޚުޠުބާގައި މީސްތަކުންނަށް ގޮވައިލައްވައި ތިމަންކަލޭގެފާނު ގޯސް މަގެއް އިޚްތިޔާރުކޮށްފިނަމަ ހަދާނީ ކިހިނެއްތޯ ސުވާލުކުރެއްވުމުން، ޞަޙާބީއަކު ކަނޑި ދައްކަވައި “ކަނޑީގެ ތިލައިން ސީދާކުރާނަމޭ” ވިދާޅުވުމުން، އެފަދަ ހިތްވަރުގަދަ، ޖަވާބުދާރީކުރުވާ ރައްޔިތުން ތިބިކަމަށްޓަކައި ﷲ އަށް ޙަމްދުކުރެއްވިއެވެ.
މި ތާރީޚީ ޙާދިސާތަކުން ދައްކުވައިދެނީ، މިންބަރަކީ ހަމައެކަނި ނައްޞުތަކުގެ ޙުކުމްތައް އިއްވާ ތަނެއް ނޫންކަމެވެ. އެއީ ދައުލަތް ހިންގުމުގެ ދެފުށްފެންނަ އުޞޫލުތަކާއި، ވެރިން ޖަވާބުދާރީވުމާއި، އަދި އިޖުތިމާޢީ އިންޞާފު ޤާއިމުކުރުމުގެ ޢަމަލީ ވިސްނުން މުޖުތަމަޢަށް އުނގަންނައިދިން މައި މަރުކަޒެކެވެ. މިއަދުގެ ޚުޠުބާތަކުންވެސް ދައްކަންވީ މިފަދަ ޙަޤީޤީ އިޞްލާޙީ ނަމޫނާއެވެ.
ޚުޠުބާގެ އަޞްލަށް ރުޖޫޢަކުރުން
ހުކުރު ޚުޠުބާއަކީ މުޖުތަމަޢުގެ ފިކުރީ އޮއިވަރު ހެޔޮމަގަށް އަނބުރާލެވޭނެ އެންމެ ބާރުގަދަ މަންސައެވެ. އެހެންކަމުން، ނައްޞުތަކުގެ ޙުރުމަތާއި އަޞްލު ގެއްލުވައިނުލައި، އެ ނައްޞުތައް ޒަމާނީ މައްސަލަތަކުގެ ޙައްލުތަކާ ގުޅުވައިދޭން ޖެހެއެވެ. އިޖުތިމާއި ބޭއިންސާފާއި، އިޤްތިޞާދީ ނާއިންޞާފުތަކާއި، ދައުލަތުގެ ހިންގުން ނުކިއްސަރުވުމާއި އައި އިޖުތިމާޢީ އެހެނިހެން މައްސަލަތަކަށް އަމަލީ އިރުޝާދު ދެވޭނެ ފޯމިއުލާތައް ހުށަހަޅަންޖެހެއެވެ.
ދީނީ ނައްޞުތަކަކީ ހަމައެކަނި ކިޔަވައި ވިދާޅުވާން އޮތް ބަސްތަކެއް ނޫނެވެ؛ އެއީ މުޖުތަމަޢު ބިނާކޮށް ހިންގުމަށް އޮތް ދިރިހުރި ޤާނޫނެކެވެ. ޚުޠުބާތަކުގެ އަމާޒަކަށް ވާންވީ ކަންކަމުގެ ޙުކުމް ބުނެދިނުމުގެ އިތުރުން، އެ އަމުރުތަކާއި ނަހީތަކަށް ވާސިލުވާނެ ހެޔޮ ވިސްނުމާއި ޢަމަލީ މަގުތައް ދައުލަތުގެ ނިޒާމުގެ ހިންގުމުގެ ތެރެއަށް ހުށަހެޅުމެވެ. ހުކުރު ޙުޠުބާ ރައްދުވާންވާނީ ހަމައެކަނި ރައްޔިތުމީހާ އަކަށް ނޫނެވެ. ދައުލަތަށްވެސް، ދައުލަތުގެ މުއައްސަސާތަކަށްވެސް ރައްދުވާންޖެހެއެވެ. ދައުލަތުގެ ނިޒާމުތަކުން ނިކުންނަ ނަތީޖާއަކީ ބޭއިންސާފުކަމުގައިވާ އިރު، ޚުޠުބާގެ ހަމައެކަނި ރައްދުވަނީ ހަމައެކަނި ރައްޔިތުންނަށް ކަމަށް ވާނަމަ، ޙުޠުބާ އަކީވެސް ބޭއިންސާފުގެ ބައިވެރިއެވެ.
ހިޔާލުތައް
ހިޔާލުތައް ލޯޑު ކުރަނީ…
ހިޔާލެއް ހުށަހަޅުއްވާ