އޭއައި ބޭނުންކޮށްގެ އުފައްދާފައިވާ ފޮޓޯ އެއް

ލިޔުމުގައިވާ ބައެއް ބަސްބަހުގެ މާނަ

ނަޤްލު: ޤުރުއާނާއި ރަސޫލާ ﷺ ގެ ޙަދީސް

ޢަޤްލު: އިންސާނީ ވިސްނުން (ރޭޝަނަލިސްޓް)

ޤިޔާސް: ޙުކުމުގެ ސަބަބު އެއްގޮތްވުމުން، ޙުކުމެއް އައިސްފައިވާ ކަމަކުން ޙުކުމެއް އައިސްފައިނުވާ ކަމަކަށް ޙުކުމްކުރުން.

އިސްތިޙްސާން: ކުއްލީ ޢާންމު ޙުކުމަކުން ވަކި ކަމެއް އިސްތިސްނާކޮށް ރަނގަޅުކަމެއް ގޮތުގައި ބަލައިގަތުން.

އިސްތިޞްޙާބް: ވަކި އާދައެއް، ނައްޞަކުން ނަފީނުވާހާ ހިނދަކު، ގަބޫލުކޮށް ޢަމަލުކުރަމުންގެންދިޔުން.

އިސްތިންބާޠުކުރުން: އުޞޫލުލް ފިޤުހުގެ ތެރެއިން، ޝަރުޢީ ދަލީލުތަކުން ޝަރުޢީ ހުކުމެއް ނެރުން.

……..

މިލިޔުމުގައި ބަހުސްކުރާނީ އިސްލާމީ ތާރީހުގައި ފިޤްހު ތަރައްޤީވެގެން އައުމުގައި، ޝަރުޢީ ޙުކުމްތައް ދެނެގަތުމުގައި ބޭނުންކުރެވިފައިވާ މަންހަޖުތަކާބެހޭގޮތުންނެވެ. މިއީ ފިޤުހުގެ ‘އެޕިސްޓިމޮލޮޖީ’ އެވެ. ޙުކުމްތަކަށް ވާސިލުވެވޭނީ ކިހިނެއްކަން ދެނެގަތުމެވެ. އަދި ވާސިލުވުމަށް ބޭނުންކުރެވެނީ ކޮންކޮން މަސްދަރެއްކަން ދެނެގަތުމެވެ. އާންމު ގޮތަކަށް ބަޔާންކުރާނަމަ، އިސްލާމީ ފިޤުހު ބިނާވެފައިވަނީ ޝަރުޢީ ޙުކުމްތައް ދެނެގަތުމުގައި ނަޤްލު އާއި ޢަޤްލުގެ މައްޗަށް ބިނާވެ ޙުކުމްތައް ދެނެގަތުމުގެ މައްޗަށެވެ. އެހެންކަމުން މި މަސައްކަތް ބިނާވެފައި އޮންނަނީ ނަޤްލު އާއި ޢަޤްލުއާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށެވެ. ނަޤްލު އަކީ ވަޙީ އާއި ޙަދީޘްއެވެ. ފިޤްހަކީ ޝަރުޢީ ދަލީލުތަކުން ޙުކުމެއް އިސްތިންބާޠުކުރުންކަމަށް ވާއިރު، އެކިއެކި މިންވަރަށް ޝަރުޢީ ދަލީލުތަކަށް ރިޢާޔަތްކޮށް، އިންސާނީ ވިސްނުމުގެ އަސާސްގެ މައްޗަށް ބިނާވެ ޙުކުމްތައް ނެރެވެއެވެ. މިފަދައިން ޙުކުމްތައް ނެރެވެނީ ‘ނަޤްލު’ އާއި އިންސާނީ ވިސްނުމުގެ މަޞްދަރުތަކެއްގެ ތެރެއިންނެވެ.

ނަބަވީ ޒަމާނުގައި އިސްލާމީ ފިޤުހުގެ އެޕިސްޓިމޯލޮޖީ ބިނާވެފައި އޮތީ ނަޤުލުގެ މައްޗަށެވެ. އެހެނީ ރަސޫލާ ﷺ ދުނިޔޭހުގައި ހުންނަވަނިކޮށް، ޝަރުޢީ ކަންކަމުގެ ޙުކުމްތައް ވަޙީ، ނުވަތަ ސުންނަތުން ލިބެއެވެ. ނަމަވެސް ރަސޫލާ ﷺ ސުވަރުގެ ވަޑައިގަތުމަށްފަހު ޝަރުޢީ ޙުކުމްތައް ދެނެގަތުމުގައި އޮތް ނަޤްލުގެ ދޮރު ބަންދުވެފައިވާތީ، މައްސަލަތަކުގެ ޙުކުމްތައް ދެނެގަތުމުގެ ނިޒާމެއް ތަރައްގީވެގެން އަންނަންޖެހެއެވެ. މީގެ އިތުރުން، އިސްލާމީ ދައުލަތް ފުޅާވެ، ތަފާތު ޘަޤާފަތްތަކާއި، ޖޯގްރަފީ ގޮތުން ދުރު ހިސާބުތަކުގެ މީސްމީހުން އިސްލާމް ދީނަށް ވަންނަމުން ދިޔުމުގެ ނަތީޖާއަކީ، އިސްލާމް ދީނުގެ ޢާލަމިއްޔަތުމަކާއި (ޔުނިވާރސަލިޓީ)، މުރޫނަތްތެރިކަމާއި (އެޑަޕްޓެބިލިޓީ)، އަބަދިއްޔަތު (އެޓާރނިޓީ)ގެ ސިފަ ދެމެހެއްޓުމަށްޓަކައި ޙުކުމްތަައް ދެނެގަތުމަށް މިހާރުގެ އިސްލާމީ ފިޤުހުގެ އެޕިސްޓިމޯލޮޖީގެ ދެވަނަ އުންސުރު ކަމުގައިވާ ‘އިންސާނީ ވިސްނުން’ ވެސް ޙުކުމްތައް އިސްތިންބާޠުކުރުމުގައި ބޭނުންހިފަންޖެހުމެވެ. ސުންނީ އެންމެ މަޝްހޫރު ހަތަރު މަޒުހަބުގެ ފިޤުހު ބިނާވެފައި އޮތީ ޙުކުމްތައް ދެނެގަތުމުގައި ‘ނަޤްލު’ އާއި އިންސާނީ ވިސްނުމުގެ ދައުރު އޮންނަ މިންވަރުގެ މައްޗަށެވެ. އަދި މި ދައުރުތައް އެކި މަޒުހަބުގައި، އެކި ދުވަސްވަރު، އެކި މިންވަރަށް ބަދަލުއައިސްފައިވެއެވެ.

އިސްލާމީ ފަލްސަފާވެރިން ކަމުގައިވާ ‘އިބްނު ސީނާ’ އާއި ‘އަލްފަރާބީ’ގެ ފަލްސަފީ މަޤާމަކީ އިންސާނީ ވިސްނުމަކީ ކަންކަމުގެ ހަގީގަތް ދެނެގަތުމަށް އިތުބާރުކުރެވެންޖެހޭ މަސްދަރެއް ގޮތުގައި ގަބޫލުކުރުމެވެ. އަލްފަރާބީ ކަނޑައަޅުއްވާފައިވާ ގޮތުގައި، އިންސާނީ ވިސްނުމުގެ އެންމެ މަތީ ގިންތިއަކީ، ޙުކުމެއް ކަނޑައެޅިފައިވާ ކަމަކުން، ޙުކުމެއް ކަނޑައެޅިފައިނުވާކަމަކަށް ޙުކުމެއް ކަނޑައެޅުމެވެ. މިއީ އަލްފަރާބީގެ ‘ބަހުން’ ނަމަ “އަލް ބުރުހާން” (ރެޝަނަލް ޑެމޮންސްޓްރޭޝަން) އެވެ (މޮރިސޭ، 2021). މިކަމުގެ މިސާލަކީ ޤިޔާސްކުރުމެވެ. މިއީ ފަލްސަފާގެ ވިސްނުމުގެ ތެރޭގައި ހިމެނޭ ‘ޑިޑަކްޓިވް ރީޒަނިންގ’ އެވެ. ‘ޑިޑަކްޓިވް ރީޒަނިންގ’ އިން ކަންކަމުގެ ހަގީގަތް ވަރަށް ދަގީގުކޮށް ދެނެގަނެވެއެވެ. އެހެންކަމުން ޤިޔާސްގެ އަލީގައި ޝަރުޢީ ހުކުމްތައް ދެނެގަނެވެއެވެ. ނަމަވެސް މިކަމުގައި ބޭނުންކުރަންޖެހެނީ އިންސާނީ ވިސްނުމެވެ. ސަބަބކީ ޙުކުމެއް ކަނޑައަޅާން އޮތް މައްސަލައާ ގުޅިގެން ނަޤްލުގެ ވާސިތާ އިން އެއްވެސް ޙުކުމެއް އައިސްފައިނުވާތީއެވެ.

ފިޤުހުގެ ތާރީހުގައި ޢަޤްލު އާއި ނަޤްލުގެ މަންހަޖު އިހްތިޔާރުކުރުމާއި، ރައްދު ދިނުމުގައި މަޒުހަބުތަކުގެ މެދުގައި ވާދަވެރިކަމެއް އުފެދިފައިވެއެވެ. ހިޖުރައިން ދެވަނަ ޤަރުނު ފެށުނު މި ވާދަވެރިކަން، ތިންވަނަ ޤަރުނު މެދަކަށް އައި އިރު ޝަރުޢީ ޙުކުމްތައް ދެނެގަތުމުގައި އެންމެ މަޝްހޫރުވެފައިވަނީ ނުވަތަ އެންމެ ކާމިޔާބު ޖަމާޢަތަކީ ނަޤްލުގެ އަހުލުންނެވެ. މިކަމުގެ ހެއްކެއް ގޮތުގައި، ޙަދީޘް ޖަމާކުރެވިފައިވާ ހަ ފޮތް ފުދެއެވެ. ‘އަހްލުލް ޙަދީޘް’ ނުވަތަ ޙަދީޘްގެ އަހުލުންގެ މި ކާމިޔާބީއާއެކުވެސް، މީލާދީން 10 ވަނަ ޤަރުނަށް އެޅިއިރު، ވަކި ޖަމާޢަތަކަށް ނިސްބަތްވަނީ ނިސްބަތުން މަދު ފިޤުހުވެރިންނެވެ. އެހެނީ ގިނަ ފިޤުހުވެރިން ވަނީ މި ދެ ޖަމާޢަތުގެ ގޮތްތަށް މަސްހުނިކޮށް، ފިޤުހުގައި ބޭނުންކުރަންފަށާފައެވެ.

އިސްލާމީ ތާރީހުގައި ހިނގައިދިޔަ ދީނީ އެންމެ ބޮޑު އެއް ހަމަނުޖެހުން ކަމުގައިވާ “އަލް މިޙްނާ” (ކީރިތި ޤުރުއާނަކީ މަޚްލޫޤެއްތޯ ނުވަތަ ނޫންތޯ ކުރެވުނު ބަހުސް އަދި އެކަމުގެ ތެރޭގައި ވެރިކަމުގެ ފަރާތުން ހިންގާފައިވާ އަނިޔާވެރި ޢަމަލުތައް) ގައިވެސް ހަގީގަތުގައި އޮތް ބަހުސަކީ ޢަޤްލު އާއި ނަޤްލުއާ ދެމެދު އޮތް ބަހުސެކެވެ.

އެހެންކަމުން، ޙައްލާޤް (2012 އަދި 2013) ބަޔާންކުރައްވާގޮތުގައި، ސުންނީ ފިޤުހު ތަރައްޤީވެގެންއައީ މި ދެ މަންހަޖުގެ މެދުންނެވެ. މާނައަކީ ސުންނީ ފިޤުހު، އެއްކޮށް އަހްލުލް ޙަދީޘްގެ މަޤާމަށް ނުވަތަ އެއްކޮށް ރޭޝަނަލިސްޓުންގެ މަޤާމަށް ބިނާވެފައި ނުވުމެވެ؛ ދެ ޖަމާޢަތުގެ މެދު މިންގަޑެއްގައި ސުންނީ ފިޤުހު އިސްތިޤުރާރުވެގެންދިޔުމެެވެ.

މަޒުހަބުތައް އުފެދި ތަރައްގީވެގެން އައުން

ޙަނަފީ މަޒުހަބަކީ ސުންނީ މަޝްހޫރު ހަތަރު މަޒުހަބުތަކުގެ ތެރެއިން އެންމެ ފުރަތަމަ އުފެދުނު މަޒުހަބެވެ. މި މަޒުހަބު އުފެދި ތަރައްޤީވެގެން އައީ ޢައްބާސީ ޚިލާފަތުގެ ދުވަސްވަރު، ޢިރާޤުގެ ކޫފާގައެވެ. ޙަނަފީ މަޒުހަބު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ އިންސާނުންގެ ވިސްނުމުން ޝަރުޢީ ދަލީލުތައް ނެރުމުގެ މައްޗަށެވެ. އެގޮތުން، އެ މަޒުހަބުގައި ޝަރުޢީ މަސްދަރުތަކަކީ ކީރިތި ޤުރުއާނާއި ރަސޫލާ ﷺ ގެ ސުންނަތާއި، ޤިޔާސް އާއި އިސްތިޙްސާން އެވެ. މިއިން، ޤިޔާސް އާއި އިސްތިޙްސާން އަކީ އިންސާނީ ވިސްނުމުގެ މައްޗަށް ބިނާވެ ޙުކުމްތައް ދެނެގަންނަ މަސްދަރުތަކެވެ. ހަނަފީ މަޒުހަބުގައި ޢަޤްލަށް އޮތް އަހަމިއްޔަތުކަން ހާމަވެގެންދަނީ ޖޯގްރަފީގޮތުން ނަބަވީ ބިމާއި ކޫފާއާ ދުރުވުންކަމުގައިވެދާނެއެވެ. އަދި އެކަމުގެ ސަބަބުން ކޫފާގެ މީހުންގެ ދިރިއުޅުމުގެ ގޮތްތައް ތަފާތުވުމާއި، ހިޖާޒް ގައި އޮތްފަދަ ނަބަވީ އާދަކާދަތައް ކޫފާގައި ނެތުމެވެ.

މާލިކީ މަޒުހަބު އުފެދިގެން އައީ މަދީނާގައެވެ. އެހެންކަމުން މާލިކީ މަޒުހަބު ބިނާވެފައިވަނީ މައިގަނޑުގޮތެއްގައި މަދީނާގެ އަހުލުވެރިން ކަންކަން ކުރަމުން އައި ގޮތާއި (ޢަމަލް އަހްލުލްމަދީނަ)، ޞަޙާބީންގެ ބަސްފުޅުތަކާއި، ޢުރުފުގެ މައްޗަށެވެ. މިހިސާބުން، މާލިކީ މަޒުހަބުގައި އާދަކާދަތަކަށް ދެވިފައިވާ އަހަމިއްޔަތުކަން ހާމަވެއެވެ. އެހެނީ، މާލިކީ މަޒުހަބު އުފެދި ތަރައްގީވެފައިވަނީ ‘ނަބަވީ ދަރުބާރު’ (މަދީނާ) ކަމުގައިވާތީ، ރަސޫލާ ﷺ ގެ ޢަމަލުފުޅުތަކަމާއި، ޞަޙާބީންގެ ޢަމަލުފުޅުތައް ޢުރުފުގެ ގޮތުގައި އިސްތިޤުރާރުވެގެން ދިޔައެވެ. އެހެންކަމުން، ޝަރުޢީ ދަލީލުތައް ނެރުމުގައި ޢުރުފަށް ބިނާކުރުމަކީ މާލިކީ މަޒުހަބުގެ ތަބީޢީ މަންހަޖެވެ. އިންސާނީ ވިސްނުމުގެ ބޭނުން އެންމެ އަސާސީ ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވާ މަސްދަރުކަމުގައިވާ ޤިޔާސް ހިމެނެނީ 6 ވަނަ މަސްދަރުގެ ގޮތުގައެވެ.

ހަންބަލީ މަޒުހަބު އުފެދި ތަރައްގީވެފައިވަނީ ޢިރާޤުގެ ބަޣްދާދުގައެވެ. ހަންބަލީ މަޒުހަބު އުފެދިގެންއައި ދުވަސްވަރު، އިންސާނީ ވިސްނުމަށް އަހަމިއްޔަތުކަމެއް ދެވިފައިނުވެއެވެ. ނަމަވެސް، ކުރިން ބަޔާންކުރި ފަދައިން، ނަޤްލު އާއި ޢަޤްލުގެ ވާދަވެރިކަމުގެ ތެރެއިން، ޢަޤްލުގެ މައްޗަށް ބިނާވެފައިވާ ‘ޤިޔާސް’ އާއި ‘އިސްތިޙްސާން’ މަސްދަރުތަކުގެ ގޮތުގައި ފަހުން ގަބޫލުކޮށްފައިވެއެވެ. އެހެންކަމުން ޙަނަފީ މަޒުހަބާ އެއްގޮތަށް މި މަޒުހަބުގައިވެސް، އިންސާނީ ވިސްނުމަށް ފަހުގެ ތާރީހުގައި ބޮޑު އަހައްމިއްޔަތުކަމެއް ދެވިފައިވެއެވެ. ‘ޤިޔާސް’ އާއި ‘އިސްތިޙްސާން’ ފަދަ މަސްދަރުތަކަކީ މުޅިންވެސް އިންސާނީ ވިސްނުމުގެ މައްޗަށް ބިނާވެ ޙުކުމްތައް ދެނެގަތުމުގެ މަސްދަރުތަކެވެ.

ޝާފިޢީ މަޒުހަބު ބިނާވެފައިވަނީ ޢަޤްލާއި ނަޤްލުގެ މެދު މަންހަޖެއްގެ މައްޗަށެވެ؛ އެގޮތުން ވަރަށް ބޮޑަށް ޢަޤްލުގެ މައްޗަށް ބިނާވެފައިވާ މަސްދަރެއް ކަމުގައިވާ ‘އިސްތިޞްޙާބު’ ޝާފިޢީ މަޒުހަބުގައި ބަލައިގެންފައިނުވެއެވެ. ޝާފިޢި މަޒުހަބުގައި، ޝަރުޢީ މަސްދަތުތަކަކީ ކީރިތި ޤުރުއާނާއި، ރަސޫލާ ﷺ ގެ ސުންނަތާއި، އިޖުމާޢު އާއި ޤިޔާސްއެވެ. ޝާފިޢީ މަޒުހަބު އެކި ދުވަސްވަރު އެކި މަންހަޖީ ބަދަލުތައް އައިސްފައިވެއެވެ. އެގޮތުން، އަލްޝާފިޢީގެފާނު ބަޣްދާދުގައި ހުންނަވައި، މިޞްރަށް ހިޖުރަކުރެއްވުމަށްފަހު، މިޞްރުގެ ގޮތްތަކަށް ފިޤުހީ ރައުޔުތައް ހޭނުވުމަށްޓަކައި، ކުރީގެ ވަރަށް ގިނަ ފިޤުހީ ރައުޔުތައް ބަދަލުކުރައްވާފައިވެއެވެ.

މިއިން ކޮންމެ މަޒުހަބަކީވެސް ތަރައްގީވުމުގެ ސިލްސިލާ ހަރުފަތްތަކެއް ކަޑައްތުކޮށްފައިވާ މަޒުހަބުތަކެކެވެ. އެއްކަމަކާ ގުޅިގެން ތަފާތު ގޮތްތަކެއް އެކި ދުވަސްވަރު އިހުތިޔާރުކޮށްފައި ހުރުމަކީ އިހުތިމާލު އޮންނަ ކަމެކެވެ. ނަޤްލަށް ބިނާވެފައިވާ މަޒުހަބުތަކުން ފަހުންނަމަވެސް ޤިޔާސް ގަބޫލުކުރުމަކީ މިކަމުގެ މިސާލެކެވެ. މިއިން ކޮންމެ ބަދަލަކާއެކުވެސް، ހަގީގަތުގައި ޙުކުމްތައް ނެރުމުގެ މަންހަޖު ބިނާވެފައި އޮތީ ޢަޤްލު އާއި ނަޤްލުގެ މައްޗަށެވެ.

ބަޔާންވެ ދިޔަ މަޒުހަބުތަކުގެ ތެރެއިން އިސްތިޙްސާން މަސްދަރެއްގެ ގޮތުގައި ގަބޫލުކުރަނީ ޙަނަފީ މަޒުހަބާއި ޙަންބަލީ މަޒުހަބުގައި އެކަންޏެވެ. އެހެނީ ހިޖާޒްއާ ދުރުގައި އުފެދުނު މަޒުހަބުތަކުގައި ޢަޤްލަށް ދެވިފައި އޮންނަ އަހަމިއްޔަތުކަން ބޮޑެވެ. އަދި އޭރުގެ އާދަކާދަތަކަށް ފުރުސަތު ދިނުމުގެ ގޮތުން ‘އިސްތިޞްޙާބް’ މަސްދަރެއްގެ ގޮތުގައި ބޭނުންކޮށްފައިވެއެވެ. މިއާ ޚިލާފަށް ހިޖާޒުގައި ތަރައްގީވެގެން ދިޔަ މަޒުހަބުތައް ކަމުގައިވާ މާލިކީ މަޒުހަބާއި ޝާފިޢީ މަޒުހަބުގައި (ޝާފިޢީ މަޒުހަބުގެ އިމާމް ކަމުގައިވާ މުޙައްމަދު އިބްނި އިދްރީސް އަލްޝާފިޢީ އަކީ މާލިކް އިބްނި އަނަސްގެ ދަރުވަރެކެވެ) ޙުކުމްތައް ނެރުމުގައި ޢަޤްލަށް ބުރަވުން ވަރަށް ބޮޑަށް ހުދޫދުކުރެވިފައިވިއެވެ. އަދި ބަޔާންވެ ދިޔަ މަސްދަރުތަކުގެ ތެރެއިން، އެންމެ ބޮޑު ބަހުސެއް ކުރެވިފައިވަނީ ޤިޔާސްކުރުމާމެދުއެވެ. އެހެނީ ޤިޔާސް އަކީ ޝަރުޢީ މަސްދަރެއްގޮތުގައި ބަލައިގަނެފައިނުވާ މަޒުހަބުތައް، ފަހުގެ ތާރީހުގައި އެއީވެސް މަސްދަރެއްގެ ގޮތުގައި ބަލައިގަނެފައިވެއެވެ. މިއީ، ޢަޤްލް އާއި ނަޤްލު ގެ މެދުގައި އޮތް ވާދަވެރިކަން ނިމުމަކަށް އައިސް، ދެ މަންހަޖަށް ނިސްބަތްވާ ޖަމާޢަތްތަކުން ހަރުކަށިގޮތެއްގައި އެ މަންހަޖުތަކުގައި ހިފަހައްޓައިގެން ތިބިތިބުން ނިމުމަކަށް ގެނެސް، ޢަޤްލުގެ މަންހަޖަށް ނިސްބަތްވާ ޖަމާޢަތްތައް ނަޤްލުގެ ގޮތްތަށްވެސް ގަބޫލުކުރުމާއި، ނަޤްލުގެ މަންހަޖަށް ނިސްބަތްވާ ޖަމާޢަތްތައް ޢަޤްލުގެ ގޮތްތަށްވެސް ޤަބޫލުކޮށް މަސްހުނިވެގެން ދިޔުމެވެ. އެގޮތުން، ހިޖުރައިން ތިންވަން ޤަރުނަށް އެޅިއިރު، ‘މުޠުލަޤުގޮތެއްގައި ޢަޤްލުގެ’ މައްޗަށް ބިނާވެ ޙުކުމްތައް ނެރުން ފަނޑުވެގެންދިޔައެވެ .

އެހެންކަމުން އިސްލާމީ ފިޤުހުގެ އެޕިސްޓިމޯލޮޖީ ބިނާވެފައިވަނީ ނަޤްލު އާއި ޢަޤްލުގެ މައްޗަށެވެ. އިސްލާމް ދީނުގެ ޢާލަމިއްޔަތުމަކާއި، މުރޫނަތްތެރިކަމާއި، އަބަދިއްޔަތުގެ ސިފަ ދެމެހެއްޓުމަށްޓަކައި މިދެގޮތުގެ ތެރެއިން ދީނުގެ ޝަރުޢީ ޙުކުމްތައް ދެނެގަންނަންޖެހެއެވެ.