އިލާހީ މަސްދަރާއި ޤާނޫނުގެ ސިޔާދަތު

ޤާނޫނުގެ ސިޔާދަތު މަފްހޫމެއްގެ ގޮތުގައި އުފަންވެ، ހިނގަމުން އައިސްފައިވަނީ ސިޔާސީ މަސްރަހުގައެވެ. އެއީ ވިލާތުގެ ގައުމުތަކުގައި ދުސްތޫރިއްޔަތު އުފަންވެ، ޤާނޫނުގެ މަތީގައި ސިޔާސީ ހިންގުން ޤާއިމުކުރެވެންފެށި ހިސާބުންނެވެ. މި ތަރައްގީ އެ ގައުމުތަކަށް އައިސްފައިވަނީ އެކި މަރުހަލާތަކުގައި، ރަސްކަމަށް އޮތް ފުރިހަމަ ބާރުވެރިކަން ރައްޔިތުންގެ އަތްމައްޗަށް އެނބުރި، ދައުލަތުގެ ހިންގުން ޤާނޫނުގެ މައްޗަށް ބިނާކުރެވުނު ހިސާބުންނެވެ. އެހެންކަމުން، ޤާނޫނުގެ ސިޔާދަތުގެ މާނައަކީ، ދައުލަތުގެ ސިޔާސީ ބާރުވެރިކަން ޤާނޫނުގެ މަތީގައި ހިނގުމެވެ؛ އަދި އެއީ އެއްވެސް މީހަކަށް ފެންނަގޮތަށް، ޖަޒުބާތުގެ މައްޗަށް ބިނާވެފައިވާކަމަށް ނުވުމެވެ.
އިލާހީ މަބްދައުތަކާއި ޤާނޫނުގެ ސިޔާދަތުގެ ގުޅުމަކީ ކޮބާ؟
ސެކިއުލާރ ގައުމުތަކުގައި ނުވަތަ ނިޒާމުތަކުގައި ސިޔާސީ ނިޒާމާއި އެ ނިޒާމުގެ އަސާސީ އުސޫލުތަކުގެ އަސާސީ މަސްދަރަކީ އިންސާނާގެ ބުއްދީގެ ވިސްނުމެވެ. ނަމަވެސް ދުނިޔަވީ ސިޔާސީ ނިޒާމެއް އުފަންކުރުމަށް ހަމައެކަނި އިންސާނާގެ ބުއްދިއަށް ބިނާވުމަކީ ރައްކާތެރިގޮތެއްނޫނެވެ. އިންސާނާގެ ބުއްދީގެ އުނިކަމުގެ މައްޗަށް ފާޑުކިޔުމުގެ ނަޒަރަކުން، އަށާރަވަނަ ޤަރުނުގެ، ޕްރޫޝިއާގެ ފަލްސަފާވެރިޔާ، އިމަނުއެލް ކާންޓް ލިއުއްވާފައިވަނީ އިސްވެ ދެންނެވުނު ސަބަބަށްޓަކައެވެ. އެހެންކަމުން، ސިޔާސީ އުޞޫލުތައް އެންމެ ޔަގީންގޮތެއްގައި ލިިބިގެންދަނީ އިލާހީ މަސްދަރުންނެވެ. މީގެ މާނައަކީ، ބުއްދީގެ ވިސްނުން އެއްކޮށް އެކަހެރިކުރުމެއްނޫނެވެ.
އިސްލާމްދީނުގެ ޙުކުމްތައް ބާވަލެއްވެން ފެށުމާއެކު، ސިޔާސީ މުޖުތަމަޢުއެއް ތަންޒީމުކުރުމުގެ ވަރަށް އަސާސީ އުސޫލުތަކެއް ލިބިގެން ދިޔައެވެ. އިލާހީ މަބްދައުތަކަކީ ހުރިހާ ޒަމާނަކަށް ދެމިގެންދާ އަދި ހުރިހާ ތަނަކާ މުނާސަބު އުސޫލުތަކަށް ވުމުގެ ނަތީޖާއަކީ، މި މަބްދައުތަކަށް ބަދަލެއް ނައިސް، އިންސާނީ ދަރިފަސްކޮޅަށް ހިމާޔަތެއްކަމުގައިވުމެވެ. އެހެންކަމުން، ޤާނޫނުގެ ސިޔާދަތުގެ މައްޗަށް ބިނާވެ ދައުލަތް ހިންގުމުގެ މަބްދައުތަކެއް އިލާހީ އުސޫލުތަކުން ލިބިގެންދެއެވެ. އެގޮތުން، އިލާހީ ޙުކުމްތަކުގެ ބޭނުމަކީ އިންސާނީ ސުލޫކު ވަކި ގޮތެއްގައި ބަނދެލުމުގެ މަބްދައުތަކެއް ފޯރުކޮށްދިނުމެވެ. ނަތީޖާއަކީ އިންސާނީ ސުލޫކު ބައްޓަންޖެހޭ ގޮތް ކަނޑައެޅިގެންދިޔުމެވެ. ….
އިސްލާމްދީނާއެކު، އިންސާނީ ކަރާމާތާއި، އެންމެހާ އިންސާނުންގެ ދުނިޔަވީ ހަމަހަމަކަމާއި ޝޫރާގެ އުސޫލުތައް ކަނޑައެޅިގެން ދިޔައެވެ. މިއީ ޒަމާނާއި ތަނުގެ ގޮތުން ދެމިގެން ދާންޖެހޭ އުސޫލުތަކަކަށް ވާތީ، ކަނޑައެޅިފައިވަނީ ވަރަށް ފުޅާ މާނައެއްގައެވެ. މިއީ އެ ޒަމާނުގެ ދައުލަތުގެ ހިންގުމުގެ ޤާނޫނުގެ ސިޔާދަތެވެ. މިއަދު މުސްލިމުންނަށް އޮތީ މި ތަރިކަ ދަމަހައްޓަަކައި މި އުސޫލުތަކުގެ މައްޗަށް ބިނާވެ ދައުލަތުގެ ބާރުވެރިކަން ހިންގުމުގެ އިޖުރާއާތު ކަނޑައެޅުމެވެ. ޢާއިލާ ގާތުގައި، ހުރުމަތްތެރިކުރެވިގެންވާ ގެއަށް ދައުލަތުގެ ބާރުތަކުން ވަދެގަނެ ވާނުވާއެއް ނޭންގޭގޮތަށް ހައްޔަރުކޮށް ހުރަގެއަށް ލުމަކީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ އިންސާނީ ކަރާމާތާ ޚިލާފުކަމެކެވެ. ދައުލަތް ސިޔާސީގޮތުން ހިންގުމަކީ އަސްކަރީ ބާރުތަކުން، ނުވަތަ އެހެންވެސް ގޮތަކުން މުޖުތަމައުގެ ވަކި ޚާންދާނަކަށް ޚާއްސަވެފައި އޮތުމަކީ އިސްލާމްދީނުގެ ޝޫރާގެ އުސޫލެއްނޫނެވެ. އިސްވެ ބަޔާންކުރެވުނު މަބްދައުތައް ހިމާޔަތްކުރުމުގެ މަގަކީ ޤާނޫނުން އިޖުރާއާތުތައް ކަނޑައަޅައި ޤާނޫނާ އެއްގޮތަށް ހިންގުމެވެ.
އިސްލާމްދީނުގެ މިންގަނޑުން ޤާނޫނުގެ ސިޔާދަތަށް ބަލާއިރު ވާރުތަ މުދަލުގެ މައުޟޫއަކީ މުހިންމު މައުޟޫއެކެވެ. އެހެނީ، ޖާހިލިއްޔަ ޒަމާނުގައި އަންެހެނުންނަކީ ވާރުތައިން ލިބޭ ބައެއްނޫނެވެ. މިކަމުގެ ނަތީޖާއަކީ، އަންހެނުންނަކީ އިޖުތިމާޢީ ގޮތުން ނިކަމެތި ބަޔަކަށްވުމެވެ. މިކަން ހައްލުކޮށް، އިޖުތިމާޢީ ރައްކާތެރިކަން އަންހެނުންނަށް ފޯރުކޮށްދިނުމަށް، ވާރުތައިން ލިބޭ މިންވަރު ކަނޑައެޅި، ކީރިތި ޤުރުއާނުގެ އާޔަތްތައް ބާވައިލެއްވުމެވެ. ނަތީޖާ އަކީ ވާރުތަ މުދަލުގެ މިންވަރު ކީރިތި ޤުރުއާނުގައި ބަޔާންވެފައިވާގޮތަށް ކަނޑައަޅަން ލާޒިމުވެގެން ދިޔުމެވެ. އަދި އެކަމުގެ ސަބަބުން އިޖުތިމާޢީ ރައްކާތެރިކަން ދެމެހެއްޓިގެން ދިޔުމެވެ. … ހުލާސާކޮށް ބަޔާންކުރާނަމަ، އިލާހީ މަބްދައުތަކުގެ މައްޗަށް ބިނާވެ މިޒަމާނުގެ ޤާނޫނީ ސިޔާދަތުގެ މަފްހޫމު ނުލާހިކު ފައްކާކުރެވިދާނެއެވެ. އިލާހީ މަބްދައުތަކަކީ މަގްޞަދު ހާސިލުކުރުމުގެ މަބްދައުތަކެކެވެ. މި މަބްދައުތަކުގެ މައްޗަށް ބިނާވެ ސިޔާސީ މުޖުތަމަޢުއެއް ހިންގުމުގެ އެންމެހާ އިޖުރާއާތުތައް ޤާނޫނުން (ވަޟްޢީ) ކަނޑައެޅިގެންދެއެވެ. … އިލާހީ މަސްދަރުގެ ބަދަލުގައި ހުޅަނގުގެ މަޞްދަރުތަކުން މުސްލިމުންނަށް ޤާނޫނީ ސިޔާދަތު ދަސްވީ ކީއްވެ؟ މުސްލިމުންނަށް ވަރަށް ފުރިހަމަ އިލާހީ އުސޫލުތަކެއް ލިބިފައިވީއިރުވެސް އިސްލާމީ ޙަޟާރާތުގެ ތެރެއިން، ސިޔާސީ މުޖުތަމަޢުއެއް ޢަދުލުވެރިކަމާއި ހަމަޖެހުމާއެކު ހިންގުމުގެ އިޖުރާއާތު ކަނޑައެޅިފައިނުވެއެވެ. މިފަދަ އިޖުރާއާތަކީ ޤާނޫނުތަކަކީ ހަގީގަތުގައި މުސްލިމުން އަމިއްލައަށް، އިލާހީ އުސޫލުތަކުން މާކުރިއްސުރެ ނަގައިގަނެފައިވާ ޤާނޫނާއި އިޖުރާއާތަށް ވާންޖެހުނުނަމަވެސް، އެކަންކަން ވިހިވަނަ ޤަރުނާއި އެކާވީސްވަނަ ޤަރުނުގައި އަލަށް އުފަންވި މުސްލިމު ދައުލަތްތަކަށް ތަޢާރަފްވެގެން ދިޔައީ މައިގަނޑުގޮތެއްގައި ހުޅަނގުގެ ގައުމުތަކުންނެވެެ. ސަބަބެއްކަމުގައި އަޅުގަނޑު ދެކެނީ، މީލާދީން 657 ވަނަ އަހަރުގެ ޞިއްފީނު ހަނގުރާމައަށް ފަހު، އިސްލާމީ ދައުލަތުގެ ވެރިކަމުގެ ޝަރުޢިއްޔަތުގެ (ލިޖިޓްމެސީ) އަސާސްކަމުގައިވާ ޝޫރާގެ އުސޫލު ނެތިގެން ގޮސްފައިވުމެވެ. އެކަމުގެ ސަބަބުން، މުސްލިމުންގެ މައްޗަށް ހުދުމުހުތާރުކަން ވެރިވެ، ކުރިން ބަޔާންކުރެވުނު ފަދައިން، އިލާހީ އުސޫލުތަކުގެ އަލީގައި ޤާނޫނުގެ ސިޔާދަތު ތަރައްގީވެގެން އައުމުގެ މަގު ބަންދުވެގެންދިޔުމެވެ.
މި ހަނގުރާމައަކީ މުސްލިމުންގެ މެދުގައި އޮތް ފިތުނައެއް ގޮތުގައި އެއްބަޔަކު ސިފަކުރިނަމަވެސް، ހަގީގަތުގައި މިއީ ޝޫރާގެ ނިޒާމާއި ހުދުމުހުތާރުކަމާ ދެމެދު ހިނގި ހަނގުރާމައެކެވެ؛ ޝޫރާގެ ނިޒާމާ ޚިލާފަށް، ވަކި ޚާންދާނަކަށް އިސްލާމީ އުންމަތުގެ ޒަޢާމަތު އަނބުރާލުމުގެ ހަނގުރާމައެކެވެ. ސިޔާސީ ހިންގުމުގައި ޤާނޫނުގެ ސިޔާދަތު ނެގެހެއްޓުމަށް އިސްލާމީ މަބްދައުތަކުގެ މުހިންމުކަން ބޮޑެވެ. އެހެނީ، އެމެރިކާގެ ސިޔާސީ ޢިލްމުވެރިޔާ، ފްރާންސިސް ފުކުޔަމާ ލިއުއްވާފަދައިން، ޤަނޫނީ ސިޔާދަތުގެ މަފްހޫމުގެ ބިންގާ އެންމެ ފުރަތަމަ އެޅިގެންދިޔައީ ދީނީ ޙުކުމްތަކުންނެވެ. އިންސާނީ މުޖުތަމަޢު ދުޅަހެޔޮކަމުގައި ދެމެހެއްޓުމަށް ބޭނުންވާނެ މަބްދައުތައް އުފަންކުރުމަށް އިންސާނާގެ ބުއްދި ފެއިލްވާ ކޮންމެ ފަހަރަކު އެކަން ފޫބައްދައިދެނީ އިލާހީ މަސްދަރުންނެވެ. …
ހިޔާލުތައް
ހިޔާލުތައް ލޯޑު ކުރަނީ…
ހިޔާލެއް ހުށަހަޅުއްވާ