multi poverty index maldives

އާންމުކޮށް ފަގީރުކަމޭ ބުނުމުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓެނީ މީހަކަށް ނުވަތަ އާއިލާއަކަށް ލިބޭ އާމްދަނީއަށެވެ. ނަމަވެސް އިންސާނާގެ ދިރިއުޅުމުގެ ހަގީގީ ހާލަތަކީ ހަމައެކަނި ޖީބަށް ވަންނަ ފައިސާގެ މިންވަރަކުން ވަޒަންކުރެވޭނެ ކަމެއް ނޫނެވެ. މަލްޓިޑައިމެންޝަނަލް ޕަވަޓީ އިންޑެކްސް (MPI) ނުވަތަ “އެކި ދާއިރާތަކުން ފަގީރުކަން ބަލާ މިންގަނޑު” އިން ހާމަވަނީ މި މުހިންމު ހަގީގަތެވެ. ދިވެހިރާއްޖޭގައި ފަގީރުކަން ވަޒަންކުރުމުގައި އަސާސީ ޚިދުމަތްތަކުން މަހުރޫމްވެފައިވާ މިންވަރު ބެލުމަކީ މުޅި މުޖުތަމައުގެ ހަގީގީ ތަސްވީރު ދެނެގަތުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އާދައިގެ މަތީން ފަގީރުކަން ބަލާ މިންގަނޑު ކަމުގައިވާ، އާމްދަނީ ލިބޭ މިންވަރުގެ މައްޗަށް ބިނާވެ އެކަށީގެންވާ ގޮތެއްގައި މީހުންގެ ފަގީރުކަމުގެ މިންގަނޑު ވަޒަނެއްނުކުރެވެއެވެ. ސަބަބަކީ އެކި މީހުންގެ ބޭނުންތައް ތަފާތުވުމާއި، ދިރިއުޅުމުގެ ވައްޓަފާޅިތަފާތުވުމެވެ.

ދިވެހިރާއްޖޭގެ ބޮލަކަށް ޖެހޭ މިންވަރުގެ ސަބަބުން މި މުހިންމު ހަގީގަތް ޒަމާންތަކެއް ވަންދެން އޮތީ ފޮރުވިފައެވެ. ކޮންމެ ދިވެއްސަކުވެސް ފަހުރުވެރިކަމާ އެކު ދައްކާ އިގުތިސާދީ އެއް މިންގަނޑަކީ ދެކުނު އޭޝިއާގައި ބޮލަކަށް ޖެހޭ ވަރު އެންމެ ބޮޑު ގައުމުގެ ގޮތުގައި ރާއްޖެ އޮތުމެވެ. ނަމަވެސް މިފަދަ އިގުތިސާދީ މިންގަނޑުތަކުން ގިނަ ފަހަރު ދިރިއުޅުމުގެ ހަގީގީ ފެންވަރު ވަޒަނެއްނުކުރެވެއެވެ. އެކި ދާއިރާތަކުން ފަގީރުކަން ބަލާ މިންގަނޑުން ރާއްޖޭގެ ފަގީރުކަން ވަޒަންކުރުމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ރިޕޯޓެއް ތައްޔާރުކުރިއެވެ. މި ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި އާމްދަނީގެ ގޮތުން ފަގީރު ނޫން ކަމަށް ބެލެވޭ ގިނަ އާއިލާތަކެއް އަސާސީ އެތައް ކަމަކުން ވަނީ މަހުރޫމްވެފައެވެ. ދުވާލަކަށް ބޮލަކަށް 74 ރުފިޔާ ނުލިބޭ އާބާދީ ހުރީ އެންމެ %8 ގައެވެ. ނަމަވެސް އެކި ދާއިރާތަކުން ފަގީރުކަން ބަލާ މިންގަނޑުން ބަލާއިރު، ރާއްޖޭގެ އާބާދީގެ %28 މީހުންނަކީ މަލްޓިޑައިމެންޝަނަލް ގޮތުން ފަގީރުންނެވެ. މިއީ ގާތްގަނޑަކަށް އާބާދީގެ ތިންބައިކުޅަ އެއްބައެވެ.

ރާއްޖޭގެ ފަގީރުކަމުގެ މައިގަނޑު ބުރަ އުފުލަންޖެހިފައިވަނީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލޭގައި ފަގީރުކަން %10 ގައި ހުރިއިރު، އަތޮޅުތަކުގައި މި ނިސްބަތް ހުރީ %40 ގައެވެ. މުޅި ރާއްޖޭގެ ފަގީރުންގެ އާބާދީއަށް ބަލާއިރު %87 މީހުންނަކީ އަތޮޅުތަކަށް ނިސްބަތްވާ މީހުންނެވެ. މީގެއިތުރުން އެންމެ ކަންބޮޑުވާންޖެހޭ އަނެއް ކަމަކީ ކުޑަކުދިންގެ ހާލަތެވެ. އުމުރުފުރާތަކަށް ބަލާއިރު ރާއްޖޭގެ ކޮންމެ 3 ކުދިންގެ ތެރެއިން 1 ކުއްޖަކީ (%34) ފަގީރުކަން ތަހައްމަލްކުރަންޖެހިފައިވާ ކުއްޖެކެވެ. މިއީ ޒުވާނުންނާއި ދޮށީ އުމުރުގެ މީހުންނާ އަޅާބަލާއިރު މާ މަތީ ނިސްބަތެކެވެ. ކުޑައިރު ދިމާވާ މިފަދަ މަހުރޫމްވުންތަކުގެ ސަބަބުން ކުދިންގެ ކުރިމަގަށާއި ތަރައްގީއަށް ދިގުމުއްދަތުގެ ނޭދެވޭ އަސަރުތައް ފޯރާނެއެވެ.

މަހުރޫމްވާ މައިގަނޑު ދާއިރާތައް

އެކި ދާއިރާތަކުން ފަގީރުކަން ބަލާ މިންގަނޑު ބިނާވެފައިވާ މައިގަނޑު 3 ދާއިރާ ކަމުގައިވާ ސިއްހަތު، ތައުލީމާއި މައުލޫމާތު އަދި ދިރިއުޅުމުގެ ފެންވަރަށް ބަލާއިރު، މީހުން އެންމެ ބޮޑަށް މަހުރޫމްވަނީ ތައުލީމުގައި ސްކޫލުގައި ހޭދަކުރި އަހަރުތަކުގެ ނިސްބަތުންނެވެ (%19). ދެން އެންމެ ބޮޑު ހިއްސާއެއް ކުރަނީ އެކަށީގެންވާ ނަރުދަމާގެ ނިޒާމެއް ނެތުމާއި (%17)، އަސާސީ ސިއްހީ ޚިދުމަތް ލިބުމުގައި ހުރި ދަތިތަކާއި ސާފު ބޯފެން ނުލިބުމެވެ (%16). ވެރިރަށް މާލޭގައި ގެދޮރުގެ ދަތިކަމާއި ބައިބޯމިން މައިގަނޑު މައްސަލައަކަށް ވާއިރު، އަތޮޅުތަކުގައި ކުރިމަތިވަނީ އަސާސީ ޚިދުމަތްތައް ފުރިހަމައަށް ގާއިމްވެފައި ނެތުމުގެ ގޮންޖެހުމެވެ. މީގެއިތުރުން 2009 އިން ފެށިގެން އައި ކުރިއެރުންތަކަށް ބަލާއިރު، ތައުލީމާއި ދިރިއުޅުމުގެ ފެންވަރުގެ އިންޑިކޭޓަރުތަކުން ބޮޑެތި ކުރިއެރުންތަކެއް ފެނުނު ނަމަވެސް، ސިއްހީ ޚިދުމަތްތަކާއި ނިއުޓްރިޝަންގެ ދާއިރާއިން ފެނިފައިވަނީ ނިސްބަތުން ވަރަށް ކުޑަ ކުރިއެރުމެކެވެ. މި ފަގީރުކަމުގެ ހާލަތު އޮތް ގޮތުން ސާބިތުވާ ކަމަކީ ދިވެހިރާއްޖޭގެ ބޮލަކަށް ޖެހޭ މިންވަރު ތަންފީޒުކުރުމަށް ސަރުކާރުތައް ފޭލިވެފައިވާ ކަމެވެ. އެ އަދަދުތައް ރައްޔިތުންގެ މަންފާ އަށް ތަންފީޒުކުރުމަށް ފޭލިވެފައިވުމެވެ. ރާއްޖޭގެ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމުގައި ހަމައެކަނި އާމްދަނީ ހޯދުމުގެ މަގުތައް ތަނަވަސްކުރުމާއި، ސަރުކާރުން ފޯރުކޮށްދޭ މާލީ އެހީތެރިކަމަށް ބަރޯސާވުމަކުން ނުފުދެއެވެ. ފަގީރުކަން ނައްތާލުމަށްޓަކައި ދައުލަތުގެ ބަޖެޓު ކަނޑައެޅުމުގައާއި ސިޔާސަތުތައް ތަންފީޒުކުރުމުގައި ރަށްރަށުގެ ނަރުދަމާއާއި ސާފު ބޯފެނާއި، އަސާސީ ސިއްހީ ޚިދުމަތްތައް ފުޅާކުރުމަށް އިސްކަންދޭންޖެހެއެވެ. ވަކިން ހާއްސަކޮށް، އަތޮޅުތަކުގެ ރައްޔިތުންނަށާއި ކުޑަކުދިންނަށް އަމާޒުކޮށް އިޖުތިމާއީ އަދި ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ރާއްޖޭގެ ހަގީގީ ފަގީރުކަން ނައްތާލުމަށް އޮތް އެންމެ ކަށަވަރު މަގެވެ. މިހާރު ސަރުކާރުގެ ސިޔާސަތުތައް އޮންނަ ގޮތަކީ ރަށްތަށުގައި، އެ ސަރުކާރަކަށް ފެންނަ ގޮތަކަށް މަޝްރޫޢުތައް ހިންގުމެވެ. ނަމަވެސް، މި ފަގީރުކަމުން އަރައިގަތުމަށް، ގައުމީ އިސްތިރާތިޖީ ސިފައެއްގައި މަޝްރޫޢުތައް ހިންގަންޖެހެއެވެ. މިކަމަކީ ވަކިވަކި ސަރުކާރުތަކަށް ވަކިވަކީން ކުރެވޭނެ ކަމެއްނޫނެވެ.

މަސްދަރު: ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް: ދިވެހިރާއްޖޭގެ މަލްޓިޑައިމެންޝަނަލް ޕަވަޓީ އިންޑެކްސް