އޭއައި ބޭނުންކޮށްގެ އުފައްދާފައިވާ ފޮޓޯ އެއް

ﷲ ތަޢާލާ އިންސާނުންނާ އެއްގޮތްވެވޮޑިގެންނުވާ ކަމަށް ކީރިތި ޤުރުއާނުގައި ބަޔާންވެފައިވާއިރު، ހަމަ ޤުރުއާނުގައި އިންސާނުންގެ ސިފަފުޅުތައް ﷲ ތަޢާލާއަށް ނިސްބަތްކުރެވިފައިވަނީ ކީއްވެހެއްޔެވެ؟ އިލްމުވެރިން، ﷲ ތަޢާލާގެ ސިފަފުޅުތަކަށް އިންކާރުކުރައްވާހެއްޔެވެ؟ މި ބަހުސްގައި އިލްމުވެރިންގެ ބަހުސްތަކުގެ މަންހަޖުތަކަކީ ކޮބައިހެއްޔެވެ؟ މި ސުވާލުތަކަށް ޖަވާބު ދިނުމުގެ ކުރިން، މި ސުވާލުތަކާ ގުޅުންހުރި، ބަހުސްކުރަންޖެހޭ ބައެއް ސުވާލުތައް އެބަހުއްޓެވެ. އިންސާނާއަށް ދެނެގަނެވިދާނެ ކަންކަމާއި ދެނެނުގަނެވޭނެ ކަންކަމަކީ ކޮބައިހެއްޔެވެ؟ ކަމެއް ޢިލްމުގެ ގޮތުގައި ދެނެގަތުމުގެ މަޞްދަރުތަކަކީ ކޮބައިހެއްޔެވެ؟ ކަމެއް ދެނެގަނެވޭނެ މަންހަޖުތަކަކީ ނުވަތަ ގޮތްތަކަކީ ކޮބައިހެއްޔެވެ؟ މިހުރިހާ ކަމަކީ ފަލްސަފާގެ ‘އެޕިސްޓިމޮލޮޖީ’ އެވެ.

މި ސުވާލުތައް އެންމެ އާންމު ގޮތެއްގައި ފެންމަތިވެގެންދަނީ ޣައިބުގެ ކަންކަމާމެދު ކުރެވޭ ބަހުސްތަކުގައެވެ. ދީނީ ނަޒަރުން ބަލާއިރު، ޣައިބުގެ ކަންކަމަކީ މާއްދީ ޢާލަމުގެ “މަކާނާއި” (ސްޕޭސް) “ޒަމާނުން” (ޓައިމް) ބޭރުގައިވާ ކަންކަމެވެ. އަޅުގަނޑުމެންގެ ޢާލަމުގެ އެންމެ އަސާސީ ރުކުންތަކަކީ މަކާނާއި ޒަމާނެވެ. ޢާލަމުގެ އުފެދުމަކީ ބާރު ގޮވުމެއްގެ ސަބަބުން އުފެދުނު މަކާނާއި ވަގުތެވެ. މަކާނު މާނަކޮށްދެނީ، ޢާލަމުގައިވާ ހުސްކަން ހިމަނައިގެން، ގޮތުން ޢާލަމުގައިވާ ހުރިހާ ކަމެކެވެ. ވަގުތަކީ ކަންކަން ތަރުތީބުވަމުންދާ ދިޔުމެވެ. މީގެ ނަތީޖާ އަކީ މާޒީއާއި މުސްތަޤުބަލު ހިނގަހިނގައި އޮތުމެވެ.

ދަގީގު ގޮތެއްގައި ޝަރަޙަކުރުމުގެ ކުޅަދާނަކަން އިންސާނުންނަށް ލިބިފައިވަނީ މަކާނާއި ޒަމާނުގެ ދާއިރާގެ ހަގީގަތްތަކެވެ. ނަމަވެސް، ޔަގީން ގޮތެއްގައި ޣައިބުގެ ކަންކަން އިލާހީ މަޞްދަރުތަކުން މެނުވީ ދެނެގަތުމަކީ މުސްތަޙީލު ކަމެކެވެ؛ އަދި ދެނެގަނެވެނީވެސް ވަކި މިންވަރަކަށެވެ. މިކަންކަމަކީ ތަޞައްވުރުކުރުމަށް އިންސާނާގެ ސިކުނޑި ނުކުޅެދިގެންވާ ކަންކަމެވެ.

ޣައިބާއި “މެޓަފިޒިކްސް”

ޣައިބާއި މެޓަފިޒިކްސް އަކީ ވަރަށް އެއްގޮތް ދެ މަފްހޫމެކެވެ. ދެ މަފްހޫމު ބިނާވެފައިވަނީ އިންސާނާގެ ވިސްނުމުން ކަމެއް ދެނެގަތުމަށެވެ. ނަމަވެސް ތަފާތަކީ، ދެނެގަނެވޭ ކަމަކާ ހަގީގަތާ ހުރި ގުޅުމެވެ. ޣައިބަކީ، އިންސާނާގެ ހިއްސުތަކަށް ވަންހަނާވެގެންވާ ކަންކަމެވެ. މިކަންކަން އިންސާނާއަށް ދެނެނުގަނެވުނަސް، އެކަންކަންކަމުގެ ޒާތުގައި އެކަންކަމަކީ ހަގީގަތެކެވެ. “މެޓަފިޒިކްސް” އަކީ އިންސާނާގެ ވިސްނުމުގެ އުފެއްދުމެކެވެ. އިންސާނާ އެކަންކަމަށް އިޢުތިރާފުނުވާނަމަ، އެކަންކަން ވުޖޫދުގައި ނުވެއެވެ. އަދި، ވިސްނުނުނަމަވެސް، ވުޖޫދުގައިވުން ލާޒިމުނުވެއެވެ. ޖުމުލަކޮށް ބަޔާންކުރާނަމަ، “މެޓަފިޒިކްސް"ގެ “ހަގީގަތްތަކަކީ” އޭގެ ޒާތުގައި ހަގީގަތަކަށްވުން ލާޒިމުކަމެއްނޫނެވެ. މީގެ މިސާލަކީ ޤާނޫނުގެ ފަލްސަފާގެ މިޒަމާނުގެ “ޠަބިޢީ ޤާނޫނު"ގެ މަފްހޫމެވެ. އަދިހަމައެހެންމެ، މިފަދަ ކަންކަމަކީ ޒަމާނުން ބަދަލުވުމުގެ ފުރުސަތު އޮންނަ ކަންކަމެވެ. ސަބަބަކީ އެކަންކަމަކީ ހަގީގަތަކަށްވުން ލާޒިމުނުވުމެވެ. ޠަބިޢީ ޤާނޫނުގެ މަފްހޫމު ވުޖޫދުވީ އިންސާނާގެ ވިސްނުމަށް އެކަންކަން ނަގައިގަތީމައެވެ. “މެޓަފިޒިކްސް"ގެ ހަގީގަތްތައް، ހަގީގަތަކަށް ވަނީ އިންސާނާގެ ވިސްނުމުގައި އޮންނަ މިންވަރަކަށެވެ.

ޣައިބުގެ މިސާލަކީ ކީރިތި ﷲ ، މަލާއިތަކުން، ސުވަރުގެ އާއި ނަރަކަ، އަދި ބަރުޒަޚުގެ ޢާލަމެވެ. މިއީ ކީރިތި ޤުރުއާނުގެ އަލީގައި އިންސާނުންނަށް ދެނެގަނެވޭ މަޢުލޫމާތެވެ. މިސާލަކަށް، ﷲ ގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ކީރިތި ޤުރުއާނުގައިވެއެވެ. އަދި ހަމައެހެންމެ، މަލާއިކަތުންނާ ގުޅުންހުރި އެކި ހާދިސާތައް ޤުރުއާނުގައި ނަންގަނެވިގެންވެއެވެ. މިކަންކަމަކީ އިންސާނާގެ ސީދާ ޚާލިޞް ހިއްސުތަކަށް އެކަންކަމުގެ ހަގީގަތާ އެއްގޮތަށް ދެނެނުގަނެވޭ ކަންކަމެވެ.


ޣައިބުގެ ކަންކަމަކީ ޢަޤީދާގެ މައްސަލަތަކެވެ. ޢަޤީދާގެ މައްސަލަތަކީ، އެކަންކަމާ މެދު ކޮންމެ ކޮންމެ މުސްލިމަކަށް ފުންކޮށް ވިސްނައި، އެކަންކަމަށް ސީދާގޮތެއްގައި ބަހުސްކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާ ކަންކަމެވެ. އެހެންކަމުން، ޢަޤީދާގެ ކަންކަމަށް އީމާންވުމުގެ އާންމު މަންހަޖަކީ، އިސްލާމްކަމާ އީމާންކަމަށް ދީނުގެ ކަންކަން ބަހާލައި، އީމާންކަމުގެ ރުކުންތަކާއި ޝަރުޠުތައް ކަނޑައަޅައި އެކަންކަމަށް އީމާންވުމެވެ. މިހެން މިކަން އޮތުމުން، ކޮންމެ މުސްލިމަކީ ޢަޤީދާގެ ޢިލްމު (ތިއޮލޮޖީ/ޢިލްމުލްލާހޫތު) ފުރިހަމައަށް ލިބިގެންވާ ޢިލްމުވެރިއަކަށް ވުމުގެ ބަދަލުގައި، ކޮންމެ މުސްލިމަކުވެސް ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ އީމާންކަމުގެ ރުކުންތަކާއި ޝަރުޠުތަކަށް އީމާންވުމުން ފުދެއެވެ.

ޢިލްމުވެރިން ކަންކަން ދެނެގަތުމަށް ގެންގުޅެފައިވާ މަންހަޖަކީ ޢަޤްލު (ބުއްދީގެ ވިސްނުމުގެ ތެރެއިން ކަންކަން ދެނެގަތުން) އާއި ނަޤްލުގެ (ޤުރުއާނާއި ސުންތަތުގެ އަލީގައި ކަންކަން ދެނެގަތުން) މަންހަޖުތަކެކެވެ. ޚާލިޞް ޢަޤުލުގެ މައްޗަށް ބިނާވާނީ ފަލްސަފާއެވެ. ޚާލިޞް ޢަޤުލުގެ މައްޗަށް ބިނާވާ އިސްލާމީ ޢަޤީދާގެ ޢިލްމަކީ “ކަލާމް” (ސްޕެކިއުލޭޓިވް ފިލޯސަފީ – ހިއްސުތަކުން ކަންކަން ތަހުރިބާކުރުމުގެ ބަދަލުގައި ޚާލިޞް ބުއްދީގެ އަލީގައި ޣައިބު ދެނެގަތުން) އެވެ.

އެގޮތުން، ﷲ ތަޢާލާގެ ސިފަފުޅުތައް ދެނެގަތުމުގެ މައްސަލައަކީ ޢަޤްލާއި ނަޤްލުގެ މަންހަޖުގެ ދެމެދުގައި އޮތް އަރާރުމެކެވެ. އިސްލާމީ ތާރީހުގައި، އަބޫ ޔޫސުފް ޔަޢޫޤޫބު ބިން އިސްޙާޤު އަލް ކިންދީ (801-873މ)، އަބޫ ނަޞްރު މުޙައްމަދު އަލް ފާރާބީ (870-950މ)، އަބޫ ޢަލީ އަލް ޙުސައިން ބިން ސީނާ (980-1037މ) އާއި އަބޫ ޙާމިދު އަލް ޣަޒާލީ (1058-1111މ) ފަދަ ޢިލްމުވެރިން، ޢަޤީދާގެ ޢިލްމު ގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. މިފަދަ ޢަޤުލުގެ މައްޗަށް ބިނާވާ ބައެއް ރައުޔުތައް އިސްލާމީ ނަޤްލުގެ އަސާސްތަކާ ފުށޫއަރާފައިވެސްވެއެވެ. އެގޮތުން، ބައެއް ކަލާމު ޢިލްމުވެރިންގެ އިސްވެ ބަޔާންކުރެވުނު ފަދަ އިސްލާމް ދީނާ ފުށޫއަރާ އުސޫލުތަކަށް ކަލާމުގެ އުސޫލުތަކުގެ ތެރެއިން އަލް ޣަޒާލީ ރައްދުދެއްވާފައިވެސްވެއެވެ.

އިބްނު ތައިމިއްޔާ

ޝައިޚުލްއިސްލާމް، އިބްނު ތައިމިއްޔާ ރަޙިމަހުﷲ އުފަންވެވަޑައިގަތީ 1263މ ވަނަ އަހަރު، މިހާރުގެ ތުރުކީވިލާތުގެ އިރު-ދެކުނުގައި އޮންނަ އަވަށެއް ކަމުގައިވާ ޙަރާނަށެވެ. އެދުވަސްވަރަކީ އެ ސަރަހައްދަށް މޮންގޯލުންގެ އުނދަގޫ ފޯރަމުން ދިޔަ ދުވަސްވަރުކަށް ވުމާއެކު، އިބްނު ތައިމިއްޔާގެ ބައްޕާފުޅު، އެކަލޭގެފާނުގެ އަޚުންނާއެކު ދިމިޝްޤަށް ހިޖުރަކޮށް އެތަނުގައި އެއާއިލާ ދިރިއުޅުން ފެއްޓެވިއެވެ.

އެދުވަސްވަރަކީ އިސްލާމީ މުޖުތަމަޢުގައި ސޫފީ ދީނީ އާދަތައް ވަރަށް ބޮޑަށް ހަރުލާފައިވާ ދުވަސްވަރެކެވެ. އެގޮތުން އިބްނު ތައިމިއްޔާގެ ދީނީ އަސާސަކީ ޤުރުއާނާއި ސުންނަތަށް ރުޖޫޢަވެ، އިސްލާމްދީނާ ޚިލާފު އެންމެހާ ކަންކަމެއް ދޫކޮށްލުމެވެ. އިބްނު ތައިމިއްޔާގެ ރައުޔުތަކަކީ އެ ޒަމާނުގެ އާންމު ރައުޔުތަކާ ގިނަ ފަހަރު އަރާރުން އުފެދިފައިވާ ރައުޔުތަކެކެވެ. ނަތީޖާއެއްގެ ގޮތުން، އެތައް ފަހަރަކު ތަހުގީގުކުރެވި ބަންދުގައި ހުންނަވަން ޖެހިވަޑައިގަތެވެ. އަވަހާރަވީވެސް ދިމިސްޤުގެ ޖަލުގައި ހުންނަވަނިކޮށް، މީލާދީން 1328 ވަނަ އަހަރުއެވެ.

ޢަޤީދާގެ ޢިލްމުގައި އިބްނު ތައިމިއްޔާގެ މަންހަޖު

އިބްނު ތައިމިއްޔާގެ ޢަޤީދާގެ ޢިލްމުގެ އަސާސަކީ ޤުރުއާނާއި ސުންނަތުގެ އަލީގައި ކަލާމު، އައު މަންހަޖަކަށް ފެއްތުމެވެ. ކަލާމަކީ އޭގެ ޒާތުގައި ބުއްދީގެ މައްޗަށް ބިނާވެފައިވާ މަންހަޖެކެވެ (މެޓަފިޒިކްސް އެވެ). ޤުރުއާނާއި ސުންނަތަކީ ތަޖުރީބީ މަންހަޖެވެ. އިނގިރޭސި ބަހުންނަމަ “އެމްޕިރިސިސްޓް” މަންހަޖެވެ. ހިއްސުތަކުން ކަންކަން ދެނެގަތުމުގެ މަންހަޖެވެ. އެގޮތުން، އިބްނު ތައިމިއްޔާގެ ރައުޔުގައި، ހުރިހާ ކަންކަމަކީ ތަޖުރީބީ ގޮތެއްގައި އިންސާނާއަށް ވާސިލުވެވޭ ކަންކަމަށް ވާންޖެހެއެވެ. ހަގީގަތުގައި އީމާންކަން ވަރުގަދަވެގެންދަނީ ވަކި ކަމެއް ތަޖުރިބާކުރެވެމުންނެވެ. މިސާލަކަށް ﷲ ވޮޑިގެންވުމާއި ސިފަފުޅުތަކަކީ ނައްޞުތަކުގެ އަލީގައި އިންސާނާއަށް ދެނެގަނެވޭ ކަންކަމެވެ. އެހެންކަމުން، ޚާލިޞް ނައްޞަށް އިބްނު ތައިމިއްޔާގެ ނަޒަރުގައި ބަލަންޖެހެއެވެ.

އިބްނު ތައިމިއްޔާގެ ތަޖުރީބީ މަންހަޖުގެ ނަތީޖާ އަކީ، ޚާލިޞް ބުއްދީގެ އަލީގައި ކަންކަން ސާބިތުކުރުމުގެ (މެޓަފިޒިކްސް) ބަދަލުގައި، ތަޖުރިބާގެ އަލީގައި ކަންކަން ސާބިތުކުރުމެވެ. އަދި އެކަމުގައި ނައްޞުތަކުގައި ކަނޑައެޅިފައިވާ ކަންކަމަށް ރިޢާޔަތްކުރަންޖެހުމެވެ. މިއީ ޤިޔާސްކުރުން ފަދަ ކަމެކެވެ. އެހެނީ ޤިޔާސްކުރެވެނީ ކުރިން ކަނޑައެޅިފައި އޮންނަކަމެއްގެ މައްޗަށް ބިނާވެ، ގޮތެއް ކަނޑަނޭޅި އޮންނަ ކަމަކަށް ގޮތެއް ކަނޑައެޅުމަށެވެ. މި މަންހަޖުން ބަލާއިރު، ކީރިތި ﷲ ގެ ވޮޑިގެންވުން (ފަލްސަފާގައި، ވުޖޫދިއްޔަތުގެ މައްސަލަތަކަށް ބަހުސްކުރެވެނީއޮންޓޮލޮޖީގެ ގޮފީގައެވެ) ޤުރުއާނުގައި ކަނޑައެޅިފައިވާ ސިފަފުޅުތަކުގެ އަލީގައި ދެނެގަނެވެއެވެ. ﷲ ތަޢާލާގެ ސިފަފުޅުތައް ކަމުގައިވާ އައްސަވާވޮޑިގެންވުން ފަދަ ބައެއް ސިފަފުޅުތަކަކީ އެކަންކަން އިންސާނުންނުގެ ތަޖުރިބާގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެހެންކަމުން، އިބްނު ތައިމިއްޔާގެ ތަޖުރީބީ މަންހަޖުގެ އަލީގައި، ﷲ ތަޢާލާ ވުޖޫދުވުމަކީ ޚާލިޞް “މެޓަފިޒިކަލް” މައްސަލައެއްނޫނެވެ. އަދި ކިއެއްތަ، އެކަންކަމަކީ އިންސާނުންގެ ތަޖުރިބާގައިވާ، ވަރަށް ގަބޫލުކުރެވޭ ކަންކަމެވެ. ޚާލިޞް ނައްޞަށް ބަލާއިރު، އިބްނު ތައިމިއްޔާގެ އެޕިސްޓިމޮލޮޖީގައި، އިލާހީ ސިފަފުޅުތަކުގެ މައުޟޫގައި ތަޢާރުޟުވުމެއް އާދެއެވެ. އެހެނީ، ޤުރުއާނުގައި ﷲ ތަޢާލާ އައްސަވާ ވޮޑިގެންވާކަމާއި ބައްލަވާވޮޑިގެންވާކަމާއި އަތްޕުޅެއްވާކަމަށް ބަޔާންވެފައިވެއެވެ. އަދިހަމަ އެހެންމެ، ﷲ ތަޢާލާ އެއްވެސް މަޚުލޫޤެއް އެއްގޮތްވެގެންނުވާކަމަށް ބަޔާންވެފައިވެއެވެ. ސުވަލަކީ މިކަން ހައްލުކުރާނީ ކިހިނެއް ހެއްޔެވެ؟

ﷲ ސިފަފުޅުތަކާއި އިބްނު ތައިމިއްޔާގެ އެޕިސްޓިމޮލޮޖީގެ މަންހަޖު

އިސްވެ ބަޔާންކުރެވުނު މައްސަލަ ހައްލުކުރުމަށް ފަލްސަފާވެރިން ރުޖޫޢަވާ މަންހަޖަކީ ތައުވީލުކުރުމެވެ. ތައުވީލުކުރުމަކީ، ފަންނީ ދާއިރާގެ ބޭރުން ބަޔާންކުރާނަމަ، ވަކި އިޙުތިމާލެއް އިސްކޮށް ރާޖިޙުކުރުމެވެ. ތައުވީލުކުރުމުގެ މަންހަޖުގެ ތެރެއިން، ޤުރުއާނުގައި ބަޔާންކުރެވިފައިވާ ކީރިތި ﷲ ގެ ސިފަފުޅުތައް ކަމުގައިވާ، އައްސަވާވޮޑިގެންވުން، ބައްލަވާވޮޑިގެންވުން ފަދަ ސިފަފުޅުތަކަކީ އޭގެ ބަހުގެ ގޮތުން ބަލާއިރު މަޚުލޫޤުންނާ އެއްފަދަ ސިފަފުޅުތަކެކެވެ.

ކީރިތި ﷲ އެއްވެސް މަޚުލޫޤަކާ އެއްފަދަވެވޮޑިގެންނުވާތީވެ، ބަޔާންކުރެވުނު ސިފަފުޅުތަކުގެ މައްސަލަ، ކަލާމު ޢިލްމުވެރިންގެ އަރިހުގައި، ހައްލުކުރެވެނީ ސިފަފުޅުތަކުގެ މާނަ ތައުވީލުކޮށްގެންނެވެ. އަދި ޤުރުއާނުގައި ބަޔާންކުރެވިފައިވާ ސިފަފުޅުތަކަކީ ހަގީގަތުގައި އިންސާނުންގެ ވިސްނުމަށް ވަކި ކަމެއް ފޯރުކޮށްދިނުމަށް (ފިގުރޭޓިވް/މެޓަފޯރިކަލް) ބަޔާންކުރެވިފައިވާ ސިފަފުޅުތަކެއްކަމުގައި ބަލައި، ﷲ ތަޢާލާ އެފަދަ ސިފަފުޅުތަކުން ހުސްދުރުވެވޮޑިގެންވާކަމަށް ބެލުމެވެ. މި މަންހަޖުގެ ތެރެއިން، ﷲ ތަޢާލާ ވޮޑިގެންވުން، ނައްޞުތަކުގެ ދާއިރާއިން ބޭރުވެ، “މެޓަފިޒިކަލް” ކަމަކަށްވެއެވެ. ހަގީގަތުގައި ކަލާމުވެރިން، މި މަންހަޖުގެ މައްޗަށް ﷲ ތަޢާލާގެ ސިފަފުޅުތައް ތައުވީލުކުރީ، އެކަލާނގެ އެއްވެސް މަޚުލޫޤަކާ އެއްގޮތެއް ނުކުރުމުގެ ނިޔަތުގައެވެ؛ ﷲ ސިފަފުޅުތަކަށް އޭގެ ޒާތުގައި އިންކާރުކުރާކަށް ނޫނެވެ.

މިއީ މުޢުތަޒިލާއިންނާއި އަޝްޢަރީން ފަދަ ޢަޤުލުގެ މައްޗަށް ބިނާވެފައިވާ މަޒުހަބުތަކުގެ މަޤާމެވެ. މިކަންކަމުގެ އިތުރަށް، މި މަންހަޖުގެ ތެރެއިން ބަލާނަމަ، ފާހަގަވާ އަނެއް ކަމަކީ، ޢަޤީދާ މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ޣައިބުގެ މައްޗަށް ކަމުގައި ވާއިރު، އެ ކަންކަމަށް އިލާހީ ނައްޞުތަކުގެ އެހީތެރިކަމާނުލާ އިންސާނުންނަށް ވާސިލުނުވެވެއެވެ. އެހެންކަމުން، ކީރިތި ﷲގެ ކުޅަދުންވަންތަކަން އިންސާނާގެ ސިކުނޑިއަށް ގެނެސްދިނުމަށްޓަކައި އެފަދަ ސިފަފުޅުތަކުގެ ވާހަކަ އިންސާނުންގެ ޢާލަމުގެ ޤާނޫނުތަކުގެ ދަށުން، އެ ޢާލަމުގެ ބަހުރުވައިން ބަޔާންކުރެވިފައިއެވަނީއެވެ.

އެހެންނަމަވެސް، އިބްނު ތައިމިއްޔާގެ މަންހަޖަކީ ނައްޞަށް ބަލައި، ނައްޞުގެ ލަފްޒީ މާނަ ނަގައިގަތުމެވެ. އެހެނީ، ﷲ އީ އައްސަވާ އަދި ބައްލަވާވޮޑިގެންވާ ރަސްކަލާންގެއެވެ. އިންސާނުން އަހައި، ބަލައިހަދަނީ އިންސާނުންނާ އެކަށީގެންވާ ގޮތެއްގައެއެވެ. ކީރިތި ﷲ އައްސަވައި އަދި ބައްލަވައިވޮޑިގެންވަނީ އެކަލާންގެ އިލާހިއްޔަތާ އެކަށީގެންވާ ގޮތެއްގައެވެ؛ ކީރިތި ﷲ ގެ ހުރިހާ ސިފަފުޅެއްވެސް މިފަދައެވެ.

މިއީ ކުރިން އުފެދުނު ސުވާލުގެ ޖަވާބެވެ؛ ޚާލިޞް ނައްސަށް ބަލާއިރު، ޤުރުއާނުގައި ﷲ ތަޢާލާ އައްސަވާވޮޑިގެންވާކަމާއި ބައްލަވާވޮޑިގެންވާކަމާއި އަތްޕުޅެއްވާކަމަށް ބަޔާންވެފައިވެއެވެ. އަދިހަމަ އެހެންމެ، ﷲ ތަޢާލާއާ އެއްވެސް މަޚުލޫޤެއް އެއްގޮތްވެގެންނުވާކަމަށް ބަޔާންވެފައިވެއެވެ. މިކަން ޙައްލުވެގެންދާ ގޮތަކީ، ﷲ ތަޢާލާ އައްސަވާވޮޑިގެންނެވިނަމަވެސް، އަދި އެހެން ސިފަފުޅެއްނަމަވެސް، އެކަން ހިނގަނީ އެކަލާނގެ ޒާތުފުޅާ އެކަށީގެންވާ ގޮތަކަށެވެ. އިންސާނުން އެކަން ކުރާގޮތާ އެއްގޮތްވެގެން ނުވެއެވެ.

މި މަންހަޖުގެ ސަބަބުން ތަޖުރީބީ ގޮތެއްގައި، ނައްޞުގެ އަލީގައި އަދި އިންސާނީ ޢާލަމުގެ ތަޖުރިބާގެ އަލީގައި ﷲ ތަޢާލާގެ ސިފަފުޅުތައް އިންސާނާގެ ސިކުނޑިތަކަށް ވިސްނިގެންދެއެވެ. އަދި އެކަމުގައި އިންސާނުންނާ އެކަލާނގެ ވައްތަރުވެގެންވެސް ނުވެއެވެ. އިންސާނީ ޢާލަމުގެ ތަޖުރިބާގެ އަލީގައި ﷲ ތަޢާލާގެ ސިފަފުޅުތައް އިންސާނާގެ ސިކުނޑިތަކަށް ވިސްނިގެންދާ ގޮތުގެ މިސާލަކީ، ﷲ ތަޢާލާ އަށް މީހަކު ކަމެއް ދަންނަވައި ދުޢާކުރާ ހިނދު، ޤުރުއާނުގައި ބަޔާންކުރެވިފައިވާ އައްސަވާވޮޑިގަތުމުގެ ސިފަފުޅުގެ އަލީގައި، އެމީހެއްގެ ދުޢާ ﷲ ތަޢާލާ އައްސަވާވޮޑިގެންވާ ކަމުގެ އިހުސާސުކުރެވޭނެއެވެ.

އިބްނު ތައިމިއްޔާގެ ޢިލްމީ މަސައްކަތުގެ މުހިންމު އަދި ބޮޑު ބައެއް ހިމެނީ “ދަރްއުއް ތަޢާރުޟިލް ޢަޤްލި ވަންނަޤްލި” މި ފޮތުގައެވެ. ޖުމުލަކޮށް ބަޔާންކުރާނަމަ؛

1- އިބްނު ތައިމިއްޔާގެ މަސައްކަތަކީ ކަލާމުގެ މައްޗަށް ބިނާވެފައިވާ، ﷲ ތަޢާލާގެ ވޮޑިގަތުމުގެ މަފްހޫމު، އިންސާނުންނަށް ތަޖުރިބާކުރެވޭ ކަމަކަށް ހެދުމެވެ. 2- ކަލާމުވެރިން، ﷲ ގެ ސިފަފުޅުތަކަށް އެކަންކަމުގެ ޒާތުގައި އިންކާރެއްނުކުރެއެވެ. ކަލާމުވެރިންގެ މަސައްކަތަކީ، ﷲ ތަޢާލާ އެއްވެސް މަޚުލޫޤަކާ އެއްގޮތްނުވުމުގެ މަބްދައު ދެމެހެއްޓުމަށް، ޤުރުއާނުގައި ބަޔާންވެފައިވާ ﷲ ތަޢާލާގެ ސިފަފުޅުތައް ތައުވީލުކުރުމެވެ. 3- ކަލާމުގެ ތެރެއިން ޢަޤީދާގެ ޢިލްމަށް ވާސިލުވުމަކީ ކޮންމެ ކޮންމެ މުސްލިމަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެނީ އެކަމުގައި ފަލްސަފީ ވިސްނުން ނިހާޔަތަށް ބޭނުންކުރަންޖެހެއެވެ. 4- އިބްނު ތައިމިއްޔާގެ މަންހަޖަލީ ތަޖުރީބީ މަންހަޖަކަށް ވާތީ، އެ މަންހަޖުގެ ތެރެއިން ޢަޤީދާގެ ކަންކަމަށް ވަރަށް ފަސޭހަކަމާއެކު ވާސިލުވެވެއެވެ.

އިތުރަށް ވިދާޅުވުމަށް ކާލް ޝަރިފް އައްތުބުޣީ ލިއުއްވާފައިވާ، “އިބްނި ތައިމިއްޔާ އޮން ރީޒަން އެންޑް ރިވިލޭޝަން.”