
2007ގެ ނިޒާމީ އިންތިހާބުގައި ރައީސް މައުމޫނު ތާއީދުކުރެއްވީ ރިއާސީ ނިޒާމަކަށެވެ. އިދިކޮޅުން ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. ވާދަވެރިން ވަކި ނިޒާމެއް އިހުތިޔާރުކުރި ވަކީން ހާއްސަ ސަބަބެއް އަޅުގަނޑަށް ދެނެގަނެވިފައެއް ނުވެއެވެ. އެހެންނަމަވެސް، ބަރުލަމާނީ ނިޒާމެއްގައި ސަރުކާރެއް އުފެދޭ ގޮތާއި، އެދުވަސްވަރުގެ ސިޔާސީ މަސްރަހުގައި ރައީސް މައުމޫނަށް އޮތް ތާއީދާއި، ނިޒާމީ ވާދަވެރިކަމުގައި ވަކި ނިޒާމަކަށް ތާއީދުކުރުމަށް އޮތް އިހުތިޔާރުތަކަށާއި، އޭގެ ފަހުން އޮތް ރިއާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ސާޅީހަކަށް އިންސައްތަ ރައީސް މައުމޫނަށް ލިބުމަށް ބަލާއިރު، “ގޭމް ތިއަރީ"ގެ އަލީގައި ރައީސް މައުމޫންގެ އިހުތިޔާރު ވަޒަންކޮށްލުން މުހިންމުހެން ހީވެއެވެ.
ވަކި ފަރާތަކުން ވަކި ނިޒާމެއް އިހުތިޔާރުކުރުމުގައި އެ ފަރާތެއްގެ ހާއްސަ ހިކުމަތެއް އޮވެދާނެއެވެ. އަޅުގަނޑުގެ ދައުވާ އަކީ އެ ހިކުމަތްތައް ވަޒަންކުރުމެއް ނޫނެވެ. ނުވަތަ އެ ހިކުމަތްތަކަކީ ނުވަތަ ސަބަބުތަކަކީ ކޮބައިކަން ބަޔާންކުރުމެއް ނޫނެވެ. މި ލިޔުމުގެ ބޭނުމަކީ އެ އިހުތިޔާރުތައް “ގޭމް ތިއަރީ"ގެ އަލީގައި ވަޒަންކޮށްލުމެވެ.
“ގޭމް ތިއަރީ” އަކީ ވާދަވެރި ބަޔަކު އެބައެއްގެ މަސްލަހަތަށް އަމިއްލައަށް ގޮތްތަކެއް ނިންމާއިރު، އެކެއްގެ ނިންމުމުގެ ސަބަބުން އެކަމުގެ އަސަރު އަނެކާއަށް ކުރާ ގޮތްތަކާއި، އެ ވާދަވެރިން ނިންމުންތައް ނިންމާ ގޮތްތައް ދިރާސާކުރުމަށް ބޭނުންކުރެވޭ ނަޒަރިއްޔާތެކެވެ. ރިޔާސީ ނިޒާމަކަށް ރައީސް މައުމޫނު ތާއީދުކުރެއްވި ކުރެއްވުން ދިރާސާކުރުމަށް އެންމެ މުނާސަބުވަނީ، ގޭމް ތިއަރީގެ ބައެއް ކަމުގައިވާ “ހާސިލުކުރެވޭ އެންމެ ބޮޑު މަސްލަހަތު ހިމާޔަތްކުރުން"ގެ މައުލޫއެވެ.
މީގެ ވަރަށް ތިލަ މިސާލަކީ، ހައެއްކަ ވާދަވެރިން ތިބި ތަނެއްގައި، ވާދަވެރިކަމެއްގެ ތެރެއިން 100 އާފަލު ބަހައިލެވޭނަމަ، އަދި އެއްވެސް ބައިވެރިއަކަށް 100 އާފަލު އެއްކޮށް ނުލިބޭނަމަ، ކޮންމެ ވާދަވެރިއަކުވެސް ބޭނުންވާނީ 0 އާފަލު ނުލިބި، ހޯދޭ އެންމެ ގިނަ އާފަލެއް ހޯދާށެވެ. ގޭމް ތިއަރީގެ ތެރެއިން މަސްލަހަތު ހިމާޔަތްކުރެވޭ އެންމެ ބޮޑަކަށް ހާސިލުކުރުމަކީ މިއީއެވެ. މިކަމުގެ އަލީގައި ރައީސް މައުމޫންގެ އިހުތިޔާރު ވަޒަންކުރުމުގެ ކުރިން، ނިޒާމީ އިންތިހާބަށާއި، އެންމެ ފުރަތަމަ އޮތް ތިއާސީ އިންތިހާބުގެ ނަތީޖާ ބަލައިލުން މުހިންމެވެ.
ދިވެހިރާއްޖޭގައި ވެރިކަންކުރާނެ ނިޒާމެއް ކަނޑައެޅުމަށްޓަކައި ބޭއްވުނު ޚިޔާލު ހޯދުމުގެ އާންމު ވޯޓު (ނިޒާމީ ވޯޓު) ބާއްވާފައިވަނީ 18 އޮގަސްޓް 2007 ގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އަކީ:
ރިޔާސީ ނިޒާމު: 95،619 ވޯޓު (%62.04) ބަރުލަމާނީ ނިޒާމު: 58،504 ވޯޓު (%37.96)
މި ނަތީޖާއާއެކު، ދިވެހިރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ނިންމީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ބޭއްވުމަށެވެ. އަދި 2008 ވަނަ އަހަރު ތަސްދީޤުކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އެކުލަވާލެވިގެން ދިޔައީ މި ވޯޓުގެ ނަތީޖާގެ މައްޗަށް ބިނާކޮށް ރިޔާސީ ނިޒާމެއްގެ ގޮތުގައެވެ. އެ ނިޒާމުގެ ތެރެއިން ބޭއްވުނު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އަކީ:
| އިންސައްތަ | ލިބުނު ވޯޓު | ޕާޓީ / ހައިސިއްޔަތު | ކެންޑިޑޭޓް |
|---|---|---|---|
| 40.63% | 71,731 | ދިވެހި ރައްޔިތުންގެ ޕާޓީ (DRP) | މައުމޫނު ޢަބްދުލްޤައްޔޫމް |
| 25.09% | 44,293 | މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (MDP) | މުޙައްމަދު ނަޝީދު |
| 16.78% | 29,633 | އަމިއްލަ ގޮތުން | ޑރ. ޙަސަން ސަޢީދު |
| 15.32% | 27,056 | ޖުމްހޫރީ ޕާޓީ (JP) | ޤާސިމް އިބްރާހީމް |
| 1.40% | 2,472 | އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (IDP) | ޢުމަރު ނަޞީރު |
| 0.78% | 1,382 | ސޯޝަލް ލިބަރަލް ޕާޓީ (SLP) | އިބްރާހީމް އިސްމާޢީލް (އިބްރާ) |
މި ނަތީޖާއަށް ބަލާއިރު، ރައީސް މައުމޫނަށް އެކަނި 40 އިންސައްތަ ލިބިފައިވެއެވެ.
މި ދެ އިންތިހާބުގެ ނަތީޖާއަށް ބަލާއިރު، ފާހަގަކުރެވޭ ކަމަކީ، އެއް ކެނޑިޑޭޓަކަށް ނުވަތަ އެއް ސިޔާސީ ލީޑަރަކަށް އެންމެ ބޮޑު ތާއީދެއް އޮތީ ރައީސް މައުމޫނަށް ކަމެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގައި އޮތީ ރިއާސީ ނިޒާމެއް ކަމުގައި ވާތީ، އެކަކަށް 50 އިންސައްތައަށް ވުރެ ގިނައިން ވޯޓު ބޭނުންވާތީ ދެވަނަ ބުރެއް ބާއްވަންޖެހުނެވެ. ދެވަނަ ބުރުގައި، ރައީސް މައުމޫނާ ދެކޮޅު ކޯލިޝަނެއްގ ތެރެއިން ކާމިޔާބުކުރީ އިދިކޮޅުންނެވެ. އެ ކާމީޔާބީގެ ނަތީޖާއަކީ، ރިއާސީ ނިޒާމެއްގައި އޮންނަ ފަދައިން، ކާމިޔާބުވާ މީހަކަށް ހުރިހާ ބާރެއް ލިބި، ދައުލަތުގެ ހިނގުމުގައި ބައިވެރިވުމުގެ ފުރުސަތު ދެން ތިބި ވާދަވެރީންނަށް ގެއްލުމެވެ. އާޚިރުގައި ރައީސް މައުމޫނަށް ކުރިމަތިވި ގޮތަކީ އެއީއެވެ. ނިޒާމުގެ ތަބީއަތަކީ އެއީއެވެ. ވާދަވެރިންނަށް އޮތް އިހުތިޔާރަކީ “އެއްކޮށް ލިބުން ނުވަތަ އެއްވެސް އެއްޗެއް ނުލިބުމެވެ.”
ބަރުލަމާނީ ނިޒާމެއްގައި ، އެއްވެސް މީހަކަށް އަޣުލަބިއްޔަތު ނުލިބޭ ހާލަތުގައި (ރާއްޖޭގެ ހާލަތުގައި ވަރަށް ވަރަށް ނާދިރު ކަމެއް) ސަރުކާރެއް އެކުލަވައިލެވެނީ އެންމެ ގިނަ ވޯޓު ލިބޭ މީހާ އިސްވެ، މަޖިލީހުގެ ގޮނޑި ލިބިފައިވާ އެހެނިހެން ވާދަވެރިންނާ އެކު އުފެދޭ އެއްބަސްވުމެއްގެ ތެރެއިން ކޯލިޝަނެއް ގޮތުގައެވެ. މިފަދައިން އުފެދޭ ކޯލިޝަނަށް އެންމެ މަދުވެގެން މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަންޖެހެއެވެ. މިހެން މިކަން އޮތުމުން ވާގޮތަކީ، ކޯލިޝަނުގެ ސަރުކާރުގައި ނުފޫޒު އޮންނަނީ ކޯލިޝަނެއް އެ ސަރުކާރެއްގައި ހިއްސާވާ މިންވަރަކުންނެވެ. މިސާލަކަށް ސާޅީހަކަށް އިންސައްތައާ އެކު ރައީސް މައުމޫނު ސަރުކާރެއް އެކުލަވައިލާނަމަ، އެ ސާޅީސް އިންސައްތައާ އެކު، އެ ސަރުކާރެއްގައި ރައީސް މައުމޫނުގެ ނުފޫޒޫ ހަގީގަތުގައި ވަރަށް ގަދަވާނެއެވެ. އެއްވެސް މިންވަރެއްގެ ހިއްސާއެއް ސަރުކާރުގައި ނެތުމަށް ވުރެ، ކޯލިޝަނެއްގ ތެރެއިން ކޮންމެވެސް ހިއްސާއެއް އޮތުން ޔަގީނުންވެސް ރަނގަޅެވެ.
ގޭމް ތިއަރީގެ ވިސްނުމަކުން ބަލާއިރު، ރިޔާސީ ނިޒާމަކުން ސިޔާސީ މަސްރަހުން އެއްކޮށް ބަލިވުމަށް ވުރެ، ބަރުލަމާނީ ނިޒާމަކުން ކޯލިޝަން ސަރުކާރަކާ އެކު ސިޔާސީ މަސްރަހުގައި ކޮންމެވެސް މިންވަރަކަށް ހިފަހައްޓާލުން ރައީސް މައުމޫނަށް މަސްލަހަތު ބޮޑުކަމަށް ފެނެއެވެ. ސިޔާސީ މަސްރަހުގައި އަމަލީ ގޮތެއްގައި ރައީސް މައުމޫންގެ ދައުރު މިއަދާ ހަމައަށްވެސް އޮތީހެވެ. އަޅުގަނޑުގެ ސުވާލަކީ ބަރުލަމާނީ ނިޒާމަކަށް ތާއީދުނުކުރީ ކީއްވެހެއްޔެވެ؟
މިއާ ވިދިގެން ދެން ފާހަގަކޮށްލުން މުހިންމު ނުކުތާއަކީ، 2007ގައި ބަރުލަމާނީ ނިޒާމެއް އިހުތިޔާރުކުރެވުނު ނަމަ، ދިވެހި ސިޔާސީ މަސްރަހަށް އަންނަ އިސްލާހީ ބަދަލުތައް އައީހީ ވަރަށް ތަބިއީ ގޮތެއްގައެވެ. ސަބަބަކީ ރައީސްމައުމޫނުގެ ކޯލިޝަނުގެ ތެރއިން އަންނަ ސިޔާސީ ފިއްތުންތަކާއި، އެ ފަދަ ނިޒާމެއްގައި އިދިކޮޅުގެ ދައުރު ބޮޑުވުމުގެ ސަބަބުން އެކަށީގެންވާ ދޫދިނުމެއްގެ ތެރެއިން މަޑުމަޑުން ހިންގުމުގެ ނިޒާމަށް އަންނަ އިސްލާހުތައް ގެންނަންޖެހުމެވެ.
2008 އާ އެކު ކުއްލިއަކަށް މުޅީން އައު ޤާނޫނީ ނިޒާމެއް ތާރަފު ކުރެވުނެވެ. އެއާ އެކު، ރައްޔިތުންގެ މިނިވަންކަމާއި ހައްގުތައް ހިމާޔަތްކުރުމުގެ ގާނޫނުތަކާއި، ދައުލަތުގެ ހިންގުމާ ގުޅުން ހުރި ރަނގަޅު އިސްލާހުތަކެއް ގެނެވުނެވެ. ނަމަވެސް، މި ބަދަލުތައް މިހާރު ވަނީ ވަކި ވަކި ރައީސުން ބޭނުންވެގެން ކޮށައި މަށައި، އޭގެ މަގުސަދުވެސް ހާސިލުނުވާ ވަރުވެފައެވެ. ދައުލަތުގެ ދަރަނި ހިފެހެއްޓުމެއް ނުވެއެވެ. ދައުލަތުގެ ޕްރޮކިއުމަންޓު އޮރީ “ފުނޑިފައެވެ”. ސިޔާސީ ވަޒީފާތަކުގައި ހައްދެއް ނެތެވެ. ކޮންމެ އިންތިހާބަކާ އެކު އެންމެ މީހެއްގެ އަތްމައްޗަށް މިހުރިހާ ބާރުތަކެއް އަރައެވެ.
ހިޔާލުތައް
ހިޔާލުތައް ލޯޑު ކުރަނީ…
ހިޔާލެއް ހުށަހަޅުއްވާ