2008ގެ ފަހުގެ ސިޔާސީ ޙަޔާތަށް ބަލާއިރު، ފެންނަމުންދަނީ ޤައުމުގެ ސިޔާސީ މަސްރަޙު އަބަދުވެސް މައިގަނޑު ދެ ބަޔަކަށް ބެހިފައިވާ މަންޒަރެވެ. އެއީ ވެރިކަންކުރާ ސަރުކާރުގެ ފިކުރާއި، ސަރުކާރާ ދެކޮޅު އިދިކޮޅު ފިކުރެވެ. މި ދެ ފިކުރުގެ ވާހަކަ ދައްކާއިރު، މި ލިޔުމުގެ ބޭނުމަށް “ފިކުރު” މި ލަފުޒު ބޭނުންކޮށްފައި އެވަނީ ވަކި ޚާއްޞަ އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ފަލްސަފާއަކަށް ނިސްބަތްކޮށެއް ނޫނެވެ. ނަމަވެސް، ސިޔާސީ މަޤްޞަދުތަކާއި ބާރުތައް ހިނގަމުންދާ ގޮތުގެ މައްޗަށް ބިނާކޮށް، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ދެ ބައި ވަކިކޮށް ދެނެގަތުމުގެ ބޭނުމުގައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބައްޓަންކުރެވިފައިވަނީ ރިޔާސީ ނިޒާމެއްގެ ގޮތުގައެވެ. މި ނިޒާމުގެ ތެރެއިން ރައްޔިތުންގެ އަޣުލަބިއްޔަތުން ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުވުމާއެކު، ދައުލަތް ހިންގުމުގެ އެންމެހައި ބާރުތަކާއި ވަސީލަތްތައް ސަރުކާރު ހިންގާ ފަރާތަށް ލިބިގެންދެއެވެ. ވެރިކަމުގެ ބާރާއެކު ދަޢުލަތުގެ ވަސީލަތްތަކާއި، ސިޔާސީ ނުފޫޒު އެއް ފަރާތަކަށް ޖަމާވެގެން ދިއުމަކީ ރިޔާސީ އަޣުލަބިއްޔަތުގެ ނިޒާމުގައި ކަން ހިނގަމުން އަންނަ ޠަބީޢީ ގޮތެވެ.

މި ނިޒާމުގެ ނަތީޖާއެއްގެ ގޮތުން، ވެރިކަމުގެ ބާރުން ބޭރުގައި ތިބޭ އެންމެހައި ސިޔާސީ ފަރާތްތަކަށް ކުރިމަތިވަނީ ވަރުގަދަ ގޮންޖެހުމެކެވެ. އިދިކޮޅު ސަފުގައި ތަފާތު އެތައް ޕާޓީތަކެއް ނުވަތަ ޖަމާޢަތްތަކެއް ތިބި ނަމަވެސް، ސަރުކާރުގެ ބާރުތަކާ ކުރިމަތިލުމަށްޓަކައި އެ ހުރިހާ ފަރާތްތަކެއް އެއްގަލަކަށް އަރަން މަޖުބޫރުވެއެވެ. ސިޔާސީ ގޮތުން އޮންނަ އަޣުލަބިއްޔަތުގެ ބާރުގެ ސަބަބުން، ވަކިވަކި ޕާޓީތަކަށް ސަރުކާރާ ވާދަކުރުމަކީ ފަސޭހަ ކަމަކަށް ނުވާތީ، ހަމައެކަނި “ސަރުކާރާ އިދިކޮޅު ފިކުރު"ގެ ގޮތުގައި އެކަތިގަނޑަކަށް ވެގެން މަސައްކަތްކުރަން ޙާލަތު މަޖުބޫރުކުރުވައެވެ. މިއީ ޤައުމުގެ ސިޔާސީ މަސައްކަތްތައް ބައްޓަންވަމުންދާ މައިގަނޑު ސަބަބެވެ.

މިފަދައިން ސިޔާސީ މަސްރަޙު ސަރުކާރާއި އިދިކޮޅު ފިކުރަށް ހަނިވެގެން ދިއުމަކީ ޤައުމަށް އޮތް ބޮޑު ނުރައްކަލެކެވެ. މިކަމުގެ ސަބަބުން ސިޔާސީ ޕާޓީތަކުގެ ޤައުމު ބިނާކުރުމުގެ ތަޞައްވުރު ފަނޑުވެ، ހަމައެކަނި ވެރިކަން ދިފާޢުކުރުމާއި ވެރިކަން ވައްޓާލުމުގެ މަސައްކަތަށް ސިޔާސީ ހަރަކާތްތައް ބަދަލުވެގެންދެއެވެ. ސަރުކާރު ފިކުރުން ހުރިހާ ކަމެއް ދިފާޢުކުރަން އުޅޭއިރު، އިދިކޮޅު ފިކުރުން ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ދެކޮޅުހެދުމުގެ ސަޤާފަތެއް އުފެދެއެވެ.

ހަގީގަތުގައި ގައުމުގައި އިސްތިރާތިޖީ ސިޔާސަތުތަކެއް އެކުލަވައިނުލެވެނީ މި ސަބަބަށްޓަކައެވެ. ސަރުކާރުން ކުރާންބޭނުންވާ ކޮންމެ ކަމެއް އެއްވެސް ބައެއްގެ މަޝްވަރާއާނުލައި ކުރެވެއެވެ. މިސާލަކަށް، މިހާރު ފެންމަތިވެފައިވާ ރަސްމާލެ މަޝްރޫއަށް ބެލިޔަސް ކަން އޮތީ އެހެންނެވެ. ސަރުކާރުން ކުރާން ބޭނުންވެއްޖެ ނަމަ އެކަމަށް އެއްވެސް ހުރަހެއް ނެތެވެ. އަދި އެ މަޝްރޫއަށް ދެން ސަރުކާރަށް އިންތިހާބުވާ ބަޔަކު ގެންނަން ބޭނުންވާ ކޮންމެ ބަދަލެއްވެސް ގެނެވިދާނެއެވެ. ބާތިލުވެސްކުރެވިދާނެއެވެ. މިކަމުގެ ހުރިހާ ގެއްލުމެއް ހުރީ ގައުމަށާއި ރައްޔިތުންނަށެވެ.

ދިވެހިރާއްޖޭގެ ރިޔާސީ އަޣުލަބިއްޔަތުގެ ނިޒާމު ހިނގަމުންދާ ގޮތުން އުފެދިފައިވާ “ސަރުކާރު ފިކުރު” އަދި “އިދިކޮޅު ފިކުރު” އަކީ ސިޔާސީ ގޮތުން ޤައުމު ބައިބައިކޮށްލާ ނުރައްކާތެރި ދެ ބާރެވެ. މި ދެ ފަރާތުގެ ކޯޅުމުގެ ތެރޭގައި ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ޙަޤީޤީ ލާބަ މިދަނީ ގެއްލިގެންނެވެ.