
2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ އަބޫދާބީގެ އީގަލް ހިލްސް (ޔޫ.އޭ.އީގެ ބިލިއަނަރެއް ކަމަށްވާ މުޙައްމަދު އަލައްބާރުގެ ކުންފުންޏެއް) އާ ގުޅިގެން ރަސްމާލޭގައި ބޮޑު ވޯޓަރ ފްރަންޓެއްގެ އިތުރުން މެރީނާއެއް ތަރައްޤީކުރުމުގެ މަޝްރޫޢެއް އިޢުލާނުކޮށްފައެވެ. ރަސްމާލެއަކީ މާލެ ސަރަހައްދުގެ ފުށިދިއްގަރު ފަޅުން ގާތްގަނޑަކަށް 1,100 ހެކްޓަރުގެ ބިން ހިއްކައިގެން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެއްގެ މަތިން ކުރިއަށްގެންދާ ބިޔަ މަޝްރޫޢެކެވެ.
މިކަމާ ގުޅިގެން ފާޑުކިޔާ ފަރާތްތަކުން ވަނީ، މިއީ ދިވެހިރާއްޖޭގެ ބިން “ހިލޭ ދޫކޮށްލުން” ކަމަށާއި، މި އެއްބަސްވުމަކީ އިންސާފުވެރި މުޢާމަލާތެއް ނޫން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢު ކޮންމެ ގޮތަކުންވެސް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ދެއްވައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޚާއްޞަ ޤާނޫނެއްގެ ދަށުން މި އެއްބަސްވުން ހިމާޔަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް ދެކޮޅު ހެދި ނަމަވެސް، މި އެއްބަސްވުން ބާތިލު ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫޢުގެ ކަންކަން ހިނގައިދިޔަ ގޮތުން އިޖުރާއީ ގޮތުން ބޮޑެތި ސުވާލުތަކެއް އުފެދެއެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، މަޤާމުގެ ހުވާކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އަބޫދާބީއަށް ކުރެއްވި ދަތުރުފުޅުގެ ތަފުސީލުތައް ވަނީ ސިއްރުކުރެވިފައެވެ. ބޭރުގެ ސަރުކާރަކުން ޚަރަދުކޮށްގެން ދެއްވި ޕްރައިވެޓް ޖެޓެއްގައި އިންތިޚާބީ ރައީސް އަބޫދާބީއަށް ވަޑައިގަތުމާއި، އެ ދަތުރުފުޅާ ގުޅޭ މަޢުލޫމާތުތައް ސިއްރުކޮށްފައި އޮތުމަކީ ސުވާލު އުފެދޭ ކަމެކެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވީއްސުރެ، ރަސްމާލެ މަޝްރޫއަށް ބޭނުންވާ ފައިސާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ނުވި ނަމަވެސް، ސަރުކާރު ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށް ފަޅު ހިއްކުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މި މަޝްރޫއާ ގުޅޭގޮތުން “އީގަލް ހިލްސް” ކުންފުންޏާއެކު “ކޮމާޝަލް ޓާމްސް އެގްރީމެންޓް” ގައި ސަރުކާރުން މިހާރު ވަނީ ސޮއިކޮށްފައެވެ. ނަމަވެސް މި އެއްބަސްވުމުގެ ތަފުސީލުތައް ހާމަކޮށްފައި ނުވާތީ، އެކަމުގައި އާންމުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ ފުރުސަތެއް ނެތެވެ. މި އެއްބަސްވުމުގެ ނުވަތަ އެއްބަސްވުމާ ވިދިގެން ކުރިއަށް ވާންއޮތް ކޮންޓްރެކްޓުގެ މާއްދާތަކަކީ ރަނގަޅު ނުވަތަ ގޯސް ކަންތައްތަކަކަށް ވެދާނެއެވެ. އެހެންނަމަވެސް، މިތާނގައި އުފެދޭ ސުވާލަކީ މި އެއްބަސްވުން ގާއިމުކުރާ ގޮތާއި އެއަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ނިންމާފައިވާ އުސޫލުތަކާ މެދުގައެވެ. މިއީ ކޮންމެ ޑިމޮކްރަސީއެއްގައި ވެސް އިސްތިރާޖީ ތަރައްގީގެ ނިންމުންތައް ނިންމުމުގައި ރިއާޔަތްކުރަންޖެހޭ މުހިންމު ކަންތައްތަކެކެވެ. “ރަސްމާލެ” އަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ކެމްޕޭނުގައި ވެވަޑައިގަތް އެންމެ ފާހަގަކޮށްލެވޭ އެއް ވައުދެވެ. މިކަމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އެ އެއްބަސްވުން ހިމާޔަތްކުރުމަށްޓަކައި ހާއްސަ ގާނޫނެއް ފާސްކުރުމަށެވެ. މިފަދަ ގާނޫނެއްގެ ސަބަބުން، ވަކި ސިޔާސީ ލީޑަރެއްގެ އަމިއްލަ ތަސައްވުރުތަކާއި އުންމީދުތައް ދައުލަތުގެ ގާނޫނީ ނިޒާމުގެ ތެރޭގައި ކަނޑައެޅިގެން ބަޔާންވެގެންދާނެއެވެ. މިއީ ދައުލަތުގެ ނިޒާމު ވަކި ފަރުދެއްގެ މަސްލަހަތަށް ހާއްސަ ކުރުމުގެ އަމަލެކެވެ. ސައްހަ ގާނޫނުތަކަކީ އާންމު އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ، އަދި އެ ގާނޫނެއް ހުށަހަޅާ ވެރިއެއްގެ އަމިއްލަ އިސްކަންދޭ ކަންކަމަށްވުރެ ބޮޑަށް، މިނިވަންކަމާއެކު ދެނެގަނެވޭނެ އާންމު މަސްލަހަތެއް އިސްކުރާ އެއްޗަކަށް ވާންޖެހެއެވެ.
އާންމުންނަށް ތަފުސީލުތައް ނުފެންނަ އެއްބަސްވުމެއްގެ ދަށުން، ވަކި ލީޑަރެއްގެ ހާއްސަ މަޝްރޫއެއް ހިމާޔަތްކުރުމަށް ފަރުމާކުރާ ގާނޫނަކީ އެ މިންގަނޑަށް ފެތޭ އެއްޗެއް ނޫނެވެ. މީގެ ސަބަބުން ދައުލަތުގެ ގާނޫނު ހަދާ ނިޒާމު ބޭނުންކުރެވެނީ ވަކި ސިޔާސީ އެޖެންޑާއަކަށް ހިދުމަތް ކުރުމަށެވެ. އަދި ވެރިއެއްގެ އަމިއްލަ މަސްލަހަތާއި ދައުލަތުގެ މަސްލަހަތާ ދެމެދު އޮންނަންޖެހޭ ފަރަގު މިކަމުގެ ސަބަބުން އޮޅުންބޮޅުންވެގެންދެއެވެ. މީގެ އިތުރުން، މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމުގެ އުސޫލަށް ވެސް ބަލިކަށިކަން އާދެއެވެ.
ދިމިގްރާތީ އުސޫލުތަކުގެ ސައްހަކަން ބިނާވެގެންވަނީ، ދައުލަތުގެ މުއައްސަސާތަކަކީ ވަގުތީ ގޮތުން މަގާމުތަކާ ހަވާލުވެވަޑައިގަންނަވާ ބޭފުޅުންގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ތަންތަނުގެ ގޮތުގައި ފެނުމުގެ މައްޗަށެވެ. ވެރިއެއްގެ އަމިއްލަ ފަސޭހައަށްޓަކައި ގާނޫނުތައް ހަދަން ފެށުމުން، އެ މުއައްސަސާތަކުގެ މިނިވަންކަން ގެއްލިގެންދެއެވެ. އަދި އޭގެ ނޭދެވޭ އަސަރު އެ ފަރުދަކު މަގާމުން ވަކިވުމަށްފަހު ވެސް ދެމިއޮވެއެވެ.
ދެވަނަ މައްސަލައަކީ ސިޔާސީ މަޝްރޫޢަކަށް ވުމެވެ. މިފަދަ ބޮޑު މަޝްރޫއަކީ މާލީ އިލްތިޒާމުތަކާއި، ބިން ބޭނުންކުރުމާއި، ދަރަންޏާއި، ވަޒީފާގެ ފުރުސަތުތަކާއި އަދި މާލޭ ސަރަހައްދުގެ އޮނިގަނޑަށް ކުރާނެ އަސަރުގެ ސަބަބުން، ކުރިއަށް އޮތް އެތައް އަހަރަކަށް ގައުމުގެ އިގްތިސާދު ބައްޓަންކުރާނެ ކަމެކެވެ. މީގެ މުއްދަތަކީ އެއްވެސް ސަރުކާރެއްގެ ދައުރަށްވުރެ މާ ދިގު މުއްދަތެކެވެ. މިފަދަ މަޝްރޫއެއް ހަމައެކަނި ވަކި ސިޔާސީ ޕާޓީއަކާ ގުޅުވައި، އެހެން ސިޔާސީ ފަރާތްތަކާ މަޝްވަރާކުރުމެއް ނެތި ކުރިއަށްގެންދާނަމަ، އެ މަޝްރޫއަކީ ނާޒުކު އެއްޗަކަށް ވެގެންދެއެވެ. ދެން އަންނަ ސަރުކާރަކުން އެ އެއްބަސްވުމަކީ ކުރީ ސަރުކާރުގެ ކަމެއްގެ ގޮތުގައި ދެކި، އެއަށް ބަދަލު ގެނައުމަށް ނުވަތަ އުވާލުމަށް މަސައްކަތް ކޮށްފާނެއެވެ. މިފަދަ ނުތަނަވަސްކަމަކީ އޭގެ ޒާތުގައި ބޮޑު ގެއްލުމެކެވެ.
ރަސްމާލެ މަޝްރޫއުގެ ފައިދާތަކަށް ބެލިކަމުގައިވިޔަސް، އެކަން ކުރިއަށްދާ ގޮތުން ފެންނަނީ އިސްތިރާތީޖީ ތަރައްގީގައި ތަކުރާރުވަމުންދާ ނުރައްކަލެކެވެ. އެއީ، ބޮޑެތި މަޝްރޫއުތަކަކީ ސަރުކާރުގެ ސިޔާސީ އެޖެންޑާ ކުރިއަރުވާ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމެވެ. ދިމިގްރާތީ ވެރިކަމެއްގައި ގާނޫނުތައް ހުންނަންވާނީ މަގާމުގައި ހުންނަ މީހާއަށް މަންފާވާ ގޮތަށް ނޫންކަމާއި، އާންމު ރައްޔިތުންގެ ލާބައަށްޓަކައެވެ. އަދި އެތައް އަހަރަކަށް ދެމިގެންދާނެ ނިންމުންތައް ނިންމަންވާނީ ސިޔާސީ ގޮތުން ފުޅާ ދާއިރާއެއްގައި އެއްބަސްވެވިގެންނެވެ. އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރުމާއި ސިޔާސީ ވާދަވެރިންނާ މަޝްވަރާކުރުމަކީ، ހަމައެކަނި ގާނޫނަކުން އެކަން ރައްކާތެރިކުރުމަށްވުރެ ބޮޑަށް އެ މަޝްރޫއަށް އޮތް ރައްކާތެރިކަމެކެވެ.
ހިޔާލުތައް
ހިޔާލުތައް ލޯޑު ކުރަނީ…
ހިޔާލެއް ހުށަހަޅުއްވާ