ޑިމޮކްރަސީގެ ނަމުގައި އަޣުލަބިއްޔަތުން ހުރިހާ ކަމެއް ނިންމުން ދިވެހި ސިޔާސީ ހަޔާތަށް ތާރަފުވެފައިވަނީ ކިހިނެތްކަމެއް ނޭންގެއެވެ. ނަމަވެސް ސިޔާސީ ހުރިހާ ނިންމުމެއް އަހަރުމެން ނިންމަނީ އަޣުލަބިއްޔަތުގެ ފަނާކުރަނިވި އުސޫލުންނެވެ. މިކަން އެންމެ ސާފުކޮށް ފެންނަން އޮތީ މަޖިލީހުގެ މަސައްކަތްތަކުގައެވެ.

19 ވަނަ މަޖިލީހަށް ބަލާއިރު، މަޖިލީހުގައި ސަރުކާރު ހިންގާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީއަށް އޮތް މެޖޯރިޓީގެ ބޭނުންކޮށްގެން ކޮމިޓީތަކުގެ މުގައްރިރުން ކަނޑައެޅި އިރު އެޕާޓީ ނޫން އެހެން ޕާޓީ އެއްގެ މުގައްރިރުކަން ދީފައި ވަނީ އެންމެ ކޮމިޓީއެއްގަ އެވެ. ޕީއެންސީގެ އަޣުލަބިއްޔަތު އޮތް މިހާރުގެ 20 ވަނަ މަޖިލީހުގައިވެސް އެފަދައެވެ. ހުރިހާ ކޮމިޓީތަކެއްގެ ފުރިހަމަ އަޣުލަބިއްޔަތާއި ލީޑަޝިޕް އެއްކޮށް ޕީއެންސީގެ މެންބަރުންނަށް ކަނޑައެޅިއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ދުވަސްވަރު، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު މަގާމުގެ ހުވާކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ރައީސުލްޖުމުހޫރިއްޔާ މަގާމުން ދުރުކުރުމުގެ ވޯޓު މަޖިލީހުގައި ނެގުމަށް މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދު ގުނާ އުސޫލަށް އެމްޑީޕީން ބަދަލު ގެނައުމަކީ މަސްރަހު ވަރަށް ބޮޑަށް ހޫނުވެގެންދިޔަ މައްސަލައެކެވެ. އެމްޑީޕީން ގެނެސްފައިވާ އިސްލާހުން ފަހުން ސުޕްރީމް ކޯޓުން ބާތިލުކޮށްފައިވެއެވެ.
މަޖިލީހުގެ ނިންމުންތައް ނިންމާ މައިގަނޑު ގޮތަކީ އަޣުލަބިއްޔަތުކަމުގައި ވީނަމަވެސް، މައިނޯރިޓީގެ ބަސް މަޖިލީހުގައި އިއްވޭ ހަރުދަނާ ގޮތެއް، ދާދިފަހަކާ ޖެހެންދެއް އޮތެވެ. އެއީ، މަޖިލީހަށް ހުށަހަޅާ ގަރާރަކުންނެވެ. ގަރާރެއްގެ ބޭނުމަކީ މަޖިލީހުން ހަމައެކަނި ކަމަކާ ދޭތެރޭގައި ދެކޭގޮތް ހާމަކުރުމެވެ. މަޖިލީހުން ފާސްކުރެވޭ ގަރާރަކީ ޤާނޫނަކަށް ނުވިނަމަވެސް، އެ ނިންމުމެއްގައި ސިޔާސީ ބާރުވެރިކަންވެއެވެ. އެއިން އެނގެނީ ވަކި ކަމަކާ މެދު ދައުލަތުގެ އެއް ބާރުން ދެކޭ ގޮތެވެ.
ގަރާރުތަކާ ގުޅޭގޮތުން މިހައިތަނަށް އަމަލު ކުރަމުން އައީ، މެންބަރަކު ގަރާރެއް ހުށަހެޅުމުން، އެ ގަރާރުގެ ފުރަމަ ކިޔުން އިއްވައި، އެ ގަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަން ހުޅުވައިލާ ގޮތަށެވެ. އެއަށްފަހު މަޖިލީހަށް ބިލު ބަލައިގަންނަ އުސޫލުން ގަރާރު ވެސް މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވަނީއެވެ. މި އުސޫލުގެ ސަބަބުން، މައިނޯރިޓީ މެމްބަރެއް ބޭނުންވެގެން ހުށަހެޅޭ މުހިންމު މައްސަލައަކަށް ވެސް މަޖިލީހުގެ ސަމާލުކަން ލިބި، މަޖިލީހުގައި ބަހުސްކުރުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް، 20 ވަނަ މަޖިލީހުގައި، އޮކްޓޯބަރު 2024 ގައި ގެނައި އިސްލާހާއެކު، ގަރާރަކަށް ބަހުސް ފެށުމުގެ ކުރިން އެ ގަރާރު މަޖިލީހަށް ބަލައިގަތުމާ މެދު ވޯޓަށް އަހަންޖެހޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. މިހެން ހެދުމުން ވާގޮތަކީ، ގަރާރެއް ބަައިނުގަތުމަށް އެއިރެއްގައި އަޣުލަބިއްޔަތު އޮންނަ ޕާޓީން ވޯޓު ދީފިނަމަ އެ ގަރާރެއް އިތުރަކަށް ކުރިއަކަށް ނުގެންދެވެއެވެ. އެގޮތަށް ގަވާއިދު ބަދަލުކޮށްފައިވަނީ، މައިނޯރިޓީ ކަމުގައިވާ، އިދިކޮޅު އެމްޑީޕީގެ 10 މެންބަރުން އެ އިސްލާހާ ދެކޮޅަށް ވޯޓުދީފައިވަނިކޮށެވެ.
އަހަރުމެންގެ ސިޔާސީ ހުރިހާ ނިންމުމެއްގައި ރައްޔިތުންގެ މަޖިލީހުގެ އާންމު ތަޅުމަކީ މަޖިލީހުގެ ފަހުބަސްބުނާ ތަނެވެ. ނަމަވެސް، މަޖިލީހުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ހުރިހާކަމަށް އެ ތަޅުމުގައި ބަހުސްކުރުމަކީ ވަގުތާއި، ފަންނުގެ ގޮތުން ވާނެކަމެއް ނޫނެވެ. ވަގުތުގެ ގޮތުން ބަލާއިރު، ކޮންމެ މެމްބަރެއްގެ ފަރާތުން މައްސަލަތަކަށް ފުންކޮށް ދިރާސާކޮށް ބަހުސްކުރާނަމަ އެ މައްސަލައަކަށް މަޖިލީހުގެ މުޅި ދައުރު ނިމިދާނެއެވެ. އެ ސަބަބަށްޓަކައި، މަޖިލީހުގެ އާންމު ތަޅުމުގައި ބަހުސްކުރެވޭ ދާއިރާ ހަނިކުރުމަށާއި އަދި ވަކި މައްސަލަތަކަށް އެކަށީގެންވާ ފަންނީ ގޮތެއްގައި ބަހުސްކުރުމަށް، އެކި ދާއިރާތަަކަށް ހާއްސަ ކޮމިޓީތަކެއް އެކުލަވައިލައި މެމްބަރުން އިންތިހާބުކުރެވެއެވެ.
މަޖިލީހަށް ހުށަހަޅާ ބިލެއް، ބަލައިގަތުމަށް ފާސްކޮށް ފުރަތަމަ ބަހުސް ނިމުމަށް ފަހު، އެ ބިލު ދިރާސާކުރުމަށް ފޮނުވައިލެވެނީ ކޮމިޓީއަކަށެވެ. ބިލާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކުންނާއ،ި އަމިއްލަފަރުދުންނާއ ޖަމްޢިއްޔާތަކުގެ ހިޔާލު ހޯދުމާއި އެކި ފަރާތްތައް ހާޒިރުކޮށް މައުލޫމާތުނަގައި އެކަންކަމަށް ރިޢާޔަތްކުރަންޖެހުނަސް، ހަގީގަތުގައި ބިލާ ގުޅޭ ގޮތުން މުހިންމު ނިންމުންތަކެއް ނިންމަނީ ކޮމިޓީންނެވެ.
ކޮމިޓީތަކުގެ ދައުރުގެ މުހިންމުކަމާ އެކުވެސް، ކޮމިޓީތައް އެކުލަވާލުމުގައި މެމްބަރުން އައްޔަންކުރެވެނީ ޕާޓީތަކުން މަޖިލީހަށް އިންތިހާބުވެފައިވާ މެމްބަރުންގެ އަދަދުގެ ނިސްބަތުންނެވެ. މި އުސޫލުގެ ސަބަބުން ނުކުންނަ ނަތީޖާއަކީ، މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭ ޕާޓީއަކަށް ހުރިހާ ކޮމިޓީތަކުގެވެސް އަޣުލަބިއްޔަތު ލިބުމެވެ. މިހެން މިކަން އޮތުމުން، މަޖިލީހުގެ ޢާންމު ތަޅުމުން ފެށިގެން ކޮމިޓީތަކުގެ މަސައްކަތްތަކާ ހަމައަށް، ކުދި ޕާޓީތަކާއި މައިނޯރިޓީގެ ދައުރު އޮންނަނީ ހަނިވެ، ބާރުކެނޑިފައެވެ. މައިނޯރިޓީގެ އަޑު އާންމު ތަޅުމުގައާއި ކޮމިޓީގައި އިއްވުނަސް، އެ އަޑުގައި މާ ބޮޑު ނުފޫޒެއް ނުވެއެވެ. އާޚިރުގައި ނިންމުންތައް ނިންމަނީ އަގުލަބިއްޔަތުގެ މައްޗަށް ބިނާވެ، އަޣުލަބިއްޔަތު އޮންނަ ބައެކެވެ.
މަޖިލީހުގެ ކަންކަން އަބަދުވެސް ބައްޓަންކުރަމުން ދަނީ އަގުލަބިއްޔަތު ބޭނުންވާ ގޮތަކަށެވެ. މި މައްސަލަ ހަގީގަތުގައި ގޯސްވަނީ ކޮމިޓީތައް އެކުލަވައިލުމުގައި ޕާޓީތަކަށް މަޖިލީހުގެ ގޮނޑި ލިބިފައިވާ ނިސްބަތުން ކޮމިޓީގެ ގޮނޑިތައް ކަނޑައަޅާތީއެވެ. ހުރިހާ ކަމެއް އަޣުލަބިއްޔަތުގެ މައްޗަށް ބިނާވެ ގޮތް ކަނޑައެޅޭނަމަ، އަޣުލަބިއްޔަތު ލިބޭ ޕާޓީގެ މެމްބަރުން ފިޔަވައި އިތުރު ޕާޓީއެއްގެ މެމްބަރުން މަޖިލީހުގައި ތަމްސީލުކުރުމަކީ މާބޮޑު މާނައެއް އޮންނަ ކަމެއް ނޫނެެވެ؛ މައިނޯރިޓީގެ އެއްވެސް ނުފޫޒެއް ނުވަތަ ސިޔާސީ ލެވްރޭޖެއް އެފަދަ ނިޒާމެއްގައެއް ނުވެއެވެ. ‘ވިނަރ ޓޭކްސް އޯލް’ ގެ ދަށުން މަޖިލީހުގެ ހުރިހާ ބާރުވެރިކަމެއް ލިބެނީ އަގުލަބިއްޔަތުން ކާމިޔާބުވާ ޕާޓީއަކަށެވެ.
މަޖިލީހުގެ ކޮންމެ ދައުރެއްގެ އިންތިހާބާ އެކު މަޖިލިސް ވަކި ބައެއްގެ ކޮންޓުރޯލުން ނައްޓުވައި، މަޖިލީހަކީ ހަގީގަތުގައިވެސް މަޝްވަރާ އާއި ދޫދިނުމުގެ ތެރެއިން ހިންގޭ ތަނެއް ގޮތުގައި ހަދަންޖެހެއެވެ. މިކަން ކުރުމުގެ އެއް ގޮތެއް ކަމުގައި ފެންނަން އޮތީ، މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލައި މެމްބަރުން އިންތިހާބުކުރުމުގައި އެންމެ ގިނައިން ވޯޓުލިބޭ ދެ ޕާޓީ ހަމަަހަމަކުރުމެވެ. އަދި އެހެނިހެން ޕާޓީތަކާއި މިނިވަން މެމްބަރުންނަށް ކޮމިޓީން ލިބޭ މިންވަރެއް ހަމަޖެއްސުމެވެ.
ހަގީގަތުގައި މުހިންމީ ކޮމިޓީ މަރުހަލާ ފަދަ، މައްސަލަތަކަށް ފީނައި، ދިރާސާކުރެވޭ އަދި ފަންނީ ގޮތެއްގައި މަޝްވަރާ ކުރަންޖެހޭ މާހައުލެއްގައި މަޝްވަރާކުރުމާއި އެއްބަޔަކު އަނެއްބަޔަކަށް ދޫދިނުމާއި ކަމްޕުރޮމައިޒް ކުރެވޭ ވެށްޓެއް ޤާއިމުކުރުމެވެ. ޑިމޮކްރަސީ އަކީ އަޣުލަބިއްޔަތެއް ނޫނެވެ. ޑިމޮކްރަސީއަކީ ބައިވެރިވުމެވެ.
މިކަމުގެ އިތުރުން ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް ބަޔާންކޮށްލާނަމެވެ. އެއީ، މަޖިލީހުގެ އިދާރީ މުހިންމުކަންކަމާއި ހިންގުމުގެ ކަންކަމާ ގުޅެ މުހިންމު އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމެވެ. ގަވާއިދެއްގައި އޮތުމުން، އެއިރެއްގައި މަޖިލިސް ކޮންޓުރޯލުކުރާ ބަޔަކު ބޭނުންވާ ގޮތަކަށް ވަރަށް ފަސޭހައިން ބަދަލުކޮށްލެވެއެވެ.
ހިޔާލުތައް
ހިޔާލުތައް ލޯޑު ކުރަނީ…
ހިޔާލެއް ހުށަހަޅުއްވާ