2008ގެ ގާނޫނުއަސާސީ އެކުލަވައިލެވުނު ދުވަސްވަރު، ރިޔާސީ ނިޒާމަކާ މެދު ޚާއްސަ މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުންގެ ނުތަނަވަސްކަމަކީ، ރިޔާސީ ނިޒާމުގެ ސަބަބުން ރަސްކަމެއްގައި އޮންނަ ފަދަ ހުދުމުޚުތާރު ކަމަކަށް އެނބުރި ދިޔުމަށް މަގުފަހި ވުމެވެ. އެއީ ރަސްކަން އިޢާދަވާތީ އެއްނޫނެވެ. ނަމަވެސް، ރިޔާސީ ނިޒާމެއްގެ ތަބީއަތުގެ ސަބަބުން އެ ނިޒާމުގައި ތަންފީޒީ ބާރުގެ މަސައްކަތްތައް ހަމަޖެހިފައި އޮންނަ ގޮތުންނެވެ.

ވެރިކަން ލިބުމުގެ ކުރިންބަރުލަމާނީ ނިޒާމެއް ގެނައުމަށް އެންމެ ވަރުގަދައަށް ވާހަކަދެއްކީ ރައީސް ނަޝީދެވެ. ވެރިކަން ލިބުމާ އެކު ރިއާސީ ނިޒާމުވެސް ކަމުދިޔައެވެ. ބަރުލަމާނީ ނިޒާމަކާ އެކު ބޭނުންވާހާ ގޮތަކަށް ވެރިކަން ނުކުރެވޭނޭކަން ދަނެއެވެ.

2014ގެ ފަހުގެ ހުރިހާ މަޖިލީހެއްގެ އަޣުލަބިއްޔަތު، އަދި ބައެއް ފަހަރު ބޮޑު އަޣުލަބިއްޔަތު، ލިބިފައިވަނީ އެ އިރެއްގައި ވެރިކަން ކުރާ ސަރުކާރެއްގެ ޕާޓީއަކަށެވެ. ރިޔާސީ ނިޒާމުގެ އަސްލަކީ، ރިއާސަތަށް ފުޅާ ބާރުތަކެއް ދިނުމަށް ފަހު، އެ ބާރުތަކަށް ފާރަވެރިވުމަށް، މަޖިލިސް ވަކިކޮށް، ސަރުކާރުގެ ނިންމުންތަކަށް މަޖިލީހުން ފާރަވެރިވުމެވެ. ނަމަވެސް، 2014ގެ ފަހުގެ ހުރިހާ މަޖިލީހެއްގެ އަޣުލަބިއްޔަތު އެ ދައުރެއްގައި ވެރިކަން ކުރާ ޕާޓީއަށް ލިބުމުން ދެން މިވާ ގޮތަކީ، ހަގީގަތުގައި ތަންފީޒީ ބާރާއި ގާނޫނު ހެދުމުގެ ބާރު އެއްވަނީއެވެ. ހަމައެކަނި ދެ ބާރު އެއްވަނީކީނޫނެވެ.

އެއަށް ވުރެ ނުރައްކާ ކަމަކީ، ދެ ބާރު އެއްވާ އިރު، ދެ ބާރު އެއްވަނީ، ފުޅާ ބާރުތަކެއް ލިބިގެންވާ ތަންފީޒީ ބާރުގެ މައްޗަށް ފާރަވެރިވުމުގެ ޒިންމާ އޮންނަ ގާނޫނު ހެދުމުގެ ބާރުވެސް ތަންފީޒީ ބާރުގެ ދަށަށް އައުމުގެ ގޮތުގައެވެ. އެއީ ބަރުލަމާނީ ނިޒާމުގައި އޮންނަ ފަދަ، އިއްތިފާގީ އޮއިވަރެއް ނެތިއެވެ. ބެލެންސްގެ އޮއިވަރެއް ނެތިއެވެ. މި ނުރައްކަލަށް ވުރެ ވަކި ނުރައްކާތެރިކަން ބޮޑީ، ރިޔާސީ ނިޒާމުގައި މި ފަދައިން ދައުލަތުގެ ދެ ބާރު އެއްވާ އިރު، އެންމެ މީހެއްގެ މުށުގެ ތެރެއަށް ދެ ބާރުވެސް ޖަމާވުމެވެ. އެއީ ތަންފީޒީ ބާރުގެ ވެރިޔާ، ރައީސުލްޖުމުހޫރިއްޔާއެވެ.

ދިވެހި ތަޖުރިބާއަށް ބަލާއިރު، މަޖިލީހުގެ އަޣުލަބިއްޔަތު ވަކި ޕާޓީއަކަށް ލިބުމަކީ ޠަބިޢީ ކަމެއްނޫނެވެ. އަޣުލަބިއްޔަތު ވަކި ޕާޓީއަކަށް ލިބެނީ ރައްޔިތުން ވަކި ގޮތެއްގައި ތިބެ، ވަކި ޒާތެއްގެ ސިޔާސަތުތަކެއް ރައްޔިތުން ގަބޫލުކުރާތީއެއް ނޫނެވެ. ވަކި ޕާޓީއަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުގައި އިސްވެ ބަޔާންކުރި ފަދައިން، ރިޔާސީ އިންތިޚާބުގެ ނަތީޖާއާއި، ސަރުކާރުގެ އިދިކޮޅު އޮއިވަރުގެ އަސަރު ވަރަށް ބޮޑެވެ. ކޮންމެ ދައުރެއްގައި މަޖިލިސް އަޣުލަބިއްޔަތު ލިބޭ ޕާޓީ ބަދަލުވުމަކީ މީގެ ހެއްކެކެވެ.

މިފަދައިން ބާރުތައް އެއްވުމުގެ ނުރައްކާ ދިވެހީން އަބަދުވެސް ތަޖުރިބާ ކުރެއެވެ. އެންމެ ނުރައްކާ ނަތީޖާ އަކީ ކޮންމެ ސަރުކާރަކާ އެކު ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމެވެ. ބައެއް ދައުރުތަކުގައި ޤާނޫނުއަސާސީ ބަދަލުކުރުމެވެ. ބޭނުންވާ ޤާނޫނެއް ފާސްކޮށް އިދާރީ ހިންގުމަށް ގެންނަން ބޭނުންވާ ކޮންމެ ބަދަލެއް ގެނައުމެވެ. މަޝްރޫޢުތަކާ މެދު ބޭނުންވާހާ ގޮތެއް ނިންމުމެވެ.

މިކަންކަމުގެ ހައްލަކީ އެންމެ މީހަކަށް ފެންނަ ގޮތަށް ސަރުކާރު ނުވަތަ ދައުލަތް ހިންގުމުގެ ނިޒާމެެއްގެ ބަދަލުގައި، ވާދަވެރިންގެ މެދުގައި މަޝްވަރާކުރެވިގެން ކަންކަން ނިންމޭ ނިޒާމެކެވެ.