
މަޝްރޫޢުތައް ހިންގުމަށް ރަށްރަށަށް އަރުވާފައި ހުންނަ ތަކެތި، އެ މަޝްރޫޢުތައް ނުނިންމައި ގެންދިޔުމަކީ އާންމުކޮށް އިވޭ ވާހަކައެކެވެ. ރައީސުލްޖުމުހޫރިއްޔާ ރަށަކަށް ވަޑައިގަންނަވާ އިރަކަށް މަޝްރޫޢު ހިންގާ ތަކެތި އަރުވާފައި ހުންނަ ބޮޑެތި ބާޖުތައް އެ ރަށެއްގައި ބަނދަރުކުރުމަކީވެސް އާންމު ވާހަކައެކެވެ. މިކަންކަމުގެ ސިއްރަކީ ކޮބައިހެއްޔެވެ؟
2025ގެ ބަޖެޓުގެ ނިޔަލަށް، ފާއިތުވެ ދިޔަ ހުރިހާ އަހަރަކު، ކޮންމެ ސަރުކާރަކުންވެސް ދައުލަތުގެ ބަޖެޓު އެކުލަވާލައި މަޖިލީހަށް ހުށަހަޅަނީ ރަށްރަށުގައި ހިންގާނެ މަޝްރޫޢުތަކާއި އެ މަޝްރޫޢުތަކަށް ހިސާބުކުރެވޭ ފައިސާ ހިމެނޭ ތަފުސީލާ އެކުއެވެ. ނަމަވެސް، މި ސަރުކާރުން 2023 ގައި ދައުލަތް ހިންގުމާ ހަވާލުވިފަހުން، ހުށަހެޅި އެއްވެސް ބަޖެޓެއްގެ ތަފުސީލު ހިމަނާފައެއްނުވެއެވެ. 2024 މި ސަރުކާރުން ހުށަހެޅި 2025 ގެ ބަޖެޓުގައިވެސް އަދި، 2025 ގައި ހުށަހެޅި 2026ގެ ބަޖެޓުގައިވެސް، އަދި އެހަކަށް ދުވަހު މަޖިލީހަށް ހުށަހަޅާފައިވާ 2027ގެ ބަޖެޓުގައިވެސް ރަށްރަށުގައި ހިންގާނެ މަޝްރޫޢުތަކާއި އެ މަޝްރޫޢުތަކަށް ހިސާބުކުރެވޭ ފައިސާ ހިމަނާފައެއްނުވެއެވެ.
2026 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ 9.3 ބިލިއަން ރުފިޔާ ހަރަދުކުރާ ގޮތެއް ހިމަނާފައެއްނުވެއެވެ. 9.3 ބިލިއަން ރުފިޔާ އަކި މުލި ބަޖެޓުގެ 14 ޕަސެންޓެވެ. ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ވަކިވަކި މަޝްރޫއުތަކުގެ ތަފްސީލު ނުހިމެނީ ރައްޔިތުން ބޭނުންވާ މަޝްރޫއުތައް ހިންގަން ޖާގަދިނުމަށް ކަމަށެވެ.
ނަމަވެސް، މާލީ ޒިންމާދާރުކަމާއި މާލީ އަހުލާގަށް ބަލާއިރު، ރައިޔިތުންގެ ފައިސާ ހަރަދުކުރުމުގައި އެވަރުގެ ޕުލެކްސިބިލިޓީއެއް އޮވެގެންނުވާނެއެވެ. ސަރުކާރުން ބޭނުން އަދަދެއް ހިމަނައި، މަޝްރޫޢުގެ ތަފުސީލު ނޭންގޭނަމަ ފަހުން ސަރުކާރުން ބޭނުންވާ ތަނެއްގައި ބޭނުން މަޝްރޫޢެއް ހިންގެއެވެ. ކުރިއާލައި އެއްވެސް ކަމެއް ރޭވުމެއް ތަރުތީބުކުރާކަށް ނުޖެހެއެވެ.
އެއް ރަށެއްގައި ހިންގާ މަޝްރޫޢު ހުއްޓާލައި އަނެއް ރަށަކަށް ބަދަލުކުރަންވީއެވެ. އެއްރަށެއްގައި ހިންގުމަށް ކަޑަޖަހާ މަޝްރޫޢު އަނެއްރަށަކަށް ބަދަލުކުރަންވީއެވެ. އެއް ރަށަކަށް އަރުވާ ކޮންނަ ބޯޓުތަކާއި މެޝިނުތައް އިންތިހާބުތަކާއި ދިމާކޮށް އަނެއް ރަށަކަށް އަރުވަންވީއެވެ. ރައީސުލްޖުމުހޫރިއްޔާ ވަޑައިގަންނާވާ ވަގުތަކާ ދިމާކޮށް ރަށްރަށުގައި ބާޖުތައް ބަނދަރުކުރަންވީއެވެ. ރައްޔިތުންނަކަށް ވާނުވާއެއް ނޭންގެއެވެ.
ދައުލަތުގެ ބަޖެޓު ފާސްވެގެން މަޖިލީހުން އެ ބަޖެޓު ނުކުންނަ އިރު، ރަށުގައި ހިންގަނީ ކޮން މަޝްރޫޢެއްކަމާ، މަޝްރޫޢެއް ހިންގާނެކަމާ މެދު އެއްވެސް ރަށެއްގެ އެއްވެސް ރައްޔިތަކަށް ޔަގީންކަމެއްނޯވެއެވެ. ހަމައެކަނި އޮންނަނީ ދާއިރާގެ މެމްބަރަކު ދެއްވާ ޔަގީންކަމެކެވެ. ރައްޔިތުންވެފައި މިވަނީ މި ސިޔާސީ ސަކަރާތާއި ހީލަތުގެ މަޒުލޫމަކަށެވެ. ނިޒާމު މި ހިންގަނީ ސަރުކާރުން ބޭނުންވާ ވާހަކައެއް ދައްކައި، ބޭނުންވާ ވަޢުދެއްވެ، ބޭނުންހާ ކަމެއް ހިންގައި، ޖަވާބުދާރީނުވާ ބަޔަކު ބޭނުންވާ ގޮތަކަށެވެ.
ހިޔާލުތައް
ހިޔާލުތައް ލޯޑު ކުރަނީ…
ހިޔާލެއް ހުށަހަޅުއްވާ