ދައުލަތުގެ ހަރަދުތަކަށް ފާރަވެރިވާ އެއް ޤާނޫނަކީ މާލިއްޔަތު ޤާނޫނާއި އެ ޤާނޫނުގެ ދަށުން، އެ ޤާނޫނު ތަންފީޒުކުރުމަށް އެކުލަވައިލެވޭ ޤަވާއިދެވެ. ދައުލަތުން ކުރާ ހަރަދުތައް މައިގަނޑު ގޮތެއްގައި ކުރަންޖެހެނީ މި އުސޫލުތަކުންނެވެ. ދައުލަތުން ހަރަދު ކުރެވޭ އެއްގޮތަކީ، ދައުލަތުގެ ިހިންގުމަށް ބޭނުންވާ، ނުވަތަ ސިޔާސަތު ތަންފީޒުކުރުމަށް ބޭނުންވާ މުދަލާ ހިދުމަތްތައް ހޯދުމަށް ކުރެވޭ ހަރަދެވެ. އެފަދަ ހަރަދުތައް ކުރުމުގައި ފަސާދަ އާއި ކޮރަޕްޝަން މަނާކުރުމަކީ މާލިއްޔަތު އުސޫލުތަކުގެ އަސާސީ މަގުސަދެވެ. އެހެން ނަމަވެސް، މިއަދު ފެންނަމުންދަނީ މި އުސޫލުތައް މުގުރައި، ދައުލަތުގެ ހަރަދުތައް ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން ހަމަޖެއްސޭ ގޮތަށް އުސޫލުތައް ބަދަލުކުރަމުންދާ ތަނެވެ.

ދައުލަތުން މުދަލާއި ޚިދުމަތް ހޯދުމުގައި އައަމަލުކުރަންޖެހޭ އާންމު އުސޫލަކީ އާންމުކޮށް ހުޅުވާލައިގެން މުދަލާއި ޚިދުމަތް ހޯދުމެވެ. އެހެންނަމަވެސް ބައެއް ހާލަތްތަކުގައި [ސިންގަލް ސޯސް ޕްރޮކިއުމަންޓް]ގެ ގޮތުގައި މުދަލާއި ޚިދުމަތް ހޯދެއެވެ. ސިންގަލް ސޯސް ޕްރޮކިއުމަންޓަކީ ވާދަވެރިކަމަށް ހުޅުވައިނުލައި، ސީދާ ވަކި ފަރާތަކުން ތަކެތި ނުވަތަ ޚިދުމަތް ހޯދުމެވެ؛ ނުވަތަ މަސައްކަތެއް ކުރުވުމެވެ.

މާލިއްޔަތުގެ ގަވާއިދު 19 ސެޕްޓެންބަރު 2023ގައި ފުރަތަމަ ވުޖޫދަށް ގެނެވުނު އިރު، ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން ތަކެތި ގަނެވޭ ނުވަތަ ޚިދުމަތް ހޯދޭ ހާލަތްތަކުގެ ގޮތުގައި 10.20ވަނަ މާއްދާގައި އޮތީ 6 ހާލަތެކެވެ. އޭގެ ތެރެއިން، އެއް ހާލަތަކީ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާ ހާލަތެވެ. މި ހާލަތުގައި އައަމަލުކުރަންޖެހޭ ގޮތްތައް އެ މާއްދާގައި ބަޔާންވެފައިވެއެވެ. އޭގެ ތެރޭގައި މަސައްކަތް ސަބް-ކޮންޓްރެކްޓު ނުކުރެވުމާއި، އެ މާއްދާގެ ދަށުން ހަވާލުކުރެވޭ ޕްރޮކިއުމަންޓް މަސައްކަތުގެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރުން ފަދަ ޝަރުތުތައް ހިމެނެއެވެ. އެހެން ނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރުގައި، އެ ގަވާއިދަށް 9 ސެޕްޓެމްބަރު 2024ގައި ގެނެވުނު ދެވަނަ އިސްލާހުގައި، އެ މާއްދާ އިސްލާހުކުރެވިފައި ވަނީ އަންނަވިނި ފަދައިންނެވެ؛ [ ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން، ވަކި ބަޔަކު ނުވަތަ ވަކި ހާއްސަ ފަރާތެއް ކަނޑައެޅުން]، މިއެވެ. އަދި މި ހާލަތުގައި އައަމަލުކުރަންޖެހޭ ގޮތްތައް ވަނީ އުވައިލެވިފައެވެ.

ގަވާއިދުގައި ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުގެ މަގުސަދު އޮތް ނަމަވެސް، 3ވަނަ އިސްލާހުގައި އެ މަގުސަދަށް ބެލުމެއް ނެތި ސިންގަލް ސޯސް ޕްރޮކިއުމަންޓް ހިންގޭ ގޮތަށް ބަދަލުކޮށްފައިވެއެވެ. އެ ގޮތުން، މަސައްކަތްތައް ކަމާ ގުޅޭ ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ހުށަހެޅުމުން މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫއުތައް ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުގެ ތެރެއިން ކުރިއަށް ގެންދެވިދާނެ ކަމަށް ކަނޑައަޅާފައި ވެއެވެ. ނަމަވެސް 4ވަނަ އިސްލާހުގައި މި އިޖުރާއާތު އިތުރަށް [ފަސޭހަކުރެވި]، ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ހުށަހެޅުމުމުގެ ބަދަލުގައި ސީދާ ވަޒީރުންގެ މަޖިލީހަށް ހުށަހަޅާ ގޮތަށް ބަދަލުކުރެވިފައިވެއެވެ.

ހަމަ އެ އިސްލާހުގައި، ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން ތަކެތި ގަނެވޭ ނުވަތަ ޚިދުމަތް ހޯދޭ ހާލަތްތަކުގެ ގޮތުގައި އިތުރު ހާލަތެއް އިތުރުކުރެވުނެވެ. އެއީ، އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫއުތަކާއި، ސަލާމަތީ ޚިދުމަތްތަކަށް ޚާއްސަ މަޝްރޫއެއްގެ ގޮތުގައި ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ހާލަތްތަކުގައެވެ. އަދި އެ ހާލަތުގައި މަޝްރޫއެއް ހިންގާ ބަޔަކު ވެސް ކަނޑައެޅުމުގެ އިޚުތިޔާރު 4ވަނަ އިސްލާހުން ލިއްބައިދޭ ގޮތަށް އެ މާއްދާ ބަދަލުކުރެވުނެވެ. އެ ގޮތުން، ވަކި މަޝްރޫއުތަކަކީ އަސާސީ ބޭނުންތަކާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫއުތަކާއި، ސަލާމަތީ ޚިދުމަތްތަކަށް ޚާއްސަ މަޝްރޫއެއްގެ ގޮތުގައި ހަމައެކަނި ކަނޑައެޅުމުގެ ބަދަލުގައި، ވަކި ބަޔަކު ނުވަތަ ވަކި ފަރާތެއްވެސް އެ މަޝްރޫއަކަށް ކަނޑައެޅުމުގެ އިޚުތިޔާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް މާއްދާ ބަދަލުކުރެވިފައިވެއެވެ.

މި ބަދަލުތަކަށް ބަލާއިރު، ބަދަލުތައް ގެނެސްފައި ހުރީ ހިތްހަމަޖެހޭ ގޮތަކަށް މާއްދާތައް ބަދަލުވާންދެންވެސް ހީވެއެވެ.

މި ހުރިހާ އިސްލާހުތަކެއް ގެނެވިފައިވަނީ 2023ގެ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނެޝަނަލް ކޮންގުރެސްގެ (ޕީ.އެން.ސީ) ކެނޑިޑޭޓް މުޙައްމަދު މުޢިއްޒު ރައީސްކަމަށް އިންތިޚާބުވުމަށް ފަހު، ރައީސް މުޢިއްޒުގެ ސަރުކާރުގައެވެ. މި އިސްލާހުތަކުގެ ދަށުން، އެއްވެސް ގޮތަކަށް ބިޑުކުރުމެއް ނެތި، 2.7 ބިލިއަން ރުފިޔާއަށްވާ 216 މަޝްރޫއު އަމިއްލަ ކުންފުނިތަކަކާ ރައީސް މުޢިއްޒުގެ ސަރުކާރުން ހަވާލުކުރީ 2025ވަނަ އަހަރުގެ ނޮވެންބަރު މަހު އެވެ.

ޤަވާއިދަށް ގެނެވުނު ބަދަލުލގެ ސަބަބުން، ބިޑުކުރަންޖެހޭ މަޝްރޫޢެއް ރާއްޖޭގައި ހިންގާނެހެނެއް ހިޔެއްނުވެއެވެ.