ކަނޑުއަޑީގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދުލުވުމަށް ތައްޔާރުކުރެވިފައި
ކަނޑުއަޑީގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދުލުވުމަށް ތައްޔާރުކުރެވިފައި

ދައުލަތް ހިންގުމުގެ އެންމެ އިސް ސަފުގައި ހިމެނޭ ވަޒީރުންނަކީ، ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ބޮޑެތި ބާރުތަކަކާއި ޒިންމާތަކެއް އުފުލަންޖެހޭ ބައެކެވެ. ނަމަވެސް، ޒަމާނަށް އައި ބަދަލުތަކާއެކު މިއަދު ފެންނަމުންދަނީ ވަޒީރުކަމުގެ މަޤާމަކީ ޒިންމާދާރުކަމަށްވުރެ ބޮޑަށް ހަމައެކަނި ޢިއްޒަތާއި ބާރު ލިބިދޭ ސިޔާސީ މަޤާމަކަށް ވެފައިވާ މަންޒަރެވެ. ވަޒީރަކު ނިންމާ ނިންމުމަކީ އޭގެ ސަބަބުން ދައުލަތަށް ބޮޑު މާލީ އަދި އިޤްތިޞާދީ ފައިދާއެއް ނުވަތަ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމެކެވެ. އެހެންނަމަވެސް، އެ ނިންމުމެއްގެ ނަތީޖާއަށް އަމިއްލަ ގޮތުން ޖަވާބުދާރީވާން ނުޖެހުމުގެ ސަބަބުން، ވެރިކަން ހިންގުމުގެ ނިޒާމުގައި ޒިންމާ އަދާކުރުން ވަނީ ނަސީބުގެ މައްޗަށް ބިނާވެފައިވާ “ލޮޓަރީއަކަށް” ބަދަލުވެފައެވެ.

ކުރީގެ ޤާނޫނުއަސާސީތަކުން ލިބޭ ތާރީޚީ ފިލާވަޅު

ދިވެހިރާއްޖޭގެ ދުސްތޫރީ ތާރީޚަށް ނަޒަރު ހިންގާލާއިރު، 1934 އިން ފެށިގެން 1967 އާ ހަމައަށް އެކުލަވާލެވުނު ޤާނޫނުއަސާސީތަކުގައި ވަޒީރުން ޒިންމާދާރުކުރުވުމަށް ވަރަށް ހަރުދަނާ އުޞޫލުތަކެއް ކަނޑައަޅާފައި އޮތެވެ. އެގޮތުން 1934 ގެ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާ، 1937 ގެ 59 ވަނަ މާއްދާ، 1951 ގެ 52 ވަނަ މާއްދާ، އަދި 1964 އާއި 1967 ގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައިވެސް ސާފު ޢިބާރާތުން ބަޔާންކޮށްފައިވަނީ، “ވަޒީރެއްގެ އިހުމާލުން ދައުލަތަށް ކަމެއް ގެއްލިއްޖެނަމަ، އެކަމުގެ މަސްއޫލިއްޔަތު އެ މީހަކު އަމިއްލަ ގޮތުން އުފުލަންޖެހޭނެ ކަމަށެވެ.”

މި މާއްދާތަކަކީ ވަޒީރުންގެ މަޤާމުގެ ނުފޫޒާއި ބާރު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ފަރުވާކުޑަކޮށް ނިންމާ ނިންމުންތަކުން ދައުލަތުގެ މާލިއްޔަތާއި މަޞްލަޙަތު ރައްކާތެރިކުރުމަށް އެޅިފައި އޮތް ވަރަށް ވަރުގަދަ ޤާނޫނީ ހުރަހެކެވެ. އޭގެ ސަބަބުން ކޮންމެ ނިންމުމެއް ނިންމުމުގައިވެސް ފުންކޮށް ވިސްނައި، ޒިންމާދާރުކަމާއެކު ޢަމަލުކުރުމަށް ވަޒީރުންނަށް މަޖުބޫރުވިއެވެ.

މިއަދުގެ ނިޒާމާއި ޖަމާޢީ ޒިންމާގެ ނާކާމިޔާބީ

މިއަދުގެ ދުސްތޫރީ އޮނިގަނޑުގައި ވަޒީރުން ޒިންމާދާރުކުރުވަނީ ޖަމާޢީ ގޮތެއްގައެވެ. ވަޒީރަކު ހިންގާ ބޮޑު އިހުމާލަކުން ނުވަތަ ނިންމާ ނާޤާބިލު ނިންމުމަކުން ދައުލަތަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ލިބުނު ކަމުގައި ވިޔަސް، މިއަދު އަޅާ އެންމެ ބޮޑު ފިޔަވަޅަކީ ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުން ނުވަތަ މަޤާމުން ވަކިކުރުމެވެ. މީގެ ނަތީޖާއަކީ، އެ ވަޒީރެއްގެ އަމިއްލަ ޖީބުން ނުވަތަ ޒާތީ ގޮތުން އެ ގެއްލުމުގެ ބަދަލު ދޭން ނުޖެހި، މުޅި ގެއްލުމުގެ ބުރަ އާންމު ރައްޔިތުންގެ ބޮލުގައި އެޅުމެވެ.

މި ނިޒާމުގެ ސަބަބުން ވަޒީރުންގެ މަސައްކަތްތަކުގައި ހުންނަންޖެހޭ ސީރިއަސްކަން ކެނޑިގެންދެއެވެ. ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމުގައި ދައުލަތަށް ގެއްލުންވިޔަސް އަދި ފައިދާވިޔަސް ހެޔޮކަމަށް ދެކި، ފަރުވާކުޑަ ނިންމުންތައް ނިންމުމުގެ ޖާގަ ފަހިވެއެވެ. ނަތީޖާއެއްގެ ގޮތުން، ވަޒީރުކަމުގެ މަޤާމަކީ ޤައުމީ ޚިދުމަތެއްގެ ބަދަލުގައި، ސިޔާސީ މަންފާ ހޯދުމަށްފަހު ފަސޭހައިން ރެކިގަނެވޭ މަޤާމަކަށް ވެގެންދެއެވެ.

ބާރާއި ޖަވާބުދާރީވުމުގެ ހަމަހަމަކަން

ވެރިކަން ހިންގުމުގެ އަސާސީ ހަމައަކީ ބާރާއި ޒިންމާ އެކީގައި ދިއުމެވެ. ބޮޑެތި ބާރުތަކާއި އިމްތިޔާޒުތައް ލިބިފައިވާ ފަރާތްތަކުން އެ ބާރުގެ ނަތީޖާއަށް ފުރިހަމައަށް ޖަވާބުދާރީ ނުވާނަމަ، ދައުލަތުގެ ނިޒާމުގެ އިތުބާރު ގެއްލި ނަޒާހަތްތެރިކަން ނެތިގެންދެއެވެ. ކުރީގެ ޤާނޫނުއަސާސީތަކުގައި އޮތް ފަދައިން، ވަޒީރުންގެ އަމިއްލަ އިހުމާލުން ވާ ގެއްލުންތަކަށް ޒާތީ ގޮތުން ޒިންމާވާންޖެހޭ އުޞޫލެއް އަލުން ތަޢާރަފުކުރުމަކީ، ވެރިކަން ހިންގުމުގައި ހަޤީޤީ ޖަވާބުދާރީވުން ޤާއިމުކުރުމަށް މިއަދު ކޮންމެހެން ބޭނުންތެރި ކަމެކެވެ.