ލިޔުން ކިޔައިލުމުގެ ކުރިން ހަނދާން އާކޮށްލަންޖެހޭ ބައެއް ކަންކަން:

  1. 2026ގެ މާރިޗު މަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ އެ ބޭންކުގެ އާ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ BML Affordable Home Leasing Pvt. Ltd ގެ ނަމުގައި އުފައްދާފައިވާ ކުންފުންޏަކުން ބީއެމްއެލް އެފޯޑަބަލް ހައުސިންގް ޕްރޮޖެކްޓްގެ ނަމުގައި ބޮޑު ގެދޮރުވެރިކަމުގެ މަޝްރޫޢެއް ފަށާފަ.
  2. 2023 ގައި އިސްލާމިކް މިނިސްޓްރީން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 2019ވަނަ އަހަރު ޒަކާތު ފަންޑުން ބޭސް ފަރުވާއަށް 22.6 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ. އެކަމަކު، ޖެހިގެން އައި 2020ވަނަ އަހަރު އެ ކަމަށް ހޭދަ ކޮށްފައިވަނީ ހަ މިލިއަން ރުފިޔާއެވެ. އަދި، 2021ވަނަ އަހަރު ޒަކާތު ފަންޑުން ބޭހަށް ޚަރަދު ކޮށްފައިވަނީ ހަތް މިލިއަން ރުފިޔާއެވެ.
  3. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮތް އަހަރު ޒަކާތު ފަންޑުން ބޭސް ފަރުވާއަށް ބޮޑު ހޭދައެއް ކުރުމުގެ ފަހަތުގައި ކޮރަޕްޝަން އޮތް ކަމުގެ ތުހުމަތު.

ފުރަތަމަ ނުކުތާ އިން ފާހަގަވަނީ ދިވެހީންގެ ބޭންކުން، ބޭންކުގެ ދާއިރާއަށްވެސް ނުވަންނަ މަޝްރޫޢެއް ފެށުމެމެވެ؛ ފަހަރުގައު އޭގެ ފަހަތުގައި އޮތީ ސިޔާސީ ނުފޫޒުކަމުގައި ވެދާނެއެވެ. ފަހު ދެ ނުކުތާ ހާއްސަވަނީ ޒަކާތު ފަންޑަށެވެ. ޒަކާތުގެ ކަންކަން ޤާނޫނަކުން އިންތިޒާމުކުރާ އިރު، އެ ޤާނޫނުގައި ވަކި ކަންތައްތަކެއް ހުރިތޯ ނުވަތަ ނެތްތޯ ބަލައި، ޤާނޫނުން ޒަކާތުގެ މަސައްކަތްތައް ޤާނޫނުން އެކަށީގެންވާ ދެފުށް ފެންނަ، މިނިވަން ގޮތެއްގައި ހިންގިދާނެކަމާމެދު ބަހުސްކުރަންޖެހެނީ އެ ސަބަބުތަކަށްޓަކައެވެ. މި ލިޔުމުގައިވާ ތަންޤީދުތައް މުނާސަބުވަނީވެސް އެ ކަންކަމާ އެވެ.

ތިރީގައިވާ ނުކުތާތަކަކީ، 06 ޑިސެމްބަރު 2025 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ޒަކާތުގެ ޤާނޫނުން (ޤާނޫނު ނަންބަރު 2025/27) ފާހަގަކުރެވުނު ބައެއް ކަންކަމާއި އެކަންކަމުގެ ތަންޤީދެވެ.

1. ސިޔާސީ ނުފޫޒަށް ފުރުސަތު ބޮޑު ޤާނޫނެއް:

ޒަކާތުގެ ޤާނޫނުގެ ދަށުން ހަގީގަތުގައި ތަންޒީމުކުރުން މުހިންމުވަނީ ޒަކާތް ނެގުމަށް ފަހު، އެ ފައިސާ ބޭނުންކުރާ ގޮތެވެ. އެ ގޮތުން، ޒަކާތުގެ ފައިސާ ބޭނުންކުރެވޭކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން އެންމެ މުހިންމު ގޮތަކީ ފައިސާ އިންވެސްޓުކުރުމެވެ. ނަމަވެސް، ޤާނޫނުގައި އިންވެސްޓުކުރުން ތަންޒީމުކޮށްދީފައިވާ ވަރަށްވެސް ދޫކޮށެވެ. ޤާނޫނުގައި ކަނޑައެޅިފައިވާ ހަމައެކަނި ހުދޫދަކީ “އިސްލާމީ ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކުރުން” އެކަންޏެވެ.

ޒަކާތު ފަންޑުގެ ބޮޑުބައެއް އިންވެސްޓުކުރެވޭ އިރު އަދި އެކަމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވޭ އިރު، ޤާނޫނުން އިންވެސްޓުކުރުން ތަންޒީމުނުކޮށް، ސަރުކާރަކުން އެކުލަވައިލާ ޤަވާއިދަކަށް ބިނާކުރުމަކީ ނުރައްކާ ކަމެކެވެ. ކޮންމެ ސަރުކާރަކުން ނުވަތަ ސިޔާސީ މީހަކު ބޭނުންވެއްޖެނަމަ އެބައެއްގެ ސިޔާސީ ތަސައްވުރާ އެކަށީގެންވާ ގޮތަކަށް ޤަވާއިދު ވަގުތުން ބަދަލުކޮށްލެވެއެވެ.

ޒަކާތުގެ ފައިސާ އިންވެސްޓުކުރުމާ އެންމެ ވައްތަރު ޤާނޫނީ އިންތިޒާމެއް ފެންނަނީ ދިވެހިރާއްޖޭގެެެ ޕެންޝަނާބެހޭ ޤާނޫނުންނެވެ. ޕެންޝަނުގެ ފައިސާ އިންވެސްޓުކުރުން އެ ޤާނޫނުން ތަންޒީމުކޮށްފައިވާ ގޮތަށް ބަލާއިރު، އިންވެސްޓުކުރުމާ ގުޅުން ހުރި ވަރަށް ގިނަ ކަންކަން ޤާނޫނުގައި ކަނޑައަޅާފައިވެއެވެ. އެގޮތުން، އިންވެސްޓުކުރުމާ ގުޅުންހުރި އިދާރީ ކަންކަމާއި، ފަންނީ މަސައްކަތްތައް ހިމެނެއެވެ. ފަހަރުގައި، ޕެންޝަނާބެހޭ ޤާނޫނުގައި ތަފްސީލުކޮށް އެކަންކަން ބަޔާންކޮށްފައި އެވަނީ، ޕެންޝަން ފަންޑުން އިންވެސްޓުކުރަނީ އެ ފަންޑުގައި ފައިސާ ބަހައްޓާފައިވާ ފަރުދުންގެ މަސްލަހަތުގައި ކަމަށް ވީމައެވެ.

ޒަކާތުގެ ފައިސާ އަކީ، ފައިސާ ދެއްކުމަށް ފަހު ދައްކާ ފަރާތުގެ މިލްކުން ވަކިވާ ފައިސާ ކަމުގައި ވިޔަސް، ޒަކާތު ފަންޑުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، އިންވެސްޓުކުރުމުގެ ކަންކަން ހިންގާނޭ ގޮތްތައް ޤާނޫނުގައި ތަފްސީލުކޮށް ކަނޑައަޅާން ޖެހެއެވެ. މިހާރު ޤާނޫނު އޮންނަ ގޮތުން ސިޔާސީ އިހުތިޔާރަށް ވަރަށް ގިނަ ކަންކަން އެވަނީ ދޫކޮށްލެވިފައެވެ.

2. ތަންފީޒީ ޤާނޫނެއް ނުވަތަ މަޢުލޫމާތުގެ ޤާނޫނެއް؟:

މިހާރު ޤާނޫނުގައި އޮންނަ ގޮތުން މުދަލު ޒަކާތުގެ ބެހެނިވެރިންގެ ގޮތުގައި އަޅުން މިނިވަންކުރުން ހިމެނެއެވެ. ފިޤުހީ ގޮތުން އަޅުން މިނިވަންކުރުމަކީ ޒަކާތުން ހޭދަކުރެވޭ ކަމެކެވެ. ނަމަވެސް، ޤާނޫނެއްގެ ބޭނުމަކީ ޒަކާތަކީ ތަންފީޒީ މަސައްކަތަކަށް ހެދުމެވެ. ޒަކާތުން ހަގީގަތުގައި އަދިވެސް އަޅުން މިނިވަންކުރަންޖެހޭނަމަ އަޅުން މިނިވަންކުރުން ޤާނޫނުގައި އޮންނަންވާނެއެވެ.

ދެން ފާހަގަކުރެވޭ ކަމަކީ މުދަލު ޒަކާތް ދައްކާ ފަރާތުގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި މިނިވަނެއް ކަމުގައި ވުން ހިމެނުމެވެ. މިއީ އަޅުވެތިނުވުމުގެ މާނަހެއްޔެވެ؟ ނުވަތަ ޙުކުމެއްގެ ސަބަބުން ބަންދުގައި ނުވުން ހެއްޔެވެ؟ އަޅުވެތިނުވުމުގެ މާނަ ނަމަ މި ނުކުތާއަށްވެސް އިސްވެ ބަޔާންކުރެވުނު ތަންޤީދު މުނާސަބެވެ. ޙުކުމެއްގެ ސަބަބުން ބަންދުގައި ހުންނަ މީހެއްނަމަ، އެފަދަ މީހެއްގެ މުދަލުން ޒަކާތް ނުނެރުމުގެ ޙިކުމަތެއްނެތެވެ. އެފަދަ މީހާގެ މުދަލަކީވެސް އެއްކުރެވިފައި ހުންނަ މުދަލެވެ.

3. މުދަލު ޒަކާތުގެ ގޮތުގައި ދައްކާފައިވާ ފައިސާ ޓެކުހުން އުނިކުރުން:

މި ޤާނޫނުގެ ދަށުން މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ދައްކާފައިވާ ފައިސާ، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، އެ ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، އުނިކުރެވެއެވެ. މިހެން މިކަން އޮތް އިރު، ޒަކާތް ނެރުމާއި އަމްދަނީން ޓެކްސް ދެއްކުމުގައި ވަރަށް ބޮޑު ތަފާތެއްވެއެވެ. އެއީ، ޒަކާތަކީ ނެރެވޭ އުޞޫލަށް ބަލާއިރު “ނެޓު” މުދަލުން ނެރެވޭ އެއްޗެކެވެ.

އާމްދަނީ ޓެކްސްގެ ‘ވިތްހޯލްޑިންގ ޓެކްސް’ ދައްކަނީ ލިބޭ އާމްދަނީގެ ޖުމުލައިންނެވެ. މިހެން މިކަން އޮތް އިރު، ކޮންމެ މަހަކު ‘ވިތްހޯލްޑިންގ ޓެކްސް’ ދައްކައި، އަދި އަހަރު ނިމޭ އިރުވެސް ޒަކާތުގެ ނިޞާބުހަމަވާ މުދަލަކީ ހަގީގަތުގައި އެއްކޮށްފައި ހުންނަ ނުވަތަ ‘ހޯޑު’ ވެފައިވާ މުދަލެވެ. އެހެންކަމަށް ވާއިރު، އާމްދަނީން ނަގާ ޓެކްސް އެއް، އެއްކޮށްފައި ހުންނަ މުދަލަކުން ނެރެވޭ ޒަކާތުގެ ސަބަބުން އުނިވުމަކީ މާނައެއް އޮތްކަމެއްނޫނެވެ.