ރިޔާސީ-ބަރުލަމާނީ ތާރީޚަކީ ސިޔާސީ ވަރަށް ގިނަ އުސޫލުތަކެއްގެ ވެސް ތާރީޚެވެ؛ ވެރިކަން ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތުން ތަރައްގީވުމުގެ ތާރީޚެވެ؛ ވެރިކަމުގެ ބާރުތައް ހުދޫދޫކުރުމުގެ ތާރީޚެވެ؛ ސިޔާސީ ވާދަވެރިކަމުގެ ތާރީޚެވެ؛ މި ޒަމާނުގެ ބައްޓަމަށް މަދަނީ ދައުލަތް ތަރައްގީވުމުގެ ތާރީޚެވެ. އެހެންކަމުން، ދެ ނިޒާމު ތަރައްގީވުމާއި އެކަށައެޅުމުގައި ވެސް އެ ތާރީޚުތަކުގެ ދައުރާއި އަސަރު ބޮޑެވެ.

ބަރުލަމާނީ-ރިޔާސީ ނިޒާމު ނިސްބަތްވާ ދެ ގައުމު ކަމަށްވާ އިނގިރޭސިވިލާތާއި އެމެރިކާގައި އެ ދެ ނިޒާމު އެކަށައެޅި، ބައްޓަންވުމުގައި އެ ދެ ގައުމުގައި ތާރީޚީ ގޮތުން ހިނގާފައިވާ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، ބަހުސްކުރަންޖެހެއެވެ. މި މައުލޫގެ ދަށުން ބަހުސްކުރާނީ އިނގިރޭސިވިލާތުގައި ބަރުލަމާނި ނިޒާމު ތަރައްގީވެފައިވާ ގޮތާއި، އެމެރިކާގައި ރިޔާސީ ނިޒާމު އެކުލަވައިލެވި، ތަރައްގީވެފައިވާ ގޮތާ ބެހޭ ގޮތުންނެވެ.

އިނގިރޭސިވިލާތް

އިނގިރޭސި ބަރުލަމާނީ ނިޒާމަކީ ދިގު ތާރީޚެއްގައި އުފެދި ތަރައްގީވެފައިވާ ނިޒާމެކެވެ. ތާރީޚުގެ ތެރެއިން މަޝްވަރާގެ ކައުންސިލެއްގެ ގޮތުގައި އުފެދުނު މަޖިލިސް، ގަރުނުތަކެއް ތެރެއިން ތަރައްގީވެ، އުފެދިފައިވާ ނިޒާމެކެވެ. މި ކައުންސިލުގެ އާޚިރުގެ ނަތީޖާއަކީ ހުދޫދެއް ނެތް ބާރުވެރިކަމެއް ލިބިފައިވާ ރަސްގެފާނުގެ ބާރުތައް ހަނިކުރެވުމެވެ. ކައުންސިލެއް އުފެއްދުމަށް މަގުފަހިވި މައިގަނޑު ސަބަބަކީ ޓެކްސް ނެގުމަށާއި ޝާހީ ނިންމުންތަކަށް އާންމު ރުހުން ހޯދުމެވެ. ކައުންސިލު އުފެއްދުމަށް ފަހު ދުވަހެއް ދުވަހަކަށް އެ ކައުންސިލުގެ ބާރުވެރިކަން ފުޅާވެފައިވަނީ ރަސްކަމާއި މަސްލަހަވާދަވެރިންނާ ދެމެދު އެކި ދުވަސްވަރު ހިނގާފައިވާ ކޯޅުންތަކާއި ސިޔާސީ ގަޑުބަޑުގެ ތެރެއިންނެވެ.

އިނގިރޭސި ބަރުލަމާނީ ނިޒާމުގެ އަސްލު ގުޅިފައިވަނީ ބާރަވަނަ ގަރުނުގެ އިނގިރޭސި ފިއުޑެލް ނިޒާމާއެވެ. މި ނިޒާމުގައި އޮންނަ ގޮތުން، ރަސްކަމުގެ މިލްކުގައިވާ ބިންތައް މީހުންނަށް ބަހާލެވިފައިވަނީ އަސްކަރީ ޚިދުމަތާއި މާލީ ބަދަލުގެ ގޮތުގައެވެ. ކައުންސިލު އުފެދުނީ، މި ފަދަ ބިންތަކުން ރަސްކަމަށް ނެގޭ ވާރު ބޮޑުކުރުމާ ގުޅޭގޮތުން މަޝްވަރާ އަރުވާ ކައުންސިލެއް ގޮތުގައެވެ. މިއީ މިޒަމާނުގެ މާނައިގައި ބަރުލަމާނަކަށް ނުވިނަމަވެސް، މި ނިޒާމުގެ ސަބަބުން މުހިންމު ނަތީޖާއަކީ، ރަސްގެފާނުގެ ބާރު ކިތަންމެ ގަދަ ނަމަވެސް، އެ ބާރުގެ ތެރެއިން ކަންކަން ކުރެވޭ މިންވަރު ކަނޑައެޅުމަށް ގަނޑުވަރުތެރޭގެ ނަގާކިޔާ ބައެއްގެ ރުހުން ބޭނުންވުމެވެ. މާނައަކީ ރަސްގެފާނުގެ ބާރު ކޮންމެވެސް މިންވަރަކަށް ހުދޫދުވުމެވެ. މިހެން މިކަން އޮއްވައި، ތާރީޚީ މުހިންމު ހާދިސާއެއް ހިނގިއެވެ. އެއީ 1215ވަނަ އަހަރުގެ މެގްނަ ކާޓާގެ ހާދިސާއެވެ. ހަގީގަތުގައި، މެގްނެ ކާޓާއަކީ އެ ހާދިސާގެ ސަބަބުން ވުޖޫދަށް ގެނެވުނު އެއްބަސްވުމެވެ. މިއެއްބަސްވުމުގެ ސަބަބުން، ގާނޫނުގެ ބާރުވެރިކަމުގެ ދަށަށް ރަސްގެފާނު ވެސް ކޮންމެވެސް މިންވަރަކަށް ގެނެވުނެވެ. އަދި މީގެ އިތުރުން ކައުންސިލުގެ ރުހުމާ ނުލައި ޓެކްސްނެގުން މަނާވިއެވެ. ތޭރަވަނަ ގަރުނުގައި މި ކައުންސިލަށް އިޖުތިމާއީ އިތުރު ގިންތިތަކުން މީހުން އައައްޔަންކުރެވެންފެށިއެވެ. މިއާ އެކު ކައުންސިލުގައި އެކި ގިންތިތަކުގެ މަސްލަހަމަސްލަހަތުތައް ތަމްސީލުކުރެވެން ފެށިއެވެ. މީގެ އިތުރުން، ސާދަ އަދި ފަނަރަވަނަ ގަރުނުގައި މި ކައުންސިލުގެ ދައުރު އިތުރަށް ފުޅާކުރެވި، އިތުރަށް ހަރުދަނާކުރެވުނެވެ. މި ދައުރުގައި އެންމެ މުހިންމު ކަމަކީ ރަސްކަމުގެ ފަރާތުން ސަބްސިޑީ ދިނުމުގެ އިޖުރާއާތުތައް ކައުންސިލުން ކަނޑައެޅުމެވެ. ނަތީޖާއަކީ ކައުންސިލަށް އިތުރު ބާރުތަކެއް ލިބި، ރަސްކަމުގެ ފަރާތުން އިތުރު ބޭނުންތައް ފުއްދައިދިނުމަށް އެދުމުގެ ބާރުވެރިކަން ކައުންސިލަށް ލިބުމެވެ. ޓިއުޑޯރ ދައުރު (1485-1603) ގައި ކައުންސިލު ހަރުދަނާކުރެވި ޝާހީ ސިޔާސަތުގެ ބައެއްގެ ގޮތުގައި ބަލައިގަތެވެ. މި ދައުރު ފެށުނުއިރު ޕާލަމަންޓް އެއްކުރެވުނީ މައިގަނޑު ގޮތެއްގައި މާލީ ފިޔަވަޅުތަކާއި ދީނީ އިސްލާހުތަކަށް ރުހުން ހޯދުމަށެވެ. ނަމަވެސް މިކަންކަމަށް ކައުންސިލުގެ ހުއްދަ ހޯދުމުގެ މި އަމަލީ މަސައްކަތުން ކައުންސިލުގެ ނިންމުންތައް ކަމުގައިވާ ގާނޫނުތަކަށް އިތުރު ބާރެއް ލިބުނެވެ. އިނގިރޭސިވިލާތާއި ރޯމްއާ ދެމެދު ދީނީ ވަޙުދަތުގެ މައްޗަށް ބިނާވެފައިވާ އޮތް ގުޅުން ޕާލަމަންޓުގެ ނުފޫޒުން ކަނޑައިލުން ފަދަ ކަންކަމުން ސާބިތުކޮށްދެނީ އިންގިލާބީ ބަދަލުތައް ގެނައުމުގެ ބާރުވެރިކަން ޕާލަމަންޓަށް ލިބިގެންވާކަމެވެ. ސަތާރަވަނަ ގަރުނު ފެށުނު އިރު، އިނގިރޭސި މަތީ ގިންތިތަކުން ގަބޫލުކުރީ ޕާލަމަންޓުގެ ރުހުން އޮތުމަކީ އިނާޔަތެއްގެ ގޮތުގައި ވުމަށް ވުރެ ބޮޑަށް، ދުސްތޫރީ ހައްގެއް ގޮތުގައެވެ. 1603 އިން 1625 އަށް ރަސްކަންކުރި ޖޭމްސް އެއްވަނައިގެ ދުވަސްވަރު އުފެދުނު ދުސްތޫރީ ކޮޅިގަނޑުގެ ތެރެއިން ރަސްގެފާނު ޖޭމްސް ޕާލަމަންޓު އުވައިލެއްވިއެވެ. މި ކޮޅިގަނޑުގެ އަސްލަކީ، ރަސްގެފާނު ޖޭމްސް ޕާލަމަންޓުގެ ކޮންޓުރޯލު ގަބޫލުފުޅުނުކުރެއްވުމެވެ. މި ސިޔާސީ ހަމަނުޖެހުން 1600ގެ މެދުތެރޭގައި މަދަނީ ހަމަނުޖެހުންތަކަކަށް ބަދަލުވިއެވެ. މި ހަމަނުޖެހުންތަކުގެ މައިގަނޑު އަސްލަކީ ހުދޫދެއް ނެތް ބާރުތަކެއް ލިބިފައިވާކަމަށް ރަސްކަލުން ދުށުމާއި، ޕާލަމަންޓުގެ ރުހުން ނެތި ޓެކްސްނަގަށް ފެށުމާއި، އަދި އެކަމާ ދެކޮޅަށް ޕާލަމަންޓުން ނުކުތުމެވެ. 1649ވަނަ އަހަރު ރަސްގެފާނު ގަތުލުކުރެވި، ޕާލަމަންޓުގެ ދިފާއުގައި ނިކުތް މީހުން ކުރިހޯދި ނަމަވެސް، އެ ކާމިޔާބީއާ އެކު އޭގެ ފަހުން އެކުލަވައިލެވުނު ކްރޮމްވެލްގެ ހުދުމުޚުތާރު [ޖުމްހޫރިއްޔާ] ދެމެހެއްޓޭ ގޮތެއް ނުވިއެވެ؛ މިއިން އެނގެނީ، ސިޔާސީ ވާދަވެރިންގެ މެދުގައި ދުސްތޫރީ ބެލެންސެއް ނެތި ހަމަޖެހޭ ނިޒާމެއް ގާއިމުނުކުރެވޭނެ ކަމެވެ. ސަބަބަކީ ކްރޮމްވެލް ގާއިމުކުރި ވެރިކަމުގެ ނިޒާމު ބިނާވެފައި އޮތީ އަސްކަރީ ބާރުވެރިކަމުގެ މައްޗަށެވެ. 1660ގައި އަނެއްކާވެސް ޝާހީ ރަސްކަމެއް ގާއިމުކުރެވުނެވެ. މި ދުވަސްވަރު އެންމެ ބޮޑު ނުރައްކަލެއް އަބަދުވެސް އޮތީ ކުރިން އޮތް ގޮތަށް އެނބުރި ހުދުމުޚުތާރުކަމަށް ދިޔުމުގެ ބިރުވެރިކަމެވެ. މިހެން މިކަން އޮއްވައި، 1685 އިން 1688 އަށް ރަސްކަންކުރި ޖޭމްސް ދެވަނަ ޕާލަމަންޓުގެ އިމްތިޔާޒުތަކަށް އަރައިގަތުމުގެ ކަންތައްތަކެއް ހިންގެވިއެވެ. އޭގެ ތެރޭގައި ޕާލަމަންޓުގެ ގާނޫނުތަކާ ހިލާފުވެވަޑައިގަތުމާއި، ޕާލަމަންޓުގެ ގާނޫނުތަކަށް ވުރެ ޝާހީ އަމުރުތައް އިސްވެގެންވާކަމަށް ގަބޫލުފުޅުކުރެއްވުން ހިމެނެއެވެ. ނަތީޖާއަކީ 1688ވަނަ އަހަރުގެ ގްލޯރިއަސް އިންގިލާބު އައުމެވެ. މި އިންގިލާބާ އެކު ޖޭމްސް ދެވަނަ ރަސްކަމުން ޢަޒުލުކުރެވުނެވެ. އެއާ އެކު، 1689ގައި ބިލް އޮފް ރައިޓްސް ވުޖޫދަށް ގެނެވި، ޕާލަމަންޓުގެ ރުހުމާ ނުލައި، ރަސްކަމުގެ ފަރާތުން ޓެކްސް ނުނެގުމާއި، އަސްކަރިއްޔާއެއް ގާއިމުނުކުރެވޭނެކަމަށް ކަނޑައެޅުނެވެ. މީގެ އިތުރުން، މިނިވަން ގޮތެއްގައި ޕާލަމަންޓު އިންތިޚާބުކުރުމާއި ރަސްކަމުގެ ފަރާތުން ޕާލަމަންޓުގެ ގާނޫނުތައް ސަސްޕެންޑު ނުކުރުން ހިމެނެއެވެ. މިއީ ހަގީގަތުގައި ރަސްކަމުގެ މައްޗަށް ޕާލަމަންޓު ކުރި ހޯދުމެވެ. އަދި ޕާލަމަންޓުގެ ސިޔާދަތުގެ ފެށުމެވެ.

އެއަށްފަހު އިނގިރޭސި ތަޚުތު ވާރުތަވުމުގެ މައްސަލައިގައި ޕާލަމަންޓުން [އެކްޓު އޮފް ސެޓްލްމަންޓް] 1701ވަނަ އަހަރު ފާސްކުރިއެވެ. މި ގާނޫނާ އެކު ވާރުތަވުމުގެ އުސޫލު ގާނޫނުން ކަނޑައެޅުމުގެ ބާރު ޕާލަމަންޓަށް ދިނުމުގެ އިތުރަށް، ޕާލަމަންޓުގެ ހުއްދަނެތި ބޭރު ގައުމުތަކާ ދެކޮޅަށް ހަނގުރާމަ އިއުލާނު ނުކުކުރެވޭ ގޮތަށް ހަމަޖެހުނެވެ. މީގެ އިތުރުން، ރަސްގެފާނުގެ އަމުރަށް ފަނޑިޔާރުން ވަކިނުކުރެވުން ހިމެނެއެވެ. 1714ވަނަ އަހަރު އިނގިރޭސި ރަސްކަމާ ހަނޯވަރިއަން ޚާންދާނު ހަވާލުވި ފަހުން، ރަސްކަމުގެ ފަރާތުން ރައްޔިތުންނާ އޮންނަ ގުޅުން ކުޑަވިއެވެ. މިއާ އެކު ދުވަހުން ދުވަހަށް ސަރުކާރު ހިންގުމުގައި ރަސްރަސްކަލުން އަދާކުރަންފެށި ދައުރު ވެސް ކުޑަ ވިއެވެ. ނަތީޖާއަކީ ޕާލަމަންޓުގެ އަޣުލަބިއްޔަތު ކޮންޓުރޯލުކުރާ މިނިސްޓަރުންގެ އަތްމައްޗަށް ސަރުކާރު ހިންގުން ފުރޮޅެންފެށުމެވެ. މިކަން ދުވަހެއް ދުވަހަކަށް ތަރައްގީވެ، އަޣުލަބިއްޔަތު ކޮންޓުރޯލުކުރާ ފަރާތަކީ ޕްރައިމް މިނިސްޓަރުކަމުގައި ހަމަޖެހުނެވެ. އެ ގޮތުން އެންމެ ފުރަތަމަ، ޕްރައިމް މިނިސްޓަރުގެ ދައުރެއް އަދާކުރީ 1720 އިން 1740 އަށް، ސާރ ރޮބަޓް ވަލްޕޯލް ކަމުގައި ބެލެވިފައިވެއެވެ. ސާރ ވަލްޕޯލްގެ ޒައާމަތުގައި އުފެދުނު އާދައަކީ، ޕާލަމަންޓުގެ އިތުބާރު މިނިސްޓަރުންނަށް އޮތުން ލާޒިމުވުމާއި، ޖަމާއީ ގޮތެއްގައި ޕާލަމަންޓުން ނިންމާ ނިންމުންތަކަކީ ޕާލަމަންޓުގެ ހުރިހާ މެންބަރުން އެ ނިންމުމަކަށް ޒިންމާވާންޖެހޭ ނިންމުންތަކެއް ކަމުގައި ވުމެވެ. މިއީ ޒަމާނީ ބަރުލަމާނީ ނިޒާމުގެ ފެށުންކަމުގައި ބެލެވިދާނެއެވެ.

އަށާރަވަނަ ގަރުނުގައި ޕާލަމަންޓުގެ ދައުރު އިތުރަށް ފުޅާވެފައިވަނީ، އިހުނަށްވުރެ ބޮޑަށް، ޕާލަމަންޓުގެ ބާރުގެ ތެރެއަށް މާލީ ކަންކަން އައުމުންނެވެ. މި ދުވަސްވަރު ދިމާވަނީ ވެސް މާލީގޮތުން އިންގިލާބުތަކެއް އަންނަމުންދިޔަ ދުވަސްވަރަކާއެވެ. އޭގެތެރޭގައި ބޭންކު އޮފް އިންގުލެންޑު އުފެއްދުން ހިމެނެއެވެ. ސިޔާސީ ޕާޓީތައް ތަރައްގީވީ ވެސް މި ދުވަސްވަރުއެވެ. ނަތީޖާއަކީ ޕާލަމަންޓުގައި ސިޔާސީ ޕާޓީތަކުގެ ޖަމާއީ ހަރަކާތްތެރިކަން އިތުރުވުމެވެ. އަދި ސިޔާސީ ބެލެންސްގެ މައްޗަށް ސަރުކާރުގެ ހިންގުން ބިނާވާންފެށުމެވެ. [ދަ ގްރޭޓް ރިފޯމް އެކްޓު 1832] އިން މުޖުތަމައުގެ އިތުރު ގިންތިތައް ތަމްސީލުކުރުމަށް ޕާލަމަންޓުގެ މެންބަރުން އިތުރުކުރެވުނެވެ. މިއާއެކު މެދު ފަންތީގެ ބޮޑު އާބާދީއެއް ޕާލަމަންޓުގައި ތަމްސީލުކުރެވުނެވެ. މި ދުވަސްވަރު ޕާޓީތަކުގެ ހުވިއްޔަތަށް ވެސް (އައިޑެންޓިޓީ) ބަދަލު އައިސް ޕާޓީތަކުގެ ދައުރު ފުޅާވިއެވެ. ވިގް ޕާޓީއަކީ މިނިވަން ވިޔަފާރިއާއި، މަދަނީ ހައްގުތަކާއި އިސްލާހީ ހަރަކާތެއްގޮތުގައި، ލިބަރަލް ޕާޓީގެ ގޮތުގައި ކަނޑައެޅުނެވެ. އަދި ޓޯރީސްއަކީ ކޮންޒަވޭޓިވް ޕާޓީއަށް ވިއެވެ. ޕާޓީތައް ޕާލަމަންޓުގައި ހަރަކާތްތެރިވާން ފެށުމުގެ ނަތީޖާއަކީ ސަރުކާރު އެކުލަވައިލުމާއި ދެމެހެއްޓުމަކީ ޕާޓީތަކުގެ މެދުގައި އޮންނަ އަޣުލަބިއްޔަތުގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމުގައި ވުމެވެ. މާނައަކީ، ޕާޓީތަކެއްގެ މެދުގައި އޮންނަ އެއްބަސްވުމެއްގެ ތެރެއިން ސަރުކާރުތައް އެކުލަވައިލުމެވެ. އަދި އެއްބަސްވުން ރޫޅުމުން، އަޣުލަބިއްޔަތު ގެއްލި ސަރުކާރު ވެސް ރޫޅުމެވެ. މިއީ ސިޔާސީ ބާރުތައް ތަވާޒުނުވުމެވެ. މިއާ އެކު 1800ގެ އަހަރުތަކުގެ މެދުތެރެއާއި ފަހު ކޮޅު އަންނަމުންދިޔަ ބަދަލުތަކުން ވޯޓުލުމުގެ ހައްގު އިތުރު އާބާދީތަކަށް ފުޅާވަމުންދިޔައެވެ. މި ގަރުނުގައި ވޯޓުލުމުގެ ހައްގު އިތުރު އާބާދީތަކަށް ފުޅާކުރެވުނު އެއްސަބަބަކީ ސިޔާސީ ގޮތުން އާބާދީތައް ހަރަކާތްތެރިވާންފެށުމެވެ. ސަބަބަކީ އުފެއްދުންތެރިކަން ކުރިއަރައި، މަސައްކަތްތެރިންގެ ޖަމާއީ ހަރަކާތްތަކެއް އުފެދުމެވެ. އަދި މި ހަރަކާތްތެރިކަމުގެ ތެރެއިން ސިޔާސީ ގޮތެއްގައި އިތުރު ހައްގުތަކާއި ރައްކާތެރިކަން ހޯދުމުގެ މަސައްކަތްތަކެއް ފެށުމެވެ. މި ހަރަކާތްތެރިކަމުގެ ތެރެއިން އެންމެ ވަރުގަދަވެގެންދިޔައީ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކުރި ލޭބަރ ޕާޓީއެވެ.

އެއަށް ފަހު، ދުވަހެއް ދުވަހަކަށް، ރައްޔިތުން ތަމްސީލުކުރާ ގެ ކަމަށްވާ ހައުސް އޮފް ކޮމަންސް އިތުރަށް ބާރުގަދަވެ، ސިޔާސަތުތައް ކަނޑައެޅުމުގެ ބާރުވެރިކަން ލިބުނެވެ. މިކަންކަން ހިނގީ 1900ވަނަ އަހަރުގެ ކުރީކޮޅު ގެނެވުނު ގާނޫނުތަކުންނެވެ. އެންމެ މުހިންމު ކަމަކީ، މާލީ ކަންކަމާ ބެހޭ ގާނޫނުތައް ވީޓޯކުރުމަށް ހައުސް އޮފް ލޯޑްސްއަށް ލިބިގެންވި ބާރު އުވާވައިލުމެވެ. މިކަން ގުޅިފައިވަނީ، އިޖުތިމާއީ ރައްކާތެރިކަން އިތުރުކުރުމަށް ޓަކައި، ޓެކްސް އިތުރުކޮށް، ދައުލަތުގެ ޚަރަދު ބޮޑުކުރުމާ ދެކޮޅަށް ހައުސް އޮފް ލޯޑްސް އިން ތެދުވުމާއެވެ. ދެ ހަނގުރާމައާއި، 1930ގެ އަހަރުތަކުގެ އިގުތިސާދީ ކާރިސާތަކާއި އެ ކާރިސާތަކާ ގުޅިގެން އުފެދުނު ސިޔާސީ ކޮޅިގަނޑުތަކުގައި ޕާލަމަންޓުގެ ހަރުދަނާކަމާއި ޑިމޮކްރަސީގެ ނިޒާމުގެ ވަރުގަދަކަން ހާމަވިއެވެ. މި ހުރިހާ ކަމެއްގައި ވެސް ޕާލަމަންޓުން އަދާކޮށްފައިވަނީ ވަރަށް ހަރުދަނާ ދައުރުތަކެކެވެ. ވިހިވަނަ ގަރުނުގެ މެދަކާ ހަމައަށް ވާސިލުވިއިރު، ރަސްކަން ވެފައިވަނީ ހަމައެކަނި ރަމްޒީ ކަމަކަށެވެ.

މިއީ ރަސްކަމާއި ޕާލަމަންޓާ ދެމެދު ބާރުތައް ބަހާލެވި، ތާރީޚުގެ ތެރެއިން ހިންގުމުގެ ނިޒާމު ބައްޓަންވެފައިވާ ގޮތެވެ. ނަމަވެސް، ދައުލަތުގެ ހިންގުމުގެ ނިޒާމުގެ މައުލޫއަށް ބަހުސްކުރެވޭ އިރު، މުހިންމީ، ދައުލަތުގެ ތިން ބާރު ކަމުގައިވާ، ތަންފީޒީ ބާރާއި، ޤަޟާއީ ބާރާއި، ގާނޫނު ހެދުމުގެ ބާރުގެ ނަޒަރުން ބަހުސްކުރުމެވެ. މި މައުލޫއަށް ރަސްކަމުގެ ވާހަކަ މުހިންމު ނުވާ ސަބަބަކީ، ރަސްކަމަކީ ތަންފީޒީ ބާރުވެރިކަމެއް ލިބިގެންނުވާ، ހަމައެކަނި ރަމްޒީ ކަމެއްގެ ގޮތުގައި ހަމަޖެހިފައިވުމެވެ. ހަގީގަތުގައި އިނގިރޭސި ނިޒާމު ތަރައްގީވެފައިވަނީ ތިން ބާރު ވަކިކުރުމުގެ ވިސްނުމަށްވުރެ ބޮޑަށް، ރައްޔިތުން ތަމްސީލުކުރާ ބައެއްގެ ފަރާތުން، ރައްޔިތުންނާ ގުޅޭ ނިންމުންތައް ނިންމުމުގެ ތެރެއިންނެވެ. އެ ގޮތުން، ރައްޔިތުން ތަމްސީލުކުރާ ބަޔަކު ނިންމުންތައް ނިންމުމުގެ ނިޒާމެއް ގާއިމުކުރުމަށް ކުރެވުނު މަސައްކަތުން އުފެދުނީ އިނގިރޭސި ޕާލަމަންޓެވެ. މިއީ ޕާލަމަންޓުގެ ސިޔާދަތެވެ. ގާނޫނު ހެދުމުގެ ބާރަކީ ޕާލަމަންޓަށް ވެފައި، ދައުލަތުގެ ސިޔާސަތުތައް އެކުލަވައިލައި ތަންފީޒުކުރާ ކެބިނެޓު އެކުލަވައިލެވެނީ ޕާލަމަންޓުންކަމަށް ވާއިރު، ބާރުތައް އެއްވެ، ހުދުމުޚުތާރު ކަމެއް އުފެދިފައިވާކަމަށް ހީވެދާނެއެވެ. އެހެންނަމަވެސް، ރަސްގެފާނުގެ ތަންފީޒީ ބާރުތައް ޕާލަމަންޓަށް ބަދަލުވި ހިނދު، ޕާލަމަންޓުގެ ސިޔާދަތުގެ ތެރެއިން އުފެދިދާނެ ނިޒާމުގެ ހުދުމުޚުތާރުކަން މަނާކުރުމުގެ ވަރަށް މުހިންމު ތަބިއީއޮއިވަރެއް ނިޒާމުގެ ތެރޭގައި ފާޅުވިއެވެ. އެއީ ސިޔާސީ އެއްބައިވަންތަކަމުގެ ތެރެއިން ސަރުކާރު އެކުލަވައިލުމާއި، ޕާލަމަންޓުގައި ސަރުކާރުގެ ކެބިނެޓު ހިމެނޭ އިރު، ކެބިނެޓުގެ ސިޔާސަތުތަކަށް ޕާލަމަންޓުގައި ބަހުސްކުރެވި މަޝްވަރާކުރުމެވެ. ބަޔާންކުރެވުނު އެއްބައިވަންތަކަން އުފެދެނީ ޕާޓީ ނިޒާމުގެ ތެރެއިން، ސަރުކާރު އެކުލަވައިލުމުގައި އުފެއްދޭ ކޯލިޝަންތަކުގެ ސިފައިގައެވެ. މި އޮއިވަރުގެ ސަބަބުން، އެއިރެއްގެ ސަރުކާރެއްގެ ސިޔާސަތުތައް ވާންޖެހެނީ ކޯލިޝަނުގެ އެންމެހާ މެންބަރުން އެއްބަސްވެ ތާއީދުކުރާ ސިޔާސަތުތަކަކަށެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ކޯލިޝަނުގެ ވަކި ބަޔަކު ނުރުހޭނަމަ، އެ ކޯލިޝަނަކުން ވަކިވުމުން ޕާލަމަންޓުގެ އަޣުލަބިއްޔަތު ގެއްލި، ސަރުކާރު ރޫޅެއެވެ. މިހެން މިކަން އޮތުމުން، ސަރުކާރު ލީޑުކުރާ ފަރާތްތަކަށް ލިބިގެންވާ ސިޔާސީ ބާރުވެރިކަން އެވަނީ ބަނދެވި ހުދޫދުކުރެވިފައެވެ.

އިނގިރޭސި ސަރުކާރުތައް ރޫޅުމުގެ ފަހުގެ ތާރީޚަށް ބަލާއިރު، 2010 އިން 2015 އަށް ޕްރައިމް މިނިސްޓަރުކަން ކުރި، ޑޭވިޑް ކެމަރުންގެ ސަރުކާރު ބިނާވެފައި އޮތީ، ކޮންޒަވޭޓިވް ޕާޓީއާއި ލިބަރަލް ޕާޓީގެ ކޯލިޝަންގެ މައްޗަށެވެ. ނަމަވެސް، މި ދެ ޕާޓީއަކީ މުޅިން އިދިކޮޅު ދެ ފިކުރެއްގެ ދެ ޕާޓީއެވެ. މި ސަރުކާރު ރޫޅިފައިވަނީ ސިޔާސަތުތައް ތަންފީޒުކުރުމުގައި ދެ ޕާޓީގެ ދެމެދުގައި ހުރި ތަފާތުތަކުގެ ސަބަބުން ކޯލިޝަން އިތުރަށް ނުދެމެހެއްޓިގެންނެވެ. 2017 އިން 2019 އަށް ޕްރައިމް މިނިސްޓަރުކަން ކުރި، ތެރެޒާ މޭގެ ސަރުކާރު ރޫޅިފައިވަނީ ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމުގެ ކަންކަން ތަންފީޒުކުރުމާ މެދު އުފެދުނު ޚިޔާލު ތަފާވުންތަކުގެ ތެރެއިންނެވެ. ޕްރައިމް މިނިސްޓަރު މޭ ނިސްބަތްވެވަޑައިގަތް ކޮންޒަވޭޓިވް ޕާޓީން ސަރުކާރެއް އެކުލަވައިލީ ޑިމޮކްރެޓިކް ޔުނިއަނިސްޓު ޕާޓީ (ޑީ.ޔޫ.ޕީ) އާ އެކު ކޯލިޝަނެއް އެކުލަވައިލައިގެންނެވެ. ސަރުކާރު ރޫޅުމަށް ވެދުވެރިވީ، ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމުގެ ކަންތައް އިންތިޒާމުކުރުމާ މެދު އުފެދުނު ޚިޔާލުތަފާތުވުންތަކާ އެކުއެވެ. ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމުގެ ފެންނަނުފެންނަ ވޯޓުލުން ބޭއްވި އިރު، ވަކިވުމުގެ ކަންކަމާ ގުޅިގެން އެއްބައެއްގެ ޚިޔާލަކީ، ވަގުތުން ވަގުތަށް ވަކިވުމެވެ. ސަބަބަކީ، ވަކިވުމުން އަންނަ އުނދަގޫތަކާއި އިދާރީ ގޮންޖެހުންތައް ކުޑަކުރަން ވަކިވުން އިންތިޒާމެއްގެ ތެރެއިން، ވަކި މުއްދަތެއްގައި ފުރިހަމަ ކުރާނަމަ، އަނެއްކާވެސް އެ ގައުމު އެ އިންތިޒާމުގައި ތާށިވެދާނެތީއެވެ. އަނެއް ބަޔަކު ދުށީ، ވަކިވުން އެންމެ ރަނގަޅު ގޮތަކީ ކުރިން ބަޔާންކުރެވުނު އިންތިޒާމުގެ ތެރެއިންނެވެ. މޭގެ ސަރުކާރުން އިންތިޒާމްކޮށް ޕާލަމަންޓަށް ހުށަހެޅި އިންތިޒާމަށް އެއްވެސް ފަހަރަކު ރުހުން ނުލިބި ބޭރުކޮށްލިއެވެ. ނަތީޖާއަކީ، މޭގެ ސަރުކާރާ މެދު ޕާލަމަންޓުގައި ނުރުހުން އުފެދި، ކޯލިޝަނުގެ ބައިވެރިޔާ ކޯލިޝަނުން ވަކިވުމެވެ. 2022ވަނަ އަހަރު ޕްރައިމް މިނިސްޓަރުކަން ކުރި ބޮރިސް ޖޯންސަންގެ ސަރުކާރު ރޫޅުނީ ޕާޓީ އެތެރޭގެ ޕްރެޝަރުގެ ސަބަބުންނެވެ. އޭނާގެ ސަރުކާރުގެ ކެބިނެޓުގެ ގިނަ މެންބަރުންވެސް ދިޔައީ އިސްތިއުފާދެމުންނެވެ. ހަމަ އެ އަހަރު ޕްރައިމް މިނިސްޓަރުކަން ކުރި ލިޒް ޓްރުސްގެ ސަރުކާރު-ވެސް، 45 ދުވަސް ހަމަވުމަށް ފަހު ރޫޅުނީ މާލީ ސިޔާސަތުތަކާ ގުޅޭ ޚިޔާލުތަފާވުންތަކުގެ ސަބަބުންނެވެ. މިއިން ކޮންމެ ފަހަރަކު ސަރުކާރު ރޫޅެން ދިމާވަނީ ޕާލަމަންޓުގައި އޮންނަ އިތުބާރު ނެތްކަމުގެ ވޯޓަކުންނޫނެވެ. އޭގެ އިތުރަށް، ޕާޓީގެ އެތެރޭގައި އެ ޕާޓީގެ މެންބަރުންގެ މެދުގައި އުފެދޭ ހިޔާލު ތަފާވުންތަކާ އެކުވެސް ސަރުކާރުތައް ރޫޅިފައިވެއެވެ.

އިނގިރޭސި ނިޒާމުގެ ސަރުކާރު

އިނގިރޭސި ޕާލަމަންޓަރީ ނިޒާމަށް ބަލާއިރު، އެ ނިޒާމަކީ އެތައް ގަރުނަކުން ތަރައްގީވެ، ހިނގަމުންދާ ނިޒާމެކެވެ. މި ނިޒާމުގެ ތަރައްގީވެފައިވަނީ އެ ޒަމާނަކަށް ބޭނުންޖެހޭ ގޮތަކަށެވެ؛ ޕްރެގްމެޓިކް ގޮތެއްގައެވެ. ނަމަވެސް މި ނިޒާމުގެ ހަގީގީ ސިފައަކީ އެންމެ މީހަކަށް ފެންނަ ގޮތަކަށް ނިންމުންތައް ނިންމުމުގެ ބަދަލުގައި މަޖިލީހެއްގައި ބަހުސްކުރެވި ނިންމުންތައް ނިންމުމެވެ. މިއީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މި ނިޒާމުގެ އަސާސީ ސިފައެކެވެ. މި ސިފައަށް އިތުރު ހަރުދަނާ ކަމެއް ލިބުނީ ސިޔާސީ ޕާޓީތަކުގެ ދައުރު ފުޅާވުމުންނެވެ. މަޖިލީހެއްގައި ސިޔާސަތުތަކާ މެދު ބަހުސްކުރެވެނީ ސިޔާސަތުތަކަށް ޒިންމާވާ ފަރާތްތައް ޒިންމާދާރުކުރުމުގެ ގޮތުން ވެސް މެއެވެ. އިނގިރޭސި ނިޒާމުގައި ސަރުކާރަކީ ރިޔާސީ ނިޒާމުގައި އޮންނަ ފަދަ ކަނޑައެޅިފައިވާމަފްހޫމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއްނޫނެވެ. އޭގެ ބަދަލުގައި، ސަރުކާރަކީ [ސިޔާސީ ނިންމުންތައް ނިންމޭ ގޮތެވެ.] އެ ގޮތުން، ސަރުކާރު، އޭގެ ޖަމާއީ މާނައިގައި، އެކުލަވައިލެވެނީ ވަކި ކަހަލަ ސިޔާސަތުތަކަކަށް ތާއީދުކުރާ ޕާޓީތަކެއްގެ މެދުގައި އޮންނަ އެއްބަސްވުމެއްގެ ތެރެއިން، އަދި ވަކި ވައްތަރެއްގެ ސިޔާސަތުތަކެއް ކަނޑައެޅުމަށް އެއްބަސްވެގެންނެވެ. އެ ފަދަ ސިޔާސަތުތަކަށް ތާއީދުނުކުރާ ޕާޓީތައް އެ ސިޔާސަތުތައް ނިންމުމުގައި ބައިވެރިނުވުމުގެ އިތުރުން، އެކަންކަމާ ދެކޮޅަށް ވާހަކަދައްކައި އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރާނެއެވެ. އެހެންކަމަށް ވާއިރު، ސިޔާސަތުތައް އަބަދުވެސް ކަނޑައެޅޭނީ ސިޔާސީ ވާދަވެރިންގެ މައްޗަށް ބިނާވެފައިވާ އަޣުލަބިއްޔަތެއްގެ މައްޗަށް ބިނާވެގެންނެވެ. އެހެންކަމުން، އިނގިރޭސި ނިޒާމުގައި ސަރުކާރަކީ ހަގީގަތުގައި ކަންކަން ނިންމޭ ގޮތެވެ؛ ޕުރޮސެސް އެކެވެ.

ސިޔާސަތުތަކާއި ބެލެންސްގެ އޮއިވަރު

އިސްވެ ބަޔާންކުރެވުނު ފަދައިން، އިނގިރޭސި ނިޒާމުގެ އަސާސީ ސިފައަކީ ސިޔާސީ ބެލެންސަކުން ސަރުކާރު އުފެދި، ސިޔާސަތު ތަންފީޒުކުރުމެވެ. ދައުލަތް ހިނގުމުގައި ސިޔާސީ ބެލެންސް ވަރަށް މުހިންމެވެ. ދައުލަތުގެ ސިޔާސަތުތަކަކީ އެއް ދުވަހަކަށް، އެއް އަހަރަކަށް، ނުވަތަ އެއް ދަހަރަކަށް ހިންގޭ ސިޔާސަތުތަކެއް ނޫނެވެ. އެ ފަދަ ސިޔާސަތުތަކަކީ އިސްތިރާތިޖީ މަސްލަހަމަސްލަހަތުތަކާ ގުޅުންހުރި، ހަރުދަނާ ގޮތެއްގައި، އެއްގޮތެއްގައި ހިންގަންޖެހޭ ސިޔާތަކުތަކެވެ. މި ފަދަ ސިޔާސަތުތައް ގުޅެނީ ވެސް ގައުމީ މަސްލަހަތުތަކާއެވެ. މަސްލަހައެހެންކަމަށް ވީއިރު، ކޮންމެ ސަރުކާރަކާ އެކު ސިޔާސަތުތައް ބަދަލުވާނަމަ، ދައުލަތުން ދިގު މުއްދަތަށް ހާސިލުކުރަން ބޭނުންވާ މަސްލަހަމަސްލަހަތުތައް ހާސިލުކުރުމުގައި ގޮންޖެހުންތައް ކުރިމަތިވާނެއެވެ. މި ފަދަ ސިޔާސަތުތަކަކީ އެއްގޮތެއްގައި ހިންގަންޖެހޭ ސިޔާސަތުތަކެވެ. ނަމަވެސް، ސަރުކާރު ހިންގުމުގައި އަބަދު އެއް ޕާޓީއެއް ދެމިއެއް ނޯންނާނެއެވެ. އެހެންކަމަށް ވީއިރު، އުސޫލެއްގެ ގޮތުން، ކޮންމެ ސަރުކާރެއް ވެސް، އަދި ކޮންމެ ޕާޓީއެއްވެސް، ސިޔާސީ އަދި އިގުތިސާދީ ގޮތުން ވަކި ފިކުރެއްގެ ސިޔާސަތުތަކަކަށް ބުރަވާ އިރު، މިއީ އިސްވެ ބަޔާންކުރެވުނު ފަދަ ސިޔާސަތުތައް ހިންގުމަށް ހުރި ގޮންޖެހުމަކަށް ވެދާނެއެވެ. ކޮންމެ ދައުރެއްގައި ސަރުކާރު ބަދަލުވުމަކީ ސިޔާސީ މަސްރަހަށް، އަދި ދައުލަތުގެ ހިންގުމަށް އަންނަ ސިޔާސީ ކޮޅިގަނޑަކަށް ވާނީ، ސަރުކާރު ބަދަލުވުމާ އެކު، ސިޔާސަތުތައް އެއް ފުށުން އަނެއް ފުށުން ޖެހޭނަމައެވެ.

އިނގިރޭސި ނިޒާމުގައި އިސްވެ ބަޔާންކުރެވުނު މައްސަލަ ހައްލުވަނީ ސިޔާސީ ބެލެންސްގެ ތެރެއިންނެވެ. ސަރުކާރު ހިންގުމުގައި ބައިވެރިވުމަށް އެދޭނަމަ ކޮންމެ ޕާޓީ އަކަށް މަޖުބޫރުވަނީ، އެބައިމީހުން ހިފަހައްޓައިގެން ތިބޭ ފިކުރަށް ދުލެއް ދިނުމަށް ފަހު، ސަރުކާރު ހިންގުމުގައި އެންމެންނަށް ބައިވެރިވެވޭ ސިޔާސީ އެއްބަސްވުމަކަށް އައުމަށެވެ. މިއީ ބެލެންސެވެ. ނުވަތަ [އިކުއިލިބްރިއަމް] އެވެ. ސިޔާސަތުތައް އޮންނަންޖެހެނީ މި ބެލެންސްގެ ތެރޭގައެވެ. މީގެ މިސާލަކަށް ބަލަމާ ހިނގާށެވެ. އެއް ޕާޓީއަކީ މިނިވަން ވިޔަފާރީގެ ސިޔާސަތަށް ތާއީދުކުރާ ޕާޓީއެކެވެ. އެބައިމީހުންގެ ފިކުރަކީ، ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ޑިއުޓީ އުވައިލުމާއި، ގައުމުން މުދާ އެތެރެކޮށް ބޭރުކުރަން ހުންނަ ހުރަސްތައް އެއްކޮށް ނައްތައިލުމެވެ. ދެވަނަ ޕާޓީއަކީ އޭގެ އިދިކޮޅެވެ. އެބައިމީހުން ގަބޫލުކުރާ ގޮތުގައި، ގައުމުގެ އެތެރޭގެ ސިނާއަތު ހިމާޔަތްކުރުމަށް، ގައުމަށް އެތެރެ ކުރެވޭ މުދަލުން ޑިއުޓީ ނަގަންޖެހެއެވެ. މިއީ މުޅިން އިދިކޮޅު ދެ ފިކުރެކެވެ. މި ދެ ޕާޓީން ސަރުކާރެއް އެކުލަވައިލާނީ ކިހިނެއް ހެއްޔެވެ؟ އެ ގޮތަކީ، ދެ ޕާޓީން އެބައިމީހުންގެ އަސްލު އުސޫލުތަކަށް ކޮންމެވެސް ވަރަކަށް ލުއި ދިނުމެވެ. މިނިވަން ވިޔަފާރީގެ ޕާޓީން، އެބައިމީހުންގެ އުސޫލު ބަދަލުކޮށް، މިސާލަކަށް، ގައުމުގެ ހަމައެނި ވަކި ސަރަހައްދެއްގައި މިނިވަން ވިޔަފާރި ހިންގޭ ގޮތަކަށް އެއްބަސްވެދާނެއެވެ. މީގެ އިތުރުން، ގައުމުގެ އެތެރޭގެ ސިނާއަތު ފުޅާކުރުމަށް ސަބްސިޑީ ދޫކުރުމަށް އެއްބަސްވެދާނެއެވެ. މިހެން ހެދުމުން، ދެވަނަ ޕާޓީން ހާސިލުކުރަން ބޭނުންވާ މަގުސަދު ކޮންމެވެސް މިންވަރަކަށް ހާސިލުވެއެވެ. ހަމައެކަނި މި-ހާލަތަށް ބަލާއިރު، މިއޮތީ މުޅިން ތަފާތު ދެ ޕާޓީއެއް އެކުވެގެން ސަރުކާރެއް އެކުލަވައިލެވޭ ވަރުގެ ބެލެންސެއް ގާއިމުކުރެވިފައެވެ. މި ސަރުކާރުގެ ސިޔާސަތުތައް ހިންގަންޖެހޭނީ މި ބެލެންސްގެ ތެރޭގައެވެ. ސިޔާސަތުތައް މި ބެލެންސް އިން ބޭރުވާނަމަ، އެކަމާ ހިތްހަމަ ނުޖެހޭ ޕާޓީއަކުން ސަރުކާރުން ވަކިވާނެއެވެ. ސަބަބަކީ، ޕާޓީތަކަށް ޕާލަމަންޓުގެ ގޮނޑިތައް ކާމިޔާބުކުރެވުނީ، އެބައިމީހުންގެ އެ ސިޔާސަތުތައް ބަލައިގަނެ ރައްޔިތުން ދީފައިވާ ވޯޓުންނެވެ. އެ ވޯޓުން ދިން ސަބަބާ އިދިކޮޅަށް ޕާޓީން ކަންތައް ކުރުމަކީ އެ ޕާޓީގެ މަގުބޫލުކަން ދަށްވާނެކަމެކެވެ. މިސާލަކަށް، މިނިވަން ވިޔަފާރީއާ ދެކޮޅު ޕާޓީން، އެބައިމީހުންގެ ގޮތްތައް މާބޮޑަށް ބަދަލުކޮށް، މިނިވަން ވިޔަފާރީގެ ގޮތްތައް ގަބޫލުކުރާ ޕާޓީއާ އެއްބައިވާނަމަ، މަސައްކަތްތެރިން ހިތްހަމަނުޖެހި، އެ ޕާޓީ ދޫކޮށްލުން އެކަށީގެންވެއެވެ. ސަބަބަކީ މިނިވަން ވިޔަފާރީގެ ސަބަބުން ގައުމަށް މުދާ އެތެރެކުރެވޭނަމަ، އެކަމުގެ ސަބަބުން އުފެއްދުންތެރިކަން ދަށްވެ، ވަޒީފާތައް މަދުވެ، ވަޒީފާ ނެތް މީހުންގެ އާބާދީ އިތުރުވުމެވެ.

ސަރުކާރުތައް ބަދަލުވެ، ރޫޅެނީ މި ބެލެންސްގައި ހިފެހެއްޓުމަށް ޕާޓީތައް ނުކުޅެދެމުންނެވެ. އެހެންކަމުން ބަދަލުވަނީ ބެލެންސެއްނޫނެވެ؛ އެ ބެލެންސްގައި އެކުލަވައިލެވޭ ސިޔާސަތުތަކެއް ނޫނެވެ؛ ރޫޅެނީ އެ ބެލެންސްގައި ހިފެހެއްޓުމަށް ނުކުޅެދޭ ސަރުކާރުތަކެވެ. ގައުމުގެ ސިޔާސަތުތައް އުފެދެނީ ބަޔާންކުރެވުނު ބެލެންސްގެ ތެރޭގައެވެ. އެހެންކަމަށް ވެއްޖެނަމަ، ސަރުކާރު ބަދަލުވުމާ އެކު ގައުމުގެ އިސްތިރާތިޖީ ސިޔާސަތުތަކަށް އަންނަ ލޮޅުން ކުޑަވެއެވެ. ދިގު މުއްދަތަށް ހިންގަންޖެހޭ ސިޔާސަތުތަކަށް އަބަދުވެސް ގިނަ ބައެއްގެ ރުހުން އޮވެ، އެ ފަދަ ސިޔާސަތުތައް ހިންގުމަށް ފަސޭހަވެއެވެ. މި މަފްހޫމުގެ ދަށުން ބަޔާންކުރަންޖެހޭ ކަމަކީ، [އިނގިރޭސި ނިޒާމުގައި ސަރުކާރު ރޫޅުމަކީ ނިޒާމުގެ ދުޅަހެޔޮކަމެވެ.] ޕާޓީތަކުގެ މެދުގައި އޮންނަ މި ބެލެންސަކީ، މި ފޮތުގެ ތައާރަފުގައި ބަޔާންކުރެވުނު އިޖުތިމާއީ ސުލޫކުގެ ބައެވެ. މިކަމަކީ ގާނޫނަކުން ތަންޒީމުކުރެވެންޖެހޭ ކަމެއް ނޫނެވެ. މިއީ ނިޒާމު އެކަށައެޅި ހަމަޖެހިފައިވާ ގޮތުން، އެ ނިޒާމުގެތެރޭގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސުލޫކާއި ނިންމުންތައް ނިންމުން ބައްޓަންވާ ގޮތެވެ.

އިނގިރޭސި ނިޒާމުގައި އިންތިޚާބުވުމާއި ސަރުކާރު އުފެދުން

އިނގިރޭސި ނިޒާމުގައި ސަރުކާރު އުފެދެނީ ޕާލަމަންޓަށް ރައްޔިތުން އިންތިޚާބު ކުރާ މަންދޫބުންގެ ފަރާތުންނެވެ. އެހެންކަމުން، ސަރުކާރު އުފެދެނީ ރައްޔިތުންގެ ފަރާތުން، ނުސީދާ ގޮތެއްގައެވެ. ރައްޔިތުން ރުހޭ ސިޔާސަތެއްގެ ޕާޓީތަކެއްގެ، ރުހޭ ކެންޑިޑޭޓަކަށް ވޯޓުދީ އިންތިޚާބުކުރުމުން، އިންތިޚާބުވެފައިވާ މެންބަރުންގެ މެދުގައި އޮންނަ ކޯލިޝަނެއްގެ ތެރެއިން (އެއްވެސް ބަޔަކަށް ސާފު އަޣުލަބިއްޔަތު ނުލިބޭ ހާލަތުގައި) ސަރުކާރެއް އުފެދެއެވެ. މި ނިޒާމުގައި، ސަރުކާރެއް އުފެދުމުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުނު ނަމަވެސް ޕާލަމަންޓުގެ މެންބަރެއްގެ ގޮތުގައި އެ ސަރުކާރެއް ޖަވާބުދާރީ ކުރުމުގައި،ގިނ ގިނަ ރައްޔިތުންނަށް ހިއްސާވެވެއެވެ.

ތަސްވީރު 1 އިން ފެންނަނީ ޕާލަމަންޓުގެ އިންތިޚާބުކުރުމަށް ބޭއްވިފައިވާ އިންތިޚާބެއްގެ ޚިޔާލީ ނަތީޖއެވެ. އިންތިޚާބުގައި ވާދަކުރި ޕާޓީތަކުން ކުރެ އެއްވެސް ޕާޓީއަކަށް 51 އިންސައްތަ ނުވަތަ، ގޮނޑީގެ އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ؛ އެއް ޕާޓީއަކަށް އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، އެ ޕާޓީން އެކަނި އުފައްދާ ސަރުކާރަކީ އަޣުލަބިއްޔަތުގެ ސަރުކާރެކެވެ. އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބި، ކޯލިޝަން ހަދައިގެން ސަރުކާރެއް އެކުލަވައިލާ ނަމަ، އެ ސަރުކާރަކީ މައިނޯރިޓީ ސަރުކާރެކެވެ. މި ހާލަތުގައި، އެންމެ ގިނަ ގޮނޑި ލިބިފައިވަނީ ޕާޓީ 6 އަށެވެ. އެހެންކަމުން އެ ޕާޓީން ކުރަންޖެހޭ ކަމަކީ އެ ޕާޓީގެ ސިޔާސަތުތަކާ އެއްގޮތްވާ، ފަސޭހައިން ކޯލިޝަނެއް ހެދުމުގެ ފުރުސަތު އޮތް އެހެން ޕާޓީއަކާ ކޯލިޝަނެއް އެކުލަވައިލާށެވެ. މި ކޯލިޝަނުގައި ބައިވެރިވުމަށް އެހެން ޕާޓީއަކުން އެއްބަސްވާނީ، ބައިވެރިވާ ޕާޓީއެއް ބޭނުންވާ ގޮތަކަށް ސިޔާސަތުތަކެއް ހިންގުމަށް ޕާޓީ 6 އިން ވެސް އެއްބަސްވާނަމައެވެ. ޕާޓީ 6 އިން ސަރުކާރެއް އެކުލަވައިލާނަމަ، ހަމައެކަނި ޕާޓީ 5 އަކާ ކޯލިޝަން ހެދުމަކުން ނުފުދެއެވެ. ޕާލަމަންޓުގެ އަޣުލަބިއްޔަތު ހޯދުމަށް ތިންވަނަ ޕާޓީއެއް ބައިވެރިކުރަންޖެހެއެވެ؛ އެއް ގޮތަކީ ތިންވަނަ ޕާޓީއަކީ ކޯލިޝަނުގެ މެންބަރެއް ގޮތުގައި ހެދުމެވެ. މިކަން ކުރަން އަނެއްކާވެސް ޕާޓީ 6 އަކާއި 5 އިން އެބައިމީހުންގެ ސިޔާސަތުތަކަށް ދުލެއް ދީ، ތިންވަނަ ބައިވެރިޔާ ބޭނުންވާ ސިޔާސަތުތަކަކަށް އެއްބަސްވާންޖެހެއެވެ؛ އަނެއް ގޮތަކީ، ޕާލަމަންޓުގައި އޮންނަ ސަރުކާރުގެ އެކުލަވައިލުމުގެ ވޯޓާއި މުހިންމު ވޯޓުތަކުގައި އާނ ބަސްބުނުމަށް ތިންވަނަ ފަރާތަކާ އެއްބަސްވުމެވެ. ސަރުކާރުގެ ސިޔާސަތުތައް އެކުލަވައިލެވެނީ މި ތިން ޕާޓީގެ އެއްބަސްވުމާ އެކުގައެވެ. ސަރުކާރުގައި ބައިވެރިނުވާ ޕާޓީތަކަކީ ބައެއް ފަހަރު، އިދިކޮޅު ޕާޓީތަކެވެ. އަނެއްބައި ފަހަރު، ވަކިވަކި ސިޔާސަތުން ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި، ޖަވާބުދާރީކުރުވާ ޕާޓީތަކެވެ. މި ފަދައިން އެކުލަވައިލެވޭ ސަރުކާރަކީ، އިންތިޚާބުގައި ރައްޔިތުންގެ ހަގީގީ އިޚުތިޔާރުގެ މައްޗަށް އެކުލަވައިލެވޭ ސަރުކާރެކެވެ. މާނައަކީ، ގައުމުގެ ސިޔާސަތު ކަނޑައަޅައި ހިންގުމަށް ޖުމުލަކޮށް އެންމެ ގިނަ ރައްޔިތުން ބޭނުންވި ޕާޓީތަކާއި ކެންޑިޑޭޓުންނަށް އެންމެ ބޮޑު ހިއްސާއެއް ލިބުމެވެ. މި ނިޒާމުގައި ނަތީ-ކީ ޖުމުލަކޮށް، އެންމެ ގިނަ ވޯޓު ލިބޭ ވަކި އެންމެ މީހަކަށް ސަރުކާރު އެއްކޮށް ލިބުމެއްނޫނެވެ. މިސާލަކަށް، އިސްވެ ބަޔާންކުރެވުނު ޚިޔާލީ ނަތީޖާގައިވާ ގޮތުން ޕާޓީ 6 އަކުން ސަރުކާރެއް އެކުލަވައިލާ އިރު، ދެވަނަށް އެންމެ ގިނަ ގޮނޑި ލިބުނު ޕާޓީ 1 އަކާ އެކު ކޯލިޝަން ހެދުން ލާޒިމެއްނޫނެވެ. ނަމަވެސް، މުހިންމުކަމަކީ އެހެން ކުދި ޕާޓީތަކާ އެކު ކޯލިޝަން ހަދައިގެން ވެސް ޕާލަމަންޓުގެ އަޣުލަބިއްޔަތު ހޯދުމެވެ. ނިޒާމުގެ އަސާސަކީ އިންތިޚާބުވެފައިވާ މެންބަރުން ކުރެ، މުޅި ރައްޔިތުންގެ އަޣުލަބިއްޔަތު ތަމްސީލުކުރެވޭ ގޮތަކަށް ސަރުކާރު އެކުލަވައިލުމެވެ. ނަތީ-ކީ އަޣުލަބިއްޔަތުގެ މައްޗަށް ސަރުކާރެއް އެކުލަވައިލެވޭ އިރު، ރައްޔިތުންގެ ހަގިގީ އިޚުތިޔާރު ހިމެނުމުގެ އިތުރުން، ތަފާތު ޚިޔާލުތަކެއްގެ ގިނަ ބައެއްގެ މައްޗަށް ބިނާވާ ސަރުކާރެއް އޮތުމެވެ. އެހެންކަމުން، އިނގިރޭސި ނިޒާމު ފަދަ ބަރުލަމާނީ ނިޒާމުގެ ސަރުކާރު އެކުލަވައިލުމާއި އެ ފަދަ ސަރުކާރެއް ސިޔާސަތުތަކުގެ ޖައުހަރަކީ [ތަފާތު ޚިޔާލުތަކުގެ އެންމެ ގިނަ ރައްޔިތުން ބޭނުންވާ ގޮތެކެވެ؛] ހަމައެކަނި އެންމެ ގިނަ ރައްޔިތުންގެ ބޭނުންވާ ގޮތެއްނޫނެވެ. [ތަފާތު] މާނަކޮށްދެނީ ތަފާތު ޕާޓީތަކަށާއި ތަފާތު ތަސައްވުރުތަކަށެވެ.

[ކޮމްޕެރެޓިވް ޕޮލިޓިކްސް އަދި ޑިމޮކްރެޓިކް ތިއަރީގެ] ޢިލްމުވެރިޔާ، އަރެންޑް ލިޖްޕްހާޓް ބަޔާންކުރާ ގޮތުގައި ބަރުލަމާނީ ނިޒާމުގައި، މައިގަނޑު 2 ޕާޓީ އޮވެ، އެއް ޕާޓީށް ބަރުލަމާނުގެ އަޣުލައްބިއްޔަތު ލިބޭ ނަމަ، ކެބިނެޓުގެ ބާރު ގަދަވެއެވެ (މިއީ ރިޔާސީ ނިޒާމުގައި ހުދުމުޚުތާރު ބާރުތަކެއް ލިބިގެންވާ ރައީސަށް ލިބިގެންވާ ބާރުތަކަށް ވުރެ ފުޅާ ބާރުވެރިކަމެކެވެ.) އިތުރަށް ބަޔާންކުރާ ގޮތުގައި، މި ފަދައިން ހަގީގަތުގައި، ބާރުގަދަ ކެބިނެޓެއް ނުވަތަ ތަންފީޒީ ބާރެއް ބަރުލަމާނީ ނިޒާމުގައި ވެސް އުފަންވަނީ ސިޔާސީ މަސްރަހު ދެ ޕާޓީއެއް ކޮންޓުރޯލުކުރާ ހާލަތުގައެވެ.1 އިނގިރޭސި ނިޒާމުގައި އާންމު ތަޖުރި-ކީ އަޣުލަބިއްޔަތުގެ ސަރުކާރުތައް އެކުލަވައިލުމެވެ. މިއީ ސިޔާސީ މަސްރަހު ބޮޑެތި ޕާޓީތަކުން ކޮންޓުރޯލުކުރުމުގެ ނަތީޖާއެވެ. ނަމަވެސް، (ބާރުގަދަ ދެ ޕާޓީގެ ހާލަތުގައި ބާރުގަދަ ކެބިނެޓެއް އޮންނަ ކަމަށް އަރެންޑް ލިޖްފާތް ބަޔާންކުރައްވާފައި ވީ ނަމަވެސް) ތާރީޚުގައި އިނގިރޭސި ސަރުކަރުތައް ރޫޅުމަށް ބަލާއިރު، ޕާޓީގެ އެތެރޭގެ ވާދަވެރިކަމާއި ޚިޔާލު ތަފާތުވުމަކީ ވެސް، އަޣުލަބިއްޔަތުގެ ސަރުކާރެއް ނަމަވެސް، ބާރުތައް މުށުތެރޭގައި ބޭއްވުމަށް އޮންނަ ހުރަހެއްކަން އެނގެއެވެ.

ބެލެންސާއި ބާރުތައް ހަނިވުން

އިނގިރޭސި ޕާލަމަންޓަރީ ނިޒާމުގައި ބެލެންސްގެ ތެރޭގައި ސަރުކާރު އެކުލަވައިލުމާއި ހިންގުން ވެފައި އޮންނީ ސަރުކާރުގެ ބާރުތައް ހަނިވުމުގެ ސަބަބެއްކަމުގައެވެ. ސަރުކާރުތައް ރޫޅުމުގެ ތާރީޚާ ގުޅިގެން އިސްވެ ލިޔެވިފައިވާ ކުރު ބަޔާނުން މިކަން އެނގެއެވެ. އެހެން ކަމުން ހުދުމުޚުތާރުކަމަކީ އިނގިރޭސި ނިޒާމުގެ ސިފައެއްނޫނެވެ. އިނގިރޭސި ޕާލަމަންޓު ބައްޓަންވީ ރަސްކަމުގެ ބާރުތައް ހަނިކޮށް ރައްޔިތުން ތަމްސީލުކުރާ ބައެއްގެ އަތްމައްޗަށް ސަރުކާރުގެ ތަންފީޒީ ބާރުތައް ފުރޮޅައިލުމުގެ ބޭނުމުގައެވެ. ހިންގުމުގެ ނިޒާމުގެ ހަގީގީ ބަހުސަކީ، ސިޔާސަތުތަކަށް ރައްޔިތުން ރުހުން ލިބުމާއި ނުލިބުމެވެ. ރުހުން އޮތުމުގެ ނިޒާމަކީ، ރައްޔިތުން އިންތިޚާބުކުރާ މަންދޫބުންގެ ފަރާތުން ސިޔާސަތުތައް ތަންފީޒުވުމެވެ. މަންދޫބުންގެ ތެރެއިން ސިޔާސަތު ކަނޑައަޅައި ތަންފީޒުވަނީ މަންދޫބުންގެ މެދުގައި އޮންނަ ބެލެންސެއްގެ މައްޗަށް އެކުލަވައިލެވޭ ސަރުކާރުގެ ތެރެއިންނެވެ. ނަތީ-ކީ އެންމެ ފަރުދެއްގެ މުށުގައި ބާރުތައް ބަނދެވިފައިވުމުގެ ބަދަލުގައި، ގިނަ ބައެއްގެ އަތްމައްޗަށް ބާރުތައް ބަހައިލެވިފައިވުމެވެ. ނަޒަރީ-ގޮތެއްގައި ދައުލަތުގެ ތިން ބާރު ކަނޑައެޅިފައި-ވީ-ނަމަވެސް، އިނގިރޭސި ބަރުލަމާނީ ނިޒާމުގައި ތަންފީޒީ ބާރު ކަނޑައެޅިފައިވަނީ ވަކި ބާރެއް ގޮތުގައެއްނޫނެވެ. އެހެން-ނަމަވެސް، ބާރުތައް ޖަމާވެފައިވަނީ ގިނަ ބައެއް ހިއްސާވާ ޖަމާއަތެއްގެ ތެރޭގައި ކަމުން، ހުދުމުޚުތާރުވުމުގެ ފުރުސަތަކީ ވަރަށް ހަނި ފުރުސަތެކެވެ. ހަގީގަތުގައި ކަން ހިނގާ ގޮތަށް ބަލާ އިރު، މި ނިޒާމުގައި އެކަކަށް ފެންނަ ގޮތަކަށް ކަންކަން ނިންމުމަކީ-ވެސް ނާދިރު ކަމެކެވެ. ސަރުކާރެއް އެކުލެވޭ ކޯލިޝަނެއްގެ ތެރެއިން، ޕާލަމަންޓުން ފާސްކުރާ ގާނޫނެއްގެ ސިފައިގައި ސިޔާސަތެއް ނިންމި ނަމަވެސް، އެކަން ތަންފީޒުކުރުމަކީ ޕާލަމަންޓުގެ ސިޔާދަތު އޮތް ނަމަވެސް ފަސޭހަކަމަކަށް ނުވެއެވެ. މީގެ އިތުރުން، އިނގިރޭސީ ނިޒާމުގައި [ޖުޑީޝަލް ރިވިއު]ގެ ގޮތުގައި ސަރުކާރުގެ ނިންމުންތަކާ މެދު ފައިސަލާކުރުމަކީ ވެސް ޕާލަމަންޓުގެ ސިޔާދަތު ހުދޫދުވުމެވެ. މިހައި ހިސާބުން، ޕާލަމަންޓުގެ ސިޔާދަތުގެ އިތުރަށް، އެ ފަދަ ނިންމުންތައް، އިންސާނީ ހައްގުތަކުގެ އުސޫލުތަކާއި މައިނޯރިޓީ ހައްގުތަކާ ތައާރުޒުވޭތޯ ބެލެއެވެ. އެހެންކަމުން، ޕާލަމަންޓުގެ ސިޔާދަތަކީ އަމަލުކުރެވޭ ގޮތަށް ބަލާއިރު ހުދުމުޚުތާރު ވުމަށް އޮންނަ ފުރުސަތެއް ނޫނެވެ.

އެމެރިކާ

ރިޔާސީ ނިޒާމުގެ އަސްލަކީ އެމެރިކާގެ ސިޔާސީ ތަޖުރިބާއެވެ. މި ތަޖުރިބާ ފެށިފައިވަނީ އެމެރިކާގެ ސަރަހައްދުތައް އިނގިރޭސި ކޮލޮނީތަކުގެ ގޮތުގައި އޮތް ދުވަސްވަރުއެވެ. އެ ދުވަސްވަރު، އެ ކޮލޮނީތަކުގެ ސިޔާސީ އަދި އިގުތިސާދީ ކަންކަމާ ގުޅުންހުރި ނިންމުންތައް ނިންމަނީ އިނގިރޭސި ޕާލަމަންޓުންނެވެ. އެމެރިކާގެ ނިޒާމު އުފެދުނީ އެދުވަސްވަރު ޔޫރަޕުގައި ހިނގަމުންދިޔަ ހުދުމުޚުތާރު ޝާހީ ރަސްކަންތަކާ ސީދާ ތަފާތު ވެރިކަމުގެ ނިޒާމެއް އުފެއްދުމުގެ ބޭނުމުގައެވެ. އެ ފަދަ ނިޒާމެއްގެ ނަތީ-ކީ، ތިންބާރު ވަކިކުރެވި، ޤަޟާއީ އަދި ގާނޫނު ހެދުމުގެ ބާރަށް ޖަވާބުދާރީވާ، ފުޅާ ބާރުތަކެއް ލިބިގެންވާ ރައީސަކު، ރައްޔިތުންގެ ވޯޓަކުން (އިލެކްޓޯރަލް ކޮލެޖު) އިންތިޚާބުކުރާ ނިޒާމެއް “އީޖާދުކުރުމެވެ. “އެމެރިކާގެ ރިޔާސީ ނިޒާމު އުފެދުމަށް މިސްރާބުޖަހާފައިވަނީ 1776ވަނަ އަހަރު 13 ކޮލޮ-ކުން އިނގިރޭސި ރަސްކަމާ ދެކޮޅަށް މިނިވަންކަން އިއުލާނުކޮށް، 1781-ނަ އަހަރުގެ [އާރޓިކަލްސް އޮފް ކޮންފެޑެރޭޝަން] ފާސްކުރުމާ ވިދިގެންކަމަށް ބެލެވިދާނެއެވެ. 1774-ނަ އަހަރު ކޮލޮނީތަކުން އިނގިރޭސި ރަސްކަމާ ދެކޮޅަށް އެއްބައިވެ މަސައްކަތްކުރުމަށް ކޮންޓިނެންޓަލް ކޮންގުރެސްގެ ނަމުގައި އެއްތަންވެ، ބަހުސްފެށިއެވެ. އެއަށް ފަހު، -ނަ އަހަރުގެ [އާރޓިކަލްސް އޮފް ކޮންފެޑެރޭޝަން] އިން ކޮންގުރެސް ވުޖޫދަށް ގެނައެވެ. ކޮންގުރެސަށް ލިބިގެންވީ ވަރަށް ހަނި ބާރުތަކެކެވެ. އޭގެތެރޭގައި ކޮލޮނީތަކުގެ މުމައްސިލެއްގެ ގޮތުގައި ހަނގުރާމަ އިއުލާނުކުރުމާއި، ޚާރިޖީ ގުޅުންތައް ހިންގުމާއި، ބައިނަލްއަގުވާމީ އެއްބަސްވުންތައް އެކުލަވައިލުން ހިމެނެއެވެ. ނަމަވެސް ކޮންގުރެސަށް އެކަށީގެންވާ ބާރުތައް ލިބިފައިނުވުމުގެ ނަތީޖާއަކީ، ކުރިމަތިވި ސިޔާސީ މައްސަލަތައް ހައްލުކުރުމަށް ނުކުޅެދިގެންވުމެވެ. އެ ގޮތުން 1787ވަނަ އަހަރުގެ ދުސްތޫރީ ޖަލްސާގައި (ކޮންސްޓިޓިއުޝަނަލް ކޮންވެންޝަން) މަރުކަޒީ ތަންފީޒީ ބާރެއްގެ މުހިންމުކަމާއި، އަދި އެ ފަދަ ބާރެއް ވުޖޫދަށް ގެނައުމާމެދު ބަހުސްކުރެވުނެވެ. ޖަލްސާގެ ބައިވެރިންގެ އަމާޒަކަށްވެފައިވަނީ، ޔޫރަޕުގައި އޮތް ފަދަ، ބާރުވެރި ރަސްކަމަކަށް ލިބިގެންވާ ފަދަ ތަންފީޒީ ބާރުތަކެއް ލިބިގެންވާ ތަންފީޒީ ބާރެއް ވުޖޫދުވިޔަނުދިނުމެވެ. ބަހުސްތައް ބިނާވެފައިވަނީ، ތަންފީޒީ ބާރުގެ ތަބީއަތާ މެދުއެވެ. އެއްބަޔަކު ދެކުނީ ތަންފީޒީ ބާރުތައް އެންމެ މީހަކަށް ކަނޑައެޅުމުގެ ބަދަލުގައި، ބާރުތައް ހިއްސާވާ ގިނަ ބައެއްގެ މައްޗަށް އެކުލެވޭ ތަންފީޒީ ބާރެއް ވުޖޫދަށް ގެނައުމެވެ. އަނެއްބަޔަކު ބުރަވީ، ރައީސެއް ހުންނަ ގޮތަކަށް ތަންފީޒީ ބާރު ފަރުމާކުރުމެވެ. އާޚިރުގެ ނަތީޖާއަކީ ތަންފީޒީ ބާރުގެ ގޮތުގައި ރައީސެއް އިންތިޚާބުކޮށް، ގާނޫނު ހެދުމުގެ ބާރުގެ ގޮތުގައި ކޮންގުރެސް އިންތިޚާބުކުރުމެވެ. އަދި ތަންފީޒީ ބާރަށް ފުޅާ ބާރުތަކެއް ލިބިގެންވީ ހިނދު، އެ ބާރުތަކުގެ މައްޗަށް ފާރަވެރިވުމުގެ ގޮތުން ކޮންގުރެސްގައި ރައީސް އަޒުލުކުރެވޭ (އިމްޕީޗުކުރުން) އިޖުރާއާތުތައް ކަނޑައެޅުމެވެ.

މި ފަދައިން ބާރުތައް ވަކިވުމުގެ ފަލްސަފާއަކީ އެމެރިކާގެ ހަމައެކަނި އިސްތިއުމާރީ ތަޖުރިބާގެ މައްޗަށް ބިނާވެފައިވާ ކަމެއްނޫނެވެ. އޭގެ އިތުރުން، ޢިލްމީ ހަރަކާތްތެރިކަމެއް ވެސް ދުސްތޫރީ ޖައްވުގައި ހިމެނެއެވެ. އެ ގޮތުން، ބާރުތައް ވަކިކުރުމުގެ މައްސަލައިގައި، ފަލްސަފާވެރިޔާ މޮންޓެސްކިއުގެ ތިން ބާރު ވަކިކުރުމުގެ ފަލްސަފާ، އެމެރިކާގެ ދުސްތޫރު ފަރުމާކުރި ސިޔާސީ ލީޑަރުން ވަރަށް ރަނގަޅަށް ދިރާސަކޮށް، އެކަމާ މެދު ބަހުސްކޮށްފައިވެއެވެ.

އެމެރިކާގެ ހިންގުމުގެ ނިޒާމު ފަރުމާވެ ބައްޓަންވެފައިވަނީ އަތުރައިލެވިފައިވާ ގާނޫނީ ނައްސުތަކުން އެކަންޏެއްނޫނެވެ. އޭގެ އިތުރަށް، އެކި ރައީސުން ގެންގުޅުއްވި ސިޔާސަތުގެ ތެރެއިން ވެސް ދައުލަތުގެ ތިން ބާރުގެ ގުޅުންތައް ބައްޓަންވެފައިވެއެވެ. އެ ގޮތުން، 1789ވަނަ އަހަރު ފުރަތަމަ ރައީސްގެ ގޮތުގައި އިންތިޚާބުކުރެވުނު ޖޯޖް ވޮޝިންޓަން ތަންފީޒީ ބާރުތައް ބޭނުންކޮށްފައިވަނީ ޕާޓީ ވިސްނުމަށްވުރެ ގައުމީ ވިސްނުމެއްގައެވެ. ނިންމުންތައް އަމިއްލަފުޅަށް ނިންމެވުމުގެ ބަދަލުގައި ކޮންގުރެސްގެ ލަފާ ހޯއްދަވައެވެ. އެދުވަސްވަރުގެ ހާލަތުގެ ގޮތުން ވެސް ކަންކަން ހިނގުން ލާޒިމުކުރަނީ މި ފަދަ ގޮތަކަށެވެ. އެދުވަސްވަރަކީ އައު ދައުލަތެއް އުފެދި، އެ ދައުލަތް ދިފާއުކުރުމުގެ މަސައްކަތްކުރި ދުވަސްވަރެވެ. އެހެންކަމުން، އެންމެ ރަނގަޅަށް ދައުލަތެއް ހިންގޭނީ އެންމެން އެއްބައިވުމުގެ ގޮތަކަށް ނިންމުންތައް ނިންމުމުންނެވެ. ރައީސް ވޮޝިންޓަންގެ ފަހުން ރައީސްކަމަށް އިންތިޚާބުކުރެވުނީ ޖޯން އެޑަމްސްއެވެ. ރައީސް އެޑަމްސްގެ ދައުރުގައި މައްސަލަ ބޮޑުވި، 1798ވަނަ އަހަރުގެ [އޭލިއަން އެންޑް ސެޑިޝަން] ގާނޫނުގެ ސަބަބުން ތަންފީޒީ ބާރު ފުޅާވިއެވެ. ހަގީގަތުގައި މި ގާނޫނާ މެދު ބަހުސްތައް ހޫނުވީ ތަންފީޒީ ބާރަށް ލިބިފައިވާ ބާރުވެރިކަން އިތުރަށް ފުޅާވުމަށް މަގުފަހިވާތީއެވެ. އޭގެ ފަހުން ރައީސް ތޯމަސް ޖެފަރސަންގެ ދުވަސްވަރު، ދުސްތޫރީ ހުއްދައެއްނެތި، 1803ވަނަ އަހަރު ލޫޒިއާނާ އެމެރިކާއަށް ގަތް އިރު، އެކަން ކުރީ ދުސްތޫރީ ބާރުތައް ވަރަށް ފުޅާކޮށް މާނަކޮށްގެންނެވެ. ރައީސް ޖޯން އެޑަމްސްގެ ދައުރު ހަމަވާން ދާދި ކައިރިވެފައި ވަނިކޮށް [ޖުޑިޝަރީ އެކްޓް 1801] ގެ ދަށުން ސުޕްރީމް ކޯޓަށް އައައްޔަންކުރުމަށް ފަނޑިޔާރުން ކަނޑައެޅިއެވެ. ނަމަވެސް ސަރުކާރު ބަދަލުގެ، ރައީސް ތޯމަސް ޖެފަސަންގެ ދައުރުގައި އެ ފަނޑިޔާރުންނަށް ފަނޑިޔާރުކަމުގެ ޒިންމާ ހަވާލުކުރުމަށް ދެކޮޅުހެދިއެވެ. މިކަމާ ވިދިގެން، ރައީސް ޖެފަސަންގެ ސަރުކާރާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައިގައި، ކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވަނީ، ކޮންގުރެސްގެ ގާނޫނުތަކުގެ ޣައިރު ދުސްތޫރިއްޔަތު ކަނޑައެޅުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމެވެ. މި މައްސަލައިގައި، [ޖުޑިޝަރީ އެކްޓް 1801] ގެ ބައެއް މާއްދާތައް ބާތިލުކަމަށް ކަނޑައަޅާފައިވެއެވެ. މިއީ ހިންގުމުގެ ނިޒާމުގެ ވަކި ބާރެއް ގޮތުގައި ޖުޑިޝަރީ ހަރުދާނަވެ، ތަރައްގީވުމެވެ.

1828ގައި އިންތިޚާބުކުރެވުނު ރައީސް އެންޑުރޫ ޖެކްސަންގެ ދައުރުގައި ރިޔާސީ ވީޓޯ ބާރު ވަރަށް ފުޅާ ގޮތެއްގައި ބޭނުންކުރެވުނެވެ. އެ ގޮތުން، ވީޓޯކުރުމުގެ ބާރު ބޭނުންކުރެވިފައިވަނީ ކޮންގުރެސާ ދެކޮޅަށް ބޭނުންކުރެވޭ ހަތިޔާރެއް ގޮތުގައެވެ. މިހާ ހިސާބަށް އެމެރިކާގެ ދުސްތޫރީ ހަޔާތް ވާސިލުވި އިރު، ރިއާސަތަކީ ހަމައެކަނި ގައުމީވަންތަކަމުގެ ރަމްޒެއްނޫނެވެ. އޭގެ އިތުރުން، ޕާޓީ ވާދަވެރިކަމާއި، ރައީސުންގެ މަޝްހޫރުކަމާއި، މަގުބޫލުކަމުގެ މައްޗަށް ބިނާވެފައިވާ މުއައްސަސާއަކަށް ރިޔާސަތުވަނީ ބަދަލުވެފައެވެ. ރިއާސަތަށް ލިބިފައިވާ ބާރުތައް ފުޅާކުރެވެނީ ކިހާ ހިސާބެއްކަމާއި، ކިހިނެތްކަން އިމްތިހާނުކުރެވުނީ އެމެރިކާގެ މަދަނީ ހަނގުރާމައިގެ ތެރެއިންނެވެ. 1861ވަނަ އަހަރު ހަނގުރާމަ ފެށުމާ އެކު، އަވަސް، އަދި މުހިންމު ބޮޑެތި ނިންމުންތަކެއް ނިންމަންޖެހުނެވެ. އެ ގޮތުން، ހަމަ އެ އަހަރު އިންތިޚާބުކުރެވުނު ރައީސް އަބްރަހަމް ލިންކަން، މުހިންމު ފިޔަވަޅުތަކެއް އެޅުއްވިއެވެ. ރައީސް ލިންކަން ރިޔާސީ ބާރުވެރިކަން މާނަކުރެއްވީ، އެމެރިކާގެ ވަހުދަތު ހިމާޔަތްކޮށް ދެމެހެއްޓުމަށް ޓަކައި ދުސްތޫރުން ރައީސަށް ބާރުތަކެއް ލިއްބައިދޭކަމަށެވެ. އޭގެތެރޭގައި، އިސްވެ ކޮންގުރެސްގެ ރުހުން ނެތި ހެބިއަސް ކޯޕަސް ސަސްޕެންޑުކޮށް، އަދި އަސްކަރިއްޔާ އިތުރަށް ވަރުގަދަކުރެއްވިއެވެ. ހެބިއަސް ކޯޕަސް ސަސްޕެންޑުކުރުމުގެ މައްސަލައިގައި، ރައީސަށް އެ ބާރު ލިބިގެންނުވާކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ. ނަމަވެސް، ކުއްލި ހާލަތްތަކާ ގުޅިގެން، އެއީ ރައީސަށް ލިބިގެންވާ ބާރެއް ކަމަށް ދެކިވަޑައިގެން، ސުޕްރީމް ކޯޓުގެ ނިންމުމަށް އަމަލުކުރައްވާފައެއް ނުވެއެވެ.

ރައީސްގެ އިސްނެންގެވުމަށް ކެބިނެޓު މެންބަރުން ވަކިކުރުމުގެ ބާރު ހުދޫދުކޮށް، ކެބިނެޓު މެންބަރުން ވަކިކުރާ ނަމަ ސެނެޓުގެ ރުހުން އޮންނަން ޖެހޭ ގޮތަށް ރައީސް ޖޯންސަންގެ ދައުރުގައި ކޮންގުރެސުން ގާނޫނެއް ފާސްކުރިއެވެ. އޭގެ ފަހުން، ރައީސް ޖޯންސަން އޭނާގެ ކެބިނެޓުގެ ސެކްރެޓަރީ އޮފް ވޯރ ވަކިކުރުމުން، ގާނޫނާ ހިލާފުވެވަޑައިގަތްކަމަށް ބަލައި، ރައީސް [އިމްޕީޗުކުރުމުގެ] އިޖުރާއާތު ކޮންގުރެސުން ފެށިއެވެ. މި ގާނޫނު ބާތިލުކަމަށް ސުޕްރީމް ކޯޓުން ފަހުން ކަނޑައަޅާފައިވެއެވެ. މިއީ ތަންފީޒީ ބާރަށް ލިބިގެންވާ އިޚުތިޔާރުތައް ހުދޫދުކުރުމަށް ގާނޫނު ހެދުމުގެ ބާރުން މަސައްކަތް ކުރުމާ، އެ ދެ ބާރުގެ މެދުގައި އޮތް ބާރުވެރިކަމުގެ ހުދޫދު ކަނޑައެޅުމުގެ [ކޯޅުމުގެ] މަންޒަރެކެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ދައުރަކަށް ވެފައި އޮތީ ސިޔާސީ ދެ ބާރުގެ މެދުގައި ބެލެންސެއް ހަމަޖެއްސުމެވެ. ދާޚިލީ ހަނގުރާމައިގެ ފަހުން، ކޮންގުރެސްގެ ރުހުންނެތި އެމެރިކާގެ ބައެއްގެ ގޮތުގައި ދެކުނުގެ ސްޓޭޓުތައް ހަމަޖެއްސުމަށް ރައީސް ޖޯންސަން މަސައްކަތްކުރެއްވުމުން ރައީސް ޖޯންސަން އިމްޕީޗުކުރެވުނެވެ. މިއިން އެނގެނީ، ދާޚިލީ ހަނގުރާމައިގެ ފަހުން ރައީސުންގެ ތަންފީޒީ ބާރުވެރިކަން ބޭނުން ގޮތަކަށް ތަންފީޒުނުކުރެވޭކަމެވެ. ނަވާރަވަނަ ގަރުނުގެ ފަހުކޮޅު ބެލެވިފައިވަނީ ރިޔާސަތުގެ ދައުރު ކުޑަވެފައިވާ ދުވަސްވަރެއްގޮތުގައެވެ. މި ދުވަސްވަރަކީ [ގިލްޑެޑް އޭޖް]ގެ ގޮތުގައި މަޝްހޫރުވެފައިވާ، އަދި އެމެރިކާގެ ސިނާއަތުތައް ބާރު ދުވެލީގައި ތަރައްގީވާން ފެށި ދުވަސްވަރެވެ. މި ދުވަސްވަރުގެ ރިޔާސަތު ތަންފީޒީ ބާރުގެ ހިންގުން ބިނާވެފައި އޮތީ ސިޔާސަތުތައް ހިންގައި ހަރަކާތްތެރި ރިޔާސަތެއް އޮތުމަށް ވުރެ، ޕާޓީ ކޯޅުމާއި ޕާޓީ މެންބަރުންގެ މަސްލަހަތުތައް ހިމާޔަތްކުރުމަށެވެ. މިހެން މިކަން އޮއްވައި، މި ދުވަސްވަރު އުފެދުނު ސިނާއަތުތަކާއި އުފެއްދުންތެރިކަމުގެ ސަބަބުން، އިތުރު ޒިންމާތަކެއް އަދާކުރުމަށް ތަންފީޒީ ބާރަށް މަޖުބޫރުވިއެވެ. ތަންފީޒީ ބާރުގެ ހަރަކާތްތެރިކަން އަލުން ފެށުމުގެ ސަބަބަކީ މިއީއެވެ. މި ދުވަސްވަރު އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ، 1901ވަނަ އަހަރު ޓިއޮޑޯރެ ރޫޒްވެލްޓް ރައީސްކަމަށް އިންތިޚާބުވުމެވެ. ރައީސް ރޫޒްވެލްޓުގެ ދެކެވަޑައިގަތް ގޮތުގައި، ދުސްތޫރުން ކަނޑައެޅިގެން މަނާނުކުރާ ކޮންމެ ކަމެއް ކުރުމުގެ އިޚުތިޔާރު ތަންފީޒީ ބާރަށް ލިބިގެންވެއެވެ. ރިޔާސަތުގެ ބާރުތަކުގެ މި ފަހުމްވުމުގެ ދަށުން، ރައީސް ރޫޒްވެލްޓުގެ ސަރުކާރުން ވަޒީފާގެ މައްސަލަތަކާއި، އެންޓި-ޓްރަސްޓު މައްސަލަތަކަށް ތަދައްޚުލުވާންފެށިއެވެ. މިކަމުގެ ބޭނުމަކީ ކަންކަން އިސްލާހުކުރުމުގައި ރައީސްގެ ދައުރެއް އޮތްކަން ދައްކައިދިނުމެވެ. އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ބޭރުގެ މައްސަލަތަކުގެ ތެރެއަށް ތަދަޚުލުންވުން އިތުރުވީވެސް މި ދުވަސްވަރުއެވެ.

ޓިއޮޑޯރެ ރޫޒްވެލްޓްގެ ފަހުން، ފްރޭކްލިން ރޫޒްވެލްޓުގެ ދައުރުގައި، 1930ގެ އަހަރުތަކުގައި އިގުތިސާދު އިނދަޖެހުމާ (ގްރޭޓް ޑިޕްރެޝަން) ގުޅިގެން ތަންފީޒީ ބާރުން ހިންގި އެންމެ މުހިންމު ސިޔާސަތަކީ [ނިއު ޑީލް] ޕުރޮގުރާމެވެ. މި ޕުރޮގުރާމުގެ ދަށުން އިގުތިސާދީ އެތަށް ފިޔަވަޅުތަކެއް އެޅިއެވެ. ރޫޒްވެލްޓުގެ ސަރުކާރާ އެމެރިކާގެ ސުޕްރީމް ކޯޓާ ދެމެދު އުފެދުނު ދެކޮޅުވެރިކަން އުފެދުމުގެ ސަބަބަކީ މި ޕުރޮގުރާމެވެ. މީގެ ސަބަބަކަށް ވެފައި އޮތީ، ނިއު ޑީލްގެ ވަރަށް ގިނަ ފިޔަވަޅުތަކެއްގެ ސަބަބުން ފެޑެރަލް ސަރުކާރަށް ބޮޑެތި ބާރުތަކެއް ލިބުމެވެ. އެ ގޮތުން، [ނެޝަނަލް އިންޑަސްޓްރިއަލް ރިކަވަރީ] ގާނޫނާއި، [އެގްރިކަލްޗުރަލް އެޖަސްޓްމެންޓު] ގާނޫނު ދުސްތޫރާ ހިލާފުކަމަށް ކަނޑައެޅިއެވެ. ސުޕްރީމް ކޯޓުގެ މި ނިންމުމާ ދެކޮޅަށް، ކޯޓުގެ ބެންޗަށް ބަދަލު ގެނައުމަށް ރޫޒްވެލްޓުގެ ސަރުކާރުން ކޮންގުރެސަށް ބިލެއް ހުށަހެޅިއެވެ. ދެވަނަ ބޮޑު ހަނގުރާމައާއި އޭގެ ފަހުގެ ފިނި ހަނގުރާމައިގައި ތަންފީޒީ ބާރުގެ ގުނަންތައް އިތުރު ކުރެވި ހަރުދަނާ ކުރެވުނެވެ. މިއާ އެކު ތަންފީޒީ ބާރު އިތުރު ދާއިރާތަކެއްގައި ހަރަކާތްތެރިވާން ފެށިއެވެ. ބައެއް ފަހަރު ތަންފީޒީ ބާރު ހުދޫދުކުރުމަށް ކޮންގުރެސުން ފިޔަވަޅުއަޅައެވެ. މީގެ މިސާލަކީ 1973ވަނަ އަހަރުގެ [ވޯ ޕަވާރސް ރެޒޮލިއުޝަން] އެވެ. މި ރެޒޮލިއުޝަން ކޮންގުރެސުން ފާސްކުރުމުގެ ސަބަބަކީ، ރައީސް ނިކްސަންގެ ދައުރުގައި، ކޮންގުރެސްގެ ރުހުމާނުލައި ވިއެޓްނާމު ހަނގުރާމަ އިތުރަށް ފުޅާކުރުމެވެ. އެހެންކަމުން، ރެޒޮލިއުޝަންގެ މަގުސަދަކަށް ވެފައި އޮތީ، ހަނގުރާމަތަކާ ގުޅިގެން ރައީސަށް ލިބިގެންވާ ބާރުތަކަށް ފާރަވެރިވެ، އެ ބާރުތައް ހުދޫދުކުރުމެވެ.

ނިޒާމުގެ ބާރުތަކުގެ މެދުގައި އޮންނަ ގުޅުން އަންގައިދޭ އެންމެ މުހިންމު އެއް ހާދިސާ ހިނގާފައިވަނީ ފިނިހަނގުރާމައިގެ ދުވަސްވަރު، 1950ގެ އަހަރުތަކުގެއެވެ. ފިނިހަނގުރާމައިގެ ދުވަސްވަރަކީ ރިޔާސަތުގެ ބާރުވެރިކަން ފުޅާވި ދުވަސްވަރެކެވެ.2 އެ ގޮތުން ކޮރެއާ ހަނގުރާމައިގެ ދުވަސްވަރު، މަޢުދަނު ފެކްޓްރީތައް ދައުލަތުގެ މިލްކުގެ ދަށަށް ގެނައުމަށް ރައީސް ޓްރޫމަން ނިންމެވިއެވެ. ސަބަބަކީ، ހަނގުރާމައިގެ ދުވަސްވަރު މަޢުދަނުގެ އުފެއްދުންތަކަށް ބޭނުންޖެހިފައި ވަނިކޮށް، ފެކްޓްރީތަކުގެ މަސައްކަތްތެރިން އިހުތިޖާޖުކުރާ ނަމަ، ގައުމުގެ ދިފާއު ބިނާކުރަށް ގޮންޖެހުންތައް ކުރިމަތިވުމެވެ. ރައީސްގެ މި ނިންމުމާ ދެކޮޅަށް ފެކްޓްރީތަކުގެ މިލްކުވެރިން ސުޕްރީމް ކޯޓުގައި ދައުވާކުރުމުން، ކޯޓުން ނިންމާފައިވަނީ، ކޮންގުރެސްގެ ރުހުންނެތި، އަމިއްލަ މީހުންގެ މިލްކިއްޔާތު ދައުލަތުގެ މިލްކުގެ ދަށަށް ނެގުމަކީ ތަންފީޒީ ބާރަށް ލިބިގެންވާ ބާރެއް ނޫންކަމަށެވެ. ކޯޓުގެ މި ނިންމުމަކީ ހަމައެކަނި ބާރުތައް ބޭނުންކުރާ ގޮތް ގާނޫނީ ގޮތުން ސައްހަވުމާއި ނުވުން ކަނޑައެޅުމުގެ ނިންމުމެއްނޫނެވެ. އޭގެ އިތުރުން، ސިޔާސީ ނިޒާމެއް ދުޅަހެޔޮ ގޮތެއްގައި މަސައްކަތްކުރުމުގެ މަގު ބަޔާންކޮށްދޭ ނިންމުމެކެވެ؛ އެއީ ހަމައެކަނި ތަންފީޒީ ބާރަށް ފެންނަ ގޮތަށް ކަމެއް ކުރުމުގެ ބަދަލުގައި ގާނޫނުހެދުމުގެ ބާރުގެ ވެސް ބަހެއް އޮތުމާ އެކު އެ ކަމެއް ކުރުމެވެ.

ރައީސް ޓްރޫމަންގެ ދައުރުގައި، ތަންފީޒީ ބާރުގެ އިޚުތިޔާރުތަކަށް ފާރަވެރިވުމަށް ދެ ކައުންސިލެއް ކޮންގުރެސުން ވުޖޫދުކުރިއެވެ. އެއީ، 1946ގައި ވުޖޫދުކުރި އިގުތިސާދީ މުސްތަޝާރުންގެ ކައުންސިލާއި (CEA) 1947ގައި ވުޖޫދުކުރި ގައުމީ ސަލާމަތާ ބެހޭ ކައުންސިލެވެ (NSC). ކޮންގުރެސުން މި ދެ ކޮމިޓީ އެކުލަވައިލި އިރު މަގުސަދަކަށް ވެފައި އޮތީ، ގައުމުގެ މުހިންމު މައްސަލަތަކާ ގުޅިގެން ތަންފީޒީ ބާރަށް ލިބިފައި އޮންނަ، ސިޔާސަތުތައް ކަޑައަޅައި ހިންގުމުގެ އިޚުތިޔާރު ހަނިކުރުމެވެ. އެހެންނަމަވެސް، އާޚިރުގައި މި ދެ ކޮމިޓީ ބަދަލުވެފައިވަނީ ތަންފީޒީ ބާރުގެ ނުފޫޒުގަދަ ގުނަވަންތަކަށެވެ. މިއަދު ސަރުކާރުގެ މާލީ ސިޔާސަތުތައް އެކުލަވައިލުމުގައި މައިގަނޑު ދައުރެއް އަދާކުރަނީ އިގުތިސާދީ މުސްތަޝާރުންގެ ކައުންސިލުންނެވެ. އަދި ޚާރިޖީ ސިޔާސަތާއި އަސްކަރީ ސިޔާސަތުގައި ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރުގެ ނުފޫޒު ގަދައެވެ. ތަންފީޒީ ބާރަށް ފާރަވެރިވުމަށް ވުޖޫދުކުރެވުނު ދެ ކައުންސިލު ވެފައިވަނީ ތަންފީޒީ ބާރުގެ ނުފޫޒުގަދަ ދެ ގުނަވަނަށެވެ.3

އެމެރިކާގެ ނިޒާމުގައި ސަރުކާރު

އެމެރިކާގެ ދައުލަތުގެ ހިންގުމުގެ ނިޒާމަކީ، ޔޫރަޕުގައި އެ ދުވަސްވަރު އޮތް ފަދަ، ހުދުމުޚުތާރު ވެރިކަމެއް ވުޖޫދުވިޔަނުދިނުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެވެ.4 އެ ނިޒާމުގެ އަސާސީ ސިފައަކީ ދައުލަތުގެ ތިން ބާރުގެ މެދުގައި އޮންނަ ވާދަވެރިކަމެވެ. ގާނޫނީ ގޮތުން މި ވާދަވެރިކަން ފާޅުވަނީ އެއްބާރުން އަނެއް ބާރުގެ ނިންމުންތަކަށް ފާރަވެރިވުމާއި ޖަވާބުދާރީކުރުމުގެ ސިފައިގައެވެ. ސިޔާސީ ސިފައިގައި މި ވާދަވެރިކަން ފާޅުވަނީ އެއް ބާރަކާ އަނެއް ބާރަކާ ދެމެދު އޮންނަ އަރާރުމެއްގެ ތެރެއިންނެވެ. އެހެންކަމުން، މި ނިޒާމުގެ ހަގީގީ ބެލެންސް އޮންނަނީ ހުދުމުޚުތާރުކަން މަނާކުރުމާއި، އެކަށީގެންވާ އުފެއްދުންތެރި ސަރުކާރެއް ގާއިމުކުރުމާ ދެމެދުއެވެ.

ހުދުމުޚުތާރުކަން މަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ނަތީޖާއަކީ ސަރުކާރުގެ ގާނޫނީ ބާރުތައް ހުދޫދުކުރުމެވެ؛ ބާރުތައް ބޭނުންކުރެވޭ ގޮތްތައް ހަނިކުރުމެވެ. އަދި، އެ ބާރުތައް ބޭނުންކުރެވޭ ގޮތާ މެދު ޖަވާބުދާރީ ކުރުވުމެވެ. މި ފަދަ ހުދޫދުކުރުމުގެ އިޖުރާއާތުތަކުގެ ނަތީޖާއަކީ ސަރުކާރު ހިންގުމަށް ދަތިވުމާއި، ހާލަތްތަކާ ގުޅިގެން ތަންފީޒީ ބާރުން ކުރަންޖެހޭ ކަންކަން އެކަށީގެންވާ އުފެއްދުންތެރި ގޮތެއްގައި ކުރުމަށް ނުކުޅެދިގެންވުމެވެ. އެމެރިކާގެ ދުސްތޫރީ ތާރީޚުގައި މިކަން ވެސް ވަނީ ތަޖުރިބާ ކުރެވިފައެވެ. އެއީ، 1781ވަނަ އަހަރުގެ [އާރޓިކަލްސް އޮފް ކޮންފެޑެރޭޝަން] އިން ވުޖޫދަށް ގެނެވުނު ކޮންގުރެސަށް އެކަށީގެންވާ ބާރުތައް ލިބިފައިނުވުމުގެ ނަތީޖާއަކީ، ކުރިމަތިވި ސިޔާސީ މައްސަލަތައް ހައްލުކުރުމަށް ނުކުޅެދިގެންވުމެވެ. އެހެންކަމަށް ވާ ނަމަ، ހުދުމުޚުތާރުކަން މަނާކުރެވި، އެކަށީގެންވާ އުފެއްދުންތެރި ސަރުކާރެއް ގާއިމުކުރުމުގެ ބެލެންސް ނެގެހެއްޓޭނީ، ތިންބާރު ވަކިކުރެވި، ފުޅާ ބާރުތަކެއް ތަންފީޒީ ބާރަށް އެކަށައަޅައި، ތިން ބާރުގެ މެދުގައި ފާރަވެރިވުމުގެ އިޖުރާއާތުތަކެއް ގާއިމުކުރުމެވެ. މިއީ ގާނޫނީ ގޮތުން ނިޒާމު ފަރުމާކުރެވިފައިވާ ގޮތެވެ. މި ގާނޫނީ ފަރުމާ އަމަލީ ގޮތެއްގައި ނިޒާމުން ފެންނަނީ ތިން ބާރުގެ މެދުގައި އޮންނަ ވާދަވެރިކަމާއި ކޯޅުމުގެ ގޮތުގައެވެ.

އެމެރިކާގެ ރިޔާސީ ނިޒާމުގައި، ތަންފީޒީ ބާރުގެ އިޚުތިޔާރުތައް ހުދޫދުވަނީ ތިން ބާރު ވަކިކުރުމުގެ މަފްހޫމުގެ އިތުރުން، އެ ގައުމުގެ ފެޑެރަލް ނިޒާމުންނެވެ. ފެޑެރަލް ނިޒާމު ބިނާވެފައިވަނީ ކޮލޮނީތަކުގެ ގޮތުގައި އޮތް ސަރަހައްދުތައް އެއްބައިވެ، ކޮލޮނީތަކުގެ ޖަމާއީ މަސްލަހަތު ހިމާޔަތްކޮށް ނެގެހެއްޓުމަށް، ވަކި ބާރުތަކެއް ލިބިގެންވާ ފެޑެރަލް، މަރުކަޒީ ސަރުކާރެއް ގާއިމުކުރުމުގެ މައްޗަށެވެ. ފެޑެރަލް ނިޒާމުގައި، ކޮލޮނީތައް ވަކި ސްޓޭޓްތަކަކަށްވެ، އެ ސްޓޭޓްތަކުގެ ދާޚިލީ ކަންކަން ތަންޒީމުކުރުމަށް، ސްޓޭޓްތަކަށް ވަކި ސަރުކާރުތަކެއް ވެއެވެ. ފެޑެރަލް ސަރުކާރުގެ ބާރުވެރިކަން، ސްޓޭޓްތަކުގެ ދާޚިލީ ކަންކަމަކަށް އުސޫލެއްގެ ގޮތުން ނުހިނގައެވެ. އެމެރިކާގެ ސުޕްރީމް ކޯޓުން އަމަލުކުރާ ގޮތަކީ ވެސް، ދުސްތޫރާ ހިލާފުނުވާހާ ހިނދަކު، ސްޓޭޓްތަކުގެ ގާނޫނުތަކުން އެބައިމީހުން އަމިއްލައަށް ތަންފީޒުކުރާ ގޮތަކަށް ކޯޓުން ރިއާޔަތްކުރުމެވެ. އެހެންކަމަށް ވާ ނަމަ، އެމެރިކާގެ މަރުކަޒީ ތަންފީޒީ ބާރަށް، ސްޓޭޓްތަކާ ގުޅިގެން ލިބިގެންވާ ބާރުތައް އެވަނީ ހަނިވެފައެވެ. ފުޅާ ބާރުތަކެއް ލިބިގެންވާ ރިޔާސަތެއް ގާއިމުކުރުމުގެ އެއް ސަބަބަކީ ވެސް ފެޑެރަލް ނިޒާމުގެ ސަބަބުން، އެ ބާރުތައް ހަނިކުރުމަށް ލިބިފައިވާ ގެރެންޓީއެވެ.

އިނގިރޭސި ނިޒާމުގައި ސަރުކާރަކީ ޕްރައިމް މިނިސްޓަރާއި ކެބިނެޓުގެ ޕްރޮސެސަކަށް ވާއިރު، އެމެރިކާގެ ނިޒާމުގައި ސަރުކާރަކީ ދައުލަތުގެ ކަނޑައެޅިފައިވާ ގުނަވަންތަކެވެ. އެ ނިޒާމުގައި ސަރުކާރަކީ ދައުލަތުގެ ތިން ބާރެވެ. އަދި އެމެރިކާގެ ނިޒާމު ބިނާވެފައިވަނީ ގާނޫނުގެ ފަރުމާގެ މައްޗަށެވެ. މާނައަކީ، ސިޔާސީ އޮއިވަރަށް ވުރެ، ހިންގުމުގެ ނިޒާމު ތަންޒީމުވަނީ ގާނޫނީ ނައްސުތަކުގެ މައްޗަށް ބިނާވެގެންނެވެ. ނަވާރަވަނަ ގަރުނުގެ ތިރީހުގެ އަހަރުތަކުގައި އެމެރިކާއަށް ޒިޔާރަތްކުރި ފަރަންސޭސި ސިޔާސީ މުފައްކިރު، އަލެކްސިސް ޑި ޓޮކުވިލް އެމެރިކާގެ ކަންތައްތަކާ ބެހޭ ގޮތުން ލިޔުނު ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެމެރިކާގެ ސިޔާސީ ހިންގުން ބައްޓަންކުރުމުގެ މައިގަނޑު އާލާތަކީ ގާނޫނެވެ. އަދި ބާރުތައް ބޭނުންކުރުމުގެ ގޮތްތައް ބައްޓަންވީ ވެސް އުފެދުނު ގާނޫނުތަކުންނެވެ.5 އެހެންކަމުން، އެމެރިކާގެ ސިޔާސީ ހިންގުމަކީ ގާނޫނީ މަސައްކަތެކެވެ؛ މެކޭނިކަލް ކަމެކެވެ. އެ ނިޒާމު ނެގެހެއްޓިފައިވަނީ ވެސް ތަބިއީ ގޮތަކަށްވުރެ ބޮޑަށް ގާނޫނުގެ ނައްސުތަކުން ހިންގޭ ނިޒާމެއް ގޮތުގައި ތަރުތީބުކުރެވިގެންނެވެ.

ތަންފީޒީ ބާރުގެ ހުދުމުޚުތާރުކަމާއި ދައުލަތުގެ ސިޔާސަތުތައް

އެމެރިކާގެ ދުސްތޫރުގެ ތިންވަނަ މާއްދާގައި ވާގޮތުން، ތަންފީޒީ ބާރު އެކަށައެޅިފައިވަނީ އެމެރިކާގެ ރައީސަށެވެ. އެހެންކަމުން، ދައުލަތުގެ އެއް ބާރު މިވަނީ އެންމެ މީހެއް އަތްމަތީގައި ޖަމާވެފައެވެ. އެމެރިކާގެ ނިޒާމުގައި ތަންފީޒީ ބާރުގެ ހުދުމުޚުތާރުވުމަށް ދެ ގޮތަކުން ފުރުސަތު ލިބެއެވެ. ފުރަތަމަ ގޮތަކީ ރައީސަކު އިންތިޚާބުކުރެވޭ ގޮތެވެ. ރައީސަކުން އިންތިޚާބު ކުރެވެނީ އާންމު ވޯޓަކުން އިންތިޚާބުކުރެވޭ މެންބަރުން މެދުވެރިކޮށް، ކެނޑިޑޭޓުންގެ ތެރެއިން އެ މެންބަރުންގެ އަޣުލަބިއްޔަތު ތާއީދުކުރާ ކެންޑިޑޭޓެކެވެ.6 މި ނިޒާމުގައި، މިހާރު އޮންނަ ގޮތުން، ޖުމުލަ 538 އިލެކްޓޯރަލް ވޯޓުގެ ތެރެއިން ރައީސްކަން ކާމިޔާބުކުރަން ކެންޑިޑޭޓަކު މަދުވެގެން 270 ވޯޓު ހޯދަން ޖެހެއެވެ. މިއީ އަޣުލަބިއްޔަތެވެ. 51 އިންސައްތަ ލިބޭ މީހަކަށް، 100 އިންސައްތަ ލިބުންކަމަށް ބަލައި ތަންފީޒީ ބާރު ހަވާލުކުރެވެއެވެ. މި ހާލަތު އިތުރަށް ގޯސްވަނީ، ގިނަ ކެންޑިޑޭޓުން ކުރިމަތިލައި، އެއްވެސް ކެނޑިޑޭޓަކަށް އަޣުލަބިއްޔަތު ނުލިބި، އެންމެ ގިނަ ވޯޓުލިބޭ ދެ ކެނޑިޑޭޓަކު ދެވަނަ ބުރަށް ހޮވޭ ހާލަތުގައެވެ. މިއީ މެޖޯރިޓީއަށް ބުރަވާ ނިޒާމެވެ. އިންތިޚާބުގައި ގިނަ ޕާޓީތަކުން ކެނޑިޑޭޓުން ކުރިމަތިލާ އިރު، ބައެއް ޕާޓީތަކަކީ ސިޔާސީ މަސްރަހުގައި ބޮޑެތި ޕާޓީތަކެވެ. އަދި އިންތިޚާބު ކާމިޔާބުކުރުމުގެ ބޮޑު ފުރުސަތެއް އޮންނަ ޕާޓީތަކެވެ. އަނެއްބައި ޕާޓީތަކަކީ ކުދި ޕާޓީތަކެވެ. އިންތިޚާބުގައި ކެނޑިޑޭޓުންނަށް ވޯޓު ދިނުމުގައި ވޯޓުލާ ބަޔަކު، ފަހަރުގައި ކުދި ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ތާއީދުކުރި ނަމަވެސް، އެ ކެނޑިޑޭޓުން ހޮވުމުގެ އިހުތިމާލު ކުޑަ ކަމަށް ވާތީ، ބޮޑެތި ޕާޓީތަކުން ކުރިމަތިލާ ކެނޑިޑޭޓުންނަށް ވޯޓު ދެއެވެ. ވަކި ކެންޑިޑޭޓެއް ހޮވެން ބޭނުންނުވާ ހާލަތުގައި މި ހާލަތު އިތުރަށް ފާޅުވެއެވެ. މި ހާލަތުގައި، ވޯޓު ދިނުމުގައި ބަޔަކު މިވަނީ އެބައިމީހުންގެ ހަގީގީ އިޚުތިޔާރު ދޫކޮށްލައިފައެވެ. މިއީ ނިޒާމު މަސައްކަތްކުރާ ގޮތުން، ވޯޓުލާ މީހުންގެ އިހުތިޔާރު ބައްޓަންވާ ގޮތެވެ. ދެވަނަ ހާލަތަކީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ނުލިބި، އިންތިޚާބުގެ ދެވަނަ ބުރެއް އޮންނަ ހާލަތެވެ. މި ހާލަތުގައި އެންމެ މަތިން ވޯޓުލިބޭ ދެ ކެންޑިޑޭޓަކު ދެވަނަ ބުރުގައި ބައިވެރިވާ އިރު، ވޯޓު ލިބުން އެހެނިހެން ކެނޑިޑޭޓުން އެ ވަނީ އިންތިޚާބުން ވަކިކުރެވިފައެވެ.

މި ހާލަތުގެ މިސާލަކަށް ބަލާއިރު، ތަސްވީރު 1ގައިވާ ގޮތުން، 5 ކެންޑިޑޭޓުންގެ އިންތިޚާބެއްގައި ދެވަނަ ބުރަކަށް ދާނީ ކެނޑިޑޭޓު ނަންބަރު 5 އާއި 4 އެވެ. މިއީ ވޯޓުލީ އާބާދީގެ 53 އިންސައްތަ ތާއީދު ލިބުނު ކެންޑިޑޭޓުންނެވެ. މާނައަކީ އާބާދީގެ 47 އިންސައްތަ މީހުންގެ ހަގީގީ އިހުތިޔާރު މިވަނީ ގެއްލިފައެވެ. ދެވަނަ ބުރުގައި، މި 47 އިންސައްތަ އާބާދީ ވޯޓުލާން މަޖުބުރުވެފައި އެ ވަނީ އެބައިމީހުންގެ ހަގީގީ އިހުތިޔާރުން ބޭރުންނެވެ.

ވަކިކުރެވޭ ކެނޑިޑޭޓުންނަކީ ފުރަތަމަ ބުރުގައި ވޯޓުލީ އާބާދީގެ ކޮންމެވެސް މިންވަރެއްގެ ރުހުން ލިބިފައިވާ ކެންޑިޑޭޓުންނެވެ. ނަމަވެސް އެ ކެންޑިޑޭޓުންނަށް ދެވަނަ ބުރުން ފުރުސަތު ނުލިބުމުން، އާބާދީގެ ވަކި ބައެއްގެ އިޚުތިޔާރުތައް އެއްފަރާތް ކުރެވުނީއެވެ. ފުރަތަމަ ބުރުގައި އެ ކެނޑިޑޭޓުންނަށް ވޯޓުދިން މީހުންނަށް މަޖުބޫރުވަނީ، އެބައިމީހުންގެ ހަގީގީ އިޚުތިޔާރު ދޫކޮށް، ދެވަނަ ބުރަށް ހޮވޭ، އެހެން ކެނޑިޑޭޓަކަށް ވޯޓު ދިނުމެވެ. ނަތީޖާއަކީ، އިންތިޚާބު ކާމިޔާބުކުރާ ކެންޑިޑޭޓަކީ ހަގީގަތުގައި ރައްޔިތުންގެ އަސްލު އިޚުތިޔާރުން ބޭރުން ހޮވޭ ކެންޑިޑޭޓަށް ވުމެވެ. ހަގީގަތުގައި ރައްޔިތުން ބޭނުންވަނީ ކޮން ކެންޑިޑޭޓެއްކަން ސާބިތުވަނީ އިންތިޚާބުގެ ފުރަތަމަ ބުރުގައެވެ. ދެވަނަ ބުރަކީ، ކޮންމެވެސް ކެނޑިޑޭޓެއް ހޮވެންޖެހޭތީވެ އޮންނަ ބުރެކެވެ. އެހެންކަމުން، ކެނޑިޑޭޓަކު ހޮވެނީ ރައްޔިތުންގެ ހަގީގީ އަޣުލަބިއްޔަތުން ކަމުގައި ކަނޑައެޅުމަކީ ދެކޮޅުހަމަޖެހޭ ކަމަކަށް ނުވާނެއެވެ.

ކުރިން ބަޔާންކުރެވުނު ފަދައިން، އިންތިޚާބުގެ ބައެއް ހާލަތްތަކުގައި ފުރަތަމަ ބުރުން ވެސް ވޯޓުލާ ބައެއް މީހުން އިޚުތިޔާރުކުރަނީ އެބައިމީހުންގެ ހަގީގީ އިޚުތިޔާރުން ބޭރުންނެވެ. ދެވަނަ ބުރުގައި ވަކި ބަޔަކަށް މަޖުބޫރު ވަނީ އެބައިމީހުންގެ އިޚުތިޔާރުން ބޭރުން ވޯޓު ދިނުމަށެވެ. ނަތީޖާއަކީ ސިޔާސީ މަސްރަހު ދެ ބަޔަކަށް ބައިބައިވެ، ސިޔާސީ މަސްރަހު ވަކި ދެ ބައެއްގެ ނުފޫޒުގައި ބަންދުވުމެވެ. މިކަމުގެ ސަބަބުން ކުދި ޕާޓީތަކާއި، މައި ދެ ޕާޓީގެ ސިޔާސަތުތަކާ ހިލާފު ސިޔާސަތުތަކުގެ ކެންޑިޑޭޓުންގެ ދައުރު ސިޔާސީ މަސްރަހުގައި ކުޑަވެއެވެ. މި ފަދަ ކެންޑިޑޭޓުންނަކީ ހަގީގަތުގައި އަސާސީ ބަދަލުތަކެއް ގެންނަން ބޭނުންވާ، އިސްލާހީ ސިޔާސަތުތަކެއްގެ ވެރި ބަޔަކަށް ވެދާނެއެވެ. ނަމަވެސް ސިޔާސީ މަސްރަހުގައި އެ ފަދަ ކެންޑިޑޭޓުންނަށް އޮންނަ އުންމީދުގެ ކުޑަކަމުން، ގިނަ ބައެއްގެ ބައިވެރިވުން އެ ފަދަ ކެންޑިޑޭޓުންނަކަށް ނުލިބެއެވެ. މިއީ އެމެރިކާގެ ނިޒާމު ފަދަ އަޣުލަބިއްޔަތުގެ މައްޗަށް ތަންފީޒީ ބާރު އިންތިޚާބުކުރުން ގާއިމުކުރެވިފައިވާ ނިޒާމެއްގައި، ތަންފީޒީ ބާރު އިންތިޚާބުކުރެވޭ ގޮތެވެ. ގިނަ މީހުން ރުހޭ ކެންޑިޑޭޓެއް އިންތިޚާބުކުރުމަށް، ހަގީގަތުގައި އިންތިޚާބުކުރެވެނީ މަދުބައެއްގެ ކެންޑިޑޭޓެކެވެ. ތަންފީޒީބާރުތައް އޮންނަނީ މި ކެންޑިޑޭޓުގެ ކޮންޓުރޯލުގެ ދަށުގައެވެ.

ހުދުމުޚުތާރުކަން އުފެދޭ ދެވަނަ ގޮތަކީ، ތަންފީޒީ ބާރަށް ލިބިގެންވާ ބާރުތަކާއި އިޚުތިޔާރުތައް ބޭނުންކުރުމުގައި އޮންނަ ހުދުމުޚުތާރުކަމެވެ. ތަންފީޒީ ބާރުން ސިޔާސަތުތައް އެކުލަވައިލައި ތަންފީޒުކުރުމަކީ ދުސްތޫރީ ގޮތުން ލިބިގެންވާ ބާރުވެރިކަމެކެވެ. މި ބާރުވެރިކަން ބޭނުންކުރުމުގައި، ގާނޫނުން ލާޒިމުވާ ހާލަތްތަކުގައި މެނުވީ، ދައުލަތުގެ އިތުރު ބާރަކާ މަޝްވަރާކުރުމާއި، ރުހުން ހޯދުމަކީ ލާޒިމު ކަމެއްނޫނެވެ. އެމެރިކާގެ ސެނެޓުގެ ރުހުމާ އެކު ކެބިނެޓު އެކުލަވައިލުމަށް ފަހު، ތަންފީޒީ ބާރުގެ ދާއިރާގައި އޮންނަ ބާރުތަކުގެ ބޭނުންކުރާ ގޮތާ މެދު ސިޔާސީ ވާދަވެރި މާހައުލެއްގައި ބަހުސްކުރުމަކީ އޮންނަ ކަމެއް ނޫނެވެ. ރައީސަށް އޭނާގެ ބާރުތަކާ މެދު ވަކި ގޮތަކަށް ކަންތައް ކުރަން ފެންނަ ނަމަ އެ ގޮތަކަށް ކަންތައް ކުރަންވީއެވެ. އެހެންކަމުން، ތަންފީޒީ ބާރުން ހިންގަން އެދޭ ސިޔާސަތުތައް އެކުލަވައިލައި ހިންގުމުގެ މިނިވަންކަމާއި ބާރުވެރިކަން އަބަދުވެސް އޮވެއެވެ. މިއީ ހަގީގަތުގައި ގައުމުގެ ހިންގުމަށް ދުޅަހެޔޮ ގޮތަކަށް ނުވެދާނެއެވެ. މި މަންޒަރު ފެންނަ ގޮތަކީ، ސިޔާސީ ވާދަވެރިކަމުން ރައީސަކު އިންތިޚާބުކުރެވެއެވެ. ނަމަވެސް، އެ ރައީސެއްގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރެވެނީ ސިޔާސީ ވާދަވެރިކަމާ ނުލައި، އެ ރައީސަކަށް ފެންނަ ގޮތަކަށެވެ. ރިޔާސީ ދައުރެއް ނިމެންދެން ކަންކަން އޮންނާނީ މި ފަދަ ގޮތަކަށެވެ. ނަތީޖާއަކީ، ސަރުކާރު ބަދަލުވުމާ އެކު، ތަންފީޒީ ބާރާ ހަވާލުވާ ފަރާތަކުން އަނެއްކާވެސް އެ ބަޔަކަށް ފެންނަ ގޮތަކަށް ސިޔާސަތުތައް ބައްޓަންކުރުމެވެ. ރިޔާސީ އިންތިޚާބު ކާމިޔާބުކުރާ ފަރާތަށް ތަންފީޒީ ބާރުތައް އެއްކޮށް މިލްކުވާތީ، ސިޔާސަތު ކަނޑައަޅައި ހިންގުމުގެ ވަކި ބެލެންސެއް ނޯވެއެވެ. ހަމައެކަނި ހުރަހަކީ ދުސްތޫރީ ގޮތުން އެއްބާރު އަނެއް ބާރަށް ފާރަވެރިވުމުގެ ގޮތުން އޮންނަ އިޖުރާއާތުތަކެވެ. މި ފާރަވެރިކަމަކީ ސިޔާސަތުތައް ބެލެންސެއްގައި ހިފެހެއްޓުމަށް އޮތް އެހީއަކަށް ނުވެއެވެ. ތަންފީޒީ ބާރުތައް އެންމެ މީހެއްގެ ބާރުގެ ދަށުގައި ބަޔާންކުރެވުނު ބީދައިން ހައްޔަރުވުމުގެ ނަތީޖާއަކީ، ސަރުކާރު ބަދަލުވުމާ އެކު އެކަމުގެ ލޮޅުންތައް ގައުމުގެ ސިޔާސަތުތަކަށް އައުމެވެ. އެމެރިކާގައި ނަމަ، ކޮންމެ ހަތަރު އަހަރަކުން މި ފަދަ ލޮޅުންތައް އައުމުގެ ފުރުސަތު އޮވެއެވެ. ނަތީޖާއަކީ ގައުމުގެ އިސްތިރާތިޖީ މަސްލަހަމަސްލަހަތުތައް ހިމާޔަތްކުރުމަށް އެއްގޮތެއްގައި ދިގު މުއްދަތަށް ކަނޑައަޅަންޖެހޭ ސިޔާސަތުތައް ކަނޑައެޅުމަކީ މުސްތަހީލު ކަމަކަށް ވުމެވެ. އެމެރިކާގެ ނިޒާމުގައި، ސަރުކާރުތަކުގެ ސިޔާސަތުތަކަކީ ނިމުނު ސަރުކާރުގެ ސިޔާސަތުތައް ކުރިއަށް ގެންދިޔުންކަމުގައި ވުމަކީ ލާޒިމުކަމެއްނޫނެވެ. އެ ނިޒާމުގައި، މުޅިން އައު ސިޔާސަތުތަކެއް ކަނޑައަޅައި ހިންގުމުގެ މިނިވަންކަން އަލަށް ފެށޭ ސަރުކާރަށް ލިބިގެންވެއެވެ.

އެމެރިކާގެ [1800 ގެ އިންޤިލާބު]ގެ (The Revolution of 1800) ނަމުން މަޝްހޫރު ވެފައިވާ އިންތިޚާބަކީ މިކަމުގެ މިސާލެކެވެ. 1800ގެ އިންތިޚާބުގެ ކުރިން ރައީސްކަން ކުރި ރައީސް ޖޯން އެޑެމްސްގެ ސަރުކާރުގެ ސިޔާސަތަކީ ފެޑެރަލް ސަރުކާރުގެ ބާރުތައް ފުޅާކޮށް، ބާރުތައް މަރުކަޒީކުރުމެވެ. އޭގެ އިތުރުން، ޚާރިޖީ ސިޔާސަތުގައި ވެސް، ރައީސް އެޑެމްސްގެ ސަރުކާރު ތާއީދުކުރީ، އިނގިރޭސީންނާ ފަރަންސޭސީންނާ ދެމެދު އޮތް ވާދަވެރިކަމުގައި، އިނގިރޭސީންނަށެވެ. މީގެ އިތުރުން، އެމެރިކާއަށް ބިދޭސީން ހިޖުރަކުރުން ހުއްޓުވުމުގެ ސިޔާސަތުތައް، [އޭލިއަން އެންޑް ސެޑިޝަން އެކްޓްސް 1798] ފާސްކޮށް، ހިންގިއެވެ. ޓެކްސް ސިޔާސަތަށް ބަލާއިރު، ބިމާއި، އަޅުންނާއި ގެތަކުން ޓެކްސް ނަގަން ފެށިއެވެ. 1800ގެ އިންތިޚާބުގައި ރައީސް ޖޯން އެޑެމްސްއާ ވާދަކޮށް ކުރި ލިބުނު، ފެޑެރަލިސްޓު ކެންޑިޑޭޓް، ތޯމަސް ޖެފަރސަންގެ ސަރުކާރުން ގިނަ ޓެކްސްތަކެއް އުވައިލިއެވެ. އަދި ފެޑެރަލް ސަރުކާރުގެ ބަޖެޓު ކުޑަކޮށް، އަސްކަރީ ހޭދަތައް ކުޑަކުރިއެވެ. ޚާރިޖީ ސިޔާސަތުގައި، އިނގިރޭސީންގެ ކޮޅަށް ބުރަވުމުގެ ބަދަލުގައި ހަމަހަމަ ސިޔާސަތެއް ގެންގުޅުނެވެ. ވަކިވަކި ސްޓޭޓްތަކާ މަރުކަޒީ ސަރުކާރާ ދެމެދު އޮންނަ ގުޅުމަށް ބަލާއިރު، ބާރުތައް މަރުކަޒީކުރުމުގެ ބަދަލުގައި ސްޓޭޓްތަކަށް ވީހައި ވެސް ފުޅާ އިޚުތިޔާރާއި ބާރުތަކެއް ދިނުމުގެ ސިޔާސަތެއް ގެންގުޅުނެވެ. [1800 ގެ އިންޤިލާބު]ގެ ގޮތުގައި މި މަޝްހޫރުވެފައިވަނީ، އެއް ސަރުކާރުގެ ސިޔާސަތުތަކަށް އެ ސަރުކާރު ނިމުމާ އެކު، ދެން އިންތިޚާބުވި ސަރުކާރުން ގެނައި ބަދަލުތަކުގެ ސަބަބުން، ސިޔާސަތުތަކަށް އައިސްފައިވާ އިންގިލާބަކާ އެ ބަދަލު ވައްތަރުވާތީއެވެ. ދެ ރައީސުންގެ ސަރުކާރުގެ ސިޔާސަތަށް ބަލާއިރު، ސަރުކާރު ބަދަލުވުމުގެ ސަބަބުން ސިޔާސަތުތަކަށް އައިސްފައިވާ ބަދަލުތަކަކީ ތަންފީޒީ ބާރުގެ ގޮތުގައި ކޮންމެ ސަރުކާރަކަށް ވެސް ލިބޭ ބާރުގެ ތެރެއިން އެ ސަރުކާރަކަށް ނުވަތަ އެ ރައީސަކަށް ފެންނަ ގޮތަށް ބައްޓަންކުރެވި ތަންފީޒުކުރުވޭ ސިޔާސަތުތަކެވެ. މިއީ ގާނޫނީ ގޮތުން ހުއްދަ، އަދި އިހުތިޔާރު އޮންނަ ކަމެކެވެ. މިއީ ރައީސަށް ލިބިގެންވާ، ބައިބައި ނުކުރެވޭ ބާރުތަކެވެ. މިއީ ހަމައެކަނި އިންތިޚާބުގައި 51 އިންސައްތަ ލިބުމެއްނޫނެވެ. 51 އިންސައްތައާ އެކު، 100 އިންސައްތައިގެ ތަންފީޒީ ބާރުވެރިކަން ވެސް ލިބުމެވެ. އެހެންކަމުން، ވޯޓުގައި [ވިނަރ ޓޭކްސް އޯލް]ގެ އިތުރުން، ތަންފީޒީ ބާރުތައް ވެސް، [ވިނަރ ޓޭކްސް އޯލް] އެވެ. ނަމަވެސް މި ފަދައިން ގައުމުގެ ސިޔާސަތުތަކަށް އަންނަ ލޮޅުންތަކުގެ ސަބަބުން ދިގު މުއްދަތަށް ގައުމަށް ލިބޭނެ ގެއްލުން ވަޒަންކުރަންޖެހެއެވެ.

އެމެރިކާގެ ނިޒާމަކީ ދެމިއޮންނަ (ސްޓޭބަލް) ސަރުކާރެއް ވުޖޫދުކުރުމެވެ. ނަމަވެސް، އެމެރިކާގެ މުޅި ނިޒާމަކީ ހަރުދަނޑި ނިޒާމެއް ނޫނެވެ. އެ ނިޒާމުގެ އެހެނިހެން ކަންކަމަށް ބެލުމުން އެ ނިޒާމުގެ މުރޫނަތްތެރިކަމާއި ފްލެކްސިބިލިޓީ ދެނެގަނެވެއެވެ. އެ ގޮތުން، ކޮންގުރެސްގެ، ތިރިގެ ކަމަށްވާ [ހައުސް އޮފް ރެޕްރެޒެންޓޭޓިވް] އިންތިޚާބުކުރެވެނީ ކޮންމެ ދެ އަހަރަކުންނެވެ. އެއް އިންތިޚާބު އޮންނަނީ ރިޔާސީ އިންތިޚާބާ އެކުއެވެ. ދެން އިންތިޚާބު އޮންނަނީ ރިޔާސީ އިންތިޚާބުގެ މެދުންނެވެ. އެހެންކަމުން، ރިޔާސީ ދައުރުގެ މުއްދަތަކީ 4 އަހަރު ކަމަށް ވާއިރު، ތިރިގެއަކީ އަބަދުވެސް ރިޔާސީ ދައުރުގެ ތެރޭގައި ބަދަލުވެ އޮންނަ އޮއިވަރެކެވެ. ދެން އޮތީ މަތިގެއެވެ. އެއީ ސެނެޓެވެ. މަތިގޭގެ މެންބަރުން އިންތިޚާބުކުރެވެނީ ހަ އަހަރުގެ މުއްދަތަކަށެވެ. މަތިގޭގެ މެންބަރުން އިންތިޚާބުކުރުމަށް އޮންނަ ކޮންމެ އިންތިޚާބެއްގައި އިންތިޚާބުކުރެވެނީ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި އަދަދެއްގެ މެންބަރުންނެވެ. މިހެން މިކަން އޮތުމުގެ ސަބަބުން، ކޮންމެ އިންތިޚާބަކާ އެކު މަތިގޭގެ ހުރިހާ މެންބަރުން ބަދަލުވުމުން ސިޔާސަތުތައް އެކަށައެޅުމާއި ޒިންމާތައް އަދާކުރުމުގައި ނިޒާމަށް އަންނަ ލޮޅުންތައް ކުޑަވެއެވެ.

ކޮންގުރެސްގެ ދެ ގޭގެ މެންބަރުން އިންތިޚާބުކުރުމުގައި އޮތް މި މުރޫނަތްތެރިކަމުގެ ނަތީޖާކީ، ތަންފީޒީ ބާރާއި ގާނޫނު ހެދުމުގެ ބާރު އެއް ޕާޓީއެއްގެ އަތްދަށަށް ދިޔުމަކީ 1968ގެ ފަހުން ނާދިރުކަމަށް ވުމެވެ. ހަގީގަތުގައި އެމެރިކާގެ ނިޒާމުގައި ރައީސްގެ ބާރުތައް ހުދޫދުވަނީ ހަމައެކަނި ކޮންގުރެސަށް ލިބިފައި އޮންނަ ބާރުވެރިކަމުގެ ސަބަބުންނެއްނޫނެވެ. އޭގެ އިތުރުން، ކޮންގުރެސް އިންތިޚާބުވުމުގެ އުސޫލުތަކުގެ ސަބަބުން، ކޮންމެ ފަހަރަކު ރައީސް ނިސްބަތްވާ ޕާޓީއަށް ކޮންގުރެސްގެ ކޮންޓުރޯލު ލިބުމަކީ ނާދިރުކަމަށް ވާތީ، ވަރަށް ގިނަ ފަހަރު ރައީސަށް މަޖުބޫރުވަނީ ދެ ޕާޓީ ގުޅިގެން ސިޔާސަތުތައް ކަނޑައެޅުމެވެ.


  1. Arend Lijphart, Patterns of Democracy: Government Forms and Performance in Thirty-Six Countries (New Haven: Yale University Press, 1999), 11 & 12.

    މި ދާއިރާގެ ޢިލްމީ ދިރާސާގެ މޭސްތިރިއަކީ އަރެންޑް ލިޖްޕްހާޓް އެވެ. މި ދާއިރާގެ ފަހުގެ ދިރާސާތައް ބިނާވެފައިވަނީ އޭނާގެ ނަޒަރިއްޔާތުތަކާއި ދިރާސާތަކުގެ މައްޗަށެވެ. ↩︎

  2. Charlie Savage, Takeover: The Return of the Imperial Presidency and the Subversion of American Democracy (New York: Little, Brown and Company, 2007). ↩︎

  3. Benjamin Ginsberg, The Imperial Presidency and American Politics: Governance by Edicts and Coups (New York: Routledge, 2023). ↩︎

  4. Terry M. Moe and William G. Howell, Presidents, Populism, and the Crisis of Democracy (Chicago: University of Chicago Press, 2020), 22. ↩︎

  5. Alexis de Tocqueville, Democracy in America (1835; International Relations and Security Network [ISN], ETH Zurich), 9 & 12. ↩︎

  6. މި ނިޒާމަށް ކިޔަނީ [އިލެކްޓޯރަލް ކޮލެޖު] އެވެ. މި ނިޒާމުގެ ދަށުން، އާންމު ރައްޔިތުން ސީދާ ރައީސަށް ވޯޓު ނުދެއެވެ. ބަދަލުގައި، އެ މީހުން ވޯޓު ދެނީ ކެންޑިޑޭޓެއް ތަމްސީލުކުރާ [އިލެކްޓަރުން] ނަށެވެ. ކޮންމެ ސްޓޭޓަކަށް ލިބޭ އިލެކްޓަރުންގެ އަދަދު ކަނޑައަޅަނީ އެ ސްޓޭޓެއްގެ އާބާދީގެ މައްޗަށް ބިނާކޮށެވެ. ގިނަ ސްޓޭޓުތަކުގައި އޮންނަ އުސޫލަކީ، އެ ސްޓޭޓެއްގެ އާންމު ވޯޓު (ޕޮޕިއުލާ ވޯޓު) ކާމިޔާބުކުރާ ކެންޑިޑޭޓަށް އެ ސްޓޭޓުގެ ހުރިހާ އިލެކްޓޯރަލް ވޯޓެއް ލިބުމެވެ. މިއީ ]ވިނަރ-ޓޭކްސް-އޯލް] ނިޒާމެވެ. ޖުމްލަ 538 އިލެކްޓޯރަލް ވޯޓުގެ ތެރެއިން ރައީސްކަން ކާމިޔާބުކުރަން ކެންޑިޑޭޓަކު މަދުވެގެން 270 ވޯޓު ހޯދަން ޖެހެއެވެ. މި ނިޒާމުގެ ސަބަބުން ބައެއް ފަހަރު، ގިނަ އާންމު ވޯޓު ލިބޭ ކެންޑިޑޭޓަށް ވެސް ރައީސްކަން ނުލިބިދާނެއެވެ. މިކަން އެމެރިކާގެ ތާރީޚުގައި ތަކުރާރުކޮށް ހިނގާފައިވެއެވެ. ↩︎