ދުސްތޫރީ މަފްހޫމުތަކުގެ ތެރެއިން އެންމެ މަގުބޫލު މަފްހޫމަކީ ތިން ބާރު ވަކިވުމެވެ. ދައުލަތެއްގެ ނިޒާމު ޑިމޮކްރަސީގެ ނިޒާމަކަށް ފުރޮޅޭ ހިނދު، އެ ނިޒާމު އެކުލަވައިލުމުގައި ވެސް އެންމެ އާންމު ވާހަކައަކީ ދައުލަތުގެ ބާރުތައް ވަކިކުރުމެވެ. ދިވެހިރާއްޖޭގައި ވެސް 2008ގެ ކުރީގެ ނިޒާމީ ބަހުސްތަކުގައި ކަން ހިނގާފައިވަނީ އެ ފަދައިންނެވެ. ދައުލަތުގެ ބާރުތައް ވަކިކުރުމުގެ ފަހުގެ ބަހުސްތަކުގެ އަމާޒަކީ ހުދުމުޚުތާރުކަން ނިމުމަކަށްގެނައުމުވެ. ބަރުލަމާނީ ނިޒާމާ ބެހޭ ގޮތުން ދެކެވޭ ވާހަކައިގައި، އެ ނިޒާމު ކަމުނުދާކަމަށް ދެއްކޭ އެއް ނުކުތާއަކީ އެ ނިޒާމުގައި ބާރުތައް އެއްވެފައިވާކަމަށް ފާހަގަކުރާ ނުކުތާއެވެ.

1600ބާރުތައް ވަކިކުރުމާ ބެހޭ ގޮތުން 1600ގެ ފަހުކޮޅުގެ އަހަރުތަކުގައި، އިނގިރޭސީ ފަލްސަފާވެރިޔާ ޖޯން ލޯކު ލިޔެފައިވެއެވެ. ލޯކުގެ ސިޔާސީ ފަލްސަފާތަކާއި ގާނޫނީ ފަލްސަފާތަކުގެ މައިގަނޑު ނުކުތާއަކީ ސަރުކާރަށް ލިބިފައިވާ ބާރުތަކުގެ ނާޖާއިޒު ފައިދާނަގައި، މީހުންގެ މުދަލަށް އަރައިގަންނާނެތީ، މީހުންގެ އަމިއްލަ މުދާ ހިމާޔަތްކުރުމެވެ. ލޯކުގެ ވިސްނުމުގައި، ބާރުތައް ބައިތަކަށް ބަހައިލެވިއްޖެނަމަ، ހުދުމުޚުތާރުކަން ނިމުމަކަށް އަންނާނެއެވެ. އަދި އެކަމުގެ ސަބަބުން މީހުންގެ އަމިއްލަ މުދަލަށް ދައުލަތުން އަރައިގަތުން ވެސް ނިމުމަކަށް އަންނާނެއެވެ. 1689ވަނަ އަހަރު ޖޯން ލޯކު ލިޔެފައިވާ، [ސެކަންޑް ޓްރިޓީޒް އޮފް ގަވަންމެންޓް] ގައި ތަންފީޒީ ބާރާއި، ގާނޫނު ހެދުމުގެ ބާރު ވަކިކުރުމަށް ބާރުއަޅަފައިވެއެވެ. ލޯކުގެ ޒަމާނުގައި އިނގިރޭސި ސިޔާސީ މަސްރަހު އޮތީ ވަރަށް ވެސް ހަލަބޮލިކޮށެވެ. އޭގެ ތެރޭގައި 1642 އިން 1651 ހިނގި އިނގިރޭސި ދާޚިލީ ހަނގުރާމައާއި، 1653 އިން 1658ވަނަ އަހަރަށް ދެމިގެންދިޔަ ކްރޮމްވެލްގެ އަސްކަރީ ހުދުމުޚުތާރު ވެރިކަމާއި، 1688ވަނަ އަހަރުގެ ގްލޯރިއަސް ރިވޮލިއުޝަން ހިމެނެއެވެ. މި އިން ކޮންމެ ހަނގުރާމައެއް ވެސް ނުވަތަ ހަމަނުޖެހުމެއް ވެސް ހިނގާފައިވަނީ ރަސްގެފާނާއި ޕާލަމަންޓާ ދެމެދު އޮންނަ އަރާރުމެއްގެ ތެރެއިންނެވެ؛ ޕާލަމަންޓުގެ ބާރު ކުޑަކޮށް، ރަސްކަމުގެ ބާރު ފުޅާކުރުމަށް އެ އިރެއްގައި ހުންނަ ރަސްކަލަކު ބޭނުންވުމެވެ. މި ދުވަސްވަރަކީ ހަގީގީ މާނައިގައި ޕާލަމަންޓުގެ ބާރުވެރިކަމެއް ނެތް ނަމަވެސް، ޕާލަމަންޓަށް ބާރުތައް ލިބެމުން ދިޔަ ދުވަސްވަރެކެވެ. އެ ދުވަސްވަރު ޕާލަމަންޓަށް ކަނޑައެޅިގެން ލިބިގެންވި ބާރުވެރިކަމަކީ، ޕާލަމަންޓުގެ ރުހުމެއް ނެތި ޓެކްސް ނުނެގުމެވެ. ނަމަވެސް، ރަސްކަމާއި ޕާލަމަންޓާ ދެމެދު އުފެދުނު އެންމެ ބޮޑު އަރައިރުމަކީ ޕާލަމަންޓުގެ ރުހުމާނުލައި ރަސްކަމުން ޓެކްސްތައް ނަގަން ފެށުމެވެ. މި ފަދަ ދަނޑިވަޅެއްގައި، ސިޔާސީ އިސްލާހީ ފިޔަވަޅުތަކާ މެދު ވިސްނާ މުފައްކިރެއްގެ އަތްމަތީ މަފްހޫމަކަށް ވާނީ، ރަސްކަމުގެ ބާރުތައް ހަނިކުރުމުގެ މޮޑެލެއް އެކުލަވައިލުމެވެ. އަދި އެ ބާރުތައް އެހެން ދިމާދިމާއަށް ބައިކުރުމެވެ. ލޯކުގެ ފިކުރަކީ މިއީއެވެ. ލޯކު ފަލްސަފާވެރިއަކަށް ހެދީ އޭނާ ދިރިއުޅެން ޖެހުނު ޒަމާނެވެ. ލޯކުގެ ފަލްސަފާގައި ތިން ބާރު ވަކިކުރެވިފައިވާ ނިޒާމެއް ހިންގުމުގެ މޮޑެލެއް ތަފުސީލުކޮށްދީފައެއް ނުވެއެވެ. ހަމައެނި ބަޔާންކުރެވިފައިވަނީ ބާރުތައް ވަކިކުރަންޖެހޭ ކަމެވެ.

ބާރުތައް ވަކިކުރުމުގެ ހަގީގީ މޭސްތިރިއަކީ ފަރަންސޭސި ފަލްސަފާވެރިޔާ މޮންޓެސްކިއު (1755-1689) އެވެ. މި ޒަމާނުގައި ބަހުސްކުރެވޭ ގޮތަށް، ތަންފީޒީ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި ޤަޟާއީ ބާރު ވަކިކުރުމަށް ތަންޒީމީ ގޮތެއްގައި ހުށަހެޅީ މޮންޓެސްކިއުއެވެ. 1748ވަނަ އަހަރު މޮންޓެސްކިއު ލިޔެފައިވާ، [ދަ ސްޕިރިޓް އޮފް ލޯސް] ގައި، ހުދުމުޚުތާރުކަން ނައްތައިލުމަށް ބާރުތައް ވަކިކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވެއެވެ. އެ ގޮތުން، ބާރުތައް ވަކިކޮށް، ހިންގާނެ ދުސްތޫރީ ނިޒާމެއްގެ މޮޑެލް ހުށަހަޅާފައިވެއެވެ. މޮންޓެސްކިއުގެ ދުވަސްވަރަކީ ފަރަންސޭސި ރަސްގެފާނު ލުއި (ފަނަރަވަނަ) (1715-1774) ހުދުމުޚުތާރު ރަސްކަމެއް ހިންގެވި ދުސްވަރެކެވެ. ގާނޫނު ހެދުމާއި، ތަންފީޒުކުރުމާއި، ޓެކްސް ނެގުމާއި އަސްކަރީ ބާރުވެރިކަން އޮތީ ރަސްގެފާނުގެ އިޚުތިޔާރުގައެވެ؛ އެހެން ގޮތަކަށް ބަޔާންކުރާ ނަމަ ހުރިހާ ބާރެއް އޮތީ ރަސްގެފާނުގެ ބާރުގެ ދަށުގައެވެ. ފަރަންސޭސި ނިޒާމުގައި ރަސްގެފާނުގެ ގާނޫނުތަކަށް ރުހުންދެނީ މުޖުތަމައުގެ މަތީ ގިންތީގެ ބައެއްގެ ބާރުގެ ދަށުގައި ހުންނަ ކޯޓުތަކުންނެވެ.1 މި ދުވަސްވަރު ފަރަންސޭސި ރަސްކަމުގެ ގިނަ މުއައްސަސާތަކެއް ވެސް އޮތީ ރަސްކަމަށް ބޭނުންވާ ފައިސާ ހޯދުމަށް [ޕްރެވަޓައިޒް] ކުރެވިފައެވެ. މަތީ ގިންތީގެ މީހުންގެ ބާރުގެ ދަށުގައި ކޯޓުތައް އޮތީ އެކަމުގެ ސަބަބުންނެވެ.2 އިނގިރޭސި ނިޒާމުގައި އޮންނަ ޕާލަމަންޓާ އެންމެ ގާތްކުރާ މުއައްސަސާތަކަކީ ފަރަންސޭސިވިލާތުގެ މި ކޯޓުތަކެވެ. ނަމަވެސް މި ކޯޓުތަކަށް މާކަ ފުޅާ އިޚުތިޔާރުތަކެއް ލިބިފައެއް ނުވެއެވެ. 1688ވަނަ އަހަރުގެ ގްލޯރިއަސް އިންގިލާބަށް ފަހު އިނގިރޭސި ޕާލަމަންޓަށް ލިބުނު ބާރުތަކަށް ބަލާއިރު، ފަރަންސޭސި ކޯޓުތަކަށް އެއްވެސް ބާރުވެރިކަމެއް ލިބިފައިނުވާކަމަށް ބަޔާންކުރެވިދާނެއެވެ. އިނގިރޭސި ގްލޯރިއަސް އިންގިލާބަށް ފަހު، ޕާލަމަންޓުގެ ރުހުމާ ނުލައި ރަސްކަމުގެ ފަރާތުން ޓެކްސް ނުނެގުމާއި، އަސްކަރިއްޔާއެއް ގާއިމުނުކުރެވޭނެކަމަށް ކަނޑައެޅުނެވެ. ފަރަންސޭސި ތާރީޚަށް ބަލާއިރު ވެސް، މޮންޓެސްކިއުގެ ފިކުރަކީ އޭނާގެ ޒަމާނުގެ ރަހީނެކެވެ. އޭނާގެ ފިކުރީ މަސައްކަތް ބިނާވެފައިވަނީ، ލުއިގެ (ފަނަރަވަނަ) ބާރުތައް ހަނިކުރެވޭނެ ގޮތުގެ ނިޒާމެއް ހުށަހަޅައިދިނުމަށެވެ.

ލޯކުގެ ޒަމާނުގައި ވެސް، އަދި އޭގެ ފަހުން މޮންޓެސްކިއުގެ ޒަމާނުގައި ވެސް ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް ވޯޓު ދިނުމުގެ ހައްގު އޮންނަނީ ވަކި ބަޔަކަށެވެ. ޚާއްސަ ގޮތެއްގައި މުޖުތަމައުގެ ވަކި ގިންތިއެއްގެ ބަޔަކަށެވެ. ބާރުތައް ވަކިކުރުމަށް ލޯކާއި މޮންޓެސްކިއު ބާރު އެޅި ނަމަވެސް، ހުދުމުޚުތާރުކަމަށް އޮތް އެންމެ ބޮޑު ހުރަސްކަމުގައި ވާ، ރައްޔިތުންގެ ވޯޓުން ސަރުކާރެއް އިންތިޚާބު ކުރުމަކީ ދެ ފަލްސަފާވެރި ވެސް ތަސައްވުރުކޮށްފައިވާ ކަމެއް ނޫނެވެ. ފަހުގެ ޒަމާނުގެ އެކި ގައުމުތަކުގެ ދުސްތޫރީ ނިޒާމު އެކަށައެޅުމަށް ދެ ފަލްސަފާވެރިންގެ ފަލްސަފާތައް އެ ގައުމުތަކުން ދިރާސާކުރި ނަމަވެސް، ދެ ފަލްސަފާވެރިންގެ އަމިއްލަ ގައުމުތައް ކަމަށްވާ އިނގިރޭސިވިލާތައި ފަރަންސޭސިވިލާތުން، އެ ފަލްސަފާތަކަށް އެންމެ ފުރިހަމަ ގޮތުގައި ސަމާލުކަމެއް ދީފައިވާ ތަނެއް ނުފެނެއެވެ. ލޯކުގެ އިނގިރޭސިވިލާތުން ތަރައްގީކުރީ، ޕާލަމަންޓުން ސަރުކާރު އެކުލަވައިލެވޭ ބަރުލަމާނީ ނިޒާމެކެވެ؛ ފަރަންސޭސިވިލާތުން އެކުލަވައިލީ، ރައްޔިތުންގެ ސީދާ ވޯޓަކުން ރައީސުލްޖުމުހޫރިއްޔާ އިންތިޚާބުކޮށް، ރައީސުލްޖުމުހޫރިއްޔާގެ އިޚުތިޔާރުގެ ދަށުން ބޮޑުވަޒީރަކު އައައްޔަންކޮށް، ބޮޑުވަޒީރު އެކުލަވައިލާ ސަރުކާރު ހިންގުމުގައި ޕާލަމަންޓުގެ ސިޔާސީ ރުހުން އޮތުން ލާޒިމުވާ މަސްހުނި ނިޒާމެކެވެ. ދެ ނިޒާމުގައި ވެސް، ސަރުކާރުގެ ސިޔާސަތުތަކަށް ޕާލަމަންޓުގެ ސީދާ ނުފޫޒު ނެތި ސަރުކާރު ހިންގުމަކީ ވާނެކަމެއް ނޫނެވެ. މީގެ އިތުރުން، މޮންޓެސްކޫގެ ފަލްސަފާ އެ ގައުމުގައި ތަންފީޒުކޮށްގެން ހެވެއް ލިބިފައެއް ނުވެއެވެ. މޮންޓެސްކިއު ތަސައްވުރުކުރި ފަދަ ބާރުތައް ވަކިވެފައިވާ ނިޒާމެއް ޤާއިމުކުރެވިފައިވަނީ ފަރަންސޭސިވިލާތުގައި 1848 އިން 1852 އަށް އޮތް ދެވަނަ ޖުމުހޫރިއްޔާގައެވެ. އެ ޖުމުހޫރިއްޔާގައި އޮތީ ރިޔާސީ ނިޒާމެއްގެ މޮޑެލަކަށެވެ؛ އެހެން ނަމަވެސް އެމެރިކާގައި އޮތް މިންވަރަށް ބާރުތައް ވަކިކުރެވިފައެއް ނުވެއެވެ. އާންމު ވޯޓަކުން ރައީސަކަށް އިންތިޚާބުކުރެވުނީ ލުއި ނަޕޯލިއަން ބޮނަޕާޓެވެ (މަޝްހޫރު ނަޕޯލިއަން ބޮނަޕާޓަކީ ލުއި ނަޕޯލިއަން ބޮނަޕާޓުގެ ބޮޑުބޭބޭފުޅެއެވެ). އަދި އެއާ އެކު ގާނޫނު ހަދާ ބާރެއް ގޮތުގައި ގައުމީ މަޖިލިސް އިންތިޚާބުކުރެވުނެވެ. ނަމަވެސް ރައީސް ލުއި ނަޕޯލިއަން ބޮނަޕާޓު ބޭނުންފުޅުވީ އެ ރިޔާސީ ނިޒާމުގައި އޮތް ބާރުތަކަށް ވުރެ ވެސް އިތުރު ބާރުތައް ހޯއްދެވުމަށެވެ. އެ ގޮތުން، ބަޣާވާތަކުން ގައުމީ މަޖިލިސް އުވައިލެއްވިއެވެ. އަދި ފަރަންސޭސި އެމްޕަޔަރުކަން އަމިއްލަފުޅަށް އިއުލާނުކުރެއްވިއެވެ.

ދެ ގައުމުގައި ވެސް ހުދުމުޚުތާރުކަން ނިމުމަކަށް އައިސްފައިވަނީ ދެ ފަލްސަފާވެރި ތަސައްވުރުކުރި ގޮތަށް ބާރުތައް ބައިބައިވެގެނެއް ނޫނެވެ. އެއާ ޚިލާފަށް، ވެރިކަން ކުރާ މީހުން އިންތިޚާބުކުރުމަށް ރައްޔިތުންނަށް ދުވަހެއް ދުވަހަކަށް ލިބެމުން ދިޔަ ވޯޓުލުމުގެ ހައްގުގެ ސަބަބުންނާއި، ސިޔާސީ މިނިވަންކަމާ އެކު އުފެދުނު ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަމުގެ ސަބަބުންނެވެ. ދެ ފަލްސަފާވެރިންގެ ފަލްސަފާތަކަށް ހަގީގަތުގައި އަމަލުކުރެވިފައިވަނީ އެމެރިކާގެ މިނިވަންކަން އިއުލާނުކޮށް، ދުސްތޫރީ ނިޒާމެއް އެކުލަވައިލުމަށް ކުރެވުނު މަސައްކަތުގެ ތެރެއިންނެވެ. އެއީ ވެސް، ހަގީގަތުގައި ހުދުމުޚުތާރުކަން މަނާކުރުމަށް އޮތް ހުރަހެއް ކަމުގައިވާ އެމެރިކާގެ ފެޑެރަލް ނިޒާމާ އެކުއެވެ. ފަރަންސޭސިވިލާތުގައި މޮންޓެސްކިއު ތަސައްވުރުކުރި ގޮތަށް ބާރުތައް ބައިބައިވެފައިވާ ނިޒާމެއް އުފަންވެ ހުދުމުޚުތާރުކަން ނިމުމަކަށް ދިޔައީކީ ނޫނެވެ. އެއާ ޚިލާފަށް ބާރުތައް ބައިބައިވެ، ރައީސަށް އޮތް ބާރުގެ ތެރެއިން އަލުން ރަސްކަމެއް އުފަންވީއެވެ.

ދައުލަތް ހިންގުމުގެ ނިޒާމެއް ކަނޑައެޅުމުގައި ނިޒާމުގެ އުސޫލުތައް ހިންގޭ ވެށި މުހިންމެވެ. ނިޒާމެއް ޑިމޮކްރަސީގެ އުސޫލުން ހިންގަން ބޭނުން ނަމަ، އެ ވެށްޓެއްގައި ސިޔާސީ ވާދަވެރިކަމަށް މަގުފަހިވެފައި އޮންނަންޖެހެއެވެ. އެ ވާދަވެރިކަން ތަންފީޒުކުރުމުގެ އެންމެހާ މިނިވަންކަމެއް އޮންނަންޖެހެއެވެ. އެ ފަދަ ކަންކަމަކީ ސިޔާސީ ޕާޓީތައް އެކުލަވައިލުމާއި، ސިޔާސީ ހަރަކާތްތެރިކަމެވެ؛ ރައްޔިތުންނަށް ލިބިގެންވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެވެ. ހަގީގަތުގައި ނިޒާމެއް ޤާއިމުކުރެވެނީ މިކަންކަމުގެ މައްޗަށެވެ.

މޮންޓެސްކިއުއާއި ލޯކުގެ ފަލްސަފާތަކުގެ އަޞްލަކީ ދެ ފަލްސަފާވެރިން އުޅުނު ޒަމާނެވެ. އެ ޒަމާނުގައި އޮތީ ހުދުމުޚުތާރު ރަސްކަންތަކެވެ. ސިޔާސީ ނިންމުންތަކުގައި ރައްޔިތުން ބައިވެރިވާނަމަ އެ ބައިވެރިވުން އޮންނަނީ މުޖުތަމައުގެ ވަކި ގިންތިއަކަށެވެ. އަދި ނިސްބަތުން އެ ގިންތީގައި ހިމެނެނީ އާބާދީގެ ވަރަށް މަދު ބައެކެވެ. ސިޔާސީ ވާދަވެރިކަމާއި، ސިޔާސީ ހައްގުތަކުގެ ގޮތުގައި ހައްގުތަކެއް އޮތްކަމަށް އެ މުޖުތަމައުތަކުގައި އިޢުތިރާފުވެފައެއް ނުވެއެވެ. ހަގީގަތުގައި މުޅި ސިޔާސީ ބާރުވެރިކަން އޮތީ ރަސްކަލުންގެ އަތްމަތީގައެވެ. މި ފަދަ ނިޒާމެއްގައި ރަސްކަލުންގެ ބާރުތައް މައިތިރިކޮށް، ހުދުމުޚުތާރުކަން ނައްތައިލުމަށް އޮންނަ ފަރުވާއަކަށްވާނީ، ރަސްކަލުންގެ އަތުގައި އޮންނަ ވަކި ބާރުތަކެއް ނަގައި، ރަސްކަމާ ވަކިން އޮންނަ އެހެނިހެން މުއައްސަސާތަކާ ހަވާލުކުރުމެވެ. ނަމަވެސް، އާޚިރުގައި އިނގިރޭސިވިލާތުގައި ހުދުމުޚުތާރުކަން ނިމުމަކަށް އައިސްފައިވަނީ ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި އުފެދިފައި އޮތް ގާނޫނު ހެދުމުގެ ބާރަށް ތަންފީޒީ ބާރުގެ އިޚުތިޔާރުތައް އެކި ދުވަސްވަރުން ނަގުލުވެގެންނެވެ؛ ބާރުތައް ވަކިވެގެނެއް ނޫނެވެ. ބާރުތައް ޕާލަމަންޓަށް ނަގުލުވަމުންދިޔަ އިރު، އެ ބާރުތައް ހުދޫދުކުރާނެ ވަރަށް މުހިންމު އިޖުރާއާތުތަކެއް އިނގިރޭސި ސިޔާސީ ނިޒާމުގައި ތަރައްގީވަމުން ދިޔައެވެ. އެއީ ސިޔާސީ ވާދަވެރިކަމާއި، ވޯޓުލުމުގެ ހައްގު މުޖުތަމައުގެ އާބާދީތަކަށާއި ތަފާތު ގިންތިތަކަށް ފެތުރުމެވެ. މި ކަންކަމުގެ ސަބަބުން ވެރިކަން ހިންގުމުގައި ހުދުމުޚުތާރުކަން މަނާކުރެވުނެވެ. އެއީ، ރައްޔިތުންގެ ވޯޓުން ޕާލަމަންޓު އިންތިޚާބުކުރުމުން ރައްޔިތުންގެ އާންމު މަސްލަހަތަށް ގައުމުގެ ސިޔާސީ ނިޒާމު މަސައްކަތްކުރުމާއި، [ރައްޔިތުންގެ ފަރާތުން ސަރުކާރުތައް އެކުލަވައިލުމެވެ.] ސިޔާސީ ވާދަވެރިކަމުގެ ސަބަބުން އުފެދުނީ ސަރުކާރަށް ފާރަވެރިވުމާއި ޖަވާބުދާރީކުރުމެވެ.

ބާރުތައް އެއްވުން އަލުން މާނަކުރުން

ބަރުލަމާނީ ނިޒާމަށް ފާޑު ކިޔުމުގެ އެންމެ އަސާސީ ނުކުތާއަކީ އެ ނިޒާމުގައި ބާރުތައް އެއްވެފައި އޮންނަ ކަމަށް ބުނެވޭ ނުކުތާއެވެ. އަދި ބާރުތައް އެއްވުމަކީ، އިންސާނީ ސިޔާސީ ތަޖުރިބާއަށް ބަލާއިރު ރުހުމުގެ ލޮލަކުން ބެލޭ ކަމެއް ނޫނެވެ. ބާރުތައް އެއްވުން ހަގީގަތުގައި މާނަކުރެވެނީ ހުދުމުޚުތާރުކަމުގެ ގޮތުގައެވެ. ނަމަވެސް، ބަރުލަމާނީ ނިޒާމުގައި ބަރުތައް އެއްވެފައި އޮންނަ އޮތުމަށް ޢަދުލުވެރިކަމާ އެކު އެއްޗެއް ބަޔާންކުރާނަމަ، ބަޔާންކުރަންޖެހެނީ، ބަރުލަމާނީ ނިޒާމުގައި ބާަރުތައް އެއްވުމުގެ މައިގަނޑު ބޭނުމަކީ އިއްތިފާގީ އުސޫލުން ދައުލަތް ހިންގުމެވެ. އޭގެ ތަފާތަކީ، ސިޔާސަތުތައް ކަނޑައެޅުމުގެ ހުރިހާ އިޚުތިޔާރުތަކެއް އެންމެ މީހެއްގެ އަތަށް ޖަމާވުމާއި، އެ އިޚުތިޔާރުތައް ގިނަ ބައެއްގެ މެދުގައި ބަހުސްކުރެވި، ގިނަ ބައެއްގެ ރުހުމާ އެކު ކަނޑައެޅޭ ގޮތަކަށް އޮތުމުގައި އޮންނަ ތަފާތެވެ. ބާރުތައް ވަކިކުރެވި، ސިޔާސަތުތައް ކަނޑައެޅުން އެންމެ މީހެއްގެ އަތަށް ޖަމާވެއްޖެނަމަ، އިއްތިފާގީ އުސޫލާ ނުލައި އަމިއްލައަށް ބޭނުންވާ ގޮތަކަށް ކަންތައް ނިންމެއެވެ. ބަރުލަމާނީ ނިޒާމުގައި ސަރުކާރަކީ ސިޔާސަތުތައް ކަނޑައެޅޭ ގޮތެވެ. އެ ގޮތަކީ ޕާލަމަންޓުން ވަކި ބަޔަކު އެކަން ކުރުމެވެ. ނަތީޖާއަކީ ސަރުކާރުގެ މާނައިގައި އެހެން ބާރުތަކުން ވަކިކުރެވި، ވަކި ސިޔާސީ ބާރެއްނެތުމެވެ. އެހެންކަމަށް ވެއްޖެނަމަ، ސަރުކާރު ހިންގުމުގެ ހަމައެކަނި ގޮތަކީ އިއްތިފާގީ ގޮތެއްގައި ސަރުކާރު ހިންގުމެވެ. އިއްތިފާގީ ގޮތެއްގައި ސަރުކާރު ހިންގޭނީ، ބާރުތައް ކަނޑައެޅިގެން ވަކިނުވެ، ގިނަ ބައެއްގެ ބައިވެރިވުން އޮތުން ލާޒިމުވާ ނިޒާމެއްގައެވެ. ބަރުލަމާނީ ނިޒާމުގައި ގިނަ ބައެއްގެ ބައިވެރިވުން އޮތުން ލާޒިމުވާ ސަބަބަކީ ޕާލަމަންޓުން، ޕާލަމަންޓުންގެ އަޣުލަބިއްޔަތުން ސަރުކާރެއް އެކުލަވައިލުމެވެ. މި ކަންކަމަށް ބަލާއިރު، ބަރުލަމާނީ ނިޒާމުގައި ތަންފީޒީ ބާރާއި ގާނޫނު ހެދުމުގެ ބާރު އެއްވެފައި އޮތުން މާނަކުރަންޖެހޭނީ ބާރުތައް އެއްވެފައި އޮތުމުގެ ގޮތުގައެއްނޫނެވެ؛ އިއްތިފާގުގެ ގޮތުގައެވެ.

ބާރުތައް އެއްކުރުމާއި ބާރުތައް ވަކިކުރަން ޖެހެނީ، އެ ކަންކަމުގެ ޒާތުގައި އެ ކަންކަން ކުރުމަކަށް ނޫނެވެ. ބާރުތައް ވަކިކުރުމުގެ ނަޒަރިއްޔާތުގެ މަގުސަދަކީ ހުދުމުޚުތާރުކަން މަނާކުރުމެވެ. ބާރުތައް ވަކިކުރެވި، ތަންފީޒީ ބާރަށް ލިބޭ އިޚުތިޔާރުތަކުގެ ސަބަބުން ހުދުމުޚުތާރު ބައްޓަމަކަށް ސަރުކާރު ހިނގާނަމަ ބާރުތައް ވަކިކުރުމުގެ މަގުސަދު ހާސިލެއްނުވެއެވެ. ނަޒަރީ ގޮތެއްގައި ބާރުތައް ވަކިކުރެވި، އެއް ބާރުން އަނެއް ބާރަށް ފާރަވެރިވުމުގެ މެކޭނިކަލް ނިޒާމެއް އެކުލަވައިލެވުނު ނަމަވެސް، އެ ފަދައިން ހަގީގަތުގައި ކަންތައް ހިނގުމަކީ ޔަގީންކަން އޮންނަ ކަމެއްނޫނެވެ. އެމެރިކާއަށް ބަލާއިރު، އެމެރިކާގެ ނިޒާމުގައި ބާރުތައް ވަކިކުރެވިފައި ވީ ނަމަވެސް، ހަގީގަތުގައި ހުދުމުޚުތާރުކަމަށް އޮތް ހުރަހަކީ އެމެރިކާގެ ފެޑެރަލް ނިޒާމުގެ ސަބަބުން ވަކި ސްޓޭޓުތަކަށް އޮންނަ ދުސްތޫރީ ހިމާޔަތެވެ. ހަގީގަތުގައި މުހިންމު ކަމަކީ މުޅި ނިޒާމު ހިންގުމުގެ އުސޫލުތަކަކާ މެދު ގޮތްތަކެއް ކަނޑައެޅުމެވެ. ތިންބާރު އެއްވުމާއި ވަކިވުމަކީ އެ ގޮތްތަކުގެ ނަތީޖާއެވެ؛ އެ ނިޒާމެއް ބޭރުފުށަށް ފެންނަ ގޮތެވެ.


  1. ފަރަންސޭސި ބަހުން މި ކޯޓުތަކަށް ކިޔެނީ [ޕާލަމޮނ] އެވެ. އެއީ އިނގިރޭސި Parliament އާ ޚިލާފަށް Parlement އެވެ. އެ ދުވަސްވަރު ފަރަންސޭސިވިލާތުގައި ދެން އޮތް މުއައްސަސާއަކީ ]އެސްޓޭޓް ޖެނެރަލް] އެވެ. މި މުއައްސަސާ އެކުލެވިގެންވަނީ މުޖުތަމައުގެ އެކި ގިންތިތަކުން ތަމްސީލުކުރާ މެންބަރުންތަކެއްގެ މައްޗަށެވެ. މައިގަނޑު މަސައްކަތަކީ ޓެކްސްގެ ކަންކަމުގައި ރަސްގެފާނަށް އިރުޝާދު ދިނުމެވެ. އެ ދުވަސްވަރު މި މުއައްސަސާ ސިޔާސީ ކަންކަމުގައި ބާރުވެރިކަމެއް ނެތްނަމަވެސް، ފަރަންސޭސި ޤަނޫނުހަދާ މަޖިލިސް ފަހުން އެކުލަވައިލެވުނީ، މި މުއައްސަސާގައި ހިމެނުނު އެންމެ ދަށު ގިންތީންނެވެ. އެއީ އާންމުންގެ ގިންތިއެވެ. ↩︎

  2. Francis Fukuyama, The Origins of Political Order: From Prehuman Times to the French Revolution (New York: Farrar, Straus and Giroux, 2011), 339–41. ↩︎