ތާރަފުގައި ބަޔާންކުރެވުނު ފަދައިން، ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމަކީ ކަނޑައެޅިފައިވާ ނިޒާމުތަކަކަށްވުރެ ބޮޑަށް އާންމު މަފްހޫމުތަކެކެވެ. ދިވެހީން ހިންގުމުގެ ވަކި ނިޒާމެއް އިހުތިޔާރުކުރުމަށް ނިޒާމީ އިންތިޚާބަށް ކުރެވުނު ކެމްޕޭނުތަކާއި ބަހުސްތަކުގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވުނީ ތިން ބާރު ވަކިވުމާއި އެއްވުމާ ބެހޭ ގޮތުންނެވެ. ގިނަ ރައްޔިތުންނަށް ނިޒާމީ ބަހުސްގެ ތެރެއިން ދޭހަވި ދޭހަވުމަކީ މިއީ ކަމަށްވުން ވެސް އެކަށީގެންވެއެވެ. މިއީ މުޅިއަކުން ވެސް ގޯސްތަޖުރިބާއެއްކަމުގައި ކަނޑައެޅުމަކީ ވެސް އިންސާފަކަށް ނުވާނެއެވެ. ސަބަބަކީ ދެ ނިޒާމުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލުވުމުގެ މަގަކީ ތިން ބާރު ވަކިވުމާއި އެއްވުމުގެ ތެރެއިން ކަމުގައި ވާތީއެވެ. ނަމަވެސް، ބާރުތައް ވަކިވުމަކީ ދެ ނިޒާމު މައިގަނޑު ގޮތެއްގައި އަޅައިބެލުމަށް އިންސާފުވެރި ގޮތެއް ވެސް ނޫނެވެ. ބަރުލަމާނީ ނިޒާމަށް ފާޑުކިޔުމުގައި، އެ ނިޒާމުގައި ތަންފީޒީ ބާރާއި ގާނޫނު ހެދުމުގެ ބާރު އެއްވެފައިވާތީ އެކަން ކުށްވެރިއެއް ނުކުރެވޭނެއެވެ. ސަބަބަކީ، ބަރުލަމާނީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ވަނީ އެ ދެ ބާރު ވަކިން ބޮޑަށް ގުޅިފައިވާތީއެވެ. ރިޔާސީ ނިޒާމަށް ބަހުސްހުކުރުމާ މެދު ހަމަ މި ފަދައެވެ.
2008ގެ ޤަނޫނުއަސާސީއަށް މަގުފަހިވި ނިޒާމީ ބަހުސްތަކުގެ ފެށުމަކީ، 2004ވަނަ އަހަރުގެ ޖޫން މަހު، އޭރުގެ ރައީސުލްޖުމުހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް، ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅެވެ. އެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ނިޒާމު، 1989ގެ ގާނޫނުއަސާސީން އެކަށައެޅިފައިވާ ގޮތް ބަދަލުކުރުމަށް ހުށަހެޅުންތަކެއް ހުށަހެޅުއްވިއެވެ. މި ގޮތުން، މި ހުށަހެޅުމުގެ ސަބަބެއް ކަމުގައި އޮތީ، ދައުލަތުގެ ބާރުތައް ވަކިކުރުމާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމާއި، މުޅި ނިޒާމު ޒަމާނީ ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ބައްޓަންކުރުމެވެ. ހުށަހެޅުމުގައިވާ އެއް ކަމަކީ، ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރުމުގައި ރައްޔިތުންގެ ދައުރު ފުޅާކުރުމެވެ. މި ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ނެތި، ސީދާ ރައްޔިތުން ރައީސް އިޚްތިޔާރުކުރުން ނުވަތަ އެކަކަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަން ރައްޔިތުންގެ ސިއްރު ވޯޓަށް ހުށަހެޅުމުގެ ނިޒާމެއް ގާއިމުމުކުރުމެވެ.1
ދައުލަތުގެ ތިން ބާރު ސާފުކޮށް ވަކިކުރުމަށް ވެސް ހުށަހެޅުއްވިއެވެ. ޚާއްސަކޮށް، އަދުލު ގާއިމުކުރުމުގެ ބާރު ވެރިކަން ހިންގުމުގެ ބާރުން ވަކިކޮށް، ސުޕްރީމް ކޯޓެއް އެކުލަވައިލައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނަ ކޮމިޓީން އިސްތިއުނާފީ މައްސަލަތައް ބެލުމުގެ ބަދަލުގައި، ސުޕްރީމް ކޯޓުން މައްސަލައާ މެދު ފަހުގެ ނިޔާ ކަނޑައެޅުމުގެ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ. ރައީސުލްޖުމުހޫރިއްޔާއަށް ލިބިފައިވާ ބާރުތައް ހަނިކޮށް، ބާރުތައް ބަހައިލުމަށް، ދައުލަތުގެ ވެރިޔާއާއި ސަރުކާރު ހިންގާ އިސްވެރިޔާގެ މަގާމު ވަކިކޮށް، ބޮޑުވަޒީރެއް އައްޔަންކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް ހުށަހެޅުއްވިއެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭ މީހަކު ބޮޑުވަޒީރެއް ގޮތުގައި ހުރުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ދައުރު ފުޅާކުރުމާއި، ބާރުތައް ވަކިކުރުމުގެ ގޮތުން، ރައީސުލްޖުމުހޫރިއްޔާ އައްޔަންކުރާ 8 މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ތިބުމުގެ ބަދަލުގައި، މަޖިލީހުގައި ހަމައެކަނި ރައްޔިތުން އިންތިޚާބުކުރާ މެންބަރުން ތިބުމަށާއި، މަޖިލީހުގެ ރައީސާއި ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އައްޔަންކުރުމުގެ ބަދަލުގައި، މަޖިލީހުން އިންތިޚާބުކުރުމަށް ހުށަހެޅިއެވެ. މީގެ އިތުރުން، އޮޑިޓަރ ޖެނެރަލާއި ކޮމިޝަނަރ އޮފް އިލެކްޝަންސްގެ މަގާމުތައް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން އައްޔަންކުރެވޭ މަގާމުތަކަށް ހެދުމަށްވެސް ހުށަހެޅިއެވެ. ރައީސް މައުމޫންގެ މި ހުށަހެޅުންތަކަކީ ރިޔާސީ-ބަރުލަމާނީ ނިޒާމުން ކުރެ ވަކި ނިޒާމަކަށް ނިސްބަތްވާ ގޮތަށް ހުށަހަޅާފައިވާ ހުށަހެޅުމެއް ނޫނެވެ.
ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބަހުސްތައް ފެށުމުގެ ކުރިން، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު އެކުލަވައިލުމަށް އެހީއެއްގެ ގޮތުން ހުށަހެޅުމެއް، 2004ވަނަ އަހަރުގެ ޖޫން މަހު، ލޯ ސޮސައިޓީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވެއެވެ. ލޯ ސޮސައިޓީން ހުށަހަޅާފައިވަނީ 2008ގެ ނިޔަލަށް އޮތް [ރިޔާސީ ނިޒާމަށް] ބަދަލުތަކެއް ގެނެސް، ރިޔާސީ ނިޒާމަކަށް އައަމަލުކުރުމަށެވެ. އެ ބަދަލުތަކުގެ ތެރޭގައި، ރިއާސަތަށް ލިބިގެންވާ ބާރުތައް ހަނިކޮށް، ބާރުތަކުގެ ނާޖާއިޒު ފައިދާނެގުމުގެ ފުރުސަތު ހަނިވާނެ ގޮތަކަށް ރިޔާސީ ނިޒާމެއް ފަރުމާކުރުމެވެ. 2008ގެ ކުރިން އޮންނަ ގޮތުން، ރައީސުލްޖުމުހޫރިއްޔާ އިންތިޚާބުކުރެވެނީ މަޖިލީހުން ރުހުންލިބި، އޭގެ ފަހުން އޮންނަ ރައްޔިތުންގެ ފެންނަ ނުފެންނަ އިންތިޚާބަކުންނެވެ. ލޯ ސޮސައިޓީން ހުށަހަޅާފައިވާ ގޮތަކީ، ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ނެތި، ސީދާ ރައްޔިތުންގެ ވޯޓަކުން ރައީސް އިންތިޚާބުކުރުމެވެ. ސަބަބަކީ، އޭރު އޮތް ގޮތަށް ރައްޔިތުންގެ މަޖިލީހުން ރުހުން ލިބޭ މީހަކަށް ރައީސްކަން ލިބޭނަމަ، ޕާޓީ ނިޒާމު ތާރަފުވުމަށް ފަހު، ރައީސުލްޖުމުހޫރިއްޔާއަކަށް އަބަދުވެސް ވާނީ ވަކި ޕާޓީއަކުން އަންނަ މީހެކެވެ. ލޯ ސޮސައިޓީގެ ހުށަހެޅުމުގައި ވާގޮތުން، ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ނެތި، ސީދާ ރައްޔިތުންގެ ފަރާތުން އިންތިޚާބު ވާނަމަ، ރައީސަކީ އާންމު ގޮތެއްގައި ހުރިހާ ރައްޔިތުންނަށް ނިސްބަތްވާ ފަރާތަކަށް ވެއެވެ. އަނެއް ކަމަކީ، ގަވާއިދުތަކާއި އަމުރުތައް ނެރެވޭ ގޮތަށް ރައީސަށް ލިބިގެންވާ ބާރުތައް ހަނިކޮށް، ގާނޫނު ހެދުމުގެ ދާއިރާގެ ކަންކަމަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް އޮންނަ ބާރަކަށް ހެދުމެވެ. ވުޒާރާތައް އުފައްދަންޖެހޭ އެންމެ މަދު މިންވަރާއި އެންމެ ގިނަ މިންވަރު ކަނޑައެޅުމަށް ވެސް ލޯ ސޮސައިޓީން ހުށަހަޅާފައިވެއެވެ. ސަބަބަކީ ރައީސްގެ އަމިއްލަ މަސްލަހަމަސްލަހަތަށް ވުޒާރާތައް އުފައްދައި ވަފާތެރިންނަށް މަގާމުތައް ދިނުން މަނާކުރުމެވެ.2 ލޯ ސޮސައިޓީން ބަޔާންކޮށްފައިވާ ގޮތުގައި، [ވަކި ނިޒާމަކީ އެންމެ ރަނގަޅު ނިޒާމެއްކަމުގައި ކަނޑައެޅުމަކީ ކުރެވޭނެ ކަމެއްނޫނެވެ. އެހެން ނަމަވެސް، އައު ނިޒާމަކަށް އަހުލުވެރިވުމަށް ރައްޔިތުންނަށް ވަގުތު ބޭނުންވެއެވެ. އެހެންކަމުން، ގައުމުގައި އޮތް ވަކި ނިޒާމެއްގައި މައްސަލަތަކެއް ހުރިނަމަ، އެންމެ ރަނގަޅު ގޮތަކީ ރައްޔިތުން އަހުލުވެރިނޫން މުޅިން އައު ނިޒާމެއް އިޚުތިޔާރުކުރުމުގެ ބަދަލުގައި، މިހާރު އޮތް ނިޒާމެއްގައި ހުރި މައްސަލަތައް ހައްލުކޮށް، މިހާރު އޮތް ނިޒާމަކަށް އަމަލުކުރުމެވެ.]3 ލޯ ސޮސައިޓީގެ ހުށަހެޅުމުގައި ވެސް ރިޔާސީ ނިޒާމެއް ރާއްޖޭގައި އޮންނަންޖެހެނީ ކީއްވެ ކަމަށް ބަޔާންކުރެވިފައިވާ ހަމައެކަނި ސަބަބަކީ ވެސް އަހުލުވެރިވުމެވެ. އެންމެ ފާހަގަކުރެވޭ ކަމަކީ، ލޯ ސޮސައިޓީގެ ހުށަހެޅުމުގައި، 2008ގެ ކުރިން ދިވެހިރާއްޖޭގައި އޮތީ ރިޔާސީ ނިޒާމެއްކަމަށް އެ ސޮސައިޓީން ގަބޫލުކޮށްފައިވަނީ ކޮން ހަމައެއްގެ މަތިން ކަމެއް ވެސް ސާފުނުވުމެވެ. ފަހަރުގައި ރައީސެއް ހުރެފައި، ރައީސެއްގެ އަތުގައި ހުރިހާ ބާރުވެރިކަމެއް އޮތުމުންކަމަށް ވެދާނެއެވެ. ބަހުސްގެ ދުވަސްވަރު، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ބައެއް މެންބަރުން ވެސް ސުވާލު އުފައްދާފައިވާ އެއް ނުކުތާއަކީ އޭރު ދިވެހިރާއްޖޭގައި ރިޔާސީ ނިޒާމެއް އޮތްކަމާ މެދުއެވެ.
ގާނޫނުއަސާސީގެ މަސައްކަތްތައް ފެށިފައިވަނީ 1998ގެ ގާނޫނުއަސާސީ އިޞްލާހުކުރުމަށެވެ. ނަމަވެސް، އެ އިޞްލާހުގެ ސަބަބުން މުޅި ގާނޫނުއަސާސީ ބަދަލުކުރެވި، އައު ގާނޫނުއަސާސީއެއް ވުޖޫދުކުރެވުނެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި އައު ގާނޫނުއަސާސީގެ ސިފަތަކާ ބެހޭ ގޮތުން ޖަލްސާތައް ފެށިފައިވަނީ 2005ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. މި މަރުހަލާގައި މައިގަނޑު ގޮތެއްގައި މެންބަރުން ވާހަކަދައްކަވާފައިވަނީ ހައްގުތަކެއް ކަނޑައަޅައި، އެ ހައްގުތައް ތަންފީޒުކުރެވޭނެ ނިޒާމެއް ގާއިމުކުރުމާއި، ޕާޓީ ނިޒާމުގެ މައްޗަށް ބިނާވާ ސިޔާސީ ނިޒާމެއް އޮތުމާއި ރިޔާސީ ނިޒާމަށް އޮންނަ ވެރިކަމެއް އޮތުމުގެ މުހިންމު ކަމުގެ މައްޗަށެވެ. މީގެ އިތުރުން، ވަރަށް ގިނަ މެންބަރުން ފާހަގަކުރެއްވީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ގާއިމުކުރުމަށެވެ. މިކަމުގެ ސަބަބަކީ ނޫ ގާނޫނުއަސާސީގެ ދަށުން، ވަޒީރުންނާއި، ރައީސުލްޖުމުހޫރިއްޔާ އައްޔަންކުރައްވާ މެންބަރުން މަޖިލީހުގައި ތިއްބެވުމުން، ރައްޔިތުންގެ މަޖިލީހަށް އޮންނަ ރައީސުލްޖުމުހޫރިއްޔާގެ ނުފޫޒެވެ. އެހެން ކަމުން، ވަރަށް ގިނަ މެންބަރުން ތާއީދުކުރައްވައި ވާހަކަދެއްކެވީ ފުރިހަމައަށް ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއް އެކަށައެޅުމަށެވެ. ރިޔާސީ ނިޒާމަކަށް ގިނަ މެންބަރުންތަކެއް ތާއީދުކުރެއްވި އަނެއް ސަބަބަކީ ހަމަޖެހޭ ސަރުކާރެއް އޮތުމަށެވެ؛ ސަރުކާރުގެ [ސްޓެބިލިޓީއެވެ.] އެ މެންބަރުން ބަޔާންކުރައްވާފައިވާ ގޮތުގައި، ބަރުލަމާނީ ނިޒާމުގައި އަވަސްއަވަހަށް ސަރުކާރުތައް ރޫޅުމަކީ އިގުތިސާދީ ގޮތުން ފަހި ކަމަކަށް ނުވުމާއި ބަރުލަމާނީ ނިޒާމެއްގެ ޚަރަދު ބޮޑުވުމެވެ. އިގުތިސާދީ ގޮތުން ފަހި ނުވާނެ ކަމަށް މެންބަރުން ދެކެވަޑައިގަތީ، އަވަސްއަވަހަށް ސަރުކާރު ރޫޅުމުގެ ސިޔާސީ ހުސްކަމުގެ ސަބަބުން އިންވެސްޓަރުންނަށް ފަހި ވެށްޓެއް ނެތުމެވެ. ޚަރަދު ބޮޑުވުން މާނަކޮށްފައިވަނީ، ރައީސުލްޖުމުހޫރިއްޔާއެއްގެ އިތުރުން ބޮޑުވަޒީރަކު ހުންނަންޖެހޭތީ އެ ކަންކަމަށް ދާނެ ޚަރަދެވެ. އަދި ބައެއް މެންބަރުން ދެކެވަޑައިގެންނެވި ގޮތުގައި، ބަރުލަމާނީ ނިޒާމެއްގައި އަވަސްއަވަހަށް ސަރުކާރު ރޅުމުގެ ސަބަބަބުން އިރުއިރުކޮޅައި އިންތިޚާބެއް ބާއްވަންޖެހޭތީވެ ހިނގާނެ ޚަރަދެވެ.
ބަހުސްތަކަށް ބަލާއިރު، ގިނަ މެންބަރުން ތާއީދުކުރައްވާފައި ވަނީ ރިޔާސީ ނިޒާމެއް ރާއްޖޭގައި އޮތުމަށެވެ. މި މަރުހަލާގައި ވެސް ބައެއް މެންބަރުން އެދިލައްވާފައިވަނީ ރައްޔިތުންގެ ޚާއްސަ މަޖިލީހުން ނިޒާމާ މެދު ގޮތެއް ނިންމުމުގެ ބަދަލުގައި ރައްޔިތުންގެ ވޯޓަކަށް ހުށަހެޅުމަށެވެ. އެހެން ނަމަވެސް، 10 މެއި 2006ގައި ރާއްޖޭގައި ވެރިކަން ހިންގުމުގެ ނިޒާމާ މެދު ގޮތެއް ނިންމުމަށް ޚާއްސަ މަޖިލީހުގައި ވޯޓަށް އެހުނެވެ. ހުށަހެޅުނު އެއް ގޮތަކީ ރިޔާސީ ނިޒާމެއް އޮތުމަށެވެ. ވޯޓަށް އެހުނު ދެވަނަ ގޮތަކީ ބަރުލަމާނީ ނިޒާމެއް އޮތުމަށެވެ. މިއިން އެއްވެސް ގޮތަކަށް ފާސްވެފައެއް ނުވެއެވެ. ބަހުސްގެ މަރުހަލާގައި ގިނަ މެންބަރުންތަކެއް ރިޔާސީ ނިޒާމަށް ތާއީދުކުރެއްވި ނަމަވެސް، ވޯޓުގައި ގިނަ މެންބަރުންގެ ރުހުން ލިބިފައިވަނީ ބަރުލަމާނީ ނިޒާމަށެވެ.4
ރާއްޖޭގެ އޮންނަން ފެންނަ ވެރިކަން ހިންގުމުގެ ނިޒާމާ ބެހޭ ގޮތުން ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި މެންބަރުންގެ މެދުގައި ވަރަށް ގިދު މުއްދަތަކަށް، ވަރަށް ގިނަ ޖަލްސާތަކެއްގައި ބަހުސްކުރެވުނެވެ. ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވައި، ވާހަކަދެއްކެވި މެންބަރުންގެ މައިގަނޑު ނުކުތާތަކުގެ ތެރޭގައި، ބަރުލަމާނީ ނިޒާމެއްގެ ސަރުކާރު ދެމިއޮތުން ކުރު ނަމަވެސް ދެމިއޮންނަން ވާނީ، ރައްޔިތުން ރުހުމާ އެކު ކަމާއި، ރިޔާސީ ނިޒާމެއްގައި ރައްޔިތުން ގަބޫލުނުވި ނަމަވެސް ރައީސްގެ ދައުރު ހަމަވަންދެން މަގާމުގައި ހުރެވޭ ކަމާއި، ރިޔާސީ ނިޒާމެއްގައި އެނބުރި ހުދުމުޚުތާރުކަމަށް ދިޔުމުގެ ފުރުސަތު އަބަދުވެސް އޮންނަ ކަމާއި، ރައްޔިތުންގެ އިޚުތިޔާރެއް ނެތި، ރައީސަށް ފެންނަ ބަޔަކު ކެބިނެޓަށް އައްޔަންކުރުން ހިމެނެއެވެ. ރިޔާސީ ނިޒާމެއް އޮންނަޖެހޭ ސަބަބު ކަމުގައި ބައެއް މެންބަރުން ވިދާޅުވީ، އެ ނިޒާމަށް ރައްޔިތުން އަހުލުވެރި ވެފައިވާ ކަމެވެ. އަދި ބަރުލަމާނީ ނިޒާމެއްގައި އަވަސްއަވަހަށް ސަރުކާރު ބަދަލުވުމާއި، ސަރުކާރު ހިންގުމާއި މަޖިލިސް އެއްވެފައި އޮތުން ފާހަގަކުރެއްވިއެވެ. ބަހުސްތަކުގެ އެންމެ އާންމު ނުކުތާއަކީ ތިންބާރު އެއްވުމާއި ވަކިވުމެވެ. ރިޔާސީ ނިޒާމަށް ތާއީދުކުރެއްވި ވަރަށް ގިނަ މެންބަރުންގެ މައިގަނޑު ނުކުތާއަކީ ވެސް ތިން ބާރު ވަކިވުމާއި އެއްވުމެވެ.5
ބަހުސްތަކުގައި ބައެއް މެންބަރުންގެ ވިސްނުންފުޅަކީ، ތަންފީޒީ ބާރަށް ވީތީ، ތަންފީޒީ ބާރުގެ އިޚުތިޔާރުތައް ހަމައެކަނި ތަންފީޒީ ބާރަށް ޚާއްސަކުރުމެވެ. އެއީ ރައީސުލްޖުމުހޫރިއްޔާގެ އިޚުތިޔާރުތަކާ ދެކޮޅަށް މަޖިލީހުން ބަސްނުއިއްވޭ ގޮތަށެވެ. އަނެއްބައި މެންބަރުންގެ ވިސްނުންފުޅަކީ ރައްޔިތުންގެ މަސްލަހަތާމަސްލަހަ ގުޅުން ހުންނަ ކަންކަން ތަންފީޒީ ބާރުން ކުރާނަމަ، އެކަންކަމަށް މަޖިލީހުން ބަސްއިއްވުމުގެ ފުރުސަތު ދިނުމެވެ. ބަހުސްތަކުން އެނގޭ ގޮތުގައި، ރިޔާސީ ނިޒާމެއްގައި، ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުން މެންބަރުން ފަހުމްވެޑައިގެންފައިވަނީ، ހަމައެކަނި މަޖިލީހުގައި ނެގޭ ވޯޓަކުން ކުރެވޭ ކަމެއް ގޮތުގައެވެ. އެހެން ނަމަވެސް، ބަހުސްތަކުގައި ރިޔާސީ ނިޒާމެއްގެ ކަމަކާ މެދު ދެބަސްވެއްޖެ ނަމަ، ރުޖޫޢަވާ މަސްދަރަކީ އެމެރިކާގެ ނިޒާމެވެ. މިސާލަކަށް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ވެސް މިސާލު ނަންގަވާފައިވަނީ އެމެރިކާގެ ނިޒާމުންނެވެ (އެމެރިކާގައި ވަޒީރުންނަށް ރުހުންދިނުމުގެ އުސޫލަށް އަންނަން އޮތް ތަނުގައި އެވަނީ ބަހުސްކުރެވިފައެވެ)
އައު ގާނޫނުއަސާސީ ޑްރާފްޓު ކުރެވުނު އިރު، ޑްރާފްޓް ކޮމިޓީގައި ބަހުސްކުރެވުނު އެންމެ މުހިންމު ނިޒާމުތަކަކީ ބަރުލަމާނީ ނުވަތަ ރިޔާސީ ނިޒާމު ކަމަށް ނިންމާ އިރު، އެ ފަދަ ނިޒާމުތަކެއްގައި ހުންނަނީ ކޮންކޮން އުސޫލުތަކެއްތޯ ކަނޑައެޅުމުގެ ކުރިން، ވަކި ނިޒާމެއް އިޚުތިޔާރުކުރުމާ މެދު މެންބަރުން ބަހުސްކުރެއްވިއެވެ. އެ ގޮތުން، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ބަހުސްތަކުގައި ބައެއް މެންބަރުން އެއް ދުވަހުން އަނެއް ދުވަހަށް އެ މެންބަރުން ތާއީދުކުރައްވައި ވާހަކަދެއްކެވި ނިޒާމު ބަދަލުކުރައްވާފައި ވެއެވެ. އެހެންކަމުން، ކަމާ ބެހޭ ބައިވެރިން ރަސްމީކޮށް ނުވަތަ ނުރަސްމީކޮށް ބައްދަލުކުރައްވައި، ނިޒާމުގެ ވަކިވަކި ކަންކަމާ މެދު ބަހުސްކުރުމަށް ހުށަހެޅުނެވެ. ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަކީ ވަކި ނިޒާމެއް ކަމުގައި ކަނޑައަޅައި އެގޮތަށް ގާނޫނުއަސާސީގައި ހިމެނުމަށް މި ކޮމިޓީގައި ބަހުސްކުރެވުނު އިރު ހުށަހެޅުނެވެ. ނަމަވެސް، ބަހުސަކަށްވީ، ނިޒާމުގެ ވަކި ކަންކަމާ މެދު އެއްބަސް ނުވެވެނީސް އެ ގޮތަށް ކަނޑައަޅައިފިނަމަ އަންނާނެ ދެކޮޅު ނުޖެހޭ ކަމަކާ މެދުއެވެ. އެ ގޮތުން، ވަކި ނިޒާމެއް ކަމަށް ކަނޑައަޅައިފިނަމަ، ގާނޫނުއަސާސީގައި އެ ނިޒާމަކާ ގުޅޭ ގޮތުން ހުންނަ ވަކިވަކި ކަންކަމާ މެދު ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ބަހުސްކުރާ އިރު ޚިޔާލުތަފާތުވުން ބޮޑުވެއެވެ. އެހެންކަމުން، ބައެއް މެންބަރުން ހުށަހެޅުއްވީ ގާނޫނުއަސާސީގައި ބަޔާންކުރެވޭ އުސޫލުތަކުގެ ތެރެއިން ވަކި ނިޒާމެއްގެ ސިފަ ޖެއްސުމެވެ.6
14 ފެބުރުއަރީ 2005ގައި ރައްޔިތުންގެ ޚާއްސަ މަޖިލީހަށް ރައީސުލްޖުމުހޫރިއްޔާ ހުށަހަޅުއްވާފައިވަނީ، މަޖިލީހުން ގާނޫނުއަސާސީ އިސްލާހުކުރެއްވުމުގެ މަސައްކަތް ނިންމަވާ ރައީސުލްޖުމުހޫރިއްޔާއަށް ފޮނުވުމުން ތަޞްދީޤުކުރުމުގެ ކުރިން ރައްޔިތުންގެ ޚިޔާލަކަށް ހުށަހެޅުމެވެ. ނަމަވެސް ގާނޫނުއަސާސީ އެކުލަވައިލުމުގެ ބަހުސްތައް ކުރިއަށް ދިޔައިރު، ހިޔާލުތަފާތުވުންތަކާ އެކު އޮންނާނެ ނިޒާމަކާ މެދު ވަކި ގޮތެއް ކަނޑައެއްނޭޅުނެވެ. އެހެންކަމުން، 18 ޖޫން 2006ގައި ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި އޮތް 93ވަނަ ޖަލްސާގައި، ރާއްޖޭގައި އޮންނަ ފެންނަ ނިޒާމާ މެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ ވޯޓަކަށް އެހުމަށް ފާސްކުރިއެވެ. ޚާއްސަ މަޖިލީހުގެ މި ނިންމުމާ ގުޅިގެން ކޮމިޓީގައި ފާހަގަކުރެވުނު އެއްކަމަކީ، ވޯޓަށް އެހުމަށް މަޖިލީހުން ނިންމާފައިވީ ނަމަވެސް، ވޯޓަށް އަހާ ދެ ނިޒާމާ ބެހޭ ގޮތުން ތަފުސީލެއް ނެތުމެވެ. އެ ނިންމުމުގައި ދެ ނިޒާމެއްގެ ނަންވެސް ނެތުމެވެ. އެއީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުކަން ކޮމިޓީ މެންބަރުންނަށް އެނގުނު ނަމަވެސް، ރިޔާސީ ނިޒާމެއްނަމަ ކިހިނެއް އޮންނަ ނިޒާމެއްކަން، ނުވަތަ ބަރުލަމާނީ ނިޒާމެއްނަމަ ކަނޑައެޅިގެން ކިހިނެއް އޮންނަ ނިޒާމެއްކަން ރައްޔިތުންނަށް އެނގެންނެތުމެވެ.7
ޚާއްސަ މަޖިލީހުގެ އިދާރީ ކޮމިޓީގެ މެންބަރުން ނުރަސްމީކޮށް ބައްދަލުކޮށް ނިޒާމީ ވޯޓު ކުރިއަށް ގެންދިޔުމުގައި އަމަލުކުރާނެ ގޮތްތަކެއް އެކުލަވައިލިއެވެ. އޭގެ ތެރޭގައި ރިޔާސީ-ބަރުލަމާނީ ނިޒާމާ ބެހޭ މަޢުލޫމާތު ފެތުރުމަށް މަޢުލޫމާތު ތައްޔާރުކުރުން ހިމެނެއެވެ. ރައްޔިތުންގެ ހެލުންތެރިކުރުމަށް ދެ ނިޒާމާ ބެހޭ ގޮތުން މަޢުލޫމާތު ފެތުރުމަށް އެކުލަވައިލެވުނު މަޢުލޫމާތުތަކަށް ބަލާ އިރު، ފާހަގަކުރެވެނީ، ދެ ނިޒާމަށް ހޭލުންތެރިކުރުމަށް ފަތުރާ މަޢުލޫމާތުތައް ވަރަށް ވެސް އުނިކަމެވެ. މަޢުލޫމާތުތައް މައިގަނޑު ގޮތެއްގައި ނިޒާމުގެ ނަތީޖާތަކަށާއި ވަކި ނިޒާމަކުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ބެހޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ ބަދަލުގައި، ނިޒާމުގެ ސޫރައާއި އިޖުރާއީ ކަންކަމާ ބެހޭ ގޮތުން މަޢުލޫމާތު ދެވިފައިވާ ކަމެވެ. އެންމެ މުހިންމު ކަމަށް، ބަރުލަމާނީ ނިޒާމުގެ ވަރަށް މުހިންމު މަގުސަދެއް ކަމުގައިވާ، އިއްތިފާގީ ގޮތެއްގައި ގައުމުގެ ސިޔާސަތުތައް ހިންގުމާ ބެހޭ ގޮތުން އެއްވެސް ގޮތެއްގައި ވާހަކަ ދެކެވިފައެއް ނުވެއެވެ. އަދި އިހުތިޔާރުކުރާ ނިޒާމެއްގެ ވޯޓު ދިނުމުގެ އުސޫލުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުން ތަމްސީލުކުރުމުގެ މަގުސަދު ހާސިލުވާނެ ގޮތާ ބެހޭ ގޮތުން ވެސް ވާހަކަދެކެވިފައެއް ނުވެއެވެ.8
ރާއްޖޭގައި އޮންނަން ފެންނަ ނިޒާމެއް ކަނޑައެޅުމަށް ރައްޔިތުންގެ ވޯޓުލުން އޮތީ 28 އޯގަސްޓު 2007 ގައެވެ. އެ ވޯޓުގައި ރައްޔިތުން ނިންމާފައިވަނީ ދިވެހިރާއްޖޭގައި ރިޔާސީ ނިޒާމެއް އޮތުމަށެވެ.
ވޯޓަށް ފަހު، ރިޔާސީ ނިޒާމެއްގައި ދައުލަތުގެ ނިޒާމު އޮންނަ ބައްޓަމަށް ބާރުތައް ތަރުތީބުކުރުމުގެ މަސައްކަތް ޑްރާފްޓް ކޮމިޓީން ކުރިއަށް ގެންދިޔައެވެ. ކޮމިޓީން ތައްޔާރުކުރި، ގާނޫނުއަސާސީގެ މާއްދާތަކުގެ ދެލިކޮޕީތައް ޚާއްސަ މަޖިލީހަށް ހުށަހެޅެން ފެށުމާ އެކު، މެންބަރުންގެ މެދުގައި ބަހުސްތައް ކުރެވުނީ ރިޔާސީ ނިޒާމެއްގައި އެކިއެކި ފަރާތްތަކަށް އޮންނަ ބާރުތައް ހުދޫދުކުރުމާއި ފުޅާކުރުމަށް ބެހޭ ގޮތުންނެވެ. ރައީސުލްޖުމުހޫރިއްޔާގެ ބާބުގައިވާ ކަންކަމާ މެދު ބަހުސްކުރެވުނު އިރު، ބަރުލަމާނީ ނިޒާމުގައި ސަރުކާރު ބަދަލުވާ ފަދައިން ސަރުކާރު ބަދަލުވުމުގެ ހުށަހެޅުމެއް ހުށަހެޅުނެވެ. އެ ހުށަހެޅުމުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ 3/2 ގެ އަޣްލަބިއްޔަތުން ރައީސުލްޖުމްހޫރިއްޔާއާ މެދު އިތުބާރު ނެތްކަމުގެ ވޯޓަކުން ފާސްކޮށްފިނަމަ ރައީސުލްޖުމްހޫރިއްޔާއާއި، ނާއިބު ރައީސާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ވަޒީރުންގެ ނާއިބުން މަގާމުން އިސްތިޢުފާދޭންޖެހޭނެއެވެ. މި ހުށަހެޅުން ހުށަހަޅާފައިވާ ސަބަބެއް ކަމުގައިވަނީ، ރައްޔިތުންގެ ވޯޓަކުން ރައީސުލްޖުމްހޫރިއްޔާ ހޮވަނީ 5 އަހަރުގެ މުއްދަތަށް ކަމަށްވާއިރު އެ 5 އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ބޭނުން ކޮންމެ ކަމެއް ކުރުމަށް ދޫކޮށްލެވިގެން ނުވާނެތީއެވެ. އެއީ ބާރުތައް ވަކިކުރެވިފައި އޮންނަ އިރު ކޮންމެ ބާރެއްގެ އަމަލުތަކަށް ވެސް ޖަވާބުދާރީކުރުމުގެ ގޮތުންނެވެ.9 ދެލިކޮޕީތައް ރައްޔިތުންގެ ޚާއްސަ މަޖިލީހަށް ހުށަހެޅުނު އިރު، ވަޒީރުންގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮންނަންޖެހޭ ގޮތަކަށް ނެތެވެ. ނަމަވެސް، ރުހުން އޮތުމަށާއި، ރައީސުލްޖުމުހޫރިއްޔާއަށް ފެނިވަޑައިގަންނަވާ އިރެއްގައި ވުޒާރާތައް އުފެއްދުމަށާއި އުވައިލުމަށް ލިބިފައި އޮންނަ އިޚުތިޔާރު ހުދޫދުކުރުމަށް ހުށަހެޅުނެވެ. އޭގެ ފަހުން، ގާނޫނުއަސާސީ ފާސްވި އިރު މި ހުށަހެޅުންތަކުން ހިމެނިފައިވަނީ ހަމައެކަނި ރުހުން އޮތުމުގެ ބައެވެ.10 2008ވަނަ އަހަރުގެ 236ވަނަ ޖަލްސާގައި ވެސް މި ނުކުތާ ހުށަހެޅުނެވެ. މި ފަހަރު ވެސް ހުށަހެޅުނީ މަޖިލީހުގެ ރުހުން އޮތުމަށެވެ. ސަބަބެއް ކަމުގައި އޮތީ މަޖިލިހުގެ ރުހުން އޮތް ވަޒީރުންގެ މަޖިލީހަކާ އެކު މަސައްކަތްކުރުމަށް ސަރުކާރަށް ފަސޭހަވުމެވެ. ރައީސުލްޖުމުހޫރިއްޔާގެ ބާރުތައް ކަނޑައަޅާ މާއްދާއަކީ ގާނޫނުއަސާސީގެ 115ވަނަ މާއްދާއެވެ. އެ މާއްދާގައި ބަޔާންކުރާ ގޮތުގައި، ވަޒީރުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަގާމުތަކަށް، މީހުން އައްޔަންކުރުމުގެ އިޚުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. މި މާއްދާ މިހެން އޮތުމުން، މި މާއްދާގެ ސަބަބުން ބޭނުންވާ މަގާމެއް އުފެއްދުމާއި ބޭނުންވާ އަދަދަކަށް މުވައްޒަފުން އައްޔަންކުރުމުގެ ފުޅާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބޭތީވެ، އެކަން ހުދޫދުކުރުމަށް، އެ މާއްދާއަށް އިސްލާހެއް ހުށަހެޅުނެވެ.
އެ ހުށަހެޅުމުގައި ވާ ގޮތުން، އެ މަގާމުތައް އޮންނަންވާނީ ގާނޫނުގައި ކަނޑައަޅއިފައެވެ.11 އެހެންނަމަވެސް، ގާނޫނުއަސާސީ ފާސްކުރެވުނީ މި އިސްލާހު ނުހިމަނައި، ރައީސުލްޖުމްހޫރިއްޔާއަށް ފުޅާ ބާރުތަކެއް ލިބޭ ގޮތަށެވެ. ގާނޫނުއަސާސީގެ 115ވަނަ މާއްދާގައި އޮންނަ ގޮތުން، ބޭރު ގައުމުތަކަށް ކަނޑައަޅާ ސަފީރުންނަށް މަޖިލީހުގެ ރުހުން އޮންނަންޖެހެއެވެ. މި މާއްދާއަށް ބަހުސްކުރެވުނު އިރު، ސަފީރުން ކަނޑައެޅުމަކީ ހަމައެކަނި ރައީސުލްޖުމުހޫރިއްޔާއަށް ލިބިފައި އޮންނަ އިޚުތިޔާރަކަށް ހެދުމަށް ހުށަހެޅުނެވެ. ނަމަވެސް، ރައީސުލްޖުމުހޫރިއްޔާގެ ބާރުތައް ހަނިކުރުމަށް، މަޖިލީހުގެ ރުހުން އޮތުން މުހިންމުކަމަށް ވާތީ އެ މާއްދާ ފާސްކުރެވުނީ މަޖިލީހުގެ ރުހުން އޮންނަންޖެހޭ ގޮތަށެވެ.
ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ބަހުސްތައް 2004ވަނަ އަހަރު ފެށުނު އިރު، ނިޒާމާ ބެހޭ ގޮތުން މެންބަރުންގެ ސަމާލުކަން ހުދޫދުވެފައިވަނީ ބަރުލަމާނީ-ރިޔާސީ ނިޒާމުގައެވެ. މަދު މެންބަރުންތަކެއް، ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމެއްގެ މައްޗަށް އެކުލެވޭ މަސްހުނި ނިޒާމެއް ހުށަހަޅުއްވާފައި ވީނަމަވެސް، އެ ހުށަހެޅުންތައް މަޖިލީހުގެ ތަޅުމުގައި [ހިފާގޮތެއް ނުވިއެވެ.] އެހެންކަމުން، ޚާއްސަ މަޖިލީހުން ރައްޔިތުންގެ ވޯޓަށް އެހުމަށް ނިންމި އިރު ގަސްދުކުރެވިފައިވަނީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ އިޚުތިޔާރު ވޯޓުގައި ހުށަހެޅުމަށެވެ.
ޚައްސަ މަޖިލީހުގެ ބަހުސްތަކަށް ބަލާއިރު، ގާނޫނުއަސާސީގެ ސިފަތަކާ ބެހޭ ގޮތުން މެންބަރުން ހުށަހެޅުއްވި ހުށަހެޅުންތަކުގައި ވެރިކަން ކުރުމުގެ ނިޒާމާ ބެހޭ ގޮތުން ބަހުސްކުރެވުނު ނަމަވެސް، ހަގީގަތުގައި ސިޔާސީ އިޖުތިމާއީ ގޮތެއްގައި އެކަށީގެންވާ ގޮތަކަށް ބަހުސްކުރެވިފައެއް ނުވެއެވެ. ބަހުސްތައް ސިފަވަނީ ދިވެހިރާއްޖޭގައި އޮންނަ ނިޒާމު އެކުލަވައިލުމަށް ވުރެ ބޮޑަށް، ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމާ ދެމެދު ކުރެވިފައިވާ ބަހުސްތަކެއް ގޮތުގައެވެ. ދިވެހި ސިޔާސީ މަސްރަހަށް ޕާޓީތަކުގެ ނިޒާމެއް ތާރަފުކުރެވުނު އިރު، ޕާޓީތަކުގެ ދައުރާއި، އެ ޕާޓީތަކުގެ ހަރަކާތްތެރިކަމުގެ ސަބަބުން ސިޔާސީ ވާދަވެރިކަމާއި ސިޔާސީ ވެށި ބައްޓަންވާނެ ގޮތަކާ މެދު ބަސްހުކުރެވިފައެއް ނުވެއެވެ.
ބަހުސްތަކުން ފާހަގަކުރެވޭ އަނެއް ކަމަކީ އިއްތިފާގުގެ މަފްހޫމަށް ރަނގަޅު އިންސާފެއް ކުރެވިފައިނުވުމެވެ. އަދި ދުޅަހެޔޮ ސިޔާސީ ވެށްޓެއް ފަރުމާކުރުމާ މެދު ބަސްކުރެވިފައިނުވުމެވެ. ބަހުސްތަކަށް ބަލާއިރު، ތަންފީޒީ ބާރުން ކުރާ ބައެއް ކަންކަމަށާއި ނިންމާ ބައެއް ނިންމުންތަކަށް މަޖިލީހުގެ ރުހުން އޮތުމަކީ މުހިންމު ކަމެއް ކަމަށް ބައެއް މެންބަރުން ދެކެވަޑައިގަތެވެ. އެއް ސަބަބަކީ މަޖިލީހަކީ ރައްޔިތުންގެ ފަރާތުން ބަސް އިއްވާ ފަރާތަކަށް ވުމެވެ. އަނެއް ސަބަބަކީ މަޖިލީހުގެ ރުހުމާ އެކު ކުރާ ކަމެއްނަމަ، އެކަމެއް ކުރުމަށް ސަރުކާރަށް ފަސޭހަވުމެވެ. މިއީ މުނާސަބު މުހިންމު ނުކުތާއެކެވެ. ނަމަވެސް ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި މި އުސޫލުން އޮތުމަކުން އިއްތިފާގީ ނިޒާމެއްގެ ތެރެއިން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލެއް ނުވާނެއެވެ. ތަންފީޒީ ބާރު ހިންގާ ޕާޓީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާނަމަ ސަރުކާރުން ކުރާ ކަމަކަށް މަޖިލިސް ރުހުމުގެ މާބޮޑު މާނައެއް ނެތެވެ. އެހެންކަމުން، ހަގީގަތުގައި އިއްތިފާގު އޮންނަންޖެހެނީ ސިޔާސީ ވާދަވެރިންގެ މެދުގައެވެ. އެއީ ސަރުކާރު އެކުލަވައިލުމާއި ސަރުކާރުގެ ސިޔާސަތުތައް އެކުލަވައިލުމާއި ތަންފީޒުކުރުމުގައެވެ.
އަހުލުވެރި ނިޒާމަކަށް އަމަލުކުރުމުގެ ހުއްޖަތް
އަހުލުވެރި ނިޒާމަކަށް އަމަލުކުރުމުގެ ހުއްޖަތަކީ ނިޒާމުގެ ބަހުސްތައް ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ކުރިއަށް ދިޔައިރު މެންބަރުން ދެއްކެވި ވާހަކަތަކުގައި ވަރަށް އާންމު ހުއްޖަތެކެވެ. އަދި އޭގެ ކުރިން، ލޯ ސޮސައިޓީން ހުށަހެޅި ހުށަހެޅުމުގައި ވެސް ރިޔާސީ ނިޒާމެއް ރާއްޖޭގައި އޮންނަންޖެހެނީ ކީއްވެ ކަމަށް ބަޔާންކުރެވިފައިވާ ހަމައެކަނި ސަބަބަކީވެސް އަހުލުވެރިވުމެވެ. އެހެންނަމަވެސް، 2008ގެ ކުރީގެ ގާނޫނުއަސާސީގައި އޮތްކަމަށް ބުނެވޭ ރިޔާސީ ނިޒާމަކީ ރިޔާސީ ނިޒާމަކަށްވުރެ ބޮޑަށް، އެކެއްގެ އަތުގައި ހުރިހާ ބާރުތަކެއް ހިފެހެއްޓުމަށް އުސޫލުތަކެއް ކަނޑައެޅުމުގެ ތެރެއިން ވުޖޫދުވެފައިވާ ނިޒާމެކެވެ. އެހެންކަމަށް ވާނަމަ، އެ ތަޖުރިބާއާއި އަހުލުވެރިކަމުގެ ތެރެއިން، އުފެދޭ [ނޮސްޓަލްޖު] އަކަށް ވާނީ ހުދުމުޚުތާރު ކަމެވެ؛ ސިޔާސީ ސަގާފަތަކަށް ވާނީ ހުދުމުޚުތާރުކަމެވެ. ފަހަރުގައި، މި ހުދުމުޚުތާރުކަމަކީ، ރައްޔިތުންގެ މިނިވަންކަން ހިފަހައްޓައި، ސިޔާސީ ވާދަވެރިން ސިޔާސީ ގޮތުން ބަންދުކުރުމުގެ ހުދުމުޚުތާރުކަމަށް ނުވެދާނެއެވެ. އެހެންނަމަވެސް، ސިޔާސަތުތައް ކަނޑައެޅުމާއި ދައުލަތުގެ ސިޔާސީ އިޚުތިޔާރުތައް ވަކި މީހެއްގެ މުށުތެރޭގައި ހިފެހެއްޓޭނެ ހުދުމުޚުތާރުކަމެކެވެ.
މި ހުރިހާ ބަހުސަކާއި، ހުށަހެޅުމަކާއި، އަދި ރައްޔިތުންގެ ވޯޓާއެކު ދިވެހި ގާނޫނުއަސާސީ ކަނޑައެޅުނީ ރިޔާސީ ނިޒާމަކަށެވެ. ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ގާނޫނުއަސާސީ އެކުލަވައިލެވުނު އިރު، ދެން އުފެދުނު ބަހުސަކީ އެކި ފަރާތްތަކަށް ލިބިފައި އޮންނަ ބާރުތައް، ލިބިފައި އޮންނަ މިންވަރާ މެދުއެވެ. އެ ގޮތުން، ރައީސުލްޖުމުހޫރިއްޔާއަށް ލިބިގެންވި ބައެއް ބާރުތައް ބޭނުންކުރާއިރު، އެކަމުގައި މަޖިލީހުގެ ދައުރު އޮންނަ މިންވަރުތަކާ މެދު މެންބަރުން ބަހުސްކުރިއެވެ. އެމް.ޑީ.ޕީގެ މެންބަރުން ޚާއްސަ ގޮތެއްގައި ވަކާލާތުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ފުޅާ ކުރުމަށެވެ. ގާނޫނުއަސާސީގައި ކަނޑައެޅިފައިވާ ބައެއް ކަންކަން ހިންގުންވެސް އޮތީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އިޖުރާއާތުތަކެއްގެ މައްޗަށް ދޫކޮށްލެވިފައެވެ. އެ ގޮތުން، 2008ގެ ރިޔާސީ އިންތިޚާބުން އުފެދުނު ސަރުކާރުގެ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނުމުގައި އަމަލުކުރާނެ ގޮތެއް ކަމުގައި މަޖިލީހުން ނިންމީ ހުރިހާ ވަޒީރުންނަށް ޖަމާއީ ގޮތެއްގައި އެއްފަހަރާ ރުހުން ދިނުމެވެ؛ މުޅި ކެބިނެޓަށް ދޭ ރުހުމެއް ގޮތުގައެވެ. ނިޒާމީ ބަހުސްގައި ވާދަކުރި މައިގަނޑު ދެ ޕާޓީ ކަމުގައިވާ އެމް.ޑީ.ޕީ އާއި ޑީ.އާރު.ޕީ އިން ދެ ނިޒާމުން ކުރެ ވަކި ނިޒާމަކަށް ތާއިދުކޮށްފައިވަނީ ހަގީގަތުގައި ދެ ނިޒާމަށް އޭގެ ޒާތުގައި ތާއީދުކުރުމަށް ވުރެ، ވެރިކަން ވަކި ގޮތެއްގައި ހަމަޖެއްސުމަށެވެ. އެ ގޮތުން، ޑީ.އާރު.ޕީގެ އަމާޒަކަށް ވެފައި އޮތީ ރައީސް މައުމޫނުގެ ވެރިކަން ދެމެހެއްޓުމެވެ. އެމް.ޑީ.ޕީގެ އަމާޒަކަށް ވެފައި އޮތީ ރައީސް މައުމޫނަށް ވެރިކަން ނުލިބޭ ގޮތެއް ހެދުމެވެ.
2008ގެ ގާނޫނުއަސާސީގައި ކަނޑައެޅިފައިވާ ކަމެއްގައި، ނިޒާމީ ނަޒަރަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އެއް މައްސަލައަކީ، 2010 ނޮވެންބަރު 28ގައި ދައުލަތާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައެކެވެ.12 އެ މައްސަލަ ހުށަހަޅާފައިވަނީ ވަޒީރުންގެ މަގާމަށް އައްޔަންކޮށްފައިވާ ބައެއް ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބި ވަނިކޮށް، އެ ވަޒީރުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާތީ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތް ވަޒީރުންނަށް އެ މީހުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. މި މައްސަލައިގައި ކޯޓުގެ ވިސްނުމުގައި، ދައުލަތެއްގެ ހިންގުމުގެ ނިޒާމުގައި ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ ސިފަތަކުގެ މައްޗަށް ބިނާވެ މަސްހުނި ނިޒާމެއްވެސް ގާއިމުކުރެވިދާނެއެވެ. އެ ގޮތުން، ގާނޫނުއަސާސީގެ 101ވަނަ މާއްދާގައިވާ ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓުނެގުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ކަމުގައި ކޯޓުން ވިސްނާފައިވެއެވެ. މި ކަންކަމުގެ މައްޗަށް ބަލައި، އެ ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، ދިވެހި ގާނޫނުއަސާސީ ތަބާވަނީ ރިޔާސީ ނިޒާމުގެ ސިފަތަކާއި ބަރުލަމާނީ ނިޒާމުގެ ސިފަތަކާއި މައްސުނިވެފައިވާ [ހައިބްރިޑު] ނިޒާމެއް ގެ މައްޗަށް ކަމެވެ. އަދި ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމު ކަނޑައެޅުމުގައި ރުޖޫޢަވާންޖެހޭ ހަމައެކަނި މަސްދަރަކީ ގާނޫނުއަސާސީ ކަމުގައި ކަނޑައަޅާފައިވެއެވެ. މި ޤަޟިއްޔާގައި ފާހަގަކުރެވޭ ކަމަކީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮންނަންޖެހޭ ކަމަށް ގާނޫނުއަސާސީގައި އޮތް އޮތުމަކީ ރިޔާސީ ނިޒާމުގެ އަސާސެއް ނޫންކަމަށް ކޯޓުން ފާހަގަކޮށްފައިވުމެވެ. މިކަން ކޯޓުން ބަޔާންކޮށްފައިވާ ސަބަބަކީ، އެމެރިކާގެ ނިޒާމަށް ބަލައި، އެ ނިޒާމުގައި ފެޑެރަލް މަގާމުތަކަށް މީހުން އައްޔަންކުރުމުގެ ކުރިން ރުހުން ދެނީ، [ހައުސް އޮފް ރެޕްރެޒެންޓޭޓިވް] ގެ ބަދަލުގައި ސެނެޓުން ކަމަށް ވުމެވެ. ފާހަގަކުރެވޭ ކަމަކީ، އެމެރިކާގެ ނިޒާމު ހަގީގަތުގައި މަސައްކަތްކުރާ ގޮތަށް ކޯޓުގެ މި ޤަޟިއްޔާގައި ރިޢާޔަތްކުރެވިފައި ނުވުމެވެ. މިއީ ގާނޫނުއަސާސީ އެކުލަވައިލުމުގައި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ބަހުސްތަކުގައި ވެސް ބައެއް މެންބަރުން އެ މެންބަރުން ތާއީދުކުރެވި ނިޒާމާ ބެހޭގޮތުން ވާހަކަދެއްކެވި އިރު ވާހަކަދައްކަވާފައިވާ ގޮތެކެވެ. އެމެރިކާގެ ރިޔާސީ ނިޒާމުގައި، ސެނެޓުން ވިޔަސް، އަދި ހައުސް އޮފް ރެޕްރެޒެންޓޭޓިވުން ވިޔަސް، ހަމައެކަނި ވޯޓެއްނަގައި ވަޒީރުންނަށް ހަމައެކަނި ރުހުންދެނީތޯ ސުވާލުކުރެވެންޖެހެއެވެ. އެމެރިކާގެ ނިޒާމުގައި، ވަޒީރުންނަށް އައްޔަންކުރެވޭ މީހުންނަށް ރުހުންދެނީ ސެނެޓުގެ ކަމާ ބެހޭ ކޮމިޓީއަކަށް އެ މީހަކު ހާޒިރުކޮށް، އެ މީހެއްގެ ތަޢުލީމީ ފެންވަރާއި، ހިންގުމުގެ ތަޖުރިބާއާއި، ހޭލުންތެރިކަމާއި، ސިޔާސަތުތަކުގެ ތަސައްވުރާ ގުޅޭ ގޮތުން ސުވާލުކޮށް ޖަވާބުދާރީ ކުރުމައި، ސެނެޓުގެ މަޖިލީހަށް އެ މީހަކާ ގުޅޭގޮތުން ފޮނުވޭ ރިޕޯޓެއްގެ މައްޗަށް ބިނާވެއެވެ. އެހެންކަމުން މިއީ ހަމައެކަނި ސެނެޓުގެ ރުހުން އޮތްތޯ، ނުވަތަ ނެތްތޯ ބެލުމަށް ހިންގޭ އިޖުރާއާތެއްނޫނެވެ. މި އިޖުރާއާތުގެ ހަގީގީ ބޭނުމަކީ ވަޒީރުކަމަށް އައްޔަންކުރެވޭ މީހުންގެ ޤާބިލުކަން ސާބިތުކުރުމެވެ.
ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއިން ފާހަގަކުރެވޭ އަނެއް ކަމަކީ، ދައުލަތުގެ ހިންގުމަށް ދިވެހި ރައްޔިތުން ވޯޓަކުން އިޚުތިޔާރުކޮށްފައިވަނީ ރިޔާސީ ނިޒާމެއްކަމުގައި ވީނަމަވެސް، ދިވެހި ނިޒާމަކީ މަސްހުނި ނިޒާމެއް ކަމަށް ކޯޓުން ފާހަގަކޮށްފައިވުމެވެ. ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ އަސާސީ ސިފަތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި ވަނީ މަސްހުނި ނިޒާމެއްކަމަށް ކޯޓުން ފާހަގަކުރުމަކީ، ގާނޫނުއަސާސީގެ ނައްސުތަކަށް ބަލާއިރު ކަން އޮތްގޮތް ކަމަށް ވެދާނެއެވެ. އެހެންނަމަވެސް، ދެން ސުވާލު އުފެދޭ ނުކުތާއަކީ، ރައްޔިތުންނަށް ލިބޭ ދުސްތޫރީ ހައްގުގެ ތެރެއިން، ރިއާސި ނިޒާމެއްކަމަށް ނިންމާފައިވަނިކޮށް، ބަރުލަމާނީ ނިޒާމެއްގެ ސިފަތައްވެސް ހިމެނޭ ގޮތަކަށް ނިޒާމު އެކުލަވައިލުމެވެ.
ނިޒާމީ ބަހުސްގައި ފާހަގަކުރެވޭ ދެވަނަ ޤަޟިއްޔާއަކީ، 23 އޭޕުރީލު 2017ގައި އެޓަރނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ، ގާނޫނުއަސާސީގެ 101ވަނަ މާއްދާގައިވާ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ހިންގުމަކީ [އިމްޕީޗުކުރުމުގެ] އިޖުރާއާތުގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމުގައި ކަނޑއަޅައިދިނުމަށް އެދި ހުށަހެޅި މައްސަލައެވެ.13 101ވަނަ މާއްދާގައި ވަނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓުނެގުމުގެ އުސޫލުތަކެވެ. އެ މައްސަލައިގައި ކޯޓުން ނިންމާފައިވަނީ، ދިވެހި ރައްޔިތުން ޚިޔާރުކޮށްފައިވަނީ ރިޔާސީ ނިޒާމެއް ކަމުގައި ވާތީ، ގާނޫނުއަސާސީގެ މާއްދާތައް މާނަކުރަންވާނީ ރިޔާސީ ނިޒާމެއްގެ އުސޫލުތަކާ އެއްގޮތަށް ކަމުގައެވެ. އެ ގޮތުން، 101ވަނަ މާއްދާ މާނަކުރަންވާނީ ހަމައެކަނި ނެގޭ އިތުބާރު ނެތްކަމުގެ ވޯޓެއް ގޮތުގައި ނޫންކަމާއި، އެއީ އިމްޕީޗުކުރުމުގެ އިޖުރާއާތުތަކުގެ ތެރެއިން ހިންގަންޖެހޭ ކަމެއް ކަމަށް ކަނޑައަޅާފައިވެއެވެ.
މި މައްސަލައިގައި، އެކި މަގާމުތަކާ ގުޅިގެން ގާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ މާނަކޮށް، އެއީ ހަގީގަތުގައި ރިޔާސީ ނިޒާމެއްގައި ކަން އޮންނަންޖެހޭ ގޮތަށް، އިމްޕީޗުކުރުން ކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ. އެއީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުމާއި، މަޖިލީހުގައި އޮންނަ ވޯޓަކުން ފަނޑިޔާރުންނާއި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާއި، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުންނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުންނާއި، އޮޑިޓަރ ޖެނެރަލާއި، ޕްރޮސިކިއުޓަރ ޖެނެރަލް މަގާމުން ވަކިކުރުމެވެ. މި ހުރިހާ މަގާމުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ހިންގޭ ގާނޫނުއަސާސީގައިވާ އިތުބާރު ނެތްކަމުގެ މައްސަލައަކީ އިމްޕީޗުކުރުމެވެ.
ދުސްތޫރީ މި އޮޅުންބޮޅުން މެދުވެރިކުރުވި ސަބަބެއް ކަމުގައި ފެންނަނީ، ނިޒާމީ ބަހުސާއި ނިޒާމީ ވޯޓު އިންތިޒާމުކުރެވިފައިވާ ގޮތެވެ. ނިޒާމު ކަނޑައެޅި އިރު، ހިންގުމުގެ އުސޫލުތަކަށް ވުރެ ބޮޑަށް އިސްކަންދެވިފައިވަނީ ކަނޑައެޅިފައިވާ ނުވާ ދެ މަފްހޫމަށެވެ. މަފްހޫމުގެ ބޭނުމަކީ އުސޫލުތައް ކަނޑައެޅުމަށް މަގުދައްކައިދިނުމެވެ. އެއްވެސް ހާލެއްގައި މަފްހޫމުތަކުގެ އަލީގައި އުސޫލުތައް މާނަކުރުމެއްނޫނެވެ. އުސޫލުތަކަކީ ބަޔާންވެފައިވާ ކަނޑައެޅިފައިވާ އިޖުރާއީ ކަންކަމެވެ. ގާނޫނުއަސާސީގައި ބަޔާންވެފައިވާ އުސޫލުތަކެއްނަމަ، އެކަމެއް އޮންނަންވާނީ ދެވަނަ މާނައެއް ދޭހަނުވާނެ، ނުވަތަ އިތުރު ގޮތަކަށް މާނަކުރަންނުޖެހޭ މިންވަރަކަށް ކަނޑައެޅިފައެވެ. ގާނޫނުއަސާސިގައި އޮންނަ ކަމެއް އިރުއިރުކޮޅުން މާނަކުރަންޖެހޭ ނަމަ ގާނޫނުއަސާސީއެއް އޮތުމުގެ ބޭނުމެއް ނެތެވެ.
ނޯޓު: 2008ގެ ގާނޫނުއަސާސީއާ ހަމައަށް އެކަން އޮތް ގޮތަކީ، ރައްޔިތުންގެ މަޖިލީހުން އިޚުތިޔާރުކުރާ ނަމަކާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. މިއީ 1932 ގެ ގާނޫނުއަސާސީން ރަދުން އިންތިޚާބުކުރުމަށް އޮތް އިޖުރާއާތުގެ ލެގެސީ ކަމުގައި ބުނެވިދާނެއެވެ. ރަދުން އިންތިޚާބުކުރެވޭ ގޮތަކީ، ރަދުންނަކީ ކޮން ބޭފުޅެއްކަން ކަނޑައެޅުމަށް ފަހު، ރައްޔިތުން ރުހޭތޯ، ރައްޔިތުން އެއްކޮށް އެހުމެވެ. ރައްޔިތުން ގޮތުގައި އޭރު މާނަކުރެވެނީ މާލޭގައި ތިބި ބަޔަކާއި މާލޭގެ ފަޅު އޮޑިފަހަރުގައި ތިބި މީހުންނެވެ. ↩︎
ނޯޓު: 1932 އާއި 1934ގެ ގާނޫނުއަސާސީތަކުގައި ވެސް ދައުލަތުގެ ވުޒާރާތައް ބާޔާންކޮށްފައިވެއެވެ. ↩︎
The Law Society of Maldives. Submission of the Law Society of Maldives: Reform of the Constitution. June 2004. Supported by UNDP. ↩︎
ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ 87ވަނަ ޖަލްސާގެ ޔައުމިއްޔާ، 10 މެއި 2006. ↩︎
ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޔައުމިއްޔާތައް، 2006. ↩︎
ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އިދާރީ ކޮމިޓީގެ 17ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ، 13 ޖޫން 2006. ↩︎
ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އިދާރީ ކޮމިޓީގެ 19ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ، 04 ޖުލައި 2006. ↩︎
11 މެންބަރުންގެ ކޮމިޓީ، ދިވެހިރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައޭޅުމަށްޓަކައި ޢާންމު ސިއްރު ޥޯޓުގެ ކަންހިނގައިދިޔަ ގޮތުގެ މައްޗަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުންގެ ކޮމިޓީން ހުށަހަޅާ ރިޕޯޓު (ރައްޔިތުންގެ ޚާއްސަ މަޖިލިސް، 2007). ↩︎
ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ 236ވަނަ ޖަލްސާގެ ޔައުމިއްޔާ، 13 ޖަނަވަރީ 2008. ↩︎
ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ 217ވަނަ ޖަލްސާގެ ޔައުމިއްޔާ، 25 ނޮވެމްންބަރު 2007. ↩︎
ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ 236ވަނަ ޖަލްސާގެ ޔައުމިއްޔާ، 13 ޖަނަވަރީ 2008. ↩︎
ޤަޟިއްޔާ ނަމްބަރު 2010/SC-C/25,26. ↩︎
ޤަޟިއްޔާ ނަމްބަރު 2017/SC-C/11. ↩︎