2008ގެ ގާނޫނުއަސާސީގެ ފަހުން ބޭއްވި އެއްވެސް ރިޔާސީ އިންތިޚާބެއްގައި އެއްވެސް ކެންޑިޑޭޓަކަށް ފުރަތަމަ ބުރުން އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ. 2008ގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ލިބުނު ކެނޑިޑޭޓަށް ލިބިފައިވަނީ 40.63 އިންސައްތައެވެ. 2013ގެ ރިޔާސީ އިންތިޚާބުގައި އެންމެ ގިނައިން ވޯޓު ލިބުނު ކެނޑިޑޭޓަށް ލިބިފައިވަނީ 46.93 އިންސައްތައެވެ. 2018ގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ އެންމެ ގިނައިން ވޯޓު ލިބުނު ކެންޑިޑޭޓަށް ލިބިފައިވަނީ 45.45 އިންސައްތައެވެ. 2023ގެ އިންތިޚާބުގައި އެންމެ ގިނައިން ވޯޓު ލިބުނު ކެންޑިޑޭޓަށް ލިބިފައިވަނީ 46.06 އިންސައްތައެވެ. ކޮންމެ އިންތިޚާބެއްގައި ވެސް ބާކީ ވޯޓުތައް އޮންނަނީ ފުރަތަމަ ބުރުގައި ބައިވެރިވި އެހެނިހެން ކެނޑިޑޭޓުންނަށް ބަހާލެވިފައެވެ. ނަތީޖާއަކީ ކެންޑިޑޭޓަކަށް ކޮންމެހެންވެސް އަޣުލަބިއްޔަތު އޮންނަންޖެހޭތީވެ، އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވައި، އެކަކަށް އަޣުލަބިއްޔަތު ދިނުމެވެ. ދެވަނަ ބުރުން ވަކި ކެންޑިޑޭޓެއް އަޣުލަބިއްޔަތު ހޯދުމަށް ވޯޓަށް އެހޭ އިރު، ގިނަ ރައްޔިތުންތަކެއްގެ ހަގީގީ އިހުތިޔާރާ އެއްގޮތަށް ވޯޓު ދިނުމުގެ ފުރުސަތެއް ނޯވެއެވެ. ފާހަގަކުރެވޭ ކަމަކީ، 2008 އިން ފެށިގެން ރައީސްކަން ކުރި އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ކާމިޔާބުކުރެވިފައި ނުވުމެވެ. ރައްޔިތުން އަބަދުވެސް ބަދަލަކަށް ވޯޓު ދީފައިވުމެވެ. ބަދަލަކަށް ވޯޓު ދިނުމުގެ މައިގަނޑު ސަބަބަކީ އަޣުލަބިއްޔަތުގެ މައްޗަށް އިންތިޚާބު ބިނާވެފައިވުމުން ސިޔާސީ މަސްރަހުގެ ވާދަވެރިކަން ދެ ބަޔަކަށް ބެހިފައިވުމެވެ. ދެ ބަޔަކަށް ބެހިފައިވުމުގެ ނަތީޖާއަކީ، އަބަދުވެސް ސަރުކާރުގައި ތިބޭ ބަޔަކާއި، އެ ބަޔަކާ އިދިކޮޅު ހަރަކާތެއް އޮތުމެވެ. އަދި އިސްލާހުގެ ބަދަލުގައި، ވާދަވެރިކަމުގެ އަމާޒަކަށް އަބަދުވެސް ބަދަލުކުރުން ވެފައި އޮތުމެވެ.
2008 އިން ފެށިގެން ރައީސްކަން ކުރި އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ކާމިޔާބުކުރެވިފައި ނުވުމުގެ ނަތީޖާއަކީ، ތަންފީޒީ ބާރު ބަދަލުވުމާ އެކު، ހިންގާ ސިޔާސަތުތައްވެސް ކުއްލިއަކަށް ބަދަލުވުމެވެ. މިއީ، ރާއްޖޭގެ ނިޒާމުގައި، އިދާރީ ގިނަ މަސައްކަތްތަކެއް ހިންގާނެ ބާރުވެރިކަން ތަންފީޒީ ބާރަށް ލިބިފައި އޮންނަ އިރު، ގައުމުގެ ހިންގުމަށް އަންނަ ވަރަށް ބޮޑު ލޮޅުމެކެވެ. މި މައުލޫގައި ދިވެހި ތަޖުރިބާއަށް ބަލާއިރު، ސަރުކާރު ބަދަލުވުމާ އެކު ގައުމުގެ އެންމެ އަސާސީ، ޙައްސާސީ، އިސްތިރާތިޖީ ސިޔާސަތުތައް ވެސް ބަދަލުވެއެވެ. އެ ގޮތުން، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް، އިންޑިއާގެ ޖީ.އެމް.އާރު ކުންފުންޏާއި އަދި މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގއާ ހަވާލުކުރުމަށް ރައީސް ނަޝީދުގެ ސަރުކާރުން ނިންމީ 2010ވަނަ އަހަރުއެވެ. ގައުމުގެ ވަރަށް އަސާސީ މުދަލަކާ ގުޅިގެން އެންމެ ދައުރަކަށް އިންތިޚާބުވާ ފަރާތަކަށް ލިބޭ ބާރުގެ ތެރެއިންނެވެ. ނަމަވެސް، ސަރުކާރު ބަދަލުވުމާ އެކު، އިދިކޮޅުގެ ފިއްތުންތަކާ އެކު، 2012ވަނަ އަހަރު ރައީސް ވަޙީދުގެ ސަރުކާރުން އެ ކުންފުނިން އެއާ ޕޯޓު އަނބުރައި ނެގިއެވެ. އޭގެ ފަހުން ރައީސް ޔާމީނުގެ ސަރުކާރުގައި ދޭންޖެހުނު މާލި ބަދަލެއް ދީފައެވެ. އިންވެސްޓަރުން ދިވެހިރާއްޖޭގައި އިންވެސްޓުކުރުމާ މެދު ދެކޭނެ ގޮތެއް ދެކެން ވަރިހަމަ ގޮތުގައެވެ. މައްސަލައަކީ އެ ވައިގެ ބަނދަރު ބޭރުގެ ބަޔަކަށް ދިނުންކަމުގައިވެދާނެއެވެ؛ ނުވެވެސްދާނެއެވެ. މައްސަލައަކީ އެ ވައިގެ ބަނދަރު އަނބުރައި އަތުލުން ކަމުގައި ވެސް ވެދާނެއެވެ؛ ނުވެވެސްދާނެއެވެ. ނަމަވެސް، ހަމަގައިމުވެސް މައްސަލައަކަށް ވާނެ ކަމަކީ، މި ދެ ކަމަކީވެސް، ވަކި ސަރުކާރެއްގައި ވަކި ބައެއްގެ އަތްމަތީގައި ހުރިހާ ބާރުތަކެއް އޮވެ، ނިންމާފައިވާ ނިންމުންތަކެއްގެ ނަތީޖާ ކަމުގައިވުމެވެ. މައްސަލައަކީ އެ ފަދަ ނިންމުންތައް ނިންމުމުގެ ފުރިހަމަ ބާރުވެރިކަން ސަރުކާރުތަކަށް އޮންނަ ނިޒާމެކެވެ. އަދި އެ ފަދަ ނިންމުންތަކަށް މަގުފަހިކުރުވާ ނިޒާމެވެ.
ޚާރިޖީ ސިޔާސަތުވެސް ހުރީ މިކަހަލަ ގޮތަކަށެވެ. ރައީސް ނަޝީދުގެ ސަރުކާރު ބެލެވިފައި އޮތީ، އިންޑިއާ ކަނޑުގައި އިންޑިއާއާއި ޗައިނާއާ ދެމެދު އޮތް ވާދަވެރިކަމުގައި، އިންޑިއާއާ އެއްބައިވި ސަރުކާރެއް ގޮތުގައެވެ. އޭގެ ފަހުން، ރައީސް ޔާމީނުގެ ސަރުކާރު ބެލެވުނީ ޗައިނާއާ އެއްބައިވި ސަރުކާރެއްގެ ގޮތުގައެވެ. ރައީސް ޞާލިޙުގެ ސަރުކާރު އޮތީ އިންޑިއާއާ އެކުއެވެ. ރައީސް މުޢިއްޒުގެ ސަރުކާރު، އަދި ސިޔާސީ ހަރަކާތް ބެލެވުނީ އިންޑިއާއާ އިދިކޮޅު ސަރުކާރެއް ގޮތުގައެވެ. ޚާރިޖީ ސިޔާސަތަކީ ގައުމުގެ އިސްތިރާތިޖީ ކަންކަމާ ގުޅޭ، ގައުމުގެ މޫނުމައްޗެވެ. ޚާރިޖީ ސިޔާސަތަކީ އެއްގޮތެއްގައި، ހަރުދަނާ ކަމާއެކު އޮންނަންޖެހޭ ސިޔާސަތެކެވެ. ފަހަރުގައި ޚާރިޖީ ސިޔާސަތު ބަދަލުވެދާނެއެވެ. ނަމަވެސް، ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ޚާރިޖީ ސިޔާސަތު ބަދަލުވުމަކީ ހަމަގައިމުވެސް މައްސަލައެކެވެ. އިދާރީ ހިންގުމުގެ ކަމަކަށް ބަލާއިރު، ރައީސް ޔާމީނުގެ ދައުރުގައި ހުޅުމާލޭގައި އިމާރާތްކުރި އިޖުތިމާއީ ބޯހިޔާވަހިކަމުގެ ފުލެޓުތައް ހައްގުވެރި ފަރާތްތަކަށް ދޫކުރުމުގެ ކަންކަން، ރައީސް ޞާލިޙުގެ ސަރުކާރުން ހިންގިއެވެ. ނަމަވެސް، އެ ކަންކަން ރަނގަޅަށް ނުނިމެނިސް ރައީސް މުޢިއްޒުގެ ސަރުކާރުން، އިޖުތިމާއީ ބޯހިޔާވަހިކަން ހައްގުވެފައިވާ ފަރާތްތަކުގެ ލިސްޓަށް އުނިއިތުރު ގެނައުމަށް ނިންމިއެވެ. މި ހުރިހާ ކަންކަމަކީ ސަރުކާރަކަށް އޮންނަ ގާނޫނީ ބާރުވެރިކަމުގެ ތެރެއިން ހިންގުން ހުއްދަ ސިޔާސަތުތަކެވެ. ނަމަވެސް، މި ފަދައިން އަންނަ ސިޔާސަތުގެ ކޮޅިގަނޑު ތަކުގެ ގެއްލުން ލިބެނީ ގައުމަށެވެ. ސިޔާސަތަށް ލޮޅުން އައުމުގެ އެންމެ ބޮޑު ސަބަބަކީ، އިއްތިފާޤަށް ފުރުސަތު ނެތް އަޣުލަބިއްޔަތުގެ ނިޒާމެވެ. ތަންފީޒީ ބާރަކީ ދައުރުން ދައުރަށް އަބަދުވެސް އަޣުލަބިއްޔަތާ އެކު އިންތިޚާބުވާ ބަޔަކަށް ވުމެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތަކަށް ބަލާއިރު، 2009ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމް.ޑީ.ޕީއަށް ލިބުނީ މަޖިލީހުގެ 33.77 އިންސައްތަ ގޮނޑިއެވެ. އެންމެ ގިނައިން ގޮނޑީ ލިބުނު ޑީ.އާރު.ޕީއަށް ލިބުނީ 36.36 އިންސައްތަ ގޮނޑިއެވެ. 2014ވަނަ އަހަރުގެ އިންތިޚާބުގައި، އެންމެ ގިނައިން ގޮނޑި ލިބުނު ޕީ.ޕީ.އެމްއަށް ލިބުނީ 52 އިންސައްތައާ އެކު މަޖިލީހުގެ އަޣުލަބިއްޔަތެވެ. ދެވަނައަށް ގިނަ ގޮނޑި ލިބުނު އެމް.ޑީ.ޕީއަށް ލިބުނީ 26 އިންސައްތަ ގޮނޑި އެވެ. 2019ވަނަ އަހަރުގެ އިންތިޚާބުގައި، އެމް.ޑީ.ޕީއަށް ލިބުނީ ބޮޑު އަޣުލަބިއްޔަތަކުން 75 އިންސައްތައެވެ. ޕާޓީތަކުގެ ތެރެއިން ދެވަނައަށް ދިޔަ ޖުމްހޫރީ ޕާޓީ (ޖޭ.ޕީ) އާއި ޕީ.ޕީއެމް ކުރެ ކޮންމެ ޕާޓީއަކަށް ލިބުނީ 6 އިންސައްތައެވެ. 2024ވަނަ އަހަރުގެ އިންތިޚާބުގައި، ޕީ.އެން.ސީއަށް ލިބުނީ 71 އިންސައްތައިގެ ބޮޑު އަޣުލަބިއްޔަތެކެވެ. ދެވަނައަށް ދިޔަ އެމް.ޑީ.ޕީއަށް ލިބުނީ 13 އިންސައްތައެވެ. 2008ގެ ގާނޫނުއަސާސީގެ ދަށުން ބޭއްވުނު ފުރަތަމަ އިންތިޚާބަށް ފަހު ދެން އިންތިޚާބުކުރެވުނު ހުރިހާ މަޖިލީހެއްގެވެސް އަޣުލަބިއްޔަތު ލިބިފައިވަނީ އެ އިރެއްގައި ވެރިކަން ކުރި ސަރުކާރެއް ނިސްބަތްވާ ޕާޓީއަށެވެ. މި ކަމުގައި ވަރަށް ގިނަ ސަބަބުތައް ވެދާނެއެވެ. ނަމަވެސް، ފޮތުގެ މައުލޫށް މުހިންމު ސަބަބަކީއަޣުލަބިއްޔަތުގެ ސަބަބުން އުފެދޭ ސަރުކާރާއި ސަރުކާރުގެ އިދިކޮޅު ހަރަކާތެވެ. ސަރުކާރު ބަދަލުވަނީ ސަރުކާރާ އިދިކޮޅު އުފެދިގެންނެވެ. މިހާރު ކަން ހިނގާ ގޮތުން، މަޖިލީހުގެ އިންތިޚާބު އޮންނަނީ ރިޔާސީ އިންތިޚާބުގެ ވިދިގެން އަންނަ އަހަރުއެވެ. އެހެންކަމުން، ރިޔާސީ އިންތިޚާބުގެ ސިޔާސީ އޮއިވަރުގެ ގޮތުގައި އުފެދިފައިވާ ބަދަލުގެ އޮއިވަރު މަޖިލީހުގެ އިންތިޚާބަށް ދެމިގެން ދެއެވެ. ނަތީޖާއަކީ، ބަދަލުގެ އޮއިވަރާ އެކު، މަޖިލީހުގެ އަޣުލަބިއްޔަތުވެސް ކުރީގެ ސަރުކާރުގެ އިދިކޮޅަށް ލިބި، މަޖިލިސް ސަރުކާރު ހިންގާ ބައެއްގެ ކޮންޓުރޯލުގެ ދަށަށް އައުމެވެ. ރިޔާސީ ދައުރުގެ މެދަށް މަޖިލިސް އިންތިޚާބު އަންނަ ގޮތަށް ފަރުމާ ކުރެވިފައިވަނީ އެއިރެއްގެ ސަރުކާރުގެ ކަންކަން ހުރިނެތް ގޮތް ރައްޔިތުން ވިސްނައި، އެކަމަށް ރައްޔިތުން ދޭ ޖަވާބެއް ގޮތުގައި މަޖިލިސް އިންތިޚާބުކުރުމެވެ. މި ވިސްނުމުގެ ދަށުން، މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ ޕާޓީއަށް ލިބެން ވާނީ ސަރުކާރު [ރަނގަޅު ނަމައެވެ.] ނަމަވެސް މިއީ ސިޔާސީ މަސްރަހަށް އެކަށީގެންވާ، މުނާސަބު، އަދި ޕުރެކްޓިކަލް ވިސްނުމެއްނޫނެވެ. މި ވިސްނުމުގެ ދަށުން ބަލާނަމަ، 2014ގެ ފަހުގެ ހުރިހާ ސަރުކާރެއް ދިޔައީ ރަނގަޅަށެވެ. މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ ޕާޓީއަށް ރައްޔިތުން ދީފައިވަނީ އެހެންވެކަމަށް ވާއިރު، ރިޔާސީ އިންތިޚާބުގައި އެ ފަދަ ރަނގަޅު ސަރުކާރަކަށް ދެވަނަ ދައުރެއް ރައްޔިތުން ނުދެނީ ކީއްވެހެއްޔެވެ؟ އެއްވެސް ޝައްކެއް ނެތް ގޮތުގައި، ސަރުކާރުތައް ބަދަލުވުމުގެ ހަގީގީ ސަބަބަކީ އިސްވެ ބަޔާންކުރެވުނު ފަދައިން، ސަރުކާރުގެ އިދިކޮޅު އޮއިވަރެވެ.
ހަގީގަތުގައި ބާރުތައް އެއްވުމުގެ ނުރައްކާ
2008ގެ ގާނޫނުއަސާސީ އެކުލަވައިލެވުނު ދުވަސްވަރު، ރިޔާސީ ނިޒާމަކާ މެދު ޚާއްސަ މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުންގެ ނުތަނަވަސްކަމަކީ، ރިޔާސީ ނިޒާމުގެ ސަބަބުން ރަސްކަމެއްގައި އޮންނަ ފަދަ ހުދުމުޚުތާރު ކަމަކަށް އެނބުރި ދިޔުމަށް މަގުފަހި ވުމެވެ. އެއީ ރަސްކަން އިޢާދަވާތީ އެއްނޫނެވެ. ނަމަވެސް، ރިޔާސީ ނިޒާމެއްގެ ތަބީއަތުގެ ސަބަބުން އެ ނިޒާމުގައި ތަންފީޒީ ބާރުގެ މަސައްކަތްތައް ހަމަޖެހިފައި އޮންނަ ގޮތުންނެވެ. 2014ގެ ފަހުގެ ހުރިހާ މަޖިލީހެއްގެ އަޣުލަބިއްޔަތު، އަދި ބައެއް ފަހަރު ބޮޑު އަޣުލަބިއްޔަތު، ލިބިފައިވަނީ އެ އިރެއްގައި ވެރިކަން ކުރާ ސަރުކާރެއްގެ ޕާޓީއަކަށެވެ. ރިޔާސީ ނިޒާމުގެ އަސްލަކީ، ރިއާސަތަށް ފުޅާ ބާރުތަކެއް ދިނުމަށް ފަހު، އެ ބާރުތަކަށް ފާރަވެރިވުމަށް، މަޖިލިސް ވަކިކޮށް، ސަރުކާރުގެ ނިންމުންތަކަށް މަޖިލީހުން ފާރަވެރިވުމެވެ. ނަމަވެސް، 2014ގެ ފަހުގެ ހުރިހާ މަޖިލީހެއްގެ އަޣުލަބިއްޔަތު އެ ދައުރެއްގައި ވެރިކަން ކުރާ ޕާޓީއަށް ލިބުމުން ދެން މިވާ ގޮތަކީ، ހަގީގަތުގައި ތަންފީޒީ ބާރާއި ގާނޫނު ހެދުމުގެ ބާރު އެއްވަނީއެވެ. ހަމައެކަނި ދެ ބާރު އެއްވަނީކީނޫނެވެ. އެއަށް ވުރެ ނުރައްކާ ކަމަކީ، ދެ ބާރު އެއްވާ އިރު، ދެ ބާރު އެއްވަނީ، ފުޅާ ބާރުތަކެއް ލިބިގެންވާ ތަންފީޒީ ބާރުގެ މައްޗަށް ފާރަވެރިވުމުގެ ޒިންމާ އޮންނަ ގާނޫނު ހެދުމުގެ ބާރުވެސް ތަންފީޒީ ބާރުގެ ދަށަށް އައުމުގެ ގޮތުގައެވެ. އެއީ ބަރުލަމާނީ ނިޒާމުގައި އޮންނަ ފަދަ، އިއްތިފާގީ އޮއިވަރެއް ނެތިއެވެ. ބެލެންސްގެ އޮއިވަރެއް ނެތިއެވެ. މި ނުރައްކަލަށް ވުރެ ވަކި ނުރައްކާތެރިކަން ބޮޑީ، ރިޔާސީ ނިޒާމުގައި މި ފަދައިން ދައުލަތުގެ ދެ ބާރު އެއްވާ އިރު، އެންމެ މީހެއްގެ މުށުގެ ތެރެއަށް ދެ ބާރުވެސް ޖަމާވުމެވެ. އެއީ ތަންފީޒީ ބާރުގެ ވެރިޔާ، ރައީސުލްޖުމުހޫރިއްޔާއެވެ.
ދިވެހި ތަޖުރިބާއަށް ބަލާއިރު، މަޖިލީހުގެ އަޣުލަބިއްޔަތު ވަކި ޕާޓީއަކަށް ލިބުމަކީ ޠަބިޢީ ކަމެއްނޫނެވެ. އަޣުލަބިއްޔަތު ވަކި ޕާޓީއަކަށް ލިބެނީ ރައްޔިތުން ވަކި ގޮތެއްގައި ތިބެ، ވަކި ޒާތެއްގެ ސިޔާސަތުތަކެއް ރައްޔިތުން ގަބޫލުކުރާތީއެއް ނޫނެވެ. ވަކި ޕާޓީއަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުގައި އިސްވެ ބަޔާންކުރި ފަދައިން، ރިޔާސީ އިންތިޚާބުގެ ނަތީޖާއާއި، ސަރުކާރުގެ އިދިކޮޅު އޮއިވަރުގެ އަސަރު ވަރަށް ބޮޑެވެ. ކޮންމެ ދައުރެއްގައި މަޖިލިސް އަޣުލަބިއްޔަތު ލިބޭ ޕާޓީ ބަދަލުވުމަކީ މީގެ ހެއްކެކެވެ.
ތަންފީޒީ ބާރުގެ ފުޅާ ބާރުތައް
ތަންފީޒީ ބާރުގެ ބާރުތައް އެކަށައެޅުމުގައި އެމެރިކާގެ ތަޖުރިބާއަކީ، ތާރީޚުގައި ކުރިމަތިވި، ހަނގުރާމައާއި ދާޚިލީ ހަމަޖެހުން ގާއިމުކުރުމުގެ މަގުސަދު ހާސިލުކުރަން ކުރަންޖެހޭ ކަންކަން ފަސޭހައިން ކުރުމަށް އެކަށީގެންވާ ފުޅާ ބާރުތަކެއް ރައީސަށް ދިނުމެވެ. ސަބަބަކީ ދުސްތޫރު އެކުލަވައިލުމުގެ ކުރިން، [އާޓިކަލްސް ކޮންފެޑެރޭޝަން]ގެ ދަށުން މަރުކަޒީ ބާރަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް ލިބިގެންވި އިޚުތިޔާރުތައް ހަނިވެފައިވުމުގެ ސަބަބުން ކުރިމަތިވި ދަތިތަކެވެ. އެހެންކަމުން ތަންފީޒީ ބާރުގެ ގޮތުގައި ވަކި މަރުކަޒީ ބާރެއް، ފުޅާ ބާރުތަކަކާ އެކު އުފަންކުރުވިއެވެ. މަރުކަޒީ ތަންފީޒީ ބާރަށް ފުޅާ ބާރުތަކެއް ލިބިގެންވި ނަމަވެސް، އިސްވެ ބަޔާންކުރެވުނު ފަދައިން، އެމެރިކާގެ ފެޑެރަލް ނިޒާމުގެ ސަބަބުން، ވަކިވަކި ސްޓޭޓްތަކުގެ މައްޗަށް މަރުކަޒީ ތަންފީޒީ ބާރަށް ލިބިގެންވާ އިޚުތިޔާރުތައް ވަރަށް ހަންޏެވެ. އެމެރިކާގެ ދުސްތޫރުގެ 10ވަނަ އިސްލާހުގައި ވާގޮތުން، ފެޑެރަލް ސަރުކާރަށް ލިބިގެންވަނީ ދުސްތޫރުގައި ބަޔާންކުރާ ބާރުތަކެވެ. އެނޫން ބާރުތައް ތަންޒީމުކުރުމުގެ ބާރުވެރިކަން ލިބިގެންވަނީ ވަކިވަކި ސްޓޭޓްތަކަށެވެ. ނަތީޖާއަކީ ފަރުދީ ސްޓޭޓްތަކުގެ މަސްލަހަތުގައި އޮންނަ ވަރަށް ގިނަ ކަމުގެ މައްޗަށް މަރުކަޒީ ފެޑެރަލް ސަރުކާރުގެ ބާރު ނުހިނގުމެވެ. މިއީ ރިޔާސީ ނިޒާމެއް އޮތް ނަމަވެސް، ތަންފީޒީ ބާރުގެ އިޚުތިޔާރުތައް ހަނިވެފައިވުމެވެ.
ދިވެހިރާއްޖެއަށް ބަލާއިރު، ރާއްޖެއަކީ ފެޑެރަލް ދައުލަތެއް ނޫނެވެ. ގާނޫނުތަކުންނާއި އިދާރީ ހިންގުމަށް ބަލާއިރު، ރައީސުލްޖުމުހޫރިއްޔާގެ ބާރުގެ ދަށުން ކުރަންޖެހޭ ކޮންމެ ކަމެއް، ކޮންމެ ރަށެއްގައި ކުރުމުގެ ބާރުވެރިކަން ތަންފީޒީ ބާރަށް އުސޫލެއްގެ ގޮތުން ލިބިގެންވެއެވެ. އެހެންކަމުން، އިދާރީ ގޮތުން ދައުލަތް ލާމަރުކަޒު ކުރެވިފައި ވީނަމަވެސް، ނިޒާމު ހިނގާ ގޮތުން، ރަށްރަށުގެ އެންމެ އަސާސީ ކަންކަމާ މެދު ގޮތް ނިންމައި، ހިންގުމުގެ ބާރު މަރުކަޒީ ސަރުކާރަށް އޮވެއެވެ. މި މައުލޫގެ ދަށުން، ދައުލަތުގެ ތަންފީޒީ ބާރު ފުޅާވުމުގެ މައްޗަށް ވަކިވަކި ކަންތައްތަކެއްގެ އަލީގައި ބަހުސްކުރެވިދާނެއެވެ.
(ހ) މަރުކަޒީ ހިންގުން
ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމުގައި ތަންފީޒީ ބާރަށް ލިބިގެންވާ އެންމެ ބޮޑު ބާރަކީ ދައުލަތް މަރުކަޒީވެފައިވުމެވެ. މަރުކަޒީވުމުގެ އެންމެ އަސާސީ އެއް ގޮތަކީ ދައުލަތުގެ މާލިއްޔަތުގެ މަރުކަޒީ ހިންގުމެވެ. މާލިއްޔަތުގެ ކަންކަމަށް ބަލާއިރު، ދައުލަތަށް އާމްދަނީ ވަންނަ އެންމެ މުހިންމު މަސްދަރަކީ ޓެކްސެވެ. ދިވެހި ޓެކްސް ނެގުން ބިނާވެފައި އޮންނަނީ މަރުކަޒީ ނިޒާމެއްގެ މައްޗަށެވެ. ޖޯގުރަފީ ގޮތުންވިޔަސް، އިގުތިސާދީ ދާއިރާތަކަށް ބެލި ނަމަވެސް، ޓެކްސް ނަގައި އެއްކުރެވޭ ހަމައެކަނި އިދާރާއަކީ، މަރުކަޒީ މޯލްޑިވްސް އިންލޭންޑް ރިވެނިއު އޮތޯރިޓީއެވެ. ދައުލަތުގެ ޚަރަދުތައް އެކަށައެޅި، އިދާރީ ދާއިރާތަކަށް ބަހައިލެވެނީ، މަރުކަޒީ ސަރުކާރުގެ ބަޖެޓުން އެ ދާއިރާތަކަށް ލިބޭ ބަޖެޓު-އާމްދަނީގެ ގޮތުގައެވެ. އެހެންކަމުން، އިދާރީ ދާއިރާތައް މާލީ ގޮތުން ބިނާވެފައިވަނީ މަރުކަޒީ ސަރުކާރަށެވެ. ދައުލަތުގެ ބަޖެޓު މަޖިލީހުން ފާސްކުރެވެނީ އެއިރެއްގެ ސަރުކާރުގެ ނިންމުންތަކެއްގެ މައްޗަށް ބިނާވެއެވެ. އެހެން ކަމުން، ބަޖެޓު ކަނޑައެޅުމުގައި، ހަގީގަތުގައި އެންމެ ފަހުގެ ބަސްބުނާ ބަޔަކީ މަރުކަޒީ ސަރުކާރެވެ. ބަޖެޓުގައި ހުރި ކަންކަމަށް މަޖިލީހުގައި ބަހުސްކުރެވިދާނެއެވެ. ނަމަވެސް ހަގީގަތުގައި ބަޖެޓު ފަރުމާ ކުރެވެނީ ސަރުކާރު ބޭނުންވާ ގޮތަކަށެވެ. އިދާރީ ދާއިރާތަކުގެ ހިންގާ މަޝްރޫއުތަކާއި އެކަމަށް ދާނެ ޚަރަދު ކަނޑައަޅަނީ މައި ސަރުކާރުންނެވެ. މިއީ މައި ސަރުކާރަށް ލިބިފައިވާ ނުހަނު ފުޅާ ބާރުވެރިކަމެކެވެ. އެހެންކަމުން، ދިވެހި ހިންގުމުގެ ނިޒާމުގައި ތަންފީޒީ ބާރަށް ލިބިފައި އޮންނަނީ ހަމައެކަނި ސިޔާސަތުތަކެއް ހިންގުމުގެ ބާރުވެރިކަމެއް ނޫނެވެ. އޭގެ އިތުރުން، ވަކިވަކި އިދާރީ ދާއިރާތަކުގެ ވަރަށް އަސާސީ ކަންކަމާ ހަމައަށް ވެސް ކަންކަން ނިންމުމުގެ ބާރު މަރުކަޒީ ސަރުކާރަށް އޮވެއެވެ. މިއީ، ތަންފީޒީ ބާރަށް ރިޔާސީ ނިޒާމެއްގެ ތެރެއިން ލިބޭ ބާރުވެރިކަމުގެ އިތުރަށް، އެހެން ފުޅާ ބާރުވެރިކަމެއް ލިބުމެވެ. އެމެރިކާގެ ނިއުޔޯކަށް ބަލާއިރު، ތާރު އަޅާނީ އެ އަވަށުގެ ކޮން މަގެއްގައިކަން ނިންމުމުގެ ބާރު ލިބިގެންވަނީ އެމެރިކާގެ ރައީސަކަށް ނޫނެވެ؛ ކުޑަމިނުން ތާރު އަޅާތޯ ނިންމުމުގެ ބާރު ރައީސަކަށް ނޯވެއެވެ.
(ށ) ދައުލަތުގެ ސިޔާސީ ދާއިރާއާއި އިދާރީ ދާއިރާ އެއްވެފައިވުން
ދައުލަތުގެ އެންމެހާ މަސައްކަތަކީ ސަރުކާރާ ހަވާލުވާ ބައެއްގެ ބެލުމުގެ ދަށުން ހިނގަންޖެހޭ ކަންކަމެއް ނޫނެވެ. ގިނަ ކަންކަމަކީ އިދާރީ އޮނިގަނޑުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މި ފަދަ ކަންކަމުގައި، ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އަސަރެއް ކުރާނީ ގާނޫނަކުން ނުވަތަ ގަވާއިދަކުން ފާސްވެގެން އަންނަ ކަމެއްގެ ތެރެއިންނެވެ. މިކަމުގެ މިސާލަކީ، ބޯހިޔަވަހި ކަމުގެ މައްސަލައިގައި ސަރުކާރެއްގެ ސިޔާސަތެއްގެ ދަށުން އިޖުތިމާއީ ބޯހިޔާވަހިކަމަށް ފުލެޓު އަޅައިފާނެއެވެ. ދެން އެއަށް ފަހު، އެ ފްލެޓުތައް އޭގެ ހައްގުވެރިންނަށް ދިނުމަށް، ވަކި ސަރުކާރެއް އޮންނާކަށް ނުޖެހެއެވެ. އޭގެ ހައްގުވެރިންނަށް ފްލެޓުތައް ދޫކުރުމުގައި އޮންނަ އުސޫލުގެ ތެރެއިން އިދާރީ ކަމެއްގެ ގޮތުގައި ހިންގެންޖެހޭނެއެވެ. ސަރުކާތަކުން ސިޔާސީ ގޮތުން، މި ފަދަ އިދާރީ އިންތިޒާމުތަކުގެ ތެރެއަށް ވަންނަ ނަމަ، އެކަމުގެ ނަތީޖާއަކީ ސިޔާސީ ގޮތުން އެބައެއްގެ ނާޖާއިޒު މަސްލަހަތުތައް ހިމާޔަތްކުރުމުގެ ތެރެއިން އިދާރީ ކަންކަން ހިންގުމެވެ.
ދައުލަތުން ހިންގާ ބައެއް ކަންކަމަކީ މުހިންމު ހަރު މުދާ އުފައްދައި ދިގު މުއްދަތައް އެ ތަންތަނާ ތަކެތި ބެލެހެއްޓުމާއި އެއިން ފައިދާ ހޯދުމެވެ. މި ފަދަ ކަންކަން ސަރުކާރަށް ނިސްބަތްވާ ވަކި މިނިސްޓްރީއަކުން ކުރުމުގެ ބަދަލުގައި، އެ ފަދަ ހަރުމުދަލާ މުނާސަބު ގޮތަކަށް އެ ތަންތަން ހިންގުމަށް ގާނޫނަކުން ޚާއްސަ އެޖެންސީތައް ވުޖޫދަށް ގެނެވިދާނެއެވެ. މި ފަދަ ހާލަތުގައި، އެ ހަރުމުދާތައް ސަރުކާރު ކޮންޓުރޯލުކުރާ ބައެއް ބޭނުންވާ ގޮތަކަށް ހިންގުމުގެ ބަދަލުގައި އެތަންތަން ހިންގޭނީ، މިނިވަންކަމާ އެކުއެވެ. ސަރުކާރުގެ ސިޔާސަތުތަކާ ވިލަރެސްކުރެވިގެންނެވެ. މިކަމުގެ މިސާލަކީ ގައުމުގެ ބޮޑެތި ބަނދަރުތަކާއި، ހިއްކޭ ބޮޑެތި ބިންތަކެވެ. މި ފަދަ ތަންތަނަކީ ވަކި ސަރުކާރެއްގެ ސިޔާސަތެއްގެ ތެރެއިން ކުރެވެންޖެހޭ ކަންކަމަށް ވުމުގެ ބަދަލުގައި، ގާނޫނީ ގޮތުން އޮތޯރިތިޓީތަކާއި އެޖެންސީތައް ވުޖޫދުކޮށްގެން ކުރެވިދާނެއެވެ.
ރާއްޖޭގެ މިހާރުގެ ވަރަށް ގިނަ ވުޒާރާތަކުގެ މަސައްކަތްތަކަކީ މި ފަދައިން ގާނޫނީ އެޖެންސީތަކުގެ ބެލުމުގެ ދަށުން ހިންގިދާނެ ތަންތަނެވެ. ދައުލަތުގެ ވަރަށް ގިނަ މަސައްކަތްތަކަކީ ސިޔާސީ މީހުންނާ ދުރުން، އިދާރީ ހިންގުމުގެ ތެރެއިން ކުރެވޭނެ މަސައްކަތްތެކެވެ. މި ފަދަ ނިޒާމެއްގެ ނަތީޖާއަކީ ސަރުކާރުގެ ދައުރު ކުޑަވުމެވެ. ވީހާވެސް ކުޑަ ސަރުކާރަކާ އެކު، ދައުލަތް ހިންގުމެވެ. ކުޑަ ސަރުކާރެއްގައި ފަސާދައާއި ކޮރަޕްޝަން ވެސް މަދުވެއެވެ.
(ނ) އާންމު ޚިދުމަތުގައި ދައުލަތުގެ ވިޔަފާރީގެ ދައުރު ފުޅާވުން
ދައުލަތުން ވިޔަފާރިކުރުމުގެ ވާހަކައަކީ ސިޔާސީ ވާހަކައަކަށް ވުރެ ބޮޑަށް އިގުތިސާދީ ވާހަކައެކެވެ. އެހެންނަމަވެސް، ފޮތުގެ މައުލޫއަށް ޚާއްސަ ބައެއް ނުކުތާތައް ފާހަގަކުރަންޖެހެއެވެ. ސަރުކާރުން ގިނަ ކަންކަން ކުރުމަކީ ސަރުކާރުގެ ދައުރު ބޮޑުވާ ކަމެކެވެ. ދިވެހިރާއްޖެއަށް ބަލާއިރު، އާންމު އިޖުތިމާއީ ޚިދުމަތްތަކުގައި ދައުލަތުގެ ކުންފުނިތަކުން ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ. މިއިން ބައެއް ވިޔަފާރީތަކަކީ ވިޔަފާރި އުސޫލުން ބާޒާރުގެ އަތްމައްޗަށް ދޫކޮށްލުމުގެ ސަބަބުން ރައްޔިތުންނަށް އެކަމުގެ އުނދަގޫ ކުރިމަތިވެދާނެ ކަމަށް ދެކިގެން ކުރާ ވިޔަފާރީއެވެ. ސަރުކާރުން ގިނަ ކަންކަން ކުރުމަކީ ސިޔާސީ ގޮތުން، އޭގެ ސިޔާސީ މަންފާ ހޯދަން ބޭނުންވާ ފަރާތްތަކަށް ވަރަށް ފަހި ކަމެކެވެ. އެހެނީ، ކުރަން ބޭނުންވާ ކޮންމެ ކަމަކަށް ސިޔާސީ ގޮތުން ވަޒީފާތައް އުފެއްދެއެވެ؛ އެއްވެސް ރިސްކެއް ނެތް ގޮތުގައި އިކުއިޓީ ރައުސްމާލު އެއްކުރެވެއެވެ؛ ރިސްކެއް ނެތި އިންވެސްޓުކޮށް، ހިންގެއެވެ. މިހާރު ނިޒާމު އޮންނަ ގޮތުން ދައުލަތުގެ ވިޔަފާރީގެ މަސައްކަތްތަކަށް ފާރަވެރިވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އައްޔަންކުރަނީ ރައީސުލްޖުމުހޫރިއްޔާ ހުށަހަޅުއްވާ ނަންތަކެއް، މަޖިލީހުން ފާސްވެގެންނެވެ. ދައުލަތުގެ ވިޔަފާރި ފަދަ ފުޅާ ދާއިރާއެއް މިވަނީ ރައީސުލްޖުމުހޫރިއްޔާގެ ސީދާ ބެއްލެވުމާއި ކޮންޓުރޯލުގެ ދަށުގައެވެ. ރިޔާސީ ނިޒާމަކުން ނަމަ، ދައުލަތުގެ ވިޔަފާރީގެ މަސައްކަތްތައް މިވަނީ، އަޣުލަބިއްޔަތުން އިންތިޚާބުވެ، ތަންފީޒީ ބާރުގެ ހުރިހާ ބާރުވެރިކަމެއް ލިބޭ، އެންމެ މީހެއްގެ ކޮންޓުރޯލުގެ ދަށުގައެވެ.
މިކަން ހައްލުކުރުމުގެ އެއްގޮތަކީ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އެކުލެވިގެންވާ ގޮތް ބަދަލުކުރުމެވެ. އަނެއްގޮތަކީ ވިޔަފާރީގައި ދައުލަތުގެ ދައުރު ކުޑަކޮށް، ބާޒާރުގެ ދައުރު ބޮޑުކުރުމުވެ. އަދި ދައުލަތުގެ ދައުރަކީ އާންމު މަސްލަހަތާ ގުޅޭ ވިޔާފާރީތަކަށް ފާރަވެރިވުން ކަމުގައި ހެދުމެވެ.
ދައުލަތުން ވިޔަފާރި ހިންގާ ގޮތަށް ބަލައިލުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ބަލައިލަމާ ހެއްޔެވެ… ކޮންމެ އަހަރަކުވެސް ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ލިބޭ ގޮތަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާ އެކު ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ 2023ވަނަ އަހަރުއެވެ. މީގެ ސަބަބެއް ކަމުގައި ރައީސް އޮފީހުން ބަޔާންކޮށްފައިވަނީ، [ޙައްޖަށް ގެންގޮސްފައިވާ ގިނަ ކުންފުނިތަކުން ޙައްޖުވެރިންނަށް ދީފައިވާ ޚިދުމަތުގެ ފެންވަރާމެދު ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ޝަކުވާތަކެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށާއި، ދިވެހި ޙައްޖު މިޝަނަށް ލިބިފައިވެއެވެ. އަދި ކުންފުނިތަކަށް ޙައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބުމަށްފަހު، މިނިސްޓްރީން ހުއްދަދީފައި އޮންނަ އަގަށްވުރެ ބޮޑު އަގު ޙައްޖުވެރިންގެ އަތުން ނަގާކަމުގެ ޝަކުވާ އަބަދުވެސް އިވެމުންދެއެވެ.]1 ސަރުކާރުން މިކަން މިގޮތަށް ކުރަން ނިންމާފައިވަނީ، ޙައްޖުގެ ވިޔަފާރިތަކަށް ފާރަވެރިވެ، އެ ވިޔަފާރިތައް ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި، ސަރުކާރުގެ ޚިދުމަތެއް ގޮތުގައި ރައްޔިތުން ޙައްޖަށް ގެންދިޔުމަކީ އެންމެ މަސްލަހަތު ހުރި ގޮތްކަމަށް ބަލައިގެންނެވެ. ދެން މި ކުންފުނީގެ ހިސާބުތަކަށް ބަލައިލަމާ ހެއްޔެވެ. އެ ކުންފުންޏަކީ 2020ވަނަ އަހަރު އެއް މިލިއަން ރުފިޔާގެ ގެއްލުމުގައި، 2021ވަނަ އަހަރު ހަތަރު ލައްކަ ރުފިޔާގެ ގެއްލުމުގައި، 2022ވަނަ އަހަރު ސާޅީސް މިލިއަން ހަ ލައްކަ ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ ކުންފުންޏެކެވެ. މީގެ އިތުރުން، 2022ވަނަ އަހަރުގެ ފަހުގެ އަހަރީ ރިޕޯޓުތައް އާންމުނުކުރާ ކުންފުންޏެކެވެ.2 ޙައްޖު ކޯޓާ މޮނޮޕޮލައިޒް ކޮށް، ޙައްޖުގެ ކަންކަން މި ކުންފުނިން ހިންގަންޖެހޭނީ، މުޅި ރައްޔިތުންގެ ހަރަދުގައި ދައުލަތުގެ ސަބްސިޑީންނެވެ.
ދައުލަތުން ވިޔަފާރީ ކުރުމުގެ އެންމެ ބޮޑު ނުރައްކަލަކީ، ވިޔަފާރީ ކާމިޔާބުވުމާއި ނުވުމުގެ މަސްލަހަތު ނެތި ވިޔަފާރީކުރުމެވެ. ކުންފުނީގެ ހަގީގީ މަސްލަހަތުވެރިންނަކީ ރައްޔިތުންނެވެ؛ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނުވަތަ ސީ.އީ.އޯ އެއްނޫނެވެ. އެބައިމީހުން ކޮންމެ ގޮތަކަށް ކުންފުނި ހިންގި ނަމަވެސް އެބައިމީހުންގެ މުސާރަ އެބައިމީހުންނަށް ލިބެއެވެ. އަދި ރައުސްމާލަކީ އެބައިމީހުންގެ ރައުސްމާލަކަށް ނުވުމާއި، ކުންފުނީގެ ހަގީގީ މަސްލަހަތުވެރިންނާ ކުންފުންޏާ ދެމެދު ސީދާ ގުޅުން ނެތުމުން (ކުންފުނިތައް ހިންގަނީ ސަރުކާރުން ކަނޑައަޅާ ބަޔަކުކަމުގައިވުމުން)، އެބައިމީހުން ޒިންމާދާރުކުރުވުމަކީ އުނދަގޫ ކަމެކެވެ. ނަތީޖާއަކީ ކުންފުނިތައް ސިޔާސީ މަސްލަހަތަށް ބޭނުންކުރުމެވެ. އެ ގޮތުން، އެންމެ އާންމުކޮށް ސިޔާސީ މަސްލަހަތު ހާސިލުކުރެވޭ ގޮތަކީ ކުންފުނީގެ ވަޒީފާތަކުންނެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ބަލާއިރު، އެ ކުންފުންޏަކީ ރަށްތަކުގައި ޔުޓިލިޓީ ޚިދުމަތްދޭ ސަރުކާރުގެ ކުންފުންޏެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި މި ކުންފުނި މަސައްކަތްކުރާތީވެ، މި ކުންފުންޏަކީ ވީހާވެސް ގިނަ ސަރަހައްދުތަކެއްގައި ސިޔާސީ މަންފާ ލިބޭ ކަންކަން ހިނގުމުގައި އެންމެ ފަސޭހައިން ބޭނުންކުރެވޭ ކުންފުންޏެވެ. މިކުންފުނި ބޭނުންކުރެވޭ ގޮތަކީ ވަޒީފާތައް ރަށްރަށުގައި އުފައްދައި، އެ ވަޒީފާތައް ސިޔާސީ ބޭނުމަށް ބަހައިލުމެވެ.
ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން ރެކްރޫޓް ކުރުމާއި ޕްރޮމޯޝަން ދިނުމާއި މުސާރައާއި އިނާޔަތްތައް ދީފައިވާ ގޮތާ ގުޅޭ ގޮތުން، އޮޑިޓާ ޖެނަރަލް އޮފީހުން އާންމު ކޮންފައިވާ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2024ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބާ ދިމާކޮށް ފެނަކައިން ގިނަ ބަޔަކަށް ވަޒީފާ ދީފައިވެއެވެ.3 އަދި ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ކުންފުންޏަށް ނެގި އިރު އިތުރު އާ މަސައްކަތްތަކެއް ނެތް ކަމަށާއި އެހެންވެ އެއީ ބަޔަކަށް ގިނަ ވަޒީފާތަކެއް ދިނުމުގެ ބޭނުމުގައި ކޮށްފައި އޮތް ކަމެއް ކަމަށް އޮޑިޓުން ހާމަވެއެވެ. އޮޑިޓުން ހާމަވި ގޮތުގައި 2021-2024ވަނަ އަހަރުގެ ނިޔަލަށް ފެނަކައަށް ޖުމުލަ 4557 މުވައްޒަފުން ނަގާފައި ވާއިރު އާންމުކޮށް އިއުލާން ނުކޮށް އެ މުއްދަތުގައި 2480 މުވައްޒަފުން ވަނީ ނަގާފައެވެ. އަދި 2012ވަނަ އަހަރުން ފެށިގެން އާންމުކޮށް އިއުލާނު ނުކޮށް މުވައްޒަފުން ނެގޭ ގޮތަށް މުވައްޒަފުންގެ ގަވާއިދު ވަނީ ބަދަލުކޮށްފައެވެ.4 އެ ގޮތުން، 2023ވަނަ އަހަރު އޭޕްރިލް މަހާއި ސެޕްޓެންބަރު މަހާ ދެމެދުގައި 1501 މީހުންނަށް ވަޒީފާ ދީފައިވެ އެވެ. އެއީ ރިޔާސީ އިންތިޚާބު ބާއްވާ ތާރީޚުތައް ރަސްމީކޮށް އިއުލާން ކުރުމާއި ކެމްޕެއިންތައް ފަށައިގެން ގޮސް އިންތިޚާބު ބޭއްވި މުއްދަތާ ހަމައަށް ނެގި މުވައްޒަފުންގެ އަދަދެވެ.
ސަރުކާރުން ވިޔަފާރީ ހިންގުމުގެ ނޭދެވޭ ނަތީޖާތައް ވަރަށް ގިނައެވެ. ސިޔާސީ އަދި އިގުތިސާދީ ނަތީޖާތަކެވެ. ސަރުކާރުން ވިޔަފާރީ ހިންގުމުގެ ސަބަބުން ސަރުކާރުގެ ދައުރު ފުޅާވެއެވެ. ތަންފީޒީ ބާރަށް، ފުޅާ ބާރުވެރިކަމެއް ލިބިފައި އޮންނަ ނިޒާމެއްގައި، ސަރުކާރުގެ ވިޔަފާރީގެ ދައުރުގައި ނިންމަންޖެހޭ ނިންމުންތައް ނިންމުމުގެ ބާރުވެރިކަން ވެސް ލިބެއެވެ. ސަރުކާރުގެ ވިޔަފާރީއަކީ ސަރުކާރުގެ ބާރުވެރިކަން ފުޅާވާ ސަބަބެކެވެ. އެ ބާރުވެރިކަމަކީ އަބަދުވެސް ސިޔާސީ މަންފާއަށް ފަސާދައިގެ ތެރެއިން ބޭނުންކުރެވޭ ބާރުވެރިކަމެކެވެ.
(ރ) އަޣުލަބިއްޔަތުން ސިޔާސީ ނިންމުންތައް ނިންމުން
އަޣުލަބިއްޔަތުން ނިންމުންތައް ނިންމުމަކީ ޑިމޮކްރަސީގެ އުސޫލުން ކަންކަން ނިންމުމުގައި ބޭނުންކުރެވޭ އެންމެ އާންމު ގޮތެވެ. ނަމަވެސް މިއީ ހަގީގަތުގައި ޑިމޮކްރަސީއާ އެންމެ ބީރައްޓެހި، އަދި އެންމެ ނުރައްކާ ގޮތްކަމުގައި ވެދާނެއެވެ. ދިވެހި ސިޔާސީ ނިޒާމުގައި، އަޣުލަބިއްޔަތުގެ ނުފޫޒު ނުހަނު ގަދައެވެ. މިކަމުގެ ފަހަތުގައި ވަނީ، 2008ގެ ގާނޫނުއަސާސީއާ އެކު ޑިމޮކްރަސީގެ އުސޫލުން ކަންކަން ނިންމުމުގެ އިޚުތިޔާރު ރައްޔިތުންނަށް ދިނުމެވެ. ނަމަވެސް، އަޣުލަބިއްޔަތުން ކަންކަން ނިންމުމުގެ ސަބަބުން، ވަރަށް ގިނަ ބައެއްގެ ރައުޔާއި، ދެކޭ ގޮތްތައް އެއްކޮށް ދޫކޮށްލެވެއެވެ. ދިވެހި ސިޔާސީ ނިޒާމުގައި ސަރުކާރު އެކުލަވައިލުމާއި، ގާނޫނު ފާސްކުރުމާއި، އަހަރީ ބަޖެޓު ފާސްކުރުން ފަދަ ވަރަށް ގިނަ މުހިންމު، ގައުމީ ކަންކަން ހުރީ އާދައިގެ އަޣުލަބިއްޔަތަކުން ނިންމާ ކަންތައްތަކުގެ ގޮތުގައެވެ. އަޣުލަބިއްޔަތުގެ ނަތީޖާއަކީ ހަމައެކަނި އާބާދީގެ ބޮޑު ބައެއް އެދޭ ގޮތްތަކެއް އެއްކޮށް ދޫކޮށްލުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުން، އަޣުލަބިއްޔަތުގެ ސަބަބުން ސިޔާސީ މަސްރަހުގައި ދެބައިވުން އުފެދި، ސިޔާސީ ހިޔާލުތަފާތުވުންތައް ފުންވެ، ނިޒާމު ހިންގުން އެއް ގޮތެއްގައި ސާބިތުކުރަން އުނދަގޫ ވެއެވެ. އަޣުލަބިއްޔަތުގެ ބަދަލުގައި އިއްތިފާގުގެ މައްޗަށް ބިނާވެފައިވާ އުސޫލެއްގެ ދަށުން ނިންމުންތައް ނިންމާނަމަ، ވީހާވެސް ގިނަ ބައެއްގެ ބައިވެރިވުމާ އެކު ނިންމުންތައް ނިންމެއެވެ.
އެ ގޮތުން، ވީހާ ވެސް ގިނަ ބައެއްގެ ބައިވެރިވުމާ އެކު ނިންމުންތައް ނިންމާނަމަ، ގާނޫނު ފާސްކުރުމާއި، އެހެނިހެން ނިންމުންތައް އާދައިގެ އަޣުލަބިއްޔަތަށް ވުރެ މަތީ ދަރަޖައަކުން ނިންމަންޖެހެއެވެ. މަޖިލީހުގެ އަޣުލަބިއްޔަތު، މިސާލަކަށް 60 އިންސައްތަ ވަކި ޕާޓީއަކަށް އޮންނަ ނަމަ، އަދި ނިންމުންތައް ނިންމުމުގައި އާދައިގެ އަޣުލަބިއްޔަތެއް ބޭނުންވާނަމަ، އެހެން ޕާޓީތަކުގެ ބައިވެރިވުމެއް ނެތި، ހަމައެކަނި އަޣުލަބިއްޔަތުގެ ޕާޓީން ބޭނުންވާ ގޮތަކަށް ނިންމައިލެވިދާނެއެވެ. ނަތީޖާއަކީ 40 އިންސައްތައިން ބޭނުންވާ ގޮތެއް އެ ނިންމުމުގައި ހިމެނިފައި ނުވުން ކަމަށް ވެދާނެއެވެ. އޭގެ ބަދަލުގައި، ތިން ބައިކުޅަ ދެބައި އަޣުލަބިއްޔަތުން ނިންމުމެއް ނިންމާނަމަ، ހަމައެކަނި އަޣުލަބިއްޔަތުގެ ޕާޓީގެ އިތުރުން، އެހެން މެންބަރުންނާއި ޕާޓީތަކުގެ ރުހުން ވެސް ބޭނުންވެއެވެ. ނަތީޖާއަކީ ޕާޓީތަކުގެ މެދުގައި އޮންނަ ޚިޔާލުތަފާތުވުންތައް ފުންވިޔަ ނުދިނުމަށް ޕާޓީތަކުގެ މެދުގައި ލޮބީކުރުމާއި، ދޫދިނުމާއި، ވާހަކަދެއްކުން އިތުރުވެ، އިއްތިފާގީ ހަމައަކުން ގައުމުގެ ނިންމުންތައް ނިންމުމެވެ.
އިއްތިފާގުގެ މައްޗަށް ބިނާވެ ނިންމުންތައް ނިންމުމަކީ މުހިންމު ކަމެއް ކަމަށް ބައެއް ޙާލަތްތަކުގައި ދިވެހި ނިޒާމު އިޢުތިރާފުވެއެވެ. އޭގެ ތެރޭގައި ގާނޫނުއަސާސީ އިސްލާހުކުރުން ފަދަ ކަންކަމަކީ އާދައިގެ އަޣުލަބިއްޔަތަށްވުރެ ބޮޑު އަޣުލަބިއްޔަތަކުން ނިންމަންޖެހޭ ކަންކަމެވެ. ގައުމުގެ އެހެނިހެން ކަންކަން ނިންމުމުގައި ވެސް މި ފަދައިން އިއްތިފާގުގެ އުސޫލަށް އަމަލުކުރުމުން އެކަމުގެ ސިޔާސީ ފައިދާ ބޮޑެވެ.
(ބ) ގާނޫނުއަސާސީގެ 115ވަނަ މާއްދާ
ގާނޫނުއަސާސީގެ 115ވަނަ މާއްދާއަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރާ މާއްދާއެވެ. މި މާއްދާގެ (ބ) ގެ ދަށުން [ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުން….. އަދި ކުރު ރާސްތާއަށާއި، މެދު ރާސްތާއަށާއި، ދުރު ރާސްތާއަށް އަމާޒުކޮށް، ގައުމީ ތަރައްޤީގެ ޕްލޭންތަކާއި ތަސައްވުރުތައް] އެކަށައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބެއެވެ. ރިޔާސީ ދައުރެއްގެ އުމުރަކީ ފަސް އަހަރެވެ. ދެ ދައުރު ލިބެއްޖެ ނަމަ 10 އަހަރެވެ. ނަމަވެސް، މެދު ރާސްތާއާއި ދިގު ރާސްތާގެ ތަރައްގީގެ ޕުލޭންތައް އެކަލަވައިލުމުގެ ބާރު މި މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދެއެވެ. ތަރައްގީގެ ޕުލޭންތަކުގެ މުއްދަތު ރިޔާސީ ދައުރަށް ވުރެ ދިގު އިރު، އަދި ކޮންމެ ރައީސަކަށްވެސް އެ ތަރައްގީގެ ޕުލޭންތައް އެކުލަވައިލުމުގެ ބާރު މި މާއްދާއިން ލިބިދޭ ނަމަ، ތަރައްގީގެ ޕުލޭނެއް ތަންފީޒުކުރެވޭނީ ކިހިނެތް ހެއްޔެވެ؟ މި މާއްދާއަށް ބަލާއިރު، ކޮންމެ ވަކި ސަރުކާރަކީ ވަކި ތަރައްގީގެ ޕުލޭނެއް އޮންނަ ސަރުކާރަކަށް ވެދާނެއެވެ. ނަތީޖާއަކީ ގައުމުގެ މުސްތަގުބަލުގައި، ދިގު މުއްދަތުން ހާސިލުކުރަން ބޭނުންވާ ކަންކަން ހާސިލުކުރުމަށް ތަންފީޒުކުރަންޖެހޭ ސިޔާސަތުތައް ތަންފީޒުކުރުމަށް ނުކުޅެދުމެވެ.
1978 އިން 2008 އަކަށް ރައީސްކަން ކުރެއްވި، ރައީސް މައުމޫން ޢަބްދުލްޤައްޔމްގެ ސަރުކާރުގައި ގައުމީ ތަރައްގީގެ 7 ޕުލޭނެއް ކޮންމެ 5 އަހަރަކުން އެކުލަވައިލެވުނެވެ. އެންމެ ފަހުގެ ޕުލޭނަކީ 2006 އިން 2010 އަކަށް ތަންފީޒުކުރުމަށް އެކުލަވައިލެވުނު ޕުލޭނެވެ. މި ދުވަސްވަރަކީ ސިޔާސީ ވާދަވެރިކަން އޮވެ، އިންތިޚާބުތަކާ އެކު ސަރުކާރު ބަދަލުވި ޒަމާނެއް ނޫނެވެ. އެހެންކަމުން، އެއް ސަރުކާރެއްގައި މި ފަދައިން ބަދަލުވާ ޕުލޭންތައް ވިލަރެސްކޮށް، ސިޔާސަތުތައް ދިގު މުއްދަތަށް އެއް ގޮތެއްގައި ބައްޓަންކުރެވެއެވެ. އެހެން ނަމަވެސް، 2008ގެ ފަހުން ސިޔާސީ ވާދަވެރިކަމާ އެކު ސަރުކާރުތައް ކޮންމެ 5 އަހަރަކުން ބަދަލުވާ ނަމަ، އެއް ގޮތެއްގައި ދިގު ރާސްތާގެ ތަރައްގީގެ ޕުލޭންތައް ތަންފީޒެއް ނުކުރެވޭނެއެވެ.
އެއަށް ފަހު، ތަރައްގީގެ ޕުލޭނެއް އެކުލަވައިލެވުނީ ރައީސް ޞާލިޙުގެ ސަރުކާރުގައެވެ. އެއީ [ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2019-2023] އެވެ. މި ޕުލޭނަކީ 2019 އިން 2023 އަށް ތަންފީޒުކުރުމަށް އެކަށައެޅުނު ޕުލޭނެއް ކަމަށް ވީނަމަވެސް، ޕުލޭންގައި ހުރި ކަންކަމަށް ބަލާއިރު، މިއީ ހަގީގަތުގައި ވަރަށް ދިގު ރާސްތާއެއްގެ ތަރައްގީގެ ޕުލޭނެކެވެ. އޭގެ ފަހުން، ރައީސް ޞާލިޙުގެ ސަރުކާރަށް ފަހު، އިންތިޚާބުވި ރައީސް މުޢިއްޒުގެ ސަރުކާރުން ވެސް 20 އަހަރުގެ ތަރައްގީގެ މާސްޓަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވެއެވެ.
ގައުމީ ތަރައްގީގެ ޕްލޭން އެއްގޮތެއްގައި ތަންފީޒުކުރުމަށް ގާނޫނީ ބާރުވެރިކަން ދިނުމަކީ ހައްލެއްގެ ގޮތުން 2024ވަނަ އަހަރުގެ ފެބުރުއަރީ މަހު [ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމުގެ ބިލު] ގެ ނަމުގައި ބިލެއް 19ވަނަ މަޖިލީހަށް ހެށަހެޅުނެވެ. އެ ބިލުގެ ބޭނުމަކީ ކޮންމެ ސަރުކާރަކުން ވެސް ތަރައްގީގެ ޕުލޭން އެކުލަވައިލައި، އެ ޕްލޭނުގައި ކަނޑައަޅާ މިންގަނޑުތަކުގެ ތެރޭގައި މަޝްރޫއުތައް ރާވައި ހިންގުން ތަންޒީމުމެވެ. ނަމަވެސް، މި ބިލުގެ ދަށުން ކޮންމެ ސަރުކާރަކަށް ވެސް ތަރައްގީގެ ޕުލޭނެއް އެކުލަވައިލެވެއެވެ. އެހެންކަމަށް ވެއްޖެ ނަމަ، ދުރު ރާސްތާގެ ޕުލޭނެއްގެ ދަށުން ދައުލަތް ހިންގުމަކީ ވާނެ ކަމެއް ނޫނެވެ. ރައީސް މުޢިއްޒުގެ ސަރުކާރުގެ ވިސްނުމަކީ އެ ސަރުކާރުން އެކުލަވައިލާ 20 އަހަރުގެ ތަރައްގީގެ މާސްޓަ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ދިނުމަށް އެކަމަށް ޚާއްސަ ގާނޫނެއް ވެސް އެކުލަވައިލުމެވެ. އަދި ގާނޫނުއަސާސީން ވެސް އެ ޕުލޭނަށް ބާރުލިބޭ ގޮތަށް ގާނޫނުއަސާސީއަށް ވެސް އިސްލާހެއް ގެނައުމެވެ.5 އެހެން ނަމަވެސް، އެ ފަދަ ގާނޫނެއް ވެސް އަދި ގާނޫނުއަސާސީގެ އިސްލާހެއް ވެސް ނެތި 20 އަހަރުގެ ތަރައްގީގެ ޕުލޭން އެކުލަވައިލުމުގެ މަސައްކަތް 2024ވަނަ އަހަރުގެ ނޮވެންބަރު މަހު ފަށާފައިވެއެވެ.
ތަރައްގީގެ ޕުލޭންތައް އެކުލަވައިލައި ތަންފީޒުކުރުމުގައި އެއް ގޮތެއްގައި ނުހިފެހެއްޓޭ ސަބަބަކީ ގާނޫނީ ބާރުވެރިކަން ނެތުމަށް ވުރެ ބޮޑަށް، ސިޔާސީ ވާދަވެރިކަމެވެ. އެއް ބައެއްގެ ތަރައްގީގެ ޕުލޭނަކީ ސަރުކާރާ ހަވާލުވާ އަނެއްބަޔަކަށް ކަމުދާ ޕުލޭނަކަށް ނުވަނީ އެވެ. ދެން އެބަޔަކަށް ކަމުދާ ޕުލޭނަކަށް ސިޔާސަތުތައް ހިންގުމަށް އަލުން ޕުލޭނެއް އެކުލަވައިލައެވެ. މި ފަދައިން ވަކި ސަރުކާރަކުން އެކުލަވައިލާ ޕުލޭނަކަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ފަހު، ބަދަލުނުކުރެވޭ ގޮތަށް ހަދައިފިނަމަ، ދެން އަންނަ ސަރުކާރަކުން ހިންގަން ބޭނުންވާ ސިޔާސަތުތައް ހިންގުމުގައި ދަތިތައް މެދުވެރިވެއެވެ. ނަތީޖާއަކީ ގާނޫނު ބަދަލުކުރުން ކަމަށް ވެދާނެއެވެ. އެ ބަޔަކު ބޭނުންވާ ސިޔާސަތެއް ހިންގުމަށް ގާނޫނީ ހީލަތްތައް ބޭނުންކުރުން ކަމަށް ވެދާނެއެވެ. ތަރައްގީގެ ޕުލޭނެއް އެކުލަވައިލުމުގައި ރައްތިތުންގެ ވިސްނުން ބެލި ނަމަވެސް، ހަގީގަތުގައި ރައްޔިތުންގެ ފަރާތުން ސިޔާސަތުތައް ތަންފީޒުކުރަނީ ސިޔާސީ ގޮތުން އިންތިޚާބުވާ މީހުންނެވެ. އެބައިމީހުންގެ ބައިވެރިވުމާ އެކު ނޫންގޮތަކަށް އެކުލަވައިލެވޭ ޕުލޭނަކަށް ހަމަޖެހުން ލިބި، އެއްގޮތެއްގައި ތަންފީޒެއްނުވާނެއެވެ. އެހެންކަމުން، މި މައްސަލައިގައި މުހިންމީ ގާނޫނީ ބާރުވެރިކަމަށް ވުރެ ބޮޑަށް، ސިޔާސީ ހައްލެކެވެ. އެއީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ސިޔާސަތުތައް ތަންފީޒުކުރެވޭ އިރު، އެ ސިޔާސީ ވާދަވެރިކަން އެއް ގޮތެއްގައި ދެމެހެއްޓޭނެ ނިޒާމެކެވެ. އަޣުލަބިއްޔަތުގެ ބަދަލުގައި އިއްތިފާގުގެ ނިޒާމެކެވެ.
ތިން ބާރު ވަކިވުން
ތިން ބާރު ވަކިކުރުމުގެ ހަގީގީ ބޭނުމަކީ އެކެއްގެ ނުވަތަ އެއް ބާރެއްގެ އަތުގައި ދައުލަތް ހިންގުމުގެ ހުރިހާ ބާރުތަކެއް ޖަމާވިޔަނުދިނުމެވެ. ސަބަބަކީ [އެކެއްގެ އަތުގައި ހުރިހާ ބާރެއް ޖަމާވެއްޖެނަމަ ޚުދުމުހުތާރުކަމަށް މަގުފަހިވުމެވެ.] އެހެން ކަމުން، ރިޔާސީ ނިޒާމުގައި ދައުލަތުގެ ބާރުތަކުން ކުރެ، މައިގަނޑު ތިން ބާރު ކަނޑައަޅައި، ތިން ބާރު ވަކިކުރެވި، ކޮންމެ ބާރެއްގެވެސް ހުދޫދު ކަނޑައެޅެއެވެ. ހަގީގަތުގައި، ދައުލަތް ހިންގުމަށް ހުރި ނުރައްކަލަކީ ވެސް ތިން ބާރު ވަކި ކުރެވި، އެންމެ ބޮޑު ބާރު ކަމުގައިވާ ތަންފީޒީ ބާރަށް ޚާއްސަ ބާރުތަކެއް ކަނޑައެޅިފައިވުން ކަމުގައި ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މި ބާރުތައް ޖަމާވެފައިވަނީ އެންމެ މީހެއްގެ އަތުގައެވެ. އެ ފަދަ ބާރުތަކެއް ޖަމާވެ، އެ މީހަކު ބޭނުންވާ ގޮތަކަށް އެ ބާރުތައް ތަންފީޒުކުރާ އިރު އެކަން ވެގެންދަނީ ހުދުމުޚުތާރުކަމަށެވެ؛ ހުދުމުޚުތާރުކަން އޮތުމަށް ގައުމުގެ ރައީސްގެ އަތުގައި ގާނޫނު ހެދުމާއި ޤަޟާގެ ބާރު އޮންނާކަށް ކޮންމެހެން ނުޖެހޭނެއެވެ.
ޤަޟާއީ ބާރާއި ގާނޫނުނު ހެދުމުގެ ބާރު ގާނޫނީ ގޮތުން ވަކިކުރެވިފައި ވީނަމަވެސް، ތަންފީޒީ ބާރަށް ލިބިފައިވާ ޚައްސަ ބާރުވެރިކަމުގެ ސަބަބުން، ސިޔާސީ ގޮތުން ތިން ބާރު އެއްވާތަން އާދެއެވެ. މިކަންކަން ހުއްޓުވުމަށް، ގާނޫނުން ހުރިހާ ކަމެއް ތަންޒީމެއްނުކުރެވޭނެއެވެ. އަދި ހުރިހާ ކަމަކަށް ގާނޫނެއް ހަދަން އުޅުމަކީ ވެސް މުސްތަހީލު ކަމެކެވެ. މިކަން ހިނގަނީ ނިޒާމުގައި ހުންނަ އެކި ލޯވަޅުތަކުންނެވެ. މިސާލަކަށް ރިޔާސީ ނިޒާމެއް އޮންނަ އިރު، ސަރުކާރު ހިންގާ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުން، ތަންފީޒީ ބާރާއި ގާނޫނު ހެދުމުގެ ބާރު އެއްވީއެވެ. މިކަމުގައި ގާނޫނީ ގޮތުން ކުރެވޭނެ އެއްވެސް ސުވާލެއްވެސް ނެތެވެ. ސަރުކާރުން ބޭނުންވާ ގޮތަކަށް ގާނޫނުތައް ފާސްކޮށް، ޖަވާބުދާރީވުން ބޭނުންވާ ގޮތަކަށް އިންތިޒާމުކުރުމަށް މަގުފަހިވީއެވެ. 2009ގެ މަޖިލިސް އިންތިޚާބުގެ ފަހުން، ކޮންމެ މަޖިލިސް އިންތިޚާބެއްގައި އެއިރެއްގައި އޮންނަ ސަރުކާރެއްގެ ޕާޓީއަށް އަޣުލަބިއްޔަތު ލިބިފައިވެއެވެ. 2009ގެ އިންތިޚާބުގައި މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވަނީ އިދިކޮޅު ޕާޓީއަށެވެ. ނަތީޖާއަކީ ސަރުކާރު ހިންގަން ދަތިކުރުމާއި، ސަރުކާރު ހިންގުމަށް މަޖިލީހުން ކުރަންޖެހޭ ކަންކަން ކުރިޔަނުދީ ސަރުކާރު ހިފެހެއްޓުމެވެ.6
ތަންފީޒީ ބާރަކީ އެ ބާރުގެ ޒާތުގައި ވެސް ބާރުގަދަ ބާރެކެވެ. އެހެނީ އެއީ ދައުލަތުގެ ތަންފީޒީ ބާރެވެ. ރައްޔިތުންގެ މަޖިލީހުން ކަމެއް ތަންފީޒުކުރަންވެއްޖެ ނަމަ އެކަމެއް ނުވަތަ ސިޔާސަތެއް ތަންފީޒުކުރާ ފަރާތަކީ ތަންފީޒީ ބާރެވެ. އެހެންކަމުން، ތަންފީޒީ ބާރަކީ، އެ ބާރުގެ ޒާތުގައި ވެސް ބާރުވެރި ފަރާތެކެވެ. ހަގީގަތުގައި ތަންފީޒީ ބާރުތައް އެކެއްގެ އަތުގައި ޖަމާވުމަކީ ތިންބާރު ވަކިކޮށްގެން ހާސިލުކުރަން ބޭނުންވާ މަގުސަދު ހާސިލުވާނެ ކަމެއްނޫނެވެ. އަދި ހަމަ އެއާ އެކު، ތަންފީޒީ ބާރަކީ ވަރުގަދަ ބާރަކަށް ވާއިރު އެ ބާރު އެކެއްގެ އަތުގައި ޖަމާވުމަކީ ވެސް ވަކި ބޮޑަށް ހުދުމުޚުތާރުކަމަށް މިސްރާބުޖަހާ ސަބަބެކެވެެ.7 މިއީ ރިޔާސީ ނިޒާމުގައި އޮތް [ޕޭރެޑޮކްސް] އެކެވެ.
ބާރުތައް ވަކިވުމާއި، ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ދެން އިތުރުވާ ބޮޅަކީ ބާރުތައް އެއްވުމަށް މަޖުބޫރުވުމެވެ. ސަބަބަކީ، ގާނޫނު ހެދުމުގެ ބާރާއި ތަންފީޒީ ބާރާއި ވަކިވެފައި އޮންނަ އިރު، މި ދެ ބާރު ސިޔާސީ ދެ ވާދަވެރިންނަށް ލިބުމަކީ ދައުލަތުގެ ހިންގުމަށް ދަތިވާނެ ކަމެކެވެ. އެހެންކަމުން، އިދިކޮޅު ޕާޓީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބުނަ ނުދިނުމަށް، ސަރުކާރު ހިންގާ ޕާޓީއަށް މަޖުބޫރުވަނީ މަޖިލީހުގެ އަޣުލަބިއްޔަތު ވެސް ހޯދުމަށް މަސައްކަތްކުރުމެވެ. ނަތީޖާއަކީ ނިޒާމު އެކަށައެޅިފައިވާ ގޮތުން، އެކެއްގެ އަތުގައި ހުރިހާ ބާރުތަކެއް ފުނިޖެހުމަށް މިސްރާބުޖެހުމެވެ. އަދި، އެކެއްގެ އަތުގައި ހުރިހާ ބާރުތަކެއް ޖަމާނުވާނަމަ ސަރުކާރު ހިންގުމަކީ އުނދަގޫ ކަމެކެވެ. މި ނިޒާމަކީ އެ ނިޒާމުގެ ޒާތުގައި ވެސް ބާރުތައް އެއްވުމަށް ސިޔާސީ ގޮތުން މަޖުބޫރުވާ ނިޒާމެކެވެ.
ޝަރުޢިއްޔަތު އެންމެ މީހެއްގެ އަތަށް: ބާރުތައް އަމިއްލަވުން
ތަންފީޒީ ބާރު އެކުލެވިގެންވާ ގޮތުން، ރައީސުލްޖުމުހޫރިއްޔާއަކީ [ވެރިޔާ] އެވެ. ތަންފީޒީ ބާރުގައި ޝަރުޢިއްޔަތު އޮންނަނީ ހަމައެކަނި ރައީސުލްޖުމުހޫރިއްޔާއަށެވެ. ތަންފީޒީ ބާރުގައި، ހަމައެކަނި ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރެވޭ މީހަކީ ރައީސެވެ. ތަންފީޒީ ބާރުގެ އިތުރު މެންބަރުންނަކީ ރައްޔިތުންގެ ސީދާ ރުހުން އޮތުން ލާޒިމުވާ ބައެއް ނޫނެވެ. ރައީސް އިންތިޚާބުކުރުމަށް ފަހު، މުޅި ތަންފީޒީ ބާރު އެކުލަވައިލުމުގައި ހުރިހާ ބާރެއް އޮންނަނީ ރައީސަށެވެ. ބައެއް ހާލަތްތަކުގައި މަޖިލީހުން ރުހުން އޮންނަން ޖެހުނު ނަމަވެސް ހަގީގަތުގައި ވަކި މަގާމަކަށް އައްޔަންކުރާނީ ކާކުކަން ނިންމަނީ ރައީސުލްޖުމުހޫރިއްޔާއެވެ. ސިޔާސަތުތައް ކަނޑައެޅުމުގައި ވެސް އޮންނަނީ މި އުސޫލެވެ؛ އެންމެ މީހަކަށް ފެންނަ ގޮތެވެ. މިއީ [ބާރުތައް އަމިއްލަވުމަށް] (ޕާސަނަލައިޒޭޝަން އޮފް ޕަވަރ) ފުރުސަތު އޮންނަ ނިޒާމެކެވެ. ބާރުތައް އަމިއްލަވުމަކީ މުއައްސަސީ ގޮތެއްގައި އިންތިޒާމުވެގެން ނިންމުންތައް ނިންމުމުގެ ބަދަލުގައި، ނިންމުންތައް ނިންމުމުގެ ބާރުވެރިކަމާއި އިޚުތިޔާރުތައް އެކެއްގެ އަތްމައްޗަށް ޖަމާވެ، އެކަކު ބޭނުންވާގޮތަކަށް ނިޒާމު ހިންގުމެވެ.
މި ހާލަތުގައި އެންމެ ފާހަގަކުރެވެނީ ވަޒީރުންގެ މަޖިލީހެވެ. ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމުގައި އޮންނަ އުސޫލުތަކަށް ބަލާއިރު، ވަޒީރުންނަކީ ކޮން ބައެއްކަން ނިންމަނީ ރައީސުލްޖުމުހޫރިއްޔާއެވެ. ރައްޔިތުންގެ މަޖިލީހުން ހަމައެކަނި ކުރަންޖެހޭ ކަމަކީ ވަޒީރުންނަށް ރުހޭކަމަށް ނުވަތަ ނޫންކަމަށް ވޯޓެއް ނެގުމެވެ. އެހެންކަމުން، މުޅި ވަޒީރުންގެ މަޖިލިސް ބިނާވެފައިވަނީ ރައީސްގެ ޝަރުޢިއްޔަތުގެ މައްޗަށެވެ. މިއާ ޚިލާފަށް، ރިޔާސީ ނިޒާމުގެ އަސްލު ކަމުގައިވާ އެމެރިކާގެ ނިޒާމަށް ބަލާއިރު ކެބިނެޓަށް އައްޔަންކުރެވޭ މީހުންނަށް ކެބިނެޓުގެ ޒިންމާތައް އަދާކުރެވެނީ ކޮންގުރެސްގައި އޮންނަ ހަމައެކަނި ވޯޓަކުންނެއްނޫނެވެ. އޭގެ އިތުރަށް، އެމީހެއްގެ ކިބައިގައި ޒިންމާތައް އަދާކުރުމުގެ ޤާބިލުކަން ހުރޭތޯއާއި، އެއީ އަޚުލާޤީ ގޮތުންނާއި ފަންނީ ގޮތުން ޒިންމާތައް އަދާކުރެވޭ ވަރުގެ މީހެއްތޯ ބެލުމަށް ކޮންގުރެސްގައި އެމީހަކާ ސުވާލުކުރެވި ޖަވާބުދާރީކުރުވުމުގެ އަޑުއެހުމެއް ބާއްވައެވެ.
ވަޒީރުންގެ މަޖިލިސް އެކުލަވައިލުމަކީ ހަމައެކަނި ރައީސުލްޖުމުހޫރިއްޔާގެ އިޚުތިޔާރަކަށްވެ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަކީ ހަރުދަނާ ގޮތެއްގައި އައްޔަންކުރެވޭ ބަޔަކަށް ނުވުމުގެ ނަތީޖާއަކީ، ވަޒީރުންގެ މަޖިލީހަކީ ރައީސްގެ [އަމިއްލަ ބާރުވެރިކަމުގެ ހާއްޔަކަށްވުމެވެ.] ވަޒީރުންގެ ވަފާތެރިކަން އޮންނަންޖެހެނީ ރައީސުލްޖުމުހޫރިއްޔާއަށް ކަމުގައި ވުމެވެ.
މީގެ އިތުރުން، ދައުލަތުގެ ގިނަ ކޮމިޝަންތަކާއި އެހެނިހެން މުއައްސަސާތަކަށް މެންބަރުން އައްޔަންކުރުމަށް ނަން ހުށަހެޅުމުގެ އިޚުތިޔާރު އޮންނަނީ ރައީސުލްޖުމުހޫރިއްޔާ އަށެވެ. ނަމަވެސް، ރިޔާސީ ނިޒާމަކަށް ވީނަމަވެސް، ދައުލަތް ހިންގުމުގައި ޝާމިލުވާ މުސްތަގިއްލު މުއައްސަސާތަކަށް އައްޔަންކުރާ މެންބަރުންނަކީ ރައީސުލްޖުމުހޫރިއްޔާ ހުށަހަޅާ ނަންތަކެއް ކަމުގައި ވާންޖެހެނީ ކޮން އުސޫލަކުން ކަމެއް ދިވެހި ނިޒާމުގައި ސާފެއްނޫނެވެ؛ އެއީ ސިޔާސީ ކޮން ނަޒަރިއްޔާތަކުން ދިވެހީންނަށް ލިބިފައިވާ އާދައެއްކަން ސާފެއްނޫނެވެ. މިއީ ފަހަރުގައި، ރައީސުލްޖުމުހޫރިއްޔާއަކީ [ދައުލަތުގެ އެންމެ މަތީ ވެރިޔާ] ކަމުގައި ވާތީ ލިބިގެންވާ ބާރުވެރިކަމަށް ވެދާނެއެވެ. ނަމަވެސް ދައުލަތުގެ މުސްތަގިއްލު މުއައްސަސާތަކަށް އައްޔަންކުރެވޭ މީހުންގެ ނަން ފޮނުވުމުގެ އިޚުތިޔާރުތައް ރައީސުލްޖުމުހޫރިއްޔާއަށް އޮތުމަކީ ދައުލަތް ހިންގުމުގައި އަމިއްލަވަންތަކަމުގެ ސިފަ އެކުލެވިގެންވާ ކަމެކެވެ. މިއީ ދިވެހި ސިޔާސީ މަސްރަހުން ނައްތައިލުމަށް 2008ގެ ގާނޫނުއަސާސީން ގަސްދުކުރެވުނު ކަމެކެވެ.
އިލެކްޝަންސް ކޮމިޝަނާއި، ދިވެހި ސިވިލް ސަރވިސް ކޮމިޝަނާއި، ހިޔުމަން ރައިޓްސް ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުންނާއި އަދި ޕްރޮސިކިއުޓަރ ޖެނެރަލް ކަމަށް އައްޔަންކުރާނެ މީހަކު ކަނޑައަޅަނީ ރައީސުލްޖުމުހޫރިއްޔާ އިޚުތިޔާރުކުރާ ނަންތަކެއްގެ މައްޗަށެވެ. މިއިން ބައެއް ކޮމިޝަންތަކުގެ ރައީސުންނާއި ނައިބު ރައީސުން ކަނޑައަޅަނީ ރައީސުލްޖުމުހޫރިއްޔާ އިޚުތިޔާރުކުރާ ނަންތަކަކުންނެވެ. ދައުލަތުގެ ވިޔަފާރީގެ މަސައްކަތްތަކަށް ފާރަވެރިވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އައްޔަންކުރަނީ ރައީސުލްޖުމުހޫރިއްޔާ ހުށަހަޅުއްވާ ނަންތަކެއް، މަޖިލީހުން ފާސްވެގެންނެވެ. އެހެންކަމުން ދައުލަތުގެ ކުންފުނިތަކުގެ ވެރިންނަކީ ރައީސުލްޖުމުހޫރިއްޔާގެ އިޚުތިޔާރުގެ ދަށުން އައްޔަންކުރެވޭ ބަޔަކަށް ވެއެވެ. ތަންފީޒީ ބާރުތައް ފުޅާވުމުގެ މައުލޫށް ބަލާއިރު، މުޅި ހިންގުމުގެ ނިޒާމު ބާރުތައް އެވަނީ އަމިއްލަވެފައެވެ. ނަތީޖާއަކީ މުއައްސަސާތަކަށާއި އުސޫލުތަކަށް ވަފާތެރިވުމުގެ ބަދަލުގައި މަސްއޫލުވެރިން ވަފާތެރިވާންޖެހޭ ފަރާތަކީ ރައީސުލްޖުމުހޫރިއްޔާ ކަމުގައި ވުމެވެ. މިއީ ދައުލަތުގެ ބާރުތައް އަމިއްލަވުމުގެ މަފްހޫމެވެ.
ސަރުކާރަށް ލިބެންޖެހެނީ ކޮން ބާރުތަކެއް، ކިހާ މިންވަރަކަށް ކަން ދެނެގަތުމަށް، ސަރުކާރެއް އޮތުމުގެ މަގުސަދާ މެދު ނަޒަރީ ގޮތެއްގައި ބަހުސްކުރެވި، ސަރުކާރެއްގެ ވަޒީފާއަކީ ކޮބައިތޯ ދެނެގަންނަންޖެހެއެވެ. ސަރުކާރެއްގެ ބޭނުމަކީ، އެންމެ އަސާސީ ގޮތެއްގައި ބަޔާންކުރާނަމަ، ރައްޔިތުންގެ ޖަމާއީ މަސްލަހަމަސްލަހަތުތައް ހިންގުމެވެ. ސަރުކާރެއްގެ ބޭނުމަކީ ވަކި ކަންތައްތަކެއް ހާސިލުކުރުން ކަމުގައި ދެކޭނަމަ، އެ ކަންކަން ހާސިލުކުރާނެ ހުރިހާ ބާރުވެރިކަމެއް ސަރުކާރަށް ލިބެންޖެހެއެވެ. ސަރުކާރެއް އޮތުމުގެ މަގުސަދަކީ ރައްޔިތުންގެ ޖަމާއީ މަސްލަހަތުތައް ހިންގުން ކަމުގައި ވާނަމަ، ރިޔާސީ ނިޒާމުގައި އޮންނަ ފަދަ ބާރުތަކެއް ލިބިފައިނުވި ނަމަވެސް، ސިޔާސީ އިންތިޒާމުގެ ތެރެއިން މަސްލަހަތުތައް ހިންގެއެވެ. ކުރަން ބޭނުންވާ ކަމެއް ފަސޭހައިން ކުރެވި، ނިންމުންތައް ފަސޭހައިން ނިންމުމުގެ ފުރުސަތު އޮތުމަކީ ރިޔާސީ ނިޒާމުގެ އެއް ހުއްޖަތެވެ. އެހެންކަމުން، އެއް ސަރުކާރެއްގެ ސިޔާސަތުތައް އަނެއް ސަރުކާރަކުން ފަސޭހަކަމާ އެކު ބަދަލުކުރުމަކީ ރިޔާސީ ނިޒާމެއްގައި އާންމު ކަމެކެވެ. މިއާ ޚިލާފަށް، މަސްލަހަތުތައް ހިންގުން އޮންނަންވީ ސިޔާސީ އިންތިޒާމުގެ ތެރެއިން އިއްތިފާގީ އުސޫލުތަކުގެ ތެރެއިންނެވެ. އިއްތިފާގީ އުސޫލުން ކަންކަން ނިންމައި ހިންގުމަކީ އުނދަގޫ ކަމެކެވެ. އަދި ގިނަ މީހުންގެ ރައުޔާއި އެއްބަސްވުން އޮންނަން ޖެހެއެވެ. މިކަމުގެ ސަބަބުން ނިންމުންތައް ތަންފީޒުކުރުން ލަސްވެއެވެ. ނަމަވެސް، އެ ފަދަ ނިންމުންތަކަށް ދާއިމީ ސިފަ ލިބިގެންވެއެވެ؛ ހަރުދަނާ ނިންމުންތަކެއް ނިންމެއެވެ. ސިޔާސީ މަސައްކަތް ފަހުމްވާންވީ ވަކި ކަންތައްތަކެއް ކުރުމަށް ވުރެ، ސިޔާސަތު ހިންގުމުގެ ގޮތުގައެވެ.
ސިޔާސީ ބާރުވެރިކަމެއް ނެތް ކޯލިޝަންތަކެއް
2008ގެ ފަހުން ބޭއްވުނު ހުރިހާ ރިޔާސީ އިންތިޚާބުތަކެއްގައި ވެސް، އިންތިޚާބުތައް ކާމިޔާބުކުރެވިފައިވަނީ އިދިކޮޅު ޕާޓީތަކުގެ ކޯލިޝަނަކުންނެވެ. ކޯލިޝަން ސަރުކާރަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ނަމަވެސް، ދިވެހި ސިޔާސީ ތަޖުރިބާއަކީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ވެސް ކޯލިޝަންތަކެއް ހެދުމެވެ. ސަބަބަކީ، ސަރުކާރާ ދެކޮޅު އޮއިވަރު އުފެދުމެވެ. މި އޮއިވަރުގެ ސަބަބުން [އަހަރެންގެ ދުޝްމަނުގެ ދުޝްމަނުންނަކީ އަހަރެންގެ ރައްޓެހިންނަށް ވުމުގެ] އުސޫލުން ވަގުތީ (ޕްރެގްމެޓިކު) ކޯލިޝަންތަކެއް އުފެދެއެވެ.
ކަން ހިންގާ ގޮތުން، ކޯލިޝަންތަކުގެ ބޭނުމަކީ ސަރުކާރެއް ހިންގުމަށް ވުރެ ބޮޑަށް، ސަރުކާރު ހިންގާ ޕާޓީ އިންތިޚާބުން ބަލިކުރުމެވެ. ރިޔާސީ ނިޒާމުގައި ތަންފީޒީ ބާރުގެ އަސާސަކީ ރައީސުލްޖުމުހޫރިއްޔާއެވެ. އެހެންކަމުން، ކޯލިޝަނަކާ އެކު އިންތިޚާބެއް ކާމިޔާބުކުރެވުނު ނަމަވެސް، ކޯލިޝަނަކުން ސަރުކާރު ހިންގުމަކީ ލާޒިމުކަމެއް ނޫނެވެ. ކޯލިޝަނަކާ އެކު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވުނު ނަމަވެސް، ސަރުކާރު ހިންގުމުގައި ސިޔާސީ ގޮތުން ބާގެއިން ކުރާނެ ބާރުވެރިކަން ކޯލިޝަނުގައި ބައިވެރިވާ ފަރާތްތަކަށް ލިބިގެންނެއް ނުވެއެވެ. އާޚިރުގައި ސަރުކާރު އެކުލަވައިލެވޭނީ ހަމައެކަނި އެންމެ މީހަކަށް ފެންނަ ގޮތަކަށެވެ. ނަތީޖާއަކީ، ސިޔާސީ އިއްތިފާގަކުން ސަރުކާރުން ހިންގުމަށް ފުރުސަތެއް ނެތުމެވެ. މި ހާލަތުގައި ހަމައެކަނި އިއްތިފާގަކުން ސަރުކާރަކުން އެކުލަވައިލުމުގެ ފުރުސަތު ގެއްލެނީއެއްނޫނެވެ؛ އޭގެ އިތުރުން، ކަލްޓު ސިޔާސަތަށް ފުރުސަތު ހުލުވެއެވެ. އެއީ ރައީސުލްޖުމުހޫރިއްޔާއަށް ލިބިފައިވާ ބާރުތަކާއި އިޚުތިޔާރުތަކާ އެކު ސަރުކާރުގައި އޮންނަ ސިޔާސީ ފުރުސަތުތަކުގެ ސަބަބުން، އެހެނިހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މީހުން، ޕާޓީ ބަދަލުކުރުމަށް ހިތްވަރު ލިބުމެވެ. ކޯލިޝަނަކީ ދިވެހި ރިޔާސީ ނިޒާމުގައި މާނަ ހުރި ކަމެއް ކަމުގައި ހެދުމަށް، ކޯލިޝަނެއްގައި ހިމެނޭ އެއްބަސްވުންތަކަށް ގާނޫނީ ރައްކާތެރިކަން ދިނުމަށް ގާނޫނެއް ވުޖޫދަށް ގެނައުމަކީ 2012 ގެ ފަހުކޮޅު ސިޔާސީ މަސްރަހުގައި އޮތް ޚިޔާލެކެވެ.8 ނަމަވެސް، ދުސްތޫރީ ނިޒާމުގެ ބޭރުން އެކުލަވައިލެވޭ ސިޔާސީ ކޯލިޝަނަކުން އެ ނިޒާމުން ރައީސުލްޖުމުހޫރިއްޔާއަށް ލިބޭ ބާރުވެރިކަމެއް ހުދޫދުކުރުމަކީ ދުސްތޫރީ ސިފައެއްނޫނެވެ. މި ފަދަ އެއްބަސްވުމެއް އޮވެ، އޭގެ ދަށުން ސަރުކާރެއް ހިންގަން ބޭނުންނަމަ މިހާރުވެސް އެކަން ކުރެވެން އެބައޮތެވެ. [އެއީ އެއްބަސްވުމާ ބެހޭ ގާނޫނުގެ ދަށުން އެ ފަދަ އެއްބަސްވުމެއް ތަންފީޒުކުރުމެވެ.]
ސިޔާސީ ވާދަވެރިކަން ދެކަފިވެ، ވާދަވެރިކަން ފުންވުން
އަޣުލަބިއްޔަތުގެ މައްޗަށް ބިނާވެފައިވާ ރިޔާސީ ނިޒާމެއްގެ ނަތީޖާއަކީ ސިޔާސީ ވާދަވެރިކަން ދެކަފިވެ، ދުވަހެއް ދުވަހަކަށް ވާދަވެރިކަން ވަރުގަދަވެ، ފުންވުމެވެ. ނަތީޖާއަކީ ސިޔާސީ ގޮތުން ހައްލުނުކުރެވޭ ބޮޑެތި މައްސަލަތައް ނިޒާމުގެ ތެރެއިން ހިނގަން މެދުވެރިވުމެވެ. މި ވާދަވެރިކަމުގެ ދެ ފަރާތަކީ ސަރުކާރު ހިންގާ ޕާޓީ ނުވަތަ ޕާޓީތަކުގެ ފަޅިއާއި، އިދިކޮޅެވެ. ދިވެހި ސިޔާސީ މަސްރަހު ގިނަ ސިޔާސީ ޕާޓީތަކުގެ މައްޗަށް ބިނާވެގެން ހިނގި ނަމަވެސް، ދިވެހި ސިޔާސީ ނިޒާމުގެ ސަބަބުން ސިޔާސީ މަސްރަހު މިސްރާބުޖަހާފައި މިވަނީ ސިޔާސީ މަސްރަހުގައި ދެ އޮއިވަރެއް އޮތުމާ ދިމާއަށެވެ. އެ ގޮތުން، ގިނަ ޕާޓީތަކާ އެކު ބޭއްވުނު 2008ގެ ފުރަތަމަ ރިޔާސީ އިންތިޚާބުގައި ކުދި ޕާޓީތައް ވަރަށް މަޤުބޫލެވެ. އިސްވެ ބަޔާންކުރެވުނު ފަދައިން، ރައްޔިތުންގެ ހަގީގީ އިޚުތިޔާރަކީ އިންތިޚާބުގެ ފުރަތަމަ ބުރުގެ އިޚުތިޔާރެވެ. ދެވަނަ ބުރުގެ އިޚުތިޔާރަކީ ކޮންމެވެސް އެއް ކެންޑިޑޭޓެއް އިޚުތިޔާރުކުރަންޖެހޭތީވެ ދެވޭ ވޯޓެކެވެ. އެ ގޮތުން، 2008، 2013 އަދި 2023ގެ ރިޔާސީ އިންތިޚާބުތަކުގެ ފުރަތަމަ ބުރުގެ ނަތީޖާތަކަށް ބަލާއިރު، 2008ގެ ފުރަތަމަ ބުރުގައި ވާދަކުރީ ކޯލިޝަނެއް ނެތި، ޕާޓީތައް ވަކިވަކިންނެވެ. އެ ގޮތުން، 2008ގެ އިންތިޚާބުގައި ކުދި ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ލިބިފައިވަނީ 15.32 އިންސައްތައެވެ. އެ ޕާޓީއަށް 2013 ގެ އިންތިޚާބުގައި 23.34 އިންސައްތައެވެ. ނަމަވެސް 2023ގެ އިންތިޚާބުގައި ލިބިފައިވަނީ 2.47 އިންސައްތައެވެ. 2008ގެ އިންތިޚާބުގެ މިނިވަން ކެންޑިޑޭޓަށް ލިބިފައިވަނީ 16.78 އިންސައްތައެވެ. 2013 ގެ އިންތިޚާބާއި އޭގެ ފަހުން އެއްވެސް އިންތިޚާބެއްގައި ވާދަކުރި އެއްވެސް މިނިވަން ކެންޑިޑޭޓަކަށް 3 އިންސައްތައަށް ވުރެ މަތިން ލިބިފައެއް ނުވެއެވެ. 2023ގެ އިންތިޚާބުގައި ވާދަކުރި ކުދި ޕާޓީތަކަކީ މުޅިން އަލަށް ވުޖޫދުވި ޕާޓީތަކެކެވެ. އެ ޕާޓީތަކަށް ބަލާއިރު، ދަ ޑިމޮކްރެޓްސްއަށް ލިބިފައިވަނީ 7.18 އިންސައްތައެވެ؛ މޯލްޑިވްސް ނެޝަނަލް ޕާޓީއަށް ލިބިފައިވަނީ 0.86 އިންސައްތައެވެ. އެހެން ބައެއް ކުދި ޕާޓީތައް ކަމުގައިވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސް (އެމް.ޑީ.އޭ) އާއި ޢަދާލަތު ޕާޓީން އެއްވެސް ރިޔާސީ އިންތިޚާބެއްގައި ވާދަކޮށްފައެއް ނުވެއެވެ. މިއިން ސާބިތުވަނީ ކުދި ޕާޓީތަކުގެ މަގުބޫލުކަން ދުވަހެއްދުވަހަކަށް ވަރަށް ބޮޑުތަނުން ދަށްވެފައިވާކަމެވެ. އަދި ކުދި ޕާޓީތަކަކީ ސިޔާސީ މަސްރަހުގައި އެއްވެސް ދައުރެއް ނެތް ޕާޓީތަކެއްކަމެވެ. ސިޔާސީ އޮއިވަރު، 2008 އިން ފެށިގެން 2026 އަށް އެޅި އިރު، ސިޔާސީ މަސްރަހު މިވަނީ މުޅިންހެން ދެ އޮއިވަރެއްގެ މައްޗަށް ބިނާވެފައެވެ.
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ކުދި ޕާޓީތަކާ ބެހޭ ގޮތުން އެކުލަވައިލެވިފައިވާ އެނޭލިސިސްއެއްގައި ވާގޮތުން، 2023ގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމް.ޑީ.އޭއާއި ޢަދާލަތު ޕާޓީން ރައީސް ޞާލިޙަށް ތާއީދުކުރެއްވި ނަމަވެސް އެ ދެ ޕާޓީން ކުރި މަސައްކަތުން ރާއީސް ޞާލިހަށް ލިބުނު ވޯޓެއް ނެތްކަން ދެވަނަ ބުރުގެ ނަތީޖާއަށް ބަލާލައި ލުމުން ދޭހަވެއެވެ. އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ކުދި ޕާޓީތަކުގެ އިތުރުވި ވޯޓެއް ނެތެވެ. އެ ޕާޓީތަކުން ތާއީދު ނުކުރި ނަމަވެސް، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ރައީސް މުޢިއްޒަށް ހުރަހެއް ނެތެވެ. ދުވަހެއް ދުވަހަކަށް މިދަނީ މި ޕާޓީތަކަށް ލިބޭ ވޯޓުގެ އަދަދު ވަރަށް މަދުވަމުންނެވެ. މި ޕާޓީތަކުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާދެއެވެ.9
ގިނަ-ޕާޓީތަކުގެ ދައުރު ކުޑަވެ، ސިޔާސީ މަސްރަހު ދެ ތަނޑިއެއްގެ ދެމެދުގައި އޮންނަ ނަމަ، ސިޔާސީ ހުދުމުޚުތާރުކަމަށް މަގުފަހިވެއެވެ. އެ ގޮތަކީ، ސިޔާސީ ކުދި ޕާޓީތަކަށް ސިޔާސީ މަސްރަހުގައި ލިބިފައިވާ ބާރގޭންކުރުމުގެ ބާރުވެރިކަން ބޮޑެތި ޕާޓީތަކަށް ބަދަލުވުމެވެ. ބޮޑެތި ޕާޓީތަކުން ކަންކަން ނިންމާއިރު، ކުދި ޕާޓީތަކުގެ ރުހުން ހޯދަންނުޖެހެއެވެ. މިކަމުގައި އޮންނަ އުސޫލަކީ، ގިނަ ބަޔަކު ހިއްސާވާނަމަ، އެކެއްގެ އަތުގައި ސިޔާސީ މަސްރަހުގެ ހުރިހާ ބާރުވެރިކަމެއް އޮތުމުގެ ފުރުސަތު ކުޑަވެއެވެ. އަދި މަދު ބަޔަކު ހިއްސާވާނަމަ، އެކެއްގެ އަތުގައި ސިޔާސީ މަސްރަހުގެ ހުރިހާ ބާރުވެރިކަމެއް އޮތުމުގެ ފުރުސަތު ބޮޑެވެ.
ރައީސުލްޖުމުހޫރިއްޔާގެ އޮފީސް، 2025.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް، އަހަރީ ރިޕޯޓު 2021 އަދި 2022.
އޮޑިޓާ ޖެނަރަލްގެ އޮފީސް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޚާއްސަ އޮޑިޓްގެ ރިޕޯޓް: މުވައްޒަފުން ރެކްރޫޓް ކުރުމާއި ޕްރޮމޯޝަން ދިނުމާއި މުސާރައާއި އިނާޔަތްތަކާގުޅޭ، 2025.
https://www.audit.gov.mv/Uploads/AuditReports/2025/05May/Fenaka_Corporation_Limited_Audit_Report_Recruitment_Promotion_and_Payroll___Special_Audit.pdf ↩︎
2021ވަނަ އަހަރު އިއުލާނުން ކޮށްގެން 803 މުވައްޒަފުން ނަގާފައި ވެއެވެ. އަދި 2022ވަނަ އަހަރު އިއުލާން ކޮށްގެން 574 ދާއިމީ މުވައްޒަފުން ނަގާފައިވާ އިރު އިއުލާން ނުކޮށް 446 މުވައްޒަފުން ނެގި އެވެ. އަދި 2023ވަނަ އަހަރު އިއުލާން ކޮށްގެން 518 މުވައްޒަފުން ނަގާފައިވާ އިރު އިއުލާން ނުކޮށް 788 މުވައްޒަފުން ނެގި އެވެ. މިދިޔަ އަހަރު އިއުލާން ކޮށްގެން 182 މުވައްޒަފުން ނެގި އިރު އިއުލާން ނުކޮށް 1246 މުވައްޒަފުން ނަގާފައިވާ ކަމަށް އޮޑިޓުގައިވެއެވެ. ↩︎
ރައީސުލްޖުމުހޫރިއްޔަގެ އޮފީސް، [[ދިވެހިރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްޤީގެ ޕްލޭން] މަޝްވަރާ އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅު،] 2024.
Salim Waheed, “At Democracy’s Doorstep,” Archive MV (Minivan News Archive), January 24, 2012, https://archive.mv/en/articles/rrD4B. ↩︎
Juan J. Linz, “The Perils of Presidentialism,” Journal of Democracy 1, no. 1 (Winter 1990): 51–69,55. https://doi.org/10.1353/jod.1990.0011. ↩︎
Daniel Bosley, ‘The word coalition is not meaningful in the Maldives’: DRP Deputy Leader,’ Archive MV, October 24, 2012, https://archive.mv/en/articles/JerBQ. ↩︎
އިބްރާހީމް ޙަސަން، ]ކުދި ޕާޓީ ދައުރު ނިމިއްޖެ – އިންތިޚާބަށް ކޯލިޝަން ހެދުމުގެ ބޭނުމެއް ނެތް،] ކިޔާލާ، 23 ޖުލައި 2024.